މައި ޞަފްޙާ » » އިސްދޫ ލޯމާފާނުން . . .

އިސްދޫ ލޯމާފާނުން . . .

Monday, March 4, 2013 | 3:01 PM

އެތެރެވަރީގެ ޤައުމުތަކުގެ ތެރެއިން ގިނަ ޒަމާންވެފައިވާ ތާރީޚެއް ލިބިފައިވާ ޤައުމުތަކުގައި، ހިލަ އާއި މަޢުދަނުގައި، އެ ތާރީޚުގެ ޙާދިސާތައް ބަޔާންކޮށް ލިޔެފައި ހުރެ އެވެ. ބައެއް ރަސްމީ ލިޔުންތައް ލިޔެފައި ހުންނަނީ ލޯ ފޮތީގަ އެވެ. މިފަދަ ބައެއް މުހިންމު ލިޔުންތައް ލޮއިގައި ލިޔެފައިވާ ޤައުމުތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ އަވައްޓެރި ސްރީ ލަންކާ އާއި ދެކުނު އިންޑިޔާ ވެސް ހިމެނެ އެވެ. ދިވެހިރާއްޖެއިން ފެނިފައިވާ ލޯމާފާނުތަކަކީ މިބައިގައި ހިމެނޭ ތަކެއްޗެވެ. މިއީ ރާއްޖޭ އިން ފެނިފައި ހުރި އާސާރީ ލިޔުންތަކުގެ ތެރެއިން، ދިވެހި ތާރީޚަށް އަލިއަޅުވާލައިދޭ އެންމެ ގިނަ ދުވަސްވީ ލިޔުންތަކެވެ. މިއަށްވުރެ ގިނަ ދުވަސްވެފައިވާ ހިރިގަލުގައި ލިޔެވިފައިވާ ލިޔުން ހުރި ނަމަވެސް، އޭގައި ތާރީޚީ ޙާދިސާތަކެއް ބަޔާންކުރެވިފައެއް ނުހުރެ އެވެ. އެ ތަކެތިން ޢާއްމު ގޮތެއްގައި ފެންނަން ހުންނަނީ، އެވޭލާގައި ގެންގުޅުނު ދީނީ "ކިޔެވެލިތަކެވެ". މި ލިޔުމުގައި އަލިއަޅުވާލަން އަޅުގަނޑު ޤަޞްދުކޮށްފައި ވަނީ، މިހާރު ހުރި ލޯމާފާނުތަކުގެ ތެރެއިން، ޢިލްމީ ގޮތުން އެންމެ ރަނގަޅަށް ދިރާސާކުރެވިފައިވާ ކަމަށް ބެލެވޭ އިސްދޫ ލޯމާފާނުގެ މައްޗަށެވެ. މި ލޯމާފާނު ތަރުޖަމާކޮށް ނިމިފައިވަނީ އެޕްރީލް 1986 ގަ އެވެ. ތަރުޖަމާކުރެއްވުމުގެ މަސައްކަތް ކުރެއްވީ އަލްމަރުޙޫމް ޙަސަން އަޙްމަދު މަނިކާއި ސްރީ ލަންކާގެ ޕްރޮފެސަރު ޖީ. ޑީ. ވިޖެޔަވަރުދަނަ އެވެ.


ދިވެހިބަހުން "ލޯމާފާނު" ނުވަތަ "މާލޯފާނު" ކިޔަނީ އިހު ޒަމާނުގައި ލޯފޮތިތަކެއްގައި ލިޔުއްވާފައި، ސަރުކާރުން ދެއްވާ ބޯގަ ފަތްކޮޅަކަށެވެ. ދިވެހި ބަސްފޮތުގައި ވިދާޅުވެފައިވާ ގޮތުގައި، ބޯގަ އަކީ މިސްކިތް، ޒިޔާރަތް ފަދަ މުޤައްދަސް ތަންތަނަށް ކުރާ ވަޤުފެވެ. އަދި މިފަދަ ތަންތަން ބެލެހެއްޓުމަށް ޚާއްޞަކޮށްފައި ހުންނަ ބިންބިމާއި ރުއްގަހެވެ. އަދި މިތަންތަން ބިނާކުރެއްވުމާ ބެހޭ ވާހަކަތައް ވެސް މީގައި ލިޔެފައިވެ އެވެ. އެހެންކަމާ އެކު ލޯމާފާނަކީ، މި ވާހަކަތައް ރަސްމީ ގޮތުން ލިޔުއްވާފައި ދެއްވާ ލޯފޮތިތަކެކެވެ. ފުރިހަމައަށް އޮންނަ ލޯމާފާނެއްގައި، ގާތްގަނޑަކަށް ވިއްސަކަށް ހަނި ދިގު ލޯފޮތި އޮންނާނެ އެވެ. އަދި މި ތަކެތި ހުންނާނީ، ހުރިހާ ފޮތިތަކުގެ އެއްކޮޅުގައި ލޯވަޅު ތޮރުފައި އެކަތައިގެ ބޮޅަކަށް އަމުނާފައި، އެ ބޯގަ ދެއްވި މިސްކިތެއްގެ އެތެރޭގައި، ފާރަށް ޖަހާފައިވާ މޮހޮރެއްގައި އަޅުވާލާފަ އެވެ. އެނގިފައިވާ ގޮތުގައި، އިހުގައި ކޮންމެ މިސްކިތެއްގައި މި ފަދަ ލޯމާފާނެއް ހުއްޓެވެ. މިހާރު ދިވެހިރާއްޖޭގައި ފެންނަން އޮތީ އިސްވެ ދެންނެވި ފަދަ ހަމައެކަނި ހަތަރު ލޯމާފާނެވެ. ބައެއް ލޯމާފާނު ހުރީ ލޮއިން ހަދާފައިވާ ތަކެއްޗަށް ގިނަ ދުވަސް ވީމާ ހަލާކުވާ ގޮތަށް، ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ނަމަވެސް އިސްދޫ ލޯމާފާނަށް މިގޮތުން ލިބިފައިވާ ގެއްލުން މާ ބޮޑުކަމަކަށް ނުދެންނެވޭނެ އެވެ. މިހާރު މި ލޯމާފާނު އޮތީ ދެންހުރި ލޯމާފާނުތަކާ ވެސް އެކުގައި ޤައުމީ ދާރުލް އާސާރުގައި، އެތަނަށް ޒިޔާރަތްކުރާ މީހުންނަށް ފެންނަ ގޮތަށް ޑިސްޕްލޭ ކުރެވިފަ އެވެ.

އިސްދޫ ލޯމާފާނު ހައްދުންމަތިން މާލެއަށް ގެނެވުނީ ކޮން ދުވަސްވަރެއްގައި ކަމެއް މިހާރަކު އެނގޭކަށް ނެތެވެ. އެޗް. ސީ. ޕީ. ބެލް ރާއްޖެ ވަޑައިގެން، މިރާއްޖޭގައި ހުރި އެންމެ މުސްކުޅި ލިޔުންތައް ބައްލަވާ ހެއްދެވި އިރު އެ ތަކެތީގެ ތެރޭގައި އިސްދޫ ލޯމާފާނެއް ނެތެވެ. އެހެންކަމާ އެކު، މި ލޯމާފާނު މާލެއަށް ގެނެވިފައިވާނީ އޭގެ ފަހުގެ ދުވަސްވަރެއްގަ އެވެ. މިއީ އިސްދޫ އާސާރީ މިސްކިތާ ގުޅިފައިވާ ލޯމާފާނެއް ކަން އެނގިފައިވެ އެވެ. މި ލޯމާފާނު ފެނިފައިވަނީ، މޯލްޑިވްސް އިންފޯމޭޝަން އެންޑް ބްރޯޑްކާސްޓިންގައި ހުރި ބައެއް ތަކެތީގެ ތެރެއިންނެވެ. ކޮންމެއަކަސް، ކަންތައްތައް ހަމަޖެހިގެން، މިލޯމާފާނު ތަރުޖަމާކުރުމުގެ މަސައްކަތް ކޮށް ނިމިފައިވަނީ 1986 ގަ އެވެ.

އިސްދޫ ލޯމާފާނު ލިޔެފައިވަނީ ދިވެހިރާއްޖޭގައި ކުރިން ގެންގުޅުނު، އެވޭލާ އަކުރު ކިޔުނު ވަރަށް ދުވަސްވީ އަކުރަކުންނެވެ. މިއީ ސްރީ ލަންކާގައި، މީލާދީން 11 ވަނަ ޤަރުނުގައި ލޮއިގައި ލިޔެފައިވާ މުސްކުޅި ލިޔުންތަކުގައި ހުންނަ ލިޔުމާ ވަރަށް ވައްތަރު ލިޔުމެކެވެ. އަކުރުތައް ލިޔެފައި ހުންނަނީ ވާތުން ކަނާއަތަށެވެ. ލިޔެވިފައި ވަނީ ފޮޅުވަތް އޮތް ގޮތަށް ބަރިއަކަށެވެ. ލިޔަމުން ގޮސް، ފޮޅުވަތުގެ ނިމޭ ހިސާބަށް އައިސް، އިތުރު އަކުރެއް އެޅޭނެހައި ތަންކޮޅެއް ނެތުމުން، ޖެހިގެން އޮތް ފޮޅުވަތަށް ދަނީ އެވެ. ލަފްޒުތައް ވަކިކުރުމެއް ނެތެވެ. މި ލޯފޮތިތައް ހުންނަނީ ދެ ފުށުގައި ލިޔެފަ އެވެ. ކޮންމެ ފުށެއްގައި ފަސް ފޮޅުވަތުގައި ލިޔެފައިވެ އެވެ. ޞަފުޙާ ނަންބަރު ވެސް ވަނީ އިހުގެ ދިވެހި ހިސާބު އަކުރުން ލޯ ފޮތީގެ ކޮންމެވެސް އެއް ފުށެއްގައި ޖަހާފަ އެވެ. ފުރަތަމަ ޞަފްޙާގެ ވާތް ފަރާތުގައި ހަތަރެސްކަން ގޮޅިއެއްގެ ތެރޭގައި، އެ ލޯމާފާނު ދެއްވި ރަދުންގެ ރަސްމީ ތައްގަނޑު ޖަހާފައިވެ އެވެ. ގިނަ ދުވަސްވެފައި ވުމާ އެކު، ބައެއް ލޯ ފޮތީގައި ލިޔެފައިވާ ތަކެތި ކިޔަން ނޭނގޭ ވަރަށް ހަލާކުވެފައިވެ އެވެ.

ޝްރީ ގަޑަނާދީތިޔަ ރަދުން (ދިވެހި ތާރީޚުގައި ދިނެއި ކަލަމިންޖާ) ގެ އެންގެވުމަށް މި މުހިންމު ލިޔުން ލިޔުއްވީ، "ސުރިސިރު" ކިޔުނު ފަޑިއަތް ބޭކަލެކެވެ. މީނާ އަކީ ތިލަދުންމަތީ ތީފަރިދޫގެ މާންސެ ޢާއިލާގެ އަންހެނެއް ކަމަށްވާ "ސުދުސިރަ" ގެ ބަނޑުން، "ބްރޮކެމިނާ" ކިޔުނު މީހަކަށް ލިބުނު ދަރިއެކެވެ. އިސްދޫ ލޯމާފާނުގައި ލިޔެފައިވާ ގޮތުގައި، މީގައި ބަޔާން ކުރެވިފައިވާ ޙާދިސާ ހިނގާފައިވަނީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވުމަށް ފަހު، 582 އަހަރު ފުރިހަމަވުމަށް ފަހުގަ އެވެ. ފާހަގަކުރެވޭ ގޮތުގައި، މި ލިޔުމުގައި ވަނީ ހިޖުރީ ސަނަތެއް ނޫނެވެ. މި ލޯމާފާނުގައި ސަނަތު ޖަހަފައިވަނީ، ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގެންނެވި އަހަރުން ފެށިގެންނެވެ. މި ގޮތަށް ސަނަތު ބަލާފައިވަނީ، ރާއްޖެ އިސްލާމްވުމުގެ ކުރީގައި އޮތް ސަޤާފަތުގައި އެކަން އޮތް ގޮތަށެވެ. އެހެނީ އެ ޒަމާނުގައި ބުޑިސްޓް ދީން އޮތް ޤައުމުތަކުގައި ސަނަތު ޖަހައި އުޅުނީ، ގައުތަމަ ބުއްދާ އަވަހާރަވީ ތާރީޚުން ފަށައިގެން ކަމަށް ވާތީ އެވެ. އެހެންކަމާ އެކު، މި ކަންތައް ދިވެހިރާއްޖޭގައި އެއިރު އޮތީ އިހުގެ ސަޤާފަތުގައި އޮތް ގޮތަށެވެ. މި ލޯމާފާނުގެ ދިރާސާގައި އަދިވެސް ލިޔުއްވާފައިވާ ގޮތުގައި، މިލިޔުން ލިޔެފައިވަނީ ޝްރީ ގަޑަނާދީތިޔަ ރަދުން ދިވެހި ސިންގާސަނާ އަށް އިސްވެވަޑައިގެންނެވި ފަހުން އައި ތިން ވަނަ އަހަރު އެވެ. ލޯމާފާނު ތަރުޖަމާކުރެއްވި ބޭފުޅުން މި މަޢުލޫމާތު ދިރާސާކުރައްވައި ވިދާޅުވެފައިވަނީ، މި އަހަރަކީ ހިޖްރީ ގޮތުން 592 ނުވަތަ މީލާދީން 1194 ވަނަ އަހަރު ކަމަށެވެ.

މި ލޯމާފާނުން ލިބޭ މަޢުލޫމާތުން އެ ދުވަސްވަރުގެ ވަރަށް ގިނަ ކަންތައްތައް ސާފުވެ އެވެ. ވަރަށް މުހިންމު އެއް ކަމަކީ އެއިރު ދިވެހީންގެ ތެރޭގައި ޢާއްމުކޮށް ޢަރަބި ނަންނަން ބޭނުންކުރާކަށް އަދި ނުފަށާ ކަމެވެ. މި ލިޔުމުން ފެންނަން ހުރި ނަންނަމުގެ ތެރޭގައި އެއްވެސް ޢަރަބި ނަމެއް ނެތެވެ. ޝަރުޢީ ކަންތައްތަކާ ޙާވާލުވެ ތިއްބެވި ބޭކަލުންގެ ތެރޭގައި ވެސް މުޅީން ހުރީ މައް ދިވެހި ނަންނަމެވެ. މިސާލަކަށް ދަންނަވާ ނަމަ، ދަންޑަނާއިކަ (ތަޢުޒީރުކުރާ މީހާ) އަކަށް ހުންނެވީ އިސްދޫގެ "ވެލާލު" ޢާއިލާގެ ބޭކަލެކެވެ. ޕަޑިޔާރު (ޤާޟީ) އަކަށް ހުންނެވީ، "ކައްލަ" ކިޔުނު ޢާއިލާއެއްގެ "ސަތި" ނަމަކަށް ކިޔުނު ބޭކަލެކެވެ. އަދި ސެނެވިރަސް (ކޮމާންޑަރު އިން ޗީފް) ކަމުގައި ހުންނެވީ ޕެސެންދުވެން (ފެހެންދޫ) ގެ ޕެހިޕުނަ (ފެހިފުނަ) ޢާއިލާގެ "ބުދިސިރު" ކިޔުނު ބޭކަލެކެވެ. މި ލޯމާފާނުގައި ހުރީ ދިވެހި ނަންނަން ކަމުގައި ވިއަސް، މީގެ ގާތްގަނޑަކަށް 150 އަހަރު ފަހުން ލިޔެފައިވާ ބޮޑުގަލު މިސްކިތު ލޯމާފާނުގައި ފެންނަން ހުރީ ޢަރަބި ނަންނަމެވެ. މި ދެމެދުގެ އަހަރުތަކުގެ ތެރޭގައި ލިޔެފައި ހުރި ލިޔުންތަކުގެ ތެރެއިން، ފެންނަން ހުރި ލިޔުން ވަރަށް މަދެވެ. ލޯމާފާނުގެ ތެރެއިން ވެސް އެ ދުވަސްވަރުގެ އޮތީ އެންމެ ލޯމާފާނެއްގެ ބިނދި ހަލާކުވެފައިވާ އަށެއްކަ ފޮއްޗެވެ. އެހެންކަމުން، ޢަރަބި ނަންތައް ޢާއްމުކޮށް ބޭނުންކުރަން ފެށުނު ދުވަސްވަރެއް އެނގޭކަށް ނެތެވެ.

އިސްދޫ ލޯމާފާނު މައިގަނޑު ދެ ބަޔަކަށް ބައިކޮށްލެވިދާނެ އެވެ. ފުރަތަމަ ބައިގައި ހިމެނިފައިވަނީ، އެހިނދު ތަޚުތުގައި އިންނެވި ރަދުންގެ މަތިފުށުގެ ތަފްޞީލެކެވެ. އެއަށް ފަހުގައި އޮތީ، މި ރަދުންގެ ތަޢުރީފުގައި އެކުލަވާލާފައިވާ ބިރުދާއެކެވެ. މި ބައި އޮތީ ވަރަށް "ބުރަދަން ހުރި" ރަސްމީ ޢިބާރާތުންނެވެ. މިއަށް ފަހުގައި ހިމެނިފައިވަނީ، މި ލޯމާފާނު ލިޔުމުގެ މަޤްޞަދު ކަމުގައިވާ، ކަންތައްތައް ބަޔާން ކުރުމެވެ. އާދެ! މިއީ ބިނާކުރެއްވި މިސްކިތާއި، ބޯގައަށް ދެއްވި ބިމާއި، އަދި ރަދުންގެ ފަރާތްޕުޅުން ދެއްވާ އެހެނިހެން މަންފާތަކާއި، މިސްކިތް ބެލެހެއްޓުމަށް ލައްވާފައިވާ އެކިއެކި ޢާއިލާތަކާއި، އަދި އެހެނިހެން އަމުރުފުޅުތަކެވެ. މިއަށް ފަހުގައި ބަޔާންކޮށްފައި ވަނީ، މިރަސްމީ އެންގެވުމުގައި ހިމެނިފައިވާ ކަންތައްތައް މީގައިވާ ގޮތުގެ މަތިން ނުކޮށްފި ނަމަ، އެ މީހަކަށް ލިބޭނެ ޢަޛާބުތަކެވެ. ލޯމާފާނު ނިންމާލާފައިވަނީ، ލިޔުއްވި ބޭކަލެއްގެ ނަމާއި ހެކިންގެ ގޮތުގައި ތިއްބެވި ވަޒީރުންނާއި، އިސްވެރީންގެ ނަންފުޅުތަކުންނެވެ.

ޝްރީ ގަޑަނާދީތިޔަ މަހާރަދުން އިސްދޫ ލޯމާފާނު ލިޔުމަށް ފަޑިއަތް ބޭކަލަކަށް އަމުރުފުޅު ކުރެއްވުމުގެ ބޭނުންފުޅަކީ، އިސްދޫ އިސްލާމްކުރައްވައި، އެ ރަށުގައި ހުކުރު މިސްކިތެއް އާރާސްތު ކުރައްވައި، އެތަން ބެލެހެއްޓުމުގެ ހުރިހާ ކަމެއް ހަމަޖެއްސެވުމާއި މިކަން މިގޮތަށް ދެމެހެއްޓެވުމެވެ. އެ ރަދުން ބޭނުންފުޅުވީ "ރެކޯޑަށްޓަކައި" މި ވާހަކަތައް ލިޔެވިފައި ހުރުމަށެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މީލާދީން 1153 ވަނަ އަހަރު ދިވެހިރާއްޖެ ރަސްމީ ގޮތުން އިސްލާމް ޤައުމަކަށްވެ، ދިވެހި ރަދުން އެމާތް ދީން ޤަބޫލުފުޅު ކުރައްވައި، ރާއްޖޭގެ ހުރިހާ ރަށްރަށުގެ އެންމެހައި މީހުން ވެސް އިސްލާމްވުމަށް އަމުރުފުޅު ކުރެއްވި އެވެ. ނަމަވެސް އެޒަމާނަކީ ދަތުރުފަތުރުގެ ކަންތައް ނުހަނު އުނދަގޫ ޒަމާނެކެވެ. މާލޭގެ އެންމެން އިސްލާމް ވެފައި ތިބި ނަމަވެސް، މާލެއާ ދުރު ހިސާބުތަކުގައި ހުރި ރަށްރަށް އިސްލާމްކުރެއްވީ، އެރަށްރަށަށް އެއިރެއްގައި ރަސްކަމުގައި އިންނެވި ރަސްކަލަކު، ހަނގުރާމަ ކުރައްވާނެ ބޭކަލުން ވެސް ގޮވައިގެން ވަޑައިގެންނެވެ.

އިސްދޫ ލޯމާފާނުގައި ލިޔެފައިވާ ގޮތުގައި، ޝްރީ ގަޑަނާދީތިޔަ ރަދުންގެ ރަސްކަމުގެ ތިންވަނަ އަހަރު، އިހުގައި ތިއްބެވި ކާފަރު ރަސްރަސްކަލުން އިސްދޫގައި ޤާއިމްކުރައްވާފައިވާ ބުޑިސްޓު ވޭރު މުގުރާލައްވައި، ބުދުތައް ވެސް ހަލާކުކުރައްވައިފައި، އެ ވޭރުގައި ތިބި ހާމުދުރުންގެ އެންމެން މާލެ އަށް ގެންނެވި އެވެ. އެމީހުންގެ ތެރެއިން އިސްލާމް ނުވި އެންމެން ޤަތުލުކުރެއްވީ އެވެ. އެއަށް ފަހުގައި، ކުރީގައި އިސްދޫ ވޭރަށް ދިނުމަށް ހަމަޖެހިފައި ހުރި ހުރިހައި ތަކެތި އެތަނަށް ދިނުން ހުއްޓަވައިލައްވައި، އެ ތަކެތި ބަންޑާރާ ތަކެއްޗަށް ހެއްދެވި އެވެ. އަދި އެ ރަށު މީހުންގެ ތެރެއިން ޝަހާދަތް ނުކީ އެންމެން ޤަތުލުކުރައްވާނެ ކަމަށް ވެސް އެންގެވި އެވެ. އިސްލާމް ދީން ޤަބޫލުކުރި މީސްތަކުން ޤަތުލެއް ނުކުރައްވަ އެވެ. އޭގެ ފަހުން، މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ހެޔޮކަމެއް ކުރެއްވުމަށް ނިޔަތް ގަންނަވައި، އިސްދޫން ރީތި ބިމެއް ކަނޑައަޅުއްވައި، އެ ތާނގައި މިސްކިތެއް އާރާސްތު ކުރެއްވި އެވެ. މިސްކިތް ތެރެއަށް ފެން ނުވަންނާނެހެން ބިމަށް ތަކެތި ޖައްސަވައިގެން އުސްކުރައްވައި، އޭގެ މަތީގައި ގަލާއި ލަކުޑިން މިސްކިތް އަޅުއްވައި، ތަފާތު ކުރެހުންތަކުން އެބިނާ ޒީނަތްކުރެއްވި އެވެ. ނަމާދުކުރަން ޤިބްލަ ފާހަގަކޮށްދެއްވައި، މިމްބަރު ބަހައްޓަވައި، މުޅި މިސްކިތް ފަނުން ހިޔާކުރެއްވި އެވެ. މި މިސްކިތަށް ދެއްވި ނަމަކީ "ޖުމާ މަސްޖިދު" އެވެ. އެއަށް ފަހުގައި، އެ އަތޮޅުގެ އަށް ބައިގެ ތެރެއިން އެންމެ އިސް ރަށަށް އިސްދޫ ބާއްވަވަން ހަމަޖެއްސެވި އެވެ.

ސުވާލަކީ "އިސްދޫ" އަށް އެނަން ލިބިފައި މިވަނީ އެރަދުން މިހެން ހެއްދެވުމުން ބާވަ އެވެ؟ ކޮންމެއަކަސް މީލާދީން ބާރަވަނަ ޤަރުނުގެ މިލިޔުމަކީ ވަރަށް އަގުހުރި ލިޔުމެކެވެ. އެ ދުވަސްވަރުގެ ދިވެހިރާއްޖެ އަޅުގަނޑުމެންނަށް ސިފަކުރެވިފައިވާ ގޮތަށް އެތައް ބަދަލުތަކެއް ގެނެސް ދިން ލިޔުމެކެވެ.


ނޯޓް: މި ލިޔުމުގައިވާ މަޢުލޫމާތު ނަގާފައި ވަނީ ޙަސަން އަޙްމަދު މަނިކާއި، ޖީ. ބީ. ވިޖެޔަވަރްދަނަ ތަރުޖަމާ ކުރެއްވި "އިސްދޫ ލޯމާފާނު" މި ފޮތުންނެވެ.
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews