މައި ޞަފްޙާ » » ނިގޫބުރި ހިޔަޅު

ނިގޫބުރި ހިޔަޅު

Thursday, April 18, 2013 | 11:50 PM

"ހިތާމަހުއްޓެވެ! ހިތާމަހުއްޓެވެ. މަގޭ ނިގޫ މިއޮތީ ބުރިވެފައެވެ. އެއާނުލައި ދުނިޔޭގައިއުޅޭނީ ކިހިނަކުންބާވައެވެ؟ އެކަމުގެމައްޗަށް ހިތާމަކުރަމެވެ. ގިސްލައި ރޮމެވެ. މާނޭވާލަމެވެ. މަގޭ މޫނުގެ ކުލަވަނީ ފަނޑުވެފައެވެ. މިކަމާމެދު ކުޑަވެސް ޝައްކެއްނެތެވެ. ނުރޮވޭނީފަހެ ކީއްވެހޭ؟ އެއީ މަގޭ ހަށިގަނޑުން ބައެކެވެ. ހަނގުރާމައަކަށް ނިކުންނަނަމަ، ފުރަގަހުންނަގައި ދެފަރާތަށް ހޫރަމެވެ. ނުބައި ވަހެއްދުވާނަމަ، ނޯށްމަތީ އަޅައި ނިވާކުރަމެވެ. ބިރުވެތިވެއްޖެނަމަ، ނުވަތަ މަކަރެއްހަދާހިތް ވެއްޖެނަމަ، ބަނޑުދަށަށްލައި ފިއްތާލަމެވެ. އެފަދަ ބޭނުންތެރި ނިގޫ މިއޮތީ ގެއްލިފައެވެ. ޒުވާން ހިޔަޅުތަކަށް ފެނިއްޖެނަމަ، ވަރަށް ބާރަށް ހީނ މަލާމާތް ކުރާނެކަން ކަށަވަރެވެ. ހިޔަޅުތަކުގެ ތެރެއަށް ނުނިކުމެ އުޅޭނީވެސް ކިހިނަކުންހޭ؟ ބައެއްފަހަރަށް އޭގެތެރެއިން މޫނު ދައްކައިލާން ޖެހޭނެއެވެ. ނަމަވެސް ހެދޭނެގޮތަކީ ކޮބައިހޭ؟ މައްސަލައަކީ މިއެވެ. ހިޔަޅުންގެ ތާރީޚުގައި، ނިގޫބުރި ހިޔަޅުގެ ނަމުން ނަން ލިބި މަޝްހޫރުވުމަކީ، ކިހައި ލަދުހުތުރު ކަމެއްހޭ؟ "    
މިކަމާމެދު ވިސްނައި ފިކުރުކުރާން ގަހެއްގެދޮށުގައި ހިޔަޅު ފޫހަރައިލައިގެން އިށީނދެއްޖެއެވެ. ހިޔަޅު ހިތައްއެރިއެވެ. އެންމެ މޮޅުގޮތަކީ އެހެން ހިޔަޅުތަކުގެ ނިގޫތައްވެސް ބުރިކޮށްލެވޭނެގޮތެއް ހެދުމެވެ. މިހެންހިތައި، ހުރިހައި ހިޔަޅުތަކަށް " ޔޯތް" ގޮވައި އެއްކޮށްފިއެވެ. އެއްކުރުމަށްފަހު ގަހެއް ކަނޑާލާފއިއޮތް، ގަސްބުޑެއްގެ މައްޗަށް އަރައިހުރެ ތަޤްރީރެއް ފަށައިގަތެވެ. ދެފަހަރަކު ކަރުކެހިލައި، ގައިހަދާލާފައި އެބަބުނެއެވެ. "އެކުވެރިންނޭވެ! އަންހެން ފިރިހެން ސާހިބުންނޭވެ! އަޅުގަނޑުހިތުން ތިޔަ ހުރިހާ ހިޔަޅުތައްވެސް އެއްބަސްވާނެ ފަދައިން ދުނިޔޭގައި ހުރިހާކަމެއް މިހިރަދަނީ ބަދަލުވަމުންނެވެ. އިހަށް އޮންނަހެން އެއްގޮތަކަށް ނޯވެއެވެ. ބަދަލުވަމުން ޙަރަކާތްތެރިވަމުން ދެއެވެ. އެހެންކަމުން އަހަރެމެންވެސް ބަދަލެއްނުގެނެސް ތިބެގެންވާނެތޯއެވެ؟ ބަދަލެއް ގެންނަމާ ހިންގަވާށެވެ! އެހެން އެންމެން ޙަރަކާތްތެރިވެ ކުރިއަށްދާއިރު އަހަރެމެން ހަމަ އިހުތިބިހެން ތިބޭންވީތޯއެވެ؟ އެންމެ ފުރަތަމަ އަހަރެމެންގެ ނިގޫތައް ދެކެމާ ހިންގަވާށެވެ! މިޒަމާނަށް އެއީ ބޭނުންއެއްޗެއްނޫނެވެ. އުފުލައި ގެންގުޅެން ނުލާހިކު ބަރެވެ." މިހިސާބަށް ބުނެފައި ކޮށިއަރައިގެންކަމަށް ހަދައި ހުއްޓާލާފައި އެބަބުނެއެވެ. "އެކުވެރީންނޭވެ! އަޅުގަނޑުމޅޭވަރަކަށް ކުރުކޮށް ބުރިކޮށްލުމެވެ." މިހައިތަނަށް ބުނުމާއިއެކު، ހިޔަޅުންގެ ތެރެއިން ދުވަސްވެލާފައިވާ ހިޔަޅެއް ތެދުވެ އެބަބުނެއެވެ. " އަޅުގަނޑުމެންގެ ނިގޫތައް ބުރިކުރާން ލަފާދެއްވާއިރު، މަނިކުފާނުންގެ ނިގޫފުޅު އޮތީ ބުރިވެފައެވެ. އެކަން އެހެން ނުވެ އޮތްނަމަ ތިޔަލަފާ ތިޔަހެން ދެއްވީސްބާވައޭ ހިތައްއަރައެވެ. ބުއްދިވެރީން ބުނެއެވެ. މީހަކު ލަފައެއްދިނީމާ އެލަފާ ޤަބޫލުކުރުމުގެކުރީން ލަފާދިންމީހާ، އެލަފައެއްދިނީ ކީއްވެގެންތޯ ވިސްނާލާށެވެ! އަދި، އެކަމަކުން ފައިދާވާންއޮތީ، ލަފާ ޤަބޫލުކުރި މީހާއަށްތޯ ނުވަތަ ލަފާދިން މީހާއަށްތޯވެސް ވިސްނާލާށެވެ!"                                                 
މިހެން ބުނުމުން ނިގޫބުރި ހިޔަޅު ގަތްލަދުން، ދުވެ ވަލަށްވަދެ ފިލައި ނިމިއްޖެއެވެ.         
މިއީ އައްޝައިޚުލް މަރުޙޫމް މުޙައްމަދު ޖަމީލްދީދީ ލިއުއްވި "ޖަމީލުގެ ކުދިވާހަކަތައް" މިސިލްސިލާގެ 3 ވަނަ ވާހަކައެވެ. މި ސިލްސިލާގެ ވާހަކަތައް ކުރިޔަށްއޮތްތަނުގައި ގެނެސްދެވޭތޯ ބަލާނަމެވެ. މިއީ ތުއްތު ކުދީންނަށް އަމާޒުކޮށް ލިޔެފައިވާ ޢިބްރަތްތެރި ވާހަކަތަކެކެވެ.     


Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews