މައި ޞަފްޙާ » » އިސްދޫގެ ދަނޑުވެރިން ކަންބޮޑުވެފައި

އިސްދޫގެ ދަނޑުވެރިން ކަންބޮޑުވެފައި

Thursday, April 25, 2013 | 9:42 AM


 ރާއްޖޭގައި ދަނޑުވެރިކަން ކުރުން އިތުރަށް ފުޅައުކޮށް ކުރިއެރުވުމުގެ ބޭނުންތެރިކަން ސަރުކާރުތަކުން، އަބަދުވެސް އަންނަނީ ފާހަގަކުރަމުންނެވެ. ނަމަވެސް ދަނޑުވެރިކަމަށް އިތުރުކުރިއެރުން ހޯދައި ދިނުމަށް، ސަރުކާރުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރާއިމެދު، ދަނޑުވެރިން އަބަދުވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.                   
ލ. އަތޮޅު އިސްދޫ އަކީވެސް، ދަނޑުވެރިކަން ކުރާ ގިނަ ބަޔަކު ދިރިއުޅޭ ރަށެކެވެ. ދަނޑުވެރިކަމުން އެކަށީގެންވާ ޢާމްދަނީއެއް، ހޯދަމުންދާ ބަޔަކު ދިރިއުޅޭ ރަށެކެވެ.       
ރަށުގެ ދަނޑުވެރިންގެ ތެރޭގައި ހިމެނޭ މީހަކު ނަން ހާމަނުކުރުމަށްއެދި މިސައިޓަށް މަޢުލޫމާތުދެމުން ބުނިގޮތުގައި އޭނާގެދަނޑުތަކުގައި މައިގަނޑުގޮތެއްގައި ހައްދަނީ ގިތެޔޮ މިރުސް، ކިޔުކަންބާ، ބަރަބޯ، ބީންސް، ކޮޕީފަތް، ކަރާ، ފަޅޯ، ފަދަ ބާވަތްތައް ކަމަށެވެ. މިއީ ރަށުގެ ދަނޑުވެރިން ޢާއްމުކޮށް ހައްދައިވެސްއުޅޭ ބާވަތްތަކެވެ.                       
އޭނާ ބުނީ ދަނޑުވެރިކަން ކުރުމަށް އިތުރަށް ބިން ބޭނުންވާކަމަށެވެ. އަދި ރަށުގައި ބިން އެބައޮތް ކަމަށާއި، ނަމަވެސް ރަށު ކައުންސިލުން ބިން ދޫނުކުރާތީ ބިން ލިބުން ދަތިވާ ކަމަށެވެ. އަދި ބިން ނުލިބުމުގެ މައިގަނޑު މައްސަލައަކީ ބިމުގައި މީސް މީހުންގެ ރުއްގަސް ހުރުންކަމަށާއި، ބައެއް މީހުން ބުނަމުންދަނީ އެއީ ތިމަންނަ ކުރިން ބޭނުންކޮށްފައިވާ ތަނަކަށް ވާތީ އެހެންމީހަކަށް އެތަން ބޭނުންކުރެވިގެން ނުވާނެ ކަމަށެވެ. ނަމަވެސް މިއީ ސަރުކާރުގެ ބިންކަމަށާއި، އެއްވެސް މީހެއްގެ ވަޤުފު ބިން މިރަށުގައި ނެތްކަން އޭނާ ފަހަގަކުރިއެވެ.                   
އޭނާ ބުނީ ދަނޑުވެރިކަން ކުރުމަށްއޮތް ބިންތަކުގައި އަމިއްލަ މީސްމީހުންގެ ރުއްގަސް އެބަހުރި ކަމަށާއި، އެރުއްތަކުން ފައިބާ ފަނާއި ކާށްޓާއި އަދި އެނޫންވެސް ތަކެތީގެ ސަބަބުން ދަނޑުގައި ހުންނަ ގަސްތަކަށް އަބަދުވެސް އަންނަނީ ބޮޑެތި ގެއްލުންތައް ލިބެމުން، ނަމަވެސް އެކަން ހައްލުކުރުން ވަނީ ވަރަށް ދަތިކަމަކަށްވެފައި ކަމަށެވެ. "ކައުންސިލުން އެކަމަށް އަދި ގޮތެއް ހަމަޖައްސައެއް ނުދޭ، ކަމަށެވެ."                                    
އޭނާ ބުނީ ވާލާއި، ކާޅާއި، ކޮވެލި، ފަދަ ތަކެތީގެ ސަބަބުން ދަނޑުތަކަށް ވަރަށް ބޮޑެތި ގެއްލުން
ތައް ލިބޭ ކަމަށެވެ. އަދި އެތަކެތިން ދަނޑުތައް ސަލާމަތްކުރުމަށް މުޅި ދަނޑުގައި ދައު ޖަހަންޖެހުމުން އެކަމަށްވެސް ވަރަށް ގިނަ ފައިސާ ޚަރަދުވާ ކަމަށެވެ. "ދަނޑުގެ އިތުރުން ގޯތީގައި ހައްދާ ފޭރު، ޖަނބުރޯލް، އަތަ، އަނބު، ފަދަ ތަކެއްޗަށްވެސް ވަރަށް ބޮޑެތި ގެއްލުންތައްދޭ، ނަމަވެސް އަދި މިހައިތަނަށް މިކަމަށްވެސް އެދެވޭ ޙައްލެއް ލިބިފައި ނުވާކަމަށެވެ.
އޭނާ ބުނީ ދަނޑުވެރިކަން ކުރިއެރުވުމަށް އެންމެ ބޮޑަށް ބޭނުންވަނީ ވާލާއި، ކާޅާއި، ކޮވެލި، ފަދަ ތަކެތީގެ ކިބައިން ދަނޑުތައް ސަލާމަތް ކުރެވުން ކަމަށެވެ. އަދި ކައުންސިލުން ދަނޑުވެރިކަން ކުރާފަރާތްތަކަށް ހަމަހަމަ އުޞޫލަކުން ބިންދޫކުރުން ކަމަށެވެ.          
އޭނާ ބުނީ ގަސްކާނާ އަމިއްލައަށް އުފެއްދުން މުޙިއްމުކަމަށާއި، ނަމަވެސް އެކަމަށްވެސް ވަގުތު ބޭނުންވާ ކަމަށެވެ. އެހެންވެ ބޮޑު ޚަރަދުކޮށްފައި މިހާރު މިބޭނުންކުރަނީ ބޭރުންގެންނަ ކާނާ ކަމަށާއި، މީގެ ސަބަބުން ރަށުގެ ފެންގަނޑަށް ބަދަލު އައުމުގެ އިތުރަށް ދަނޑުގެ ދިރުންވެސް ބައެއްފަހަރު ނެތިގެން ދާކަމަށެވެ.
އޭނާ ބުނީ މިހާރުވެސް އޭނާ ގިނަ ވައްތަރުތައް ހައްދަވާ ކަމަށާއި، ނަމަވެސް އެކަށީގެންވާ އަގެއްނުލިބެނީ އެކަމަށް މާކެޓް ހޯދިފައި ނެތުމުން ކަމަށެވެ. އަދި ބޮޑު ޚަރަދުކޮށްގެންނާއި، ބުރަ މަސައްކަތް ކޮށްގެން ހައްދާ ތަކެތި މާލޭ ބާޒާރުގައި އަގު ނެތިގެން އުކާލަން ޖެހުމަކީ، ލިބޭ ގެއްލުމުގެ އިތުރަށް، ހިތްދަތިވާ ކަމެއްކަމަށެވެ.                            
އޭނާ ބުނީ އަތޮޅުގައި އޮންނަނީ އެންމެ ރިސޯޓެއްކަމަށާއި، އެ ރިސޯޓުވެސް އޮންނަނީ އިސްދޫއާއި، ވަރަށް ދުރުގައިކަމަށްވާތީ، އެތަނަށް ތަކެތި ވިއްކަން ނުދެވޭކަމަށެވެ. އަދި އަތޮޅުގައި ބޮޑެތި އިންޑަސްޓްރިއަލް މަސައްކަތްތައްނެތުމުން އެކަމުންވެސް ހައްދާ ތަކެތީގެ މާކެޓްލިބުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވާކަމަށެވެ.                                 
އެރަށުން މިސައިޓަށް މަޢުލޫމާތު ދިން އެހެން މީހަކު ބުނީ، މިހާރުވެސް ރަށުގައި ގިނަޢަދަދަކަށް ތަފާތު ވައްތަރުގެ ބާވަތްތައް ހައްދާފައި އެބައޮތްކަމާއި، އެތަކެތި މާލެގެންދާއިރު ވިޔަފާރިވެރިން ބޭރުން ހަމަ އެތަކެތި އެތެރެކޮށްފައި ހުންނާތީ ރައްރަށުން ގެންދާ ތަކެތީގެ އަގުވެއްޓޭކަމަށެވެ.
"މިކަންކަމަކީ، ކޮންމެ ބަޔަކު ސަރުކާރު ހިންގަން ތިއްބެވިނަމަވެސް، ވިސްނަންޖެހޭ ކަންތައްތައްކަން އަޅުގަނޑުވެސް ދެކެމެވެ. އަދި މީގެ އިތުރުން ދަނޑުވެރިންނަށް މާކެޓު ހޯއްދަވައިދެއްވުމަށާއި، އެދާއިރާއިން މީހުން ތަމްރީނުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ، ދަންޑުވެރިންގެ ސަބްސިޑީޒް ފައިސާވެސް، ވީހާ އަވަހަކަށް، އެމީހުންނަށް ފޯރުކޮށްދިނުމަކީ މުޙިއްމު ކަމެކެވެ. ނަމަވެސް މިއަހރުގެ ފައިސާ އަދި މިހާތަނަށް ލިބިފައިނުވާކަން މިފާހަގަކުރަނީ ނުހަނު ހިތާމަޔާ އެކުގައެވެ."            
އަދި ދަނޑުވެރިކަމުގެ ރޮނގުން ޢާއްމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޢިނާމު އެރަށުގެ ދެމީހަކަށް ލިބިފައިވުމާއި، ސަރުކާރުން ނަމޫނާ ދަނޑުތަކެއް ހެއްދެވި ދެބުރުގައިވެސް އިސްދޫއާއި، އަދި އިސްދޫ ކަލައިދޫގައި އޭގެ ނަމޫނާ ދަނޑު ހައްދަވާފައިވާކަން ފާހަގަކުރެވެއެވެ. އަދި (ހައިޑްރޮޕޮނިކްސް) ނުވަތަ ފެނުގައި ގަސްހެއްދުމުގެ ރޮނގުންވެސް އިސްދޫގެ ގިނަބަޔަކުވަނީ ތަމްރީނު ހޯދާފައެވެ.                                            
އިސްދޫއަކީ، ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ "ނަމޫނާ" ރަށެއްކަމަށް ފިސަރީޒް މިނިސްޓްރީގެ އޮފިޝަލަކުވެސްވަނީ ވިދާޅުވެފައެވެ.                                  
Share this article :

+ comments + 1 comments

Anonymous
June 25, 2013 at 2:11 AM

މަޢުލޫމާތުނެތި މިފަދަ ލިޔުންތައް ނުލިއުއްވުން އެދެން
އިސްދޫ އޭ އިސްދޫކަލައިދޫ އޭ
ކޮންމެވެސް އެކައްޗެއް ކިޔާބަލަ

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews