މީގެ ކުޑަކުޑަ މިސާލެކެވެ. ރޭޑިޔޯއިން ބަޔަކަށް އެއްޗެއް އޮޅުންފިލުވައިދޭން އުޅޭއިރު އެ އެއްޗެއް ސިފަކޮށްދޭން އުޅޭގޮތާއި ޓީވީއިން އެއްޗެއް އޮޅުންފިލުވައިދޭން އުޅޭއިރު، އުޅެންޖެހޭ ގޮތް ކިހައި ތަފާތުތޯ އެވެ. އެހެން ވާނެ އެވެ. އެހެން ވާން ވެސް ޖެހޭނެ އެވެ. އެއީ، ކީއްވެގެން ތޯއެވެ. އެކައްޗަކީ "ކަންފަތަށް ލިޔާ" ލިޔުމެކެވެ. މާނައަކީ، އިއްވަން ލިޔާ ލިޔުމެކެވެ. އެގޮތުން ލިޔެވޭ އިބާރާތްތައް ވާން ވާނީ، ސިފަކުރެވޭ އިބާރާތްތަކަކަށެވެ. އަޑުއަހައިލީމާ އެ މަންޒަރު ހިތަށް ވަންނަ ގޮތަށެވެ. އަނެކައްޗަކީ "ލޮލަށް ދައްކައިދޭ" ދެއްކުމެކެވެ. މާނައަކީ، ޓީވީން ސީދާ މަންޒަރު ދައްކައިގެން ދޭ މައުލޫމާތެވެ. މި ދެގޮތް ކިހައި ތަފާތުތޯ އެވެ. މީގައި ކުރަން މިޖެހެނީ، މުޅިން ދެ ވައްތަރެއްގެ ދެ މަސައްކަތެކެވެ.
އެހެންވީއިރު ލޯ އަނދިރި މީހަކަށް އެއްޗެއް ސިފަކޮށްދޭން ކުރަންޖެހޭ މަސައްކަތްތައް ވަކީން ބޮޑުވާނެކަން ޔަގީން ނޫންތޯ އެވެ؟
ރައްޓެއްސަކު އޭނާގެ އެކުވެރި އަނދިރި މީހަކާ ވާހަކަދައްކަމުން ކުރީ ޒަމާނުގައި ކައިއުޅުނު މޮޅުހަނޑުލުގެ ވާހަކަ ދައްކަނީ އެވެ. އެ ދުވަސްވަރު ކައިއުޅުނީ ދިރިހަނޑުލެވެ. ދިރިހަނޑޫ ބަތްކައްކަން ބޭނުންކުރަނީ، ކޯރާ ހަނޑުލެވެ. އޭނާ އަހައިލި އެވެ.
ކޯރާ ހަނޑުލަކީ ކިހިނެއް ހުންނަ ހަނޑުލެއް ހެއްޔެވެ؟
އެކުވެރިޔާ ޖަވާބުދިނެވެ. އެއީ ވަރަށް ހުދު ހަނޑުލެކެވެ. ހުދުކަމުން ހީވާނީ ހަމަ ހުދު ކަފަކޮޅެއް ހެންނެވެ.
އަނދިރިމީހާ ސުވާލުކޮށްލި އެވެ. ކަފަ ހުންނާނީ ކިހިނެއް ހެއްޔެވެ؟
އެކުވެރިޔާ ޖަވާބުދިނެވެ. އެ ހީވާނީ، ހުދުކަމުން ދެން ކީކޭ ބުނާނީ. ހީވާނީ ހުދުކަމުން ހުދު ބޯކިރުފޮދެއް ހެންނެވެ.
އަނދިރިމީހާ އަހައިލި އެވެ. ބޯކިރު ހުންނާނީ ކިހިނެއް ހެއްޔެވެ؟
އެކުވެރިޔާ ޖަވާބުދިނެވެ. އެހީވާނީ ބުނަން ހެއްޔެވެ؟ ހުދުކަމުން ހުދު އިރުވާހުދެއް ހެންނެވެ.
އަނދިރިމީހާ ބުންޏެވެ. އިރުވާހުދު ހުންނަނީ ކިހިނެއްހެއްޔެވެ؟
މި ހިސާބުން ރަޙްމަތްތެރިޔާ ވަރަށް ދެރަވެފައި ބުންޏެވެ. އެއީ ދޫންޏެކެވެ. އޭގެ ކަރު އޮންނާނީ މިހެންނެވެ. ކިޔާފައި އޭނާގެ އަތުގައި ހިފާ އަތުގެ ކުޑަހުޅު ލަނބާލައި އަތްތިލައާ ކުޑަހުޅާ ބެދުނު ހިސާބުގައި އަތްޖައްސާލާފައި ބުންޏެވެ. އޭގެ ކަރު އޮންނާނީ މިހެންނެވެ.
އަނދިރިމީހާ ބުންޏެވެ. މިހާރު އިރުވާހުދު އެނގިއްޖެ އެވެ.
އަނެއްދުވަހު ހެނދުނު މިސްކިތްމަގުން އަތިރި އަށް އެރިފައި ތާހިރުވެގެން އެއްގަމަށް އަރަނިކޮށް މީނާގެ ފައި އެއްޗެއްގައި ޖެހިއްޖެ އެވެ. އަވަހަށް ގުދުވެ، އެއެއްޗެއް ނެގިއިރު އޭގެ ކުރީކޮޅުގައި އެއްކަލަ ކަހަލަ ގުދެއް އޮތެވެ. މީނާ މިހާ އަވަހަށް އިރުވާހުދެއް ލިބުނީތީ އެ ހިފައިގެން ގެއަށްގޮސް ރައްކާކޮށްފި އެވެ.
އަނެއްދުވަހު، އެއްކަލަ ރަހުމަތްތެރިޔާ ގޮވައިގެން އައިސް ފައިގައި ޖެހުނު ގުދުއެތި ދައްކާފައި ބުންޏެވެ. މިއޮތީ ދިރިހަނޑުލެކެވެ. އެކުވެރިޔާ ދެ ފަރާތަށް ބޯ ހަލުވާލާފައި އިސްދަށަށް ޖަހައިލި އެވެ.

Post a Comment