ލީޑް ކާސްޓް: މުޙައްމަދު މަނިކު، އައިޝަތު ރިޝްމީ
ކާސްޓް: ކޮއްޔަ ހަސަން މަނިކު، އަލީ ވަހީދު
ޕްރޮޑިއުސަރ: މުޙައްމަދު އަލީ (މޮގަރ)
ޑައިރެކްޓަރު: ރަވީ ފާރޫގް
ސްކްރީންރައިޓަރު: މަޙުދީ އަޙުމަދު
ސިނެމެޓޯގްރެފީ: އަލީ ޝިފާއު
ސްޓޫޑިއޯ: ޑާކް ރެއިން އެންޓަޓެއިންމަންޓް
ޖޮންރާ: ސަސްޕެންސް ތްރިލަރ
ފިލްމުގެ ދިގުމިން: 135 މިނިޓް
ޕްލޮޓް
މި ފިލްމު ފެށިގެން އަންނަ އިރު އަހްމަދު ފަޒީލް / މުހައްމަދު ސަލީމް (މަނިކު) އަށް ހޭލެވެނީ އޭނާ އަށް ބީރައްޓެހި މާހައުލަކަށެވެ. ކޮޓަރި ތެރެއިން ފެންނަނީ މުޅިންވެސް އާ ތަކެއްޗެވެ. ކޮޓަރީގައި ހުރި ތަކެއްޗަށް ބަލަމުން ދިޔައިރު އެންމެ ތަފާތު އަދި އަޅައިގަންނަ އެއްޗަކަށް އޭނަ އަށް ފާހަގަ ކުރެވެނީ ބޭބީ މޮނިޓާރ އެކެވެ. ކުޑަ އިރުކޮޅެއް ފަހުން މި މޮނިޓަރ އިން ކުޑަކުއްޖަކު ރޯ އަޑު އިވެއެވެ. އަދި ހަމަ އެއާއިކު އަންހެނަކު އެކުއްޖާ އަށް ލަވަ ކިޔައިދީ މަސަލަސް ކުރާ އަޑު އިވެއެވެ.
މިހައިރާން ކަމުގައި ހުއްޓާ ދެން އެންމެ އަޖައިބު ކުރުވަނިވި ކަމަކަށް ފަޒީލް/ސަލީމް އަށް ފާހަގަ ކުރެވެނީ އޭނާގެ އިނގިލީގައި އަޅާފައި އޮންނަ ކައިވެނީގެ އަނގޮޓިއެވެ. މިކަމުގެ ސަބަބުން ފަޒީލް/ސަލީމަށް އޭނާ އަކީ ކާކުކަން އޮޅެއެވެ.
އަދި އޭގެ ކުޑަ އިރުކޮޅެއް ފަހުން ނިޝާ/ޝިފާ (ރިޝްމީ) އެކޮޓަރިއަށް ވަނުމަށްފަހު ފަޒީލް/ސަލީމުގެ އަނބިމީހާގެ ގޮތުގައި ހަރަކާތްތެރިވާން ފަށައެވެ. އަދި ފަޒީލް/ސަލީމް އަށް އެއީ ފަޒީލްގެ ގޮތުގައި ވިސްނައިދިނުމަށް މަސައްކަތް ކުރެއެވެ. އަދި ނުރައްކާތެރި އެކްސިޑެންޓެއްވެ ފަޒީލް/ސަލީމް އަށް ކުރީގެ ހަނދާންތައް ނެތި އަދި ހުންނާނީ ހަމަ އެކަނި އެންމެ ފަހުގެ ހަނދާންތައް ކަމަށްބުނެ ވިސްނައިދެއެވެ. އަދި ރަނގަޅު ކުރުމަށް ޑޮކްޓަރ ދީފައި ހުރި ބޭސްތަކެއް ކަމަށްބުނެ ބޭސްކާންދެއެވެ.
އެހެން ނަމަވެސް ކުރީގެ ހަނދާންތައް އެއްވެސް ވަރަކަށް އަންނަ ގޮތް ނުވުމުން ފަޒީލް/ސަލީމްގެ ގާތަށް ރުޅި އައިސް ކޮންޓްރޯލުން ނައްޓައެވެ. އެހިސާބުން ޝިފާ/ނިޝާ އަށް އޭނާގެ ދަރިފުޅު ސަލާމަތްކޮށް ހިމާޔަތް ކުރުމަށް ފަޒީލް/ސަލީމަށް ހަމަލާ ދިނުމަށް މަޖުބޫރުވެއެވެ.
ކައިވެންޏާއި ދަރިފުޅު ސަލާމަތް ކުރުމަށް ނިޝާ/ޝިފާ އެތައް މަސައްކަތެއް ކުރެއެވެ. އެމީހުންގެ މާޒީ އަދި މިހާރުގެ ހާލަތު އެކި އެތިކޮޅުކޮޅުގެ ގޮތުގައި ހަނދާނަށް އައިސް އެންމެ ފަހުން ހަޤީޤަތް ހާމަވެއެވެ.
އެކްޓިންގ
މި ފިލްމު ބަލައިލުމުން އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ ފިލްމުގެ ކޮންމެ ސީންއެއް އޭގެ އެންމެ ފުރިހަމަ ފެންވަރުގައި ގެނެސްދިނުމަށް ކުރެވިފައިވާ ބުރަ މަސައްކަތެވެ. ކުދި ކުދި ޑީޓެއިލްތަކަށް ދީފައިވާ އަހައްމިއްޔަތުކަމެވެ. އާ ކަންކަން ތަޖުރިބާ ކުރުމަށް ނަގާފައިވާ ރިސްކެވެ.
ފިލްމުގެ މުޅި ކާސްޓްގެ ފަރާތުންވެސް އެކްޓިންގ ގައި ފެނުނު އެއް ކަމެއް އެބަ އޮތެވެ. ޕަރފެކްޓް އެކްސްޕްރެޝަންއެވެ. ކޮންމެ ސީންއެއްގައި، ކޮންމެ އެކްޓަރަކުވެސް ވަނީ ވަރަށް ފުރިހަމައަށް އިޙުސާސްތައް މޫނުމަތިން ދައްކައިދީފައެވެ. ޚާއްސަކޮށް، ފިލްމުގެ ލީޑް ދެ ކެރެކްޓަރގެ ފަރާތުން މިކަން ފެނިގެން ދިޔައެވެ. ހާއްސަ ގޮތެއްގައި ރިޝްމީގެ އެކްޓިންގ ފާހަގަ ކޮށްލެވެއެވެ. ކޮންމެ މަންޒަރެއްގައިވެސް މޫނު މަތީގެ އެކްސްޕްރެޝަން އަސްލާ އެއްވެސް ތަފާތެއް ނެތްކަން ފާހަގަކުރެވެއެވެ. މިފިލްމުން ރިޝްމީ އަކީ ހަމައެކަނި ނެށުންތެރިއެއް ނޫން ކަމާއި މޮޅު އެކްޓެއް ކުރެވިދާނެ އެކްޓްރެސް އެއްކަން ސާބިތުކޮށްދީފައިވެއެވެ.
މި ފިލްމުގެ ކޮންމެ ސީން އެއް ބަލަމުން ދާއިރުވެސް ދެން ފެންނާނީ ކޮން މަންޒަރެއް ނުވަތަ ވާނީ ކިހިނެއްކަން އަންދާޒާ ކޮށްލަންވެސް ނޭނގެއެވެ. ނުރައްކަލެއް ކުރިމަތިވާން އުޅޭ ކަމުގެ އިންޒާރުދީ ބެލުންތެރިން އިތުރަށް ޝައުގުވެރިވާނެ ކަހަލަ ގޮތަކަށް މަންޒަރުތައް އަތުރާލާފައިވާކަން ފާހަގަ ކުރެވެއެވެ.
މިފިލްމުގައި ރިޝްމީ ދައްކުވައިދީފައިވާ އެކްޓިން އަކީ މީގެކުރިން އެހެން އެއްވެސް ފިލްމެއްގައި އޭނާ ދައްކާފައިވާ އެކްޓިން އެއް ނޫނެވެ. އެއަށްވުރެ މާ ފުރިހަމަ އެކްޓިން އެކެވެ. މިގޮތުގައި ހިފަހައްޓާލައިފިނަމަ ކައިރި މުސްތަގްބަލެއްގައި ރާއްޖޭގެ އެންމެ މޮޅު އެކްޓްރެސްގެ މަގާމު ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ޤަބޫލުކުރެވެއެވެ.
މަނިކުގެ ކުރީގެ ފިލްމްތަކާއި އަޅާ ބަލާއިރު މާބޮޑު ތަފާތެއް ފާހަގަކުރެވިފައެއް ނެތެވެ. އޭނާގެ މޮޅު އެކްޓިން މިފިލްމްގައިވެސް ފެނިގެންދެއެވެ. މަނިކުގެ ކެރިއަރުގެ ކުރީކޮޅުގައި އޮފީސްތަކުގެ ޑްރާމާ މުބާރާތަށް ސިފައިން ތައްޔާރުކުރި “ސިފަ” ގައި މަނިކުގެ ފަރާތުން ފެނިގެން ދިޔަ އެކްޓިން އާއި ގުޅިގެން ރާއްޖޭގެ އެންމެ ކުޅަދާނަ އެއް އެކްޓަރަށް އޭނާ ވާނެކަމަށް ޤަބޫލުކުރެވުނު ކުރެވުން ހަޤީޤަތަކަށް ވެފައިވާކަން މި ފިލްމުން އޭނާ ވަނީ ސާބިތުކޮށްދީފައެވެ.
ކެމެރާގެ ފުރަގަހުން
ކުރިންވެސް ފާހަގަ ކުރެވުނު ފަދައިން ފިލްމުގެ ކޮންމެ ސީންއެއް އޭގެ އެންމެ ފުރިހަމަ ފެންވަރުގައި ގެނެސްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރެވިފައިވާ ފިލްމު ބަލައިލުމުން ފާހަގަވިއެވެ. ކުދި ކުދި ޑީޓެއިލްތަކަށް ދީފައިވާ އަހައްމިއްޔަތުކަން ދީފައިވާކަން ފާހަގަ ވިއެވެ. އާ ކަންކަން ތަޖުރިބާ ކުރުމަށް ނަގާފައިވާ ރިސްކް ފާހަގަވިއެވެ. މި ހުރިހާކަމެއް މިހެން ހުރިއިރު، މާ ގިނަ ވާހަކަތަކެއް ނުދައްކައި، ބުނަން ޖެހެނީ މި ފިލްމުގެ ޑައިރެކްޝަން ވަރަށް، ވަރަށް، ވަރަށް ފުރިހަމަ ކަމަށެވެ.
ފިލްމުގެ އެޑިޓިންގ އަދި ކަލަރ ކަރެކްޝަންއާއި މެދު އެއްޗެކޭ ބުނާވަރަށްވުރެ އެ މަސައްކަތް ފުރިހަމައެވެ.
ފަހުބަސް
މިފިލްމަކީ މިހާތަނަށް ރާއްޖޭގެ ސިނަމާގައި އެޅުވި އެންމެ މޮޅު އެންމެ ތަފާތު އެއް ދިވެހި ފިލްމެވެ. ފިލްމު ބެލުމަށް 3 އަހަރު ކުރި އިންތިޒާރު މިވަނީ ޖަސްޓިފައި ވެގެން ގޮސްފައެވެ.