މައި ޞަފްޙާ » » ކީރިތި ރަސުލާގެ ފަހު ޚުޠުބާގެ ބައެއް ބައިތައް ( ޙައްޖަތުލް ވަދާޢު)

ކީރިތި ރަސުލާގެ ފަހު ޚުޠުބާގެ ބައެއް ބައިތައް ( ޙައްޖަތުލް ވަދާޢު)

Wednesday, May 15, 2013 | 9:43 PM

ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ވަދާޢީ ޙައްޖަކީ އެކަލޭގެފާނުގެ ރަސޫލުކަމުގެ ޙަޔާތްޕުޅު ފުރިހަމަވުމުގެ އެންމެ މުހިއްމު މަރުޙަލާއެވެ. އެއީ ކީރިތި ރަސޫލާގެ ޢުމުރުފުޅުން 63 އަހަރުފުޅުގައި ހިޖްރީ ސަނަތުން 10 ވަނަ އަހަރުގައި މާތް ރަސޫލާ ކުރެއްވި ޙައްޖަތުލް ވަދާޢުގެ ނަމުން ތާރީޚުފާހަގަކުރާ ޙައްޖެވެ. އޭރު މާތް ރަސޫލާގެ ރަސޫލުކަމުގެ ހުރިހާ ކަމެއްވަނީ ފުރިހަމަ ކުރައްވާފައެވެ. ޖަހާލަތުގެ އަނދިރީގައިވާ ބަޔަކަށް އަލިކަން ދައްކަވައި ﷲ ސުބުހާނަހޫ ވަތަޢާލާއަކީ ހުރިހާ ޢާލަމްތަކަކާއި ހުރިހާ އެއްޗެއް އުފައްދަވާ އެހުރިހާ އެއްޗެއް ދަމަހައްޓަވާ އެއްކައުވަންތަ ކުޅަދުންވަންތަ އިލާހުކަން އަންގަވާދެއްވައި މީހުންގެ ހިތްތަކާއި ސިކުނޑިތައް އުއްމީދުން ފުރުއްވާފައެވެ. ހަނގުރާމައާއި ދެކޮޅުވެރިކަމާއި ފަސާދައިގައި ގެއްލި މަގުފުރެދިފައިވާ ބަޔަކު އެކަލޭގެފާނުގެ ރިސާލަތުން ވަނީއިޞްލާޙު ކުރައްވައި އެކުވެރި ކުރައްވާފައެވެ. ކީރިތި ރަސޫލާގެ ރަސޫލުކަމުގެ ޖިހާދުގެ ސަބަބުން ﷲގެ އެއްކައުވަންތަކަމަށް އީމާންވެ އެކަލާނގެއަށް އެމީހުންގެ ހިތްތައް ޚާލިޞްކޮށް ލޯބިވެ އީމާންވުމުގެ ސަބަބުން އިންސާނީ ތާރީޚުގައި ކުރިން ފެނިފައިނެތްފަދަ، ﷲ ގެ އެއްކައުވަންތަކަމާއި ކުޅަދުންވަންތަކަމާއި ނިއުމަތައް ހަނދާންކޮށް ޝުކުރުވެރިވާ ތަޤްވާވެރި ރަނގަޅު މުޖުތަމަޢެއް ވަނީ އުފެދިފައެވެ. މިގޮތުން ކީރިތި މާތްރަސޫލާ ވަނީ ﷲގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމާއި ދީނުގެ އެންމެފަހު ހަޤީގަތް އެއާ ގުޅޭ އަޞްލުތަކަކާއި ތަފްޞީލާއެކު އިންސާނިއްޔަތަށް ހާމަކޮށްދެއްވާފައެވެ. ކީރިތި ރަސޫލާގެ ރަސޫލުކަން ފުރިހަމަވެގެން ދިއުން ދޭހަވަގެން ދިޔައީ އެކަލޭގެފާނު މިދުނިޔެ ދޫކުރައްވާ ސުވަރުގެ ވަޑައިގަތުމުގެ ނިޝާނެއްގެ ގޮތުގައެވެ. ކީރިތި ރަސޫލާއަށް އެކަންވަނީ އެނގިވަޑައިގެންފައެވެ. އެހެންވުމާއެކު އެކަލޭގެފާނު ރަސޫލުކަމުގެ ބުރަ މަސްއޫލިއްޔަތު ނިންމާލެއްވުމުގެ ގޮތުން މުސްލިމުންގެ ހިތްތަކުގައި ބިންވަޅުނެގިފައި އޮތުން ބޭނުންކަންތައްތަކެއް އަންގަވާދެއްވައި ފުރިހަމަކުރެއްވުމަށް މިމަރުޙަލާ ބިނާކުރެއްވިއެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ދިރިއުޅުމުގެ އެކިއެކި އުޞޫލުތަކާއި ކަންތައްތައް ހިމެނޭ ނިޒާމެއް މުސްލިމުންނަށް ރަނގަޅަށް އެނގިފައި އޮތުމަކީ މުހިއްމުކަމެއްކަމުގައި އެކަލޭގެފާނު ދެކިވަޑައިގަތެވެ. މިމަޤްޞަދުގައި ޢަރަބި ކަރައިގެ ހުރިހާ ހިސާބެއްގައިވާ މީހުން އެކަލޭގެފާނުގެ އަރިހުގައި ޙައްޖުގެ މާތް އަޅުކަމުގައި ބައިވެރިވުމުގެ ދައުވަތު ފޮނުއްވިއެވެ. ޛުލްޙިއްޖާ މަސް ފެށުމުގެ ފަސްދުވަސް ކުރިން ކީރިތި ރަސޫލާ ޙައްޖަށް ވަޑައިގަތުމަށްޓަކައި ތައްޔާރުވެވަޑައިގަތުމުގެ ގޮތުން އިޙްރާމް ފޮށާކޮޅު ތުރުކުރެއްވިއެވެ. އޭގެފަހުން އެކަލޭގެފާނު މައްކާއަށް ދަތުރުފުޅު ފެއްޓެވިއެވެ. މިދަތުރުފުޅުގައި ކީރިތި ރަސޫލާގެ ހުރިހާ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ. ދަތުރުފުޅު ފެއްޓެވުމަށްފަހު އެކަލޭގެފާނު ތަލްބިޔާ ވިދާޅުވަމުން ގެންދެވިއެވެ. "މިއަޅާ މިވަނީ ﷲގެ ޚިދްމަތުގައެވެ. އޭކުޅަދުންވަންތަ އިލާހުއެވެ. އިބައިލާހު މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކު ނުވެއެވެ. އަދި އިބަ އިލާހަށް ބައިވެރިއަކުވެސް ނުވެއެވެ. ހުރިހާ ޙަމްދަކާއި ތަޢުރީފެއް ޙައްޤުވެގެންވަނީ އަދި މިލްކުވެގެން ވަނީ އިބަ އިލާހަށެވެ. އިބަ އިލާހަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އެއްކައުވަންތަ އިލާހެވެ. މިއަޅާ މިވަނީ އިބަ އިލާހުގެ ޚިދުމަތުގައެވެ. އިބައިލާހުގެ އެއްވެސް ބައިވެރިޔަކު ނުވެއެވެ". ކީރިތި ރަސޫލާ ތަލްބިޔާ ވިދާޅުވަމުން ގެންދެވިއިރު އެކަލޭގެފާނު އަރިހުގައި ވަޑައިގެންނެވި އަޞްޙާބުންނާއި އަދި އެހެން މީހުން އަޑުހަރުކޮށް ތަލްބިޔާ ވިދާޅުވަމުން ގެންދެވިއެވެ. ކީރިތި ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމްއަށް މައްކާއަށް ވަޑައިގެންނެވުނީ ޛުލްޙިއްޖާ މަހުގެ ފަސްވަނަ ދުވަހުއެވެ. މައްކާއަށް ވަޑައިގެންނެވުމަށްފަހު ކައުބަތުﷲ ގެފުޅު ވަށައިގެން ޠަވާފްކުރައްވައި މަޤާމް އިބްރާހީމްގައި ދެރަކްޢަތް ނަމާދެއް ކުރެއްވިއެވެ. އޭގެ ފަހުގައި ޞަފާ ފަރުބަދައަށް އަރައިވަޑައިގަތެވެ. " ﷲ ފިޔަވައި އެހެން އިލާހަކު ނުވެއެވެ. އަދި ﷲގެ ބައިވެރިއެކު ނުވެއެވެ. ހުރިހާ ބާރަކާއި ހުރިހާ ތަޢުރީފެއް މިލްކުވެ ވޮޑިގެންވަނީ ﷲ އަށެވެ. ދިރުންދެއްވަނީ އެކަލާނގެއެވެ. މަރުގެންނަވަނީވެސް އެކަލާނގެއެވެ. ﷲއީ ހުރިހާ ކަމަކަށް އަދި ހުރިހާ އެއްޗަކަށް ހުރިހާ ބާރެއް މިލްކުވެވޮޑިގެންވާ ކުޅަދުންވަންތަ ރަސްކަލާނގެއެވެ." ޞަފާ ފަރުބަދައަށް އަރައިވަޑައިގަންނަވަމުން މިފަދައިން ވިދާޅުވަމުން ގެންދެވިއެވެ. ޛުލްޙައްޖާ މަހުގެ 8 ވަނަ ދުވަހު ކީރިތި ރަސޫލާއާއި އަރިހުގައިވަޑައިގެންނެވި ބޭފުޅުން މިނާއަށް ވަޑައިގެން އެރޭ މިނާގައި ހޭދަކުރެއްވިއެވެ. އަދި 9 ވަނަ ދުވަހު ފަތިސްނަމާދު ކުރެއްވުމަށްފަހު ޢަރަފާތަށް ވަޑައިގެންނެވިއެވެ. އަދި ޢަރަފާތުގައި އެކަލޭގެފާނުގެ ރަސޫލުކަމުގެ ޙަޔާތްޕުޅުގައި މަޝްހޫރު، އަދި އިންސާނިއްޔަތަށާއި މުސްލިމުންނަށް ނަސޭޙަތްތެރިވެވަޑައިގެން މަގުދެއްކެވި އަސަރުގަދަ ޚުތުބާ ވިދާޅުވިއެވެ.ކީރިތި ރަސޫލާގެ މިޚުތުބާ ފާހަގަވެގެންވަނީ ހަމައެކަނި އޭގެ ބަލާޣަތްތެރިކަމުގެ ސަބަބަކުންނޫނެވެ. އެޚުތުބާ އެކުލެވިގެންވަނީ މުޅި އިންސާނިއްޔަތުގެ ބާއްޖަވެރިކަމާއި ހެވަށްޓަކައި އަންގަވައިދެއްވި މުހިއްމު ކަންތައްތަކެއް ހިމެނިފައިވާ ލާމަސީލު ޚުތުބާއެއް ކަމުގައެވެ. އެޚުތުބާގައި އަންގަވާފައިވާހާ ފުރިހަމަކޮށް، އިންސާނުން ދުނިޔޭގައި ޢަމަލުކުރަންވީ އުޞޫލުތަކާއި އަޚުލާޤީ މިންގަޑުތައް ދުނިޔޭގައި އެއްވެސް ޒަމާނެއްގައި އަންގާދެވިފައެއް ނެތެވެ. އެޚުތުބާގެ ކޮންމެ ބަސްފުޅެއްގައި ވަނީ އިންސާނުންނަށް އެންމެ އެދޭވޭ ގޮތެއްގައި ދިރިއުޅުމުގެ ކަންތައްތައް ބިނާކޮށް ހެޔޮގޮތުގައި ދިރިއުޅެވޭނެ ގޮތުގެ މަގާއި ރޫޙެވެ. އެޚުތުބާއިން ބިންގާ އަޅުއްވައިދެއްވައި ތަނަވަސް ކޮށްދެއްވާފައިވަނީ، ނަސްލަކަށް މުއްސަނދިކަމަކަށް ކުލައަކަށް ތަފާތެއްނެތި މުސްލިމުންގެ މެދުގައި އުޚުއްވަތްތެރިކަން ޤާޢިމްކޮށް އަނިޔާވެރިކަމާއި ބޭއިންސާފުން އެއްކިބާވެފައިވާ މުޖުތަމަޢެއް ބިނާކޮށް ދެމެހެއްޓުމުގެ މައިގަނޑު އުޞޫލުތަކެވެ.
"ހުރިހާ ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲއަށެވެ. އަޅަމެން ﷲ އަށް ތަޢުރީފް ކުރަމެވެ. އަޅަމެން އެކަލާންގެ ޙަޟްރަތަށް ތަޢުބާވެ އަޅަމެންގެ ފާފަތަކާއި ކުށްތައް ޢަފޫކޮށްދެއްވުމަށް ދުޢާކުރަމެވެ. އަޅަމެން އެނބުރި ދިއުން އޮތީ ﷲގެ ޙަޟްރަތަށެވެ. އަޅަމެންގެ ނަފްސްތަކުގެ ނުބައިކަމުންނާއި އަދި އަޅަމެންނަށް ކުރެވޭ ކަންތައްތަކުގެ ނުބައިކަމުން އަޅަމެން ﷲގެ ޙަޟްރަތުން ރައްކާތެރިކަމާއި ސަލާމަތަށް އެދެމެވެ. ﷲ ރައްކާތެރިކުރައްވައި ރުއްސަވައިފި މީހަކު ހަލާކު ކުރެވޭނެ އެއްވެސް ފަރާތެއް ނެތެވެ. އަދި ﷲ ހަލާކު ކުރައްވައިފި މީހަކު ސަލާމަތްކުރާނެ އެއްވެސް މީހެއް ނެތެވެ. ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. ﷲ އަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. ﷲއީ ހުރިހާ ބާރެއް މިލްކުވެވޮޑިގެންވާ އަދި ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ﷲ މެނުވީ އެހެން އިލާހަކު ނުވެއެވެ. ﷲއީ އެއްކައުވަންތަ އިލާހެވެ. ﷲ ވަނީ އެކަލާނގެ ވަޢުދުފުޅު ފުއްދަވައި އިސްލާމްދީނުގެ ޢަދުއްވުންގެ މައްޗަށް މުސްލިމުންނަށް ނަޞްރުދެއްވާފައެވެ. އޭ މީސްތަކުންނޭވެ. އަހަރެންގެ ބަސްތައް އަޑުއަހާށެވެ. މިއަހަރުގެ ފަހުން ޙައްޖުގެ އަޅުކަން އަދާ ކުރުމުގައި އަހަންނަށް ތިޔަބައިމީހުންނާ ދެން ބައްދަލުވާނެކަމެއް ނޭނގެއެވެ. އޭ މީސްތަކުންނޭވެ. ﷲ އަންގަވާފައިވެއެވެ. ތިމަން ﷲ ތިޔަބައިމީހުން އެންމެ އަންހެނަކާއި އެންމެ ފިރިހެނެއްގެ ފަރާތުން އުފައްދަވައި ޤަބީލާ ތަކަކަށާއި ޤައުމުތަކަކަށް ލެއްވީމެވެ. އެއީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އެނގުމަށްޓަކައެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުގައި އެންމެ ޝަރަފްވެރި ބަޔަކީ ތިމަން ރަސްކަލާނގެއަށް ބިރުވެތިވާ މީހުންނެވެ. ތިމަންﷲ އަށް އީމާންވެ ހަނދުމަކުރުމުގެ އިތުރުން ޢަރަތްބަކު ޢަރަބިނޫން މީހެއްގެ މައްޗަށް މޮޅުވުމެއް، ދޮންމީހަކު ކަޅުމީހެއްގެ މައްޗަށް މޮޅުވުމެއް ނުވެއެވެ." މުޅިއިންސާނިއްޔަތަކީ އާދަމްގެފާނުގެ ދަރިކޮޅެވެ. އާދަމްގެފާނު އުފައްދަވާފައިވަނީ މަށިންނެވެ. އޭމީސްތަކުންނޭވެ. ތިޔަބައިމީހުން ރައްކާތެރިވާށެވެ. ޤިޔާމަތް ދުވަހުން ދުނިޔޭގެ ބުރަ، ކަރުގައި އަޅުވައިގެން ދާބަޔަކު ތިބޭނެއެވެ. އާޚިރަތުގެ ހެޔޮ ސަވާބާއި ދަރުމަ ލިބޭބަޔަކު ތިބޭނެއެވެ. ތިޔަބައިމީހުން ރައްކާތެރިވާށެވެ. ޖާހިލުކަމުގެ ދުވަސްތަކުގެ އާދަތަކާއި ޢަމަލުތައް ނިމިއްޖެއެވެ. ލޭގެބަދަލު ހިފުމުގެ ދުވަސްތައްވެސް ނިމިހިނގައްޖެއެވެ. ޖާހިލުކަމުގެ ދުވަސްވަރު ހިނގަމުން އައި ހުރިހާ ރިބާއަކާއި އަދި އެއިން ލިބޭ ފައިދާ ނެގުން ވަނީ ނައްތާލެވިފައެވެ. އޭއީމާންވެއްޖެ މީސްތަކުންނޭވެ. އަންހެނުންގެ މައްޗަށް ތިޔަބައި މީހުން އަދާކުރަންޖެހޭ ޙައްޤުތަކެއްވެއެވެ. ހަމަ އެފަދައިން ފިރިހެނުންގެ މައްޗަށް އަދާކުރަންޖެހޭ ޙައްޤުތަކެއް އަންހެނުންނަށްވެސްވެއެވެ. އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް އެމީހުންނާއިމެދު އެކަށީގެންވާ ގޮތަށް ކަންތައް ކުރުމަކީ ތިޔަބައިމީހުންގެ ޙައްޤެކެވެ. އެމީހުން އެކަށީގެންނުވާ ގޮތަށް އަމަލުކޮށްފިނަމަ އެމީހުން ދުރުކޮށް ފިޔަވަޅު އެޅުމަކީ ތިޔަބައި މީހުންނަށް ހުއްދަކުރައްވާފައިވާ ކަމެކެވެ. ތިޔަބައި މީހުން އަންހެނުންނަށް އޯގާތެރިކޮށް ހިތާށެވެ. އަންހެނުންނަކީ ތިޔަބައި މީހުންގެ އެހީތެރިންނެވެ. އެމީހުންގެ ކަންތައްތަކުގައި އެމީހުންނަށް ތިޔަބައި މީހުންގެ އެހީ ބޭނުންވާނެއެވެ. ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަންހެނުން ތިޔަބައިމީހުންގެ ބައިވެރިންނަށްވެފައި ވަނީ ﷲ ދެއްވާފައިވާ ރައްކާތެރި ކަމާއެކުގައެވެ. ﷲ އަންގަވާފައިވާ ގޮތުގެމަތިން އެމީހުންވަނީ ތިޔަބައި މީހުންނަށް ހުއްދަކުރައްވާފައެވެ.
އޭ މީސްތަކުންނޭވެ. މާތްﷲ ވަނީ ކޮންމެ މީހަކަށްވެސް އެމީހަކަށް ވާރުތަވާ ޙިއްޞާ މިންވަރު ކުރައްވާފައެވެ. އެހެންވީމާ އެކަމުގައި ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާ ގޮތާއި ޚިލާފުވުމުގެ ބޭނުމެއް ނެތެވެ. ތިޔަބައިމީހުންގެ ދަރިންނަކީ ކައިވެނީގެ ޒަރިއްޔާއިން ލިބެންޖެހޭ ބައެކެވެ. ތިޔަބައި މީހުން އަދާކުރަންޖެހޭ ހުރިހާ ދަރަންޏެއް އަދާކުރަންޖެހޭނެއެވެ. އަނބުރާ ދައްކަން ނަގާފައިވާ މުދާ އަނބުރާ ދައްކަންޖެހޭނެއެވެ. ރައްކާތެރިވާށެވެ.
ކުށެއްކޮށްފިނަމަ އެކުށްކުރި ފަރާތް ފިޔަވައި އެހެން ފަރާތަކުން ޒިންމާވާކަށް ނުޖެހޭނެއެވެ. ބައްޕައެއް ކުރާ ކުށަކަށް ދަރިފުޅު ޒިންމާވާކަށް ނުޖެހޭނެއެވެ. އަދި ދަރިފުޅުގެ ކުށަކަށް ބައްޕަ ޒިންމާވާކަށް ނުޖެހޭނެއެވެ. ތިޔަބައި މީހުންގެ އަޚާ އަމިއްލަޔަށްދޭ އެއްޗެއް ނޫނީ ތިޔަބައި މީހުންނަށް ހުއްދަވެގެން ނުވެއެވެ. އޭއީމާންވެއްޖެ މީސްތަކުންނޭވެ. ކޮންމެ މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ. ހުރިހާ މުސްލިމުންނަކީ، އެއްބަނޑުއެއްބަފާ ޖަމާޢަތެކެވެ. ތިޔަބައި މީހުންގެ އަޅުންނާއިމެދު ރަނގަޅަށް ކަންތައް ކުރާށެވެ. ތިޔަބައިމީހުން ކާއެއްޗަކުން އެމީހުންނަށް ކާންދޭށެވެ. އަދި ތިޔަބައި މީހުން ލާފޭރާމަކުން އެބައި މީހުން ފޭރާން ލައްވާށެވެ. އަހަންނަށްފަހު އެހެން ރަސޫލަކު ނުފޮނުއްވާނެއެވެ. އަދި އެހެން އާއުއްމަތެއްވެސް ނުއުފެދޭނެއެވެ. ތިޔަބައި މީހުން އޭގައި ހިފަހައްޓާ އެއާއި އެއްގޮތަށް ޢަމަލު ކޮށްފިނަމަ ތިޔަބައި މީހުން މަގުފުރެދި ހަލާކުވެގެން ނުދާނޭ ދޭއްޗެއް އަހަރެން ތިޔަބައި މީހުންނަށް ދޫކުރަމެވެ. އެއީ ﷲގެ ކަލާމްފުޅާއި އަދި އަހަރެންގެ ސުންނަތެވެ. ދީނުގައި ކަނޑައަޅުއްވާފައިވާ މިންގަނޑުތަކަށް ތިޔަބައިމީހުން ޚިލާފްނުވާށެވެ. ތިޔަބައި މީހުންގެ ކުރިން ފޮނުއްވި އެތައްބަޔަކު ހަލާކުވެ ނެތިގޮސްފައިވަނީ އެބައިމީހުން ދީނުގެ އަޞްލުތަކާއި މިންވަރުތައް ބަދަލުކޮށް އެއަށް ތަބާނުވެގެންނެވެ. އިސްލާމްދީން ފުރިހަމަވެ ތިޔަބައިމީހުންނަކީ ﷲ އަށް އީމާންވެ އަޅުކަންކުރާ ބަޔަކަށްވުމުން، ތިޔަބައިމީހުންނާއި މެދު ޝައިތާނާވަނީ މާޔޫސްވެފައެވެ. ތިޔަބައިމީހުން އުޅެން އަންގަވާފައިވާ ގޮތަށް ނޫޅެ ﷲ އަށް އަޅުކަންކުރުމުން ދުރުހެލިވުމަކީ ޝައިތާނާ އުފާކުރާނެކަމެކެވެ. އެހެން ވީމާ ޝައިތަނާއަށް ތިޔަބައިމީހުން ވަރަށް ބޮޑަށް ރައްކާތެރިވާށެވެ. ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. ފަރުޟު ފަސްނަމާދު ޤާއިމްކުރާށެވެ. ރަމަޟާން މަހުގެ ރޯދަ ހިފާށެވެ. ޒަކާތްދޭށެވެ. އަދި ﷲ ގެ ގެފުޅަށް ޒިޔާރަތްކޮށް ޙައްޖުވާށެވެ. ތިޔަބައިމީހުންގެ ވެރިންނަށް ތިޔަބައިމީހުން ކިޔަމަންވާށެވެ. ﷲ ތިޔަބައި މީހުންނަށް ސުވަރުގޭގެ ނިޢުމަތް ދެއްވާނެއެވެ. ތިޔަބައިމީހުންގެ ތެރެއިން މިޖަމާޢަތުގައި ޙާޟިރުވެ ތިބި މީހުން، ޙާޟިރުނުވާ މީހުންނަށް އަހަރެންގެ މިނަޞޭޙަތްތައް ރައްދުކޮށްދޭށެވެ. އަދި އެބައިމީހުން އަހަންނާއިބެހޭ ގޮތުން އަހައިފިއްޔާ ތިޔަބައިމީހުން ބުނާނީ ކީކޭ ހެއްޔެވެ؟"ކީރިތި ރަސޫލާ މިހެން އެއްސެވުމުން، އަރިހުގައި އައިސް ތިބި މީހުން އެކަލޭގެފާނަށް ދެންނެވިއެވެ. "މާތް ރަސޫލާއެވެ. ކަލޭގެފާނު އިސްލާމްދީނުގެ ތަރިކަ އަޅުގަނޑުމެންނަށް ރައްދުކުރައްވައި ކަލޭގެފާނުގެ ރަސޫލުކަމުގެ މަސްޢޫލިއްޔަތު އަދާކުރައްވައި އަޅުގަނޑުމެންނަށް މިކަންތައްތައް ބަލަހައްޓަވައިދެއްވިކަމަށް އަޅުގަނޑުމެން ހެކިވަމެވެ. އެހިނދު ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުންގެ އަތްޕުޅުގެ ޝަހާދަތް އިނގިލިފުޅު އުފުއްލަވާ ދުއާކުރެއްވިއެވެ. "ހައްދަވާ ބޮޑުކުރެއްވި ﷲ އެވެ. އިބައިލާހު މިކަމަށް ހެކިވެވޮޑިގަންނަވާށިއެވެ."
މަޞްދަރު:ހަވީރު ނޫސް 15 ނޮވެމްބަރ 2010 ގެ ލިޔުމެއް
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews