މައި ޞަފްޙާ » » ދިވެހިބަސް މަރުވަނީބާ!

ދިވެހިބަސް މަރުވަނީބާ!

Sunday, April 21, 2013 | 10:26 AM


ދިވެހި ބަހަކީ ދިވެހިންގެ މާދަރީބަހުގެ އިތުރުން ދިވެހިންގެ ޤައުމިއްޔަތުގެ ރަމްޒުއެވެ. އަދި އެއީ ކާބަފައިންގެ ތަރިކައެވެ. ބަހާބެހޭގޮތުން މިޒަމާނުގައި ހޯދޭ އާ ހޯދުންތަކުގައި ވާގޮތުގައި ކޮންމެ ފަނަރަދުވަހަކުން  ބަހެއް މަރުވަމުންދެއެވެ. މީގެ އިތުރުން ހޯދުންތަކުން އެނގިފައިވާ ގޮތުގައި އެތައް ލައްކަ ބަހެއްވަނީ އެބަހަކުން ވާހަކަދައްކައި އުޅުނު  މީހުންނާއެކު މަރުވެ ފައެވެ.  މިގޮތުން ދިވެހިބަސްވެސް ދަނީ މިހާރު މަރުވަމުންނެވެ.

ބަސް މަރުވުމާ ބެހޭގޮތުން ބަހުގެ އެކި އެކި ޢިލްމުވެރިންގެ ބަސްތަކާއި ލިޔުންތަކަށް ބަލައިލާއިރު، ބަސް މަރުވަނީ އެބަހަކުން ވާހަކަދައްކާ އެންމެން އެބަހުން ވާހަކަދެއްކުން ހުއްޓައިލުމުންކަމާއި، ބަހެއް ނެތެމުން ދާއިރު، ވަރަށް އާދައިގެ ލަފްޒުތައް އެހެން ބަހަކުން ހޯދާކަމުގައި ބަހުގެ ޢިލްމުވެރިއެއް ކަމަށްވާ ޑޭވިޑް ކުރިސްޓަލް  ލިޔުއްވާފައިވެއެވެ.  މީގެއިތުރުން ބަހުގެ ޢިލްމުވެރިއެއް ކަމުގައިވާ ވޯލްފްގޭންގް ޑްރެސްލާ ވިދާޅުވެފައިވާގޮތުގައި ބަސް މަރުވަނީ ތަނެއްގައި ގިނަ ބަސްތަކަކުން ވާހަދައްކަން ފެށުމުން ބާރުގަދަ ނުވަތަ ކުރިއަރާފައިވާ ބަސްތައް، ބާރުދެރަ ނުވަތަ ނިކަމެތިވެފައިވާ ބަސްތަކުގެ މައްޗަށް، ގަދަވެގަތުމުގެ ސަބަބުންނެވެ. 

ބަސްމަރުވުމަށް ނުވަތަ ނިކަމެތިވުމަށްތަފާތު އެތައް ސަބަބުތަކެއް މެދުވެރިވާ ކަމުގައި ބަހުގެ ޢިލްމުވެރިން ހާމަކުރައްވާފައި ވެއެވެ. މިގޮތުން
•    ބަސް ކުރިއެރުވުމަށް އަހަމިއްޔަތުކަން ދެވިފައި ނެތުން
 ބަހުގެ ޢިލްމުވެރިންކަމުގައިވާ ޑޭވިޑް ކުރިސްޓަލް  އަދި ވޫރމު ލިޔުއްވާފައިވާ ގޮތުގައި އަމިއްލަ ބަހަށްވުރެ ބޮޑަށް އެހެން ބަސްބަހަށް އަހަމިއްޔަތުކަންދީ، އަމިއްލަ ބަހުގައި ހުންނަ ބަސްބަހަށް އެހެން ބަސްބަހުގެ ލަފްޒުތައް ބޭނުންކުރާނަމަ، އެހެންބަސްތައް އަމިއްލަ ބަހުގެ މައްޗަށް ކުރިއަރާ، އަމިއްލަ ބަސް އުވިގެން ދެއެވެ. ދިވެހިރާއްޖޭގައި ބަސް ކިޔަވައިދެނީ މާދަރީބަސް (ދިވެހިބަސް) ދެމެހެއްޓުމަށް ބާރުލިބޭ  ގޮތަށްވުރެ ބޮޑަށް، އެހެންގޮތަކަށް ކަމުގައި، ދިވެހި ލިޔުންތެރިއެއް ކަމުގައިވާ އަލްފާޟިލް އަލީ އިސްމާޢީލް ހާމަކުރައްވާފައިވެއެވެ. މިމޭރުމުން ދިވެހިބަހުގެ އިތުރު ލިޔުންތެރިއެއް ކަމުގައިވާ އލްފާޟިލް ޢަބްދުﷲ ޒަމީރު ލިޔެފައިވާގޮތުގައި، ދަރިފުޅު ލިޔަންކިޔަން ދަސްކުރަންފަށާ ޢުމުރުން ފެށިގެން  މައިންބަފައިންނާއި، ބެލެނިވެރިން، މަސައްކަތްކުރަނީ، ދިވެހި ބަހުގެ ބަދަލުގައި އިނގިރޭސިބަހަށް، ދަރިން އަހުލުވެރި ކުރެވޭތޯއެވެ. ދިވެހިބަސް އުނގަންނައިދިނުމަށްދޭ، ސަމާލުކަމަށް ވުރެ ބޮޑަށް، އިނގިރޭސިބަސް، އުނގެނުމަށް ނުވަތަ އުނގަންނައިދިނުމަށް، ދެވޭ އަހަމިއްޔަތުކަން އިތުރުވުމަކީ ދިވެހިބަސް، މަރުވުމަށް ނުވަތަ ނިކަމެތިވުމަށް މެދުވެރިވާ ސަބަބެއްކަމުގައި ދިވެހިބަހުގެ މާހިރުން ހާމަކުރައްވާފައިވެއެވެ.

•    ބަހަށް މުޖުތަމަޢުގައި ދެވިފައި އޮންނަ މަޤާމް
        ބަހަށް  މުޖުތަމަޢުގައި ދެވިފައި އޮންނަ މަޤާމަކީވެސް، ބަސް ދެމިއޮތުމާއި، މަރުވުމާއި، ގުޅިފައިވަ ކަމެއްކަމުގައި  ދިވެހި ބަހުގެ ލިޔުންތެރިޔާ އަލްފާޟިލް ޢަލީ އިސްމާޢީލް  ލިއުއްވާފައިވެއެވެ.  މި މުސަންނިފު އިތުރަށް  ލިއުއްވާފައިވާ ގޮތުގައި އިނގިރޭސިބަހަކީ، ވިޔަފާރިއާއި، ސިޔާސީ، އިޖްތިމާއީ، އަދި އިޤްތިޞާދީ ސަބަބުތަކަށް ބޭނުންކުރާ، ފުރަތަމަ ބަސްކަމުން ދިވެހި ކުންފުނިތަކުގެ މެދުގައިވެސް  ވަރަށް ގިނަފަހަރަށް މުޢާމަލާތުކުރުމުގައި، ޚާއްޞަކޮށް ލިއުމުންކުރެވޭ މުޢާމަލާތްތަކުގައި، ބޭނުންކުރެވެނީ އިނގިރޭސި ބަހެވެ. ދިވެހިރާއްޖޭގެ ފިހާރަތަކާއި، ވަށައިގެން ފެންނަ "ބިލްބޯޑުތަކާއި" އިންފާރުތަކުގައި ހުންނަ އިޝްތިހާރުތައްވެސް ފަރުމާކޮށްފައި ހުންނަނީ ދިވެހިބަހާ ބީރައްޓެހިގޮތަކަށެވެ. ދިވެހި ބަހަށް މިފަދަ ނިކަމެތި މަޤާމެއް  ދެވުމަކީ ދިވެހިބަސް މަރުވުމަށް ނުވަތަ ނިކަމެތިވުމަށް ދިމާވާ ސަބަބެއްގެ ގޮތުގައި ދިވެހިބަހުގެ މާހިރުން ފާހަގަކުރައްވާފައި ވެއެވެ.

•    ބިދޭސީން ޤައުމުގައި ގިނަވުން
އެހެންޤައުމުތަކުން އަންނަ ބީދޭސީންނާއި، ވަޒަންވެރިން، އެޤައުމުގެ ބަހަށް ބަދަލުތައް ގެނައުމުގެ ސަބަބުން، ބަހަށް ބަދަލުތަކެއް އައިސް، ބަސް މަރުވާކަމުގައި، ބަހުގެ ޢިލްމުވެރިން ކަމުގައިވާ، ޑޭވިޑް ކުރިސްޓަލް އަދި ވޫރމު ލިއުއްވާފައިއެވެ. ހޯދުންތަކުން ދައްކާގޮތުން  ދިވެހިރާއްޖޭގައި ކޮންމެ ފަސް ދިވެހިންނަށް، ބިދޭސީއަކު ދިރިއުޅެމުން އެބަދެއެވެ. މިގޮތަށް ބިދޭސީން ގިނަވުމުގެ ސަބަބުން ދިވެހި މުޖުތަމަޢުއަށް ނޭދެވޭ އަސަރު ކުރެއެވެ. އެހެންކަމުން ދިވެހިބަހުގެ ގިނަ ޢިލްމުވެރިން ހާމަކުރައްވާ ގޮތުގައި ރާއްޖޭގައި ބިދޭސީން ގިނަވުމުގެ ސަބަބުން  ދިވެހި ބަހަށް ބަދަލުގެނެސް ދިވެހިބަހުގެ ލަފުޒުތައް ދިވެހިންނަށް ނޭނގޭވަރަށް ބަދަލުކޮށް ވާހަކަދައްކަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ދިވެހިބަސް ނިކަމެތިވެ، ދިވެހިބަސް މަރުވަމުންދާ ކަމުގައެވެ.

•    ބަހުރުވައިގެ ތަފާތުތައް
        ދިވެހިބަހުގެ ގިނަ ޢިލްމުވެރިން ހާމަކުރައްވާގޮތުގައި ވާހަކަދައްކަން ބޭނުންކުރާ ބަހުރުވައަށް އަންނަ ބަދަލެއްގެ ސަބަބުން ދިވެހިބަސް ނިކަމެތިވުމާއި، މަރުވުމަށް އަސަރުކުރެއެވެ. މިގޮތުން  ދިވެހި އަދަބީ ލިޔުންތެރިޔާ އަލްފާޟިލް ޢަލީ އިސްމާޢީލް ލިޔުއްވާފައިވާގޮތުގައި، ދިވެހި ބަސް މަރުވުމުގެ ކުރިން ބަހުރުވަތައް މަރުވުމަކީ ވެދާނެކަމެއްކަމުގައެވެ. މީގެ އިތުރުން ދިވެހިބަހުގެ އަދަބީ ލިޔުންތެރިއެއްކަމުގައިވާ ޢަބުދުލް ޢަޒީޒް  ޖަމާލު އަބޫބަކުރު ލިޔުއްވާފައިވާގޮތުގައި  ރާއްޖޭގެ ސަރަޙައްދު ކުޑަކަމާއެކުވެސް، ދެކުނުގެ އަތޮޅުތަކާއި، އުތުރުގެ އަތޮޅުތަކުގެ ބަހުރުވައިގެ ތަފާތުކަމުން  އެއްބަޔަކު ކިޔާއެއްޗެއް، އަނެއްބަޔަކަށް  އޮޅުންފިލުން ވަރަށް އުނދަގުލެވެ. އަދި އަހުލުވެރިންނާ މުއާމަލާތު ކުރަންނޭންގޭ ހިސާބަށް ބަހުރުވަ ބަދަލުވެއްޖެނަމަ، އަދަބީގޮތުންނާއި "ޖުޢުރާފީގޮތުން" ވަކިބަހެއް ކަމުގައި ބެލެވިދާނެކަމުގައިވެސް މުސަންނިފް ލިޔެފައި ވެއެވެ. އެހެންކަމުން މިފަދަ ކަންކަމަށް ބަލާ، ބަހުރުވައަށް އަންނަ ބަދަލުގެ ސަބަބުން ދިވެހިބަސް، މަރުވުމަށް އަސަރުކުރާކަމުގައި ދިވެހިބަހުގެ އިލްމުވެރިން  ހާމަކުރެއެވެ.

•    ދުނިޔެ ބަވަނަވުން ނުވަތަ "ގްލޯބަލައިޒޭޝަން"
        ބަވަނަ ކުރުން ނުވަތަ "ގްލޯބަލައިޒޭޝަން"ގެ ސަބަބުން އެކިއެކި އާދަކާދަތައް ދުނިޔޭގެ އެކިކަންކޮޅަށް ފެތުރިގެންގޮސް، ޤައުމެއްގެ ބަހަށް "ގްލޯބަލައިޒޭޝަން"ގެ އަސަރުކުރުމަކީ ބަސް މަރުވުމަށް، މެދުވެރިވާ އަނެއް ސަބަބުކަމުގައި ދިވެހި އަދަބީ ލިޔުންތެރިޔާ ޑރ. ޙަސަން ޙަމީދު  ލިޔުއްވަފައިވެއެވެ. ބަހުގެ ޢިލްމުވެރިޔާ ގިޑެންސް  ލިޔުއްވާފައިވާގޮތުގައި "ގްލޯބަލައިޒޭޝަން"ގެ ސަބަބުން އެއްޤައުމެއްގެ ބަސް، ސަޤާފަތް، އަދާކާދަތައް، އަނެއްޤައުމާއެކު، ޙިއްޞާ ކުރުމުގެ ސަބަބުން، އެހެންޤައުމުތަކުގެބަހާއި، އާދަކާދައާއި، ސަޤާފަތަށް، އަސަރުކުރާކަމުގައެވެ. މިގޮތުން ދިވެހިބަހުގެ ޢިލްމުވެރިން ހާމަކުރާގޮތުގައި، ދުނިޔެ ބަވަނަ ވުމުގެ ސަބަބުން އެހެންޤައުމުތަކުގެ ބަސް، ރާއްޖޭގައި ފެތުރި، ދިވެހިބަހަށް ދިވެހިންދޭންޖެހޭ ސަމާލުކަމަށްވުރެ ބޮޑަށް، އެހެން ބަސްތަކަށް ސަމާލުކަން ދެވުމުގެ ސަބަބުން ދިވެހިބަސް މަރުވެ ނިކަމެތިވެގެން ދެއެވެ.

•    ޤުދުރަތީ ކާރިޘާ ތަކުގެ ސަބަބުން
ޤުދުރަތީ ކާރިޘާއެއްގެ، ނުރައްކާތެރި ބައްޔެއް، ނުވަތަ ހަނގުރާމައެއް ފަދަ ކަމެއްގެ ސަބަބުން ބަހަކުންވާހަކަދައްކާ، އެންމެން މަރުވުން، ނުވަތަ ނެތި ފަނާވެދިއުމަކީ، ބަސް މަރުވުމަށް، މެދުވެރިވާ ސަބަބެއްކަމުގައި، ބަހުގެ ޢިލްމުވެރިއެއްކަމުގައިވާ ވޫރމް ލިޔުއްވާފައިވެއެވެ. މީގެ އިތުރުން ބަހުގެ ޢިލްމުވެރިޔާ ޑޭވިޑް ކުރިސްޓަލް ލިޔުއްވާފައިވާ ގޮތުގައި، ނުރައްކާތެރިބައްޔެއްގެ ސަބަބުން، ބަހަކުންވާހަކަދައްކާ އެންމެން، ނެތި ދިއުމަކީ، ބަހެއް މަރުވުމަށް، މެދުވެރިވެދާނެ ސަބަބެއް ކަމުގައެވެ. މިކަން އިތުރަށް ތަފްޞީލް ކޮށްދިނުމުގެ ގޮތުން ޑޭވިޑް ކުރިސްޓަލް އިތުރަށް ލިޔުއްވާފައިވާ ގޮތުގައި، ހުޅަނގުގެ މީހުން އެމެރިކާގައި ވަޒަންވެރިވުމަށް ފަހު އެމެރިކާގެ އާބާދީގެ 90 އިންސައްތަ މީހުން ބައްޔެއްގެ ސަބަބުން މަރުވެފައިވެއެވެ. ދިވެހި މުސައްނިފެއް ކަމުގައިވާ އަލްފާޟިލް ޢަބުދުލް ހަސަން ލިޔުއްވާފައިވަނީ، ޤުދުރަތީ އާފާތްތަކުގެ ސަބަބުން ބަސް އުވިގެން ދާކަމުގައެވެ. އެހެންކަމުން ދިވެހިބަހުގެ އިލްމުވެރިން ހާމަކުރައްވާ ގޮތުގައި ޤުދުރަތީ ކާރިޘާތަކުގެ ސަބަބުން  ދިވެހިބަސްވެސް މަރުވެދާނެމަކުގައެވެ.

ބަހުގެ ޢިލްމުވެރިން ބަހެއް މަރުވުން ނުވަތަ "ލެންގުއެޖް ޑެތް"އާއި ބެހޭގޮތުން، ދައްކާފައިވާ ވާހަކަތަކަށް ބަލާލާއިރު، ދިވެހިބަސް، އަދި އެހެނިހެން ބަސްތައްވެސް މަރުވުމަށް، ތަފާތު ސަބަބުތަކެއް އެބަހުއްޓެވެ. އެހެންކަމުން ކޮންމެ ދިވެހިދަރިއަކުވެސް އަޅުގަނޑުމެންގެ އަމިއްލަވަންތަ، ތަރިކަ ރައްކާތެރިކުރުމަށް މަސައްކަތްކުރެންޖެއެވެ.
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews