'މިކޮއެ ބައްޕަ ބައޭ ބައޭ' ގެ ނަމުގައި ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ޕްރޮޑިއުސަރ މުހަންމަދު އަލީ މޮގަރ ޕްރޮޑިއުސްކޮށް، މަޝްހޫރު ނެށުންތެރިޔާ ރަވީ ފާރޫޤް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ މަންޒަރު ތަކެއް ފުރަތަމަ ފަހަރަށް ޢާއްމުކޮށްފިއެވެ.
ފިލްމުގެ ފުރަތަމަ ޓީސަރ އިން ފެންނަގޮތުން މި ފިލްމަކީ ތަފާތު ސްޓައިލެއް ދައްކުވައިދޭނެ ފިލްމެއްކަމަށް ޔަޤީން ކުރެވޭ ފިލްމެކޭ ދެންނެވިދާނެއެވެ. ފިލްމުގައި ރިޝްމީ ގޭގެ ސިޓިންގ ރޫމުން މައްޗަށް އަރަން ހުންނަ ސިޑިއަކުން އޭނާގެ ކޮނޑަށް މަނިކު ލައިގެން އަރާ މަންޒަރާއި ޓީސަރ ނިމޭ ހިސާބުން މިކޮއެ ބައްޕަ ބައޭ ބައޭ (އެމް.ބީ.ބީ.ބީ) ގެ 'ނާނާ' ރިޝްމީގެ އަޑުން ކިޔާފައިވާލެއް އަސަރުގަދަ ކަން ފާހަގަ ކޮށްލެވެއެވެ.
ލ. އަތޮޅު ގަމުގައި ހިނގާ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ މިވާހަކަ އަކީ ލ. ފޮނަދޫ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ "މަންދޭރާ ޕްރޮޑަކްޝަން" ގެ އަލްފާޟިލް އަހްމަދު ރަޝީދު ލިޔެފައިވާ ކުރު ފިލްމަކަށް ތައްޔާރުކި ސްކްރީންޕްލޭގެ ހުރިހާ ހައްޤެއް ގަތުމައްފަހު، ފީޗަރ ފިލްމެއްގެ ގޮތުގައި މަހުދީ އަހުމަދު އަލުން ލިޔުނު ސްކްރީންޕްލޭއެކެވެ.
މިސްކްރީންޕްލޭ ލިޔެ ނިންމުމަށްފަހު ރަވީއާއި މަހުދީ ވަރަށް ގިނަ ޕްރޮޑިއުސަރުން ގާތަށް ދިޔަނަމަވެސް، މިއިން އެއްވެސް ޕްރޮޑިއުސަރަކު ރިސްކެއް ނަގަން ބޭނުން ނުވީއެވެ. އެންމެ ފަހުން މިސްކްރީންޕްލޭއަށް ޝައުގުވެރިވީ މަޝްހޫރު 'ޑާކް ރެއިން އެންޓަޓެއިންމަންޓް' ގެ ޕްރޮޑިއުސަރ މުހަންމަދު އަލީ މޮގަރއެވެ. އަދި ވަގުތުން މިފިލްމުގެ މަސައްކަތްކުރުމަށް ރަވީއާއި މަހުދީއާއި އެކު އެއްބަސްވެވުމަކަށް އާދެވުނެވެ.
މިފިލްމުގައި ފެނިގެން ދަނީ ހަނދާން ނެތޭ ބަލިޖެހޭ ބައްޕައެއްގެ ކިބައިން މަންމައަކު އޭނާގެ ތުއްތު ތުއްތު ދަރިފުޅު ސަލާމަތްކުރުމަށް ކުރާ މަސައްކަތްތަކެވެ. މިފިލްމުގެ ޕްރޮޑަކްޝަން ފެށުނީ 17 އޭޕްރީލް 2012 ގައެވެ. މިއީ ކެނަން ޑީ 50 ގެ ކެމެރާ އަކުން މުޅި ފިލްމު ޝޫޓްކުރާ ފުރަތަމަ ދިވެހި ފިލްމެވެ. ފިލްމުގެ ޕްރިންސިޕަލް ޕޮޓޮގްރަފީ ނިންމާލެވުނީ 26 މެއި 2012 ގައެވެ.
މިފިލްމުގެ ސްކްރީންޕްލޭ ލިޔުނު އިރުވެސް، ފިލްމުގެ ލީޑް ރޯލްއަކަށް މަހުދީ ވިސްނާފައިވަނީ އައިޝަތު ރިޝްމީއެވެ. އަދި މީގެ އިތުރުން ފުރަތަމަ ސްކްރީންޕްލޭ ލިޔުނު އަޙްމަދު ރަޝީދު ގެ ވިސްނުންހުރީވެސް ރިޝްމީއާއި ދިމާއަށްކަން އިއްތިފާޤު ވެއެވެ. އަދި ސްކްރީންޕްލޭ ކިއުމަށްފަހު ޑައިރެކްޓަރ ރަވީ ފާރޫގުވެސް އިއްތިފާގުވީ އެބަޔަށް ރިޝްމީ ކާސްޓުކުރުމަށެވެ. މީގެ އިތުރުން ފިލްމުގެ ކާސްޓް މަސައްކަތް ފެށުމުގެ ކުރިން މަޙްދީ،ރަވީ އަދި އަޙްމަދު ރަޝީދު އާއިއެކު ވެސް ފިލްމަށް ތަރިން ހޮވުމާއި މެދު ވާހަކަ ދައްކާ އެއްބަސް ވެވުނީ ހަމަ މިގޮތަށެވެ.
މިފިލްމު ސިނަމާއަށް އަންނާނެ ތާރީޚެއް އަދި ފައިނަލް ވެފައި ނުވާކަމަށް މަޢުލޫމާތު ލިބެއެވެ. މި ފިލްމުގެ ތަރިންގެ ގޮތުގައި ޙަރަކާތްތެރިވަނީ ރިޝްމީ، މަނިކް، ކޮއްޔަ ޙަސަން މަނިކް ގެ އިތުރުން ޢަލީ ވަހީދެވެ. 90 މިނެޓް މި ފިލްމަށް މިއުޒިކް ހަދާފައިވަނީ މުޙައްމަދު އިކްރާމްއެވެ.
ދިވެހި ވިކިޕީޑިއާގއި މި ފިލްމުގެ މަޢުލޫމާތު
އޮފިޝަލް ފޭސްބުކް ޕޭޖް
Post a Comment