ގާކުނޑި ކޮށީގެ މައްސަލައިގައި އިމާދުއްދީން ސްކޫލްގެ ބެލެނިވެރިން
މުޒާހަރާއަށް ނުކުތުމުން ދެ މިނިސްޓަރަކާއި މާލޭގެ ސިޓީ ކައުންސިލްގެ
މޭޔަރު ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިރޭ
ހާޒިރުކުރަން ނިންމައިފި އެވެ.
އެ ކޮމިޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު
ވިދާޅުވީ ކުނިގޮނޑުގެ ސަބަބުން، އިމާދުއްދީން ސްކޫލުގައި ކިޔަވައިދިނުމަށް
އުނދަގޫވާ މައްސަލައިގައި ބެލެނިވެރިން މިއަދު މަޖިލީހަށް ޝަކުވާ
ހުށަހަޅާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މިއަދު އިރުއޮއްސި 6:30 ގައި
ބާއްވާ ކޮމިޓީ އަށް އެޑިިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހްމަދާއި
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން
އަލިމަނިކު އަދި އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އާސިފް ރަޝީދު އަދި
ސްކޫލް ބޯޑުގެ ޗެއާމަން ކޮމިޓީ އަށް ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.
"ބެލެނިވެރިން ޝަކުވާ ހުށަހެޅުމުން އަޅުގަނޑުމެން ޕާޓީތަކުގެ
ލީޑަރުންނާ މަޝްވަރާކޮށް، މިނިސްޓަރުން ގެންނަން ނިންމީ. މި މައްސަލައަކީ
ވީހާ ވެސް އަވަހަކަށް ހައްލެއް ބޭނުންވާ ކަމެއް،" އަލީ ވަހީދު ވިދާޅުވި
އެވެ.
ކުނިކޮށީގައި ރޯވެ އެތަނުން އަރާއި ދުމާއި ކުނޑީގެ ސަބަބުން
އިމާދުއްދީން ސްކޫލްގެ ކިޔެވުން ދޭތެރެދޭތެރެއިން މެދުކަނޑާލަންޖެހެ އެވެ.

Post a Comment