މައި ޞަފްޙާ » » މަންމަ އަހަރެންނަށްހެދީދޮގެވެ.

މަންމަ އަހަރެންނަށްހެދީދޮގެވެ.

Wednesday, May 29, 2013 | 8:14 PM

 މިވާހަކަފެށިފައިވަނީ އަހަރެން އުފަންވީދުވަހުން ފެށިގެންނެވެ. އެދުވަހުންފެށިގެން އަހަރެންގެ މަންމަ 8 ފަހަރު އަހަރެންނަށްޓަކައި ދޮގުހެދިއެވެ.                          
އަހަރެންނަކީ ވަރަށްފަޤީރު ޢާއިލާއަކަށް އުފަންވެފައިވާ ހަމައެކަނި ޢާއިލާގައިހުރި ފިރިހެންދަރިއެވެ. ފަޤީރުކަމުގެ ޙާލަތަހުރިމިންވަރަކީ، ކާލާނެއެއްޗެއްނެތިވެސް ބައެއްދުވަސްއެއްކޮށް ހޭދަވެގެންދެއެވެ. މިޙާލުގައި އުޅެމުންގޮސް ކާއެއްޗެއްލިބޭހިނދު މަންމައަށްވާ ބައިވެސް ދެނީ އަހަރެންނަށެވެ. އަދި ދިނުމަށްފަހު ބުނެއެވެ. "ދަރިފުޅާ ކާލާށެވެ. މަންމަ ބަނޑުހައެއްނުވެއެވެ." މިއީ މަންމަގެ ފުރަތަމަ ދޮގެވެ.                                                    
އަހަރެންގެ ޢުމުރުން ގާތްގަނޑަކަށް 6 އަހަރުވީއިރު ބައެއްދުވަސްދުވަހު މަންމަ ގޭތެރޭގައި ކުރަންހުންނަ މަސައްކަތްނިންމާލުމަށްފަހު ކާނެމަހެއްލިބޭތޯ ރަށުގެ ގޮނޑުދޮށަށް ދޮއްޓެއް ހިފައިގެންދެއެވެ. މިހެންއުޅެނިކޮށް އެއްދުވަހަކު 2 މަސްބޭވުނެވެ. އަވަސްކޮށްލައިގެންއައިސް އެދެމަސް ގަރުދިޔަކަށްކާލުމަށްފަހު ކާންހެދިއެވެ. އަހަރެން ކާންފެށިއިރު މަންމަ ބަލަހައްޓައިގެން އިނެވެ. ކަށި ހުރުމުގެ ސަބަބުން ތަށީގެ އެއްފަރާތުގައި ބާއްވާމަސްކޮޅު ނަގައިގެން މަންމަ ކާލައެވެ. އެތަންފެނިފައި އަހަރެންވަރަށް ދެރަވިއެވެ. ގަރުދިޔަތެލިން އަނެއްމަސްނަގަފައި މަންމަކައިރިއަށް އަހަރެން ޖައްސާލީމެވެ. އެމަސްވެސް އަހަރެންނާ ކައިރިކޮށްލުމަށްފަހު ބުނެލިއެވެ. "ދަރިފުޅާ ދަރިފުޅަށް އެނގެއެއްނު މަންމައަށް ފަރުމަސް މީރުނޫންކަން " މީ އަހަރެންގެ މަންމަގެ 2 ވަނަ ދޮގެވެ.                                               
ގްރޭޑް 2 ށް އަހަރެންދިޔަ އަހަރު ރަށުގެ އައުމިސްކިތް އެޅުމަށް މަސައްކަތާއިހަވާލުވިފަރާތް ރަށަށްއައިސް މަސައްކަތްފެށިއެވެ. ހަމައެއާއެކު މަންމަ އެތަނުން މަސައްކަތެއްލިބޭތޯ ދިއުމުން ގަލާއި، ގަށާފައިހުރިސިމެންތި އުފުލުމުގެ މަސައްކަތް މަންމައަށް ޙަވާލުކުރިއެވެ. މުޅި ދުވާލު މަސައްކަތު އުޅެފައި މަންމަ ގެއަށްއަންނައިރު ހުންނަނީ ހިރަފުހާއި، ސިމެންތިން ތަތްތެޅިފައެވެ. އެއްދުވަހަކު އިރުއޮއްސުނުއިރުވެސް މަންމަ ގެޔަކަށްނައެވެ. މަސައްކަތްކުރާ ސައިޓަށްދިޔައިރު ފަނޑު އަލީތެރޭގައި މަންމަ އަވަދިނެތި މަސައްކަތްކުރަންހުއްޓެވެ. އެއިރު ވިދާ ގުގުރަމުންދެއެވެ. މަންމަކައިރިއަށްގޮސް ހުއްޓުމުން ސިއްސައިގެންގޮސް ބަލާލިއެވެ. އެހިނދު ހީނލާފަ މަންމަ ބުނެލިއެވެ. "މީ އިތުރުގަޑީގައި މަސައްކަތްކޮށްލަނީއެވެ." އަހަރެން މަންމައަށް ބުނީމެވެ. މަންމާ މިހާރު އިރުއޮއްސި އަނދިރިވީއެވެ. މަންމަ ވަރުބަލިވެސް ވާނެއެންނޫންހެއްޔެވެ. ހީނލާފަ މަންމަބުންޏެވެ. "ދަރިފުޅާ މަންމަ ވަރުބައްޔެއް ނުވެއެވެ." މީ އަހަރެންގެ މަންމަގެ 3 ވަނަ ދޮގެވެ. އަހަރުގެ ފަހު އިމްތިޙާންއޮތްދުވަހު އަހަރެންގޮވައިގެން މަންމަ ސްކޫލަށްއައުމަށްފަހު ނިމެންދެން މަންމަ ބޭރުގައި ހުންނާނަމޭ ބުނުމުން ގެއަށްދިއުމަށް އެދުނީމެވެ. ނަމަވެސް އަހަރެން ޓެސްޓް ހަދަން ފެށީއްސުރެން ނިމެންދެން ގަދައަވީގައި މަންމަ ބޭރުގައިހުރެ އަހަރެންނަށްޓަކައި ދުޢާކުރަމުން ގެންދިޔައެވެ. ޓެސްޓް ނިމިގެން ބޭރަށް އައުމުން ލޯބިން ބައްދާލާފައި މަންމަ އަހަރެންނަށްޓަކައި ގަނެގެން އައި ޖޫސްޕެކެޓް ދިއްކޮށްލިއެވެ. ޖޫސް ކޯވަރެއްބޯލުމަށްފަހު މަންމައާ ދިމާލަށް ބަލާލިއިރު މަންމަ ދާހިއްލާ ތެމިފޯވެގެންގޮސް މޫނުން ދާތިކި ޖަހަނީއެވެ. އަހަރެން ބޮމުންދިޔަ ޖޫސްޕެކެޓް ދިއްކޮށްލުމަށްފަހު ބޯލަންބުނުމުން ޖަވާބުގައި މަންމަ ބުންޏެވެ. " ނޫން ނޫން ދަރިފުޅާ މަންމަ ފެނެއް ނުބޮވައެވެ." މީ މަންމަގެ 4 ވަނަ ދޮގެވެ.            
ބައްޕަ ނިޔާވުމުން އަހަރެމެން މުޅިން އެކަނިވެރިވިއެވެ. ދިރިއުޅުން ވަރަށްދަތިވެގެން ދިޔައެވެ. އަމިއްލައަށް މަސައްކަތްކޮށްގެން ދިރިއުޅުމުގެ ހުރިހާ ޚަރަދެއްކުރަށްޖެހުމުން ބަނޑަށްޖެހޭ ހިސާބަށްވެސް ބައެއްދުވަސްވަރު ދެއެވެ. ބޮޑުބޭބެއަކީ ވަރަށް ރަނގަޅުމީހަކަށްވުމުން ބައެއްފަހަރު ކާއެތިކޮޅު ފޮނުވާހަދައެވެ. މަންމަގެ މި އެކަނިވެރި ދިރިއުޅުން ފެނުމުން ދެވަނަކައިވެއްޏެއްކުރުމަށް އަވަށްޓެރިން މަންމައަށް ޚިޔާލުދިނެވެ. ނަމަވެސް މަންމަބުންޏެވެ. "މީހެއްގެ އެހީތެރިކަމެއް ބޭނުމެއްނޫނެވެ." މީ އަހަރެންގެ މަންމަގެ 5 ވަނަ ދޮގެވެ.                     
އަހަރެންގެ ކިޔެވުން ހަމަނިމުނުތަނާހެން ވަޒީފާއެއްވެސް ލިބިއްޖެއެވެ. އެއިރު މަންމަވެސް ޢުމުރުން ދުވަސްވެ މުސްކުޅިވެސް ވެއްޖެއެވެ. އެހެންވުމުން މަންމަ ލައްވާ އިތުރަށް މަސައްކަތް ނުކުރުވުމަށް ޤަސްދު ކުރީމެވެ. އަދި މަންމަ މަސައްކަތު ތަންތަނަށް ނުދިއުމަށް ބުނީމެވެ. އަދިހަމައެއާއެކު އަހަރެންގެ މުސާރައިން ވަކިވަރެއް ކޮންމެ މަހަކުވެސް ދޭގޮތަށް ނިންމާ ލާރިދިނުމުން އެލާރި ގެންދިއުމަށް އިންކާރުކުރަމުން ބުނެލިއެވެ. "މަންމަ އަތުގައި ލާރި އެބަހުއްޓެވެ. ތިފައިސާ ދަރިފުޅު އަތުގައި ބަހައްޓާށެވެ. މަންމަ ލާރިބޭނުމެއްނޫނެވެ. " މީ މަންމަގެ 6 ވަނަ ދޮގެވެ.                                         
ވަޒީފާގައި ލިބުނު ކުރިއެރުމާއެކު އަހަރެންގެ ވަޒީފާ ޖަރުމަނަށްބަދަލުވިއެވެ. ވަޒީފާގައި އެތަނަށްގޮސް ހަމަޖެހިލުމާއެކު، މަންމަ އަހަރެންގެ ކައިރިއަށް ގެންދިއުމަށް ގުޅާލުމުން ޖަވާބުގައި މަންމަ ބުންޏެވެ. "މަންމަ ތިތަނަށް ދިއުމުން ދަރިފުޅަށް ދަތިވާނެއެވެ. އަދި އަމުދުން ބޭރުޤައުމެއްގައި މަންމައަށް އުޅޭކަށް ފަސޭހައެއްވެސް ނޫނެވެ." ތިތާކު މަންމައަކަށް ނޫޅެވޭނެއެވެ. މީ މަންމަގެ 7 ވަނަދޮގެވެ.                                        
ދުވަސްތައްހޭދަވަމުންގޮސް މަންމަ ވަރަށް މުސްކުޅިވެއްޖެއެވެ. ބަލީގެ ފަރުވާކުރަމުން ދަނިކޮށް ޑޮކްޓަރ ދިންޚަބަރާއެކު ފައިދަށުން ބިންގަނޑު ދެމިގެން ދިޔައެވެ. މަންމައަށް ކެންސަރުޖެހިފައި ވާކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. މަންމަގެ ޙާލުބޮޑުވުމުން ހުރިހާކަމެއްދޫކޮށް ވަގުތުން އަހަރެން މަންމަކައިރިއަށްއައީމެވެ. މަންމަ ކައިރިއަށްއައިރު އެނދުމަތީގައި ވަރަށް ޙާލުދެރަވެ، އޮށޯވެލައިގެން މަންމަ އޮތެވެ. އަހަރެން ފެނުމާއެކު ހީނލުމަށް ވަރަށްމަސައްކަތް ކުރަމުންދިޔައެވެ. މަންމައަށް ވަމުންދިޔަގޮތް ފެނިފައި ކުއްލިއަކަށް އަހަރެންނަށް ރޮވިއްޖެއެވެ. މަންމަ ބުނެލިއެވެ. "ދަރިފުޅާއެވެ. ނުރޯށެވެ. މަންމަ މުޅިން ރަނގަޅެވެ. ބަލީގެ އެއްވެސް އުނދަގުލެއްނުވެއެވެ." މީ އަހަރެންގެ ލޯބިވާ މަންމަގެ 8 ވަނަ ދޮގެވެ. މިހެން ބުނުމާއެކު އަބަދުގެ އަބަދަށް މަންމަ މިދުނިޔެއަށް ލޯމަރާލީއެވެ. އަހަރެންނާ މަންމަ މުޅި ޢުމުރަށް ވަކިވެގެން ދިޔައީއެވެ.       
8 ކަމަކަށް މަންމަ ދޮގުހެދިކަމަށް މިބުނަނީ އެކަންކަމަށް މަންމަގެ ހިތުގެ އަޑިން ދަރިއަކަށްޓަކައި ބައެއްކަންކަން ފޮރުވަމުން ދިޔައީތީއެވެ. ބަނޑުހައިނުވާވާހަކަބުނީ ބަނޑު ހައިނުވާތީކީނޫނެވެ. ދަރިފުޅަށް ކާންދިނުމުގެ ބޭނުމުގައެވެ. މަސްމީރުނޫންކަމަށްބުނީ މީރުނުވީމައެއްނޫނެވެ. ބުރަމަސައްކަތްކުރަމުން ދިޔައީ ވަރުބަލިނުވާތީކީވެސް ނޫނެވެ. އަހަރެންނަށްޓަކައި ފައިސާ ހޯދުމަށެވެ. ޖޫސް ނުބުއީކީ ފެންނުބޮވާތީކީނޫނެވެ. މީހަކާ ނީނީވެސް އެހީތެރިކަން ބޭނުންނުވާތީ ކީނޫނެވެ. އެކަމުން އަހަރެންނަށް ގެއްލުމެއްލިބިދާނެކަމަށްބިރުންނެވެ. ފައިސާ ބޭނުންނޫންކަމަށް ބުނީކީ ބޭނުންނުވާތީކީނޫނެވެ. އަދި އަހަރެން ދިރުއުޅޭ ޤައުމަށް ނުދިޔައީކީ ދާހިތްނުވާތީކީ ނޫނެވެ. އެކަމުން އަހަރެންނަށް ދައްޗެއްފޯރަފާނެތީއެވެ. އަދި ވޭންނާޅާކަމަށްބުނީ ވޭންނާޅާތީކީވެސް ނޫނެވެ. އެހުރިހާކަމެއް ކުރަމުން އެދިޔައީ އަހަރެންނަށްޓަކައެވެ. ޙަޤީގަތުގައި މަންމަ ހަދަމުންއެދިޔައީ ދޮގުތޯއެވެ.؟ ދަރިންދެކެ ވާލޯބީގައި އެކުދިންނަށް އުނިކަމެއް ލިބިދާނެތީ ކަންކަން ފޮރުވަނީއެވެ.
މަންމަގެ މުހިންމުކަން އެމީހެއްގެ ޙަޔާތުގައި މަންމަގެ އެހީތެރިކަން ލިބެމުންދާ ކޮންމެމީހާކަށް އެނގޭނެއެވެ. އެއީ ކޮންފަދަ ނިޢުމަތެއްތޯއެވެ. އެހެން ގޮތަކަށް މަންމަ ސިފަކުރާނަމަ، ބުނެވޭނީ މަންމައާއި މަލާއި އެއްވެސް ތަފާތެއްނުވެއެވެ. ދުނިޔެއަކީ މަލެއްނަމަ މަންމައަކީ އޭގެ މީރުވަހެވެ. ދުނިޔެއަކީ ލޯކަމުގައިވަނީ ނަމަ މަންމައަކީ އޭގެ ފެނުމެވެ. އެދުމެއްނެތި އިޚުލާޞްތެރި ލޯތްބެއް ހަމައެކަނި ލިބޭނީ މަންމަގެ ފަރާތުންނެވެ. މަންމަ ނުވާގެއެއް ގަބުރުސްތާނެއްފަދައެވެ.     
މަންމައަށް ހިތާމައެއްދިނުމަށްފަހު އުފަލުގައި ހުރެވުނީ ކާކަށްހެއްޔެވެ. އަރާމާއި ހަމަޖެހުމާއި އުފަލުގެ ތަންމައްޗަކީ އެއީއެވެ.                                       
                                                    ( ނިމުނީ )

މަޞްދަރު: ދި އިސްލާމް
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews