މައި ޞަފްޙާ » » ދޮންހިޔަލައާއި، އަލިފުޅު(ދެވަނަބައި)

ދޮންހިޔަލައާއި، އަލިފުޅު(ދެވަނަބައި)

Tuesday, April 23, 2013 | 8:53 AM

ޢަލީއާއި، ސަކީނާގެ މަސައްކަތް
ޢަލީ ރުއްއަރާއިރު ތިރީސްފަސް ރުކުން ގެންނަރާ، ސަކީނާ، މީހަކަށް އެއްޗެއް ނުބުނެ ދަރުހޯދަމުން ކައްކައި ހަދައެވެ. އަދި ގޭދޮށްކަހައި ތިންއިރު ކައްކައި، ކާންދީ ހަދައެވެ. ކޮންމެ ދުވަހަކު ހަވީރުވެސް ޢަލީ، ރުކުން އަންނައިރަށް ފެންހޫނުކޮށްފައި މިފެން ނިވާފައި ޢަލީ ފެންވަރަން ތައޔާރު ކޮށްފައި ހުރެއެވެ. އަދި ކުޑަކޮށް ހުތްހަކުރުކޮޅަކާއި، ކާށި ވިއްކައި ހަދައެވެ. އެއްލާރި ދެލާރިއަށް ހަދައި ދުނިޔޭގެ އުޅުން ފަހިވެ ތިޔާގިކަން އިތުރުވެ، މުއްސަނދިކަމުގެ ޢަލާމަތްތައް ގެއިން ފެންނާން ފަށައިފިއެވެ. ދެން ޢަލީ އަންހެނުންގެ މުރާލިކަމަށް ވިސްނާފައި ހިތައްއެރިއެވެ. އޭނާއާއި އެއްވަރަށް އަހަރެންގެވެސް ޙަރަކާތް އިތުރުކުރާން ވާނެއެވެ. މިހެން ހީކޮށް އަލުން ސާޅީސް ރުކުގައި ކާލި (ހަރު) ބަނދެފިއެވެ. ހަތްދިހަ ފަސް ރުކުން ގެންނަރާ މީހަކަށް ބަދުބަހެއް ނުބުނެ ދަރުހޯދަމުން މިރާ ކައްކަމުން ގޭދޮށް ކަހަމުން ބޯފެން ގެންނަމުން ބޮނބިތަޅާ ރޯނުވެށުމުގެ މަސައްކަތް ފުދޭވަރަށް ކުރަމުން އެގެންދަނީއެވެ. ހަމަ ޢަލީވެސް ހަތްދިހަ ފަސް ރުކަށް، ދުވާލު ތިންއިރު އަރަމުން ގެންދެއެވެ. ފަތްގަނޑެއްހަދައި އެތެއް އޮޅާލަދޭ ދެވަނަ މީހަކު ނެތެވެ. ދެމީހުންގެ ޙަރަކާތާއި މުރާލިކަން ދާދި އެއްވަރެވެ. މިދެމީހުން މިގޮތުގައި ދުނިޔޭގައި އުޅެނިކޮށް ސަކީނާ ހައްޔަރުގައި އިނދެ ފިރިހެން ކުއްޖަކާއިގެން ދުޅަހެޔޮވެއްޖެއެވެ. މީގެ ފަހުގައި އެއްކަންތައް ސަކީނާކޮޔަށް އިތުރުވެއްޖެއެވެ. ޅަދަރިޔަކު އޮތީމާ، އެދަރިއަށް ކިރުދިނުމެވެ. ޢަލީއަށް އިތުރުވީކަމަކީ، ހަމައެކަނި ގެއަށް ވަން ފަހަރަކު ދަރިފުޅާއޭ، ގޮވާލުމެވެ. ދެން މިގޮތުގައި ޅަދަރިއަށް ކިރުދެމުން ގޭގައި އެހެންނާވެސް ކޮށްއުޅޭ މަސައްކަތްތައް ކުރަމުން ގެންދެއެވެ. މިގޮތުގައި އުޅޭތާ ތިންއަހަރެއްހައި ދުވަސް ވޭތުވީއިރު ޢަލީއަށް ތިން ފިރިހެން ދަރީން، ލިބިއްޖެއެވެ. ކުދީން ބަލަހައްޓަނީ، ޢަލީގެ މަންމައެވެ. މިގޮތްމަތީން ދުނިޔޭގައި އުޅެނިކޮށް ޢަލީގެ މަންމައަށް ރޯގާއެއްޖެހި، ދެތިންދުވަހު، ހުންއައިސްފައި، ރައްބީގެ ތަނަވަސް ރަޙްމަތަށް ދަތުރުކޮށްފިއެވެ. ޢަލީގެ ދެމަފިރިން އެކަނި ވެއްޖެއެވެ. ކުއްޖަކު ބަލައިދޭނެ މީހަކުވެސް ދެން ނެތެވެ. މީގެ ފަހުން އަނެއްކާވެސް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ޢަލީއަށް ހަތަރު ފިރިހެން ދަރީން ލިބިއްޖެއެވެ. މިހަރުކުދީންވެސް، ތިބެގެން ބޮޑުވެއެވެ. ކުދީން ބޮޑުވާއިރުގައި، ކުދީން ތަރުބިއްޔަތު ކުރުމުގެ ގޮތުން ޢަލީ ރުއްއެރުން ހުއްޓާލާފައި ގޭގައި ކުދީންގެގާތުގައި ހުންނާން ފަށައިފިއެވެ. ހަތްއަހަރު ދުވަހުގެތެރޭގައި އައްޔަށް ލިބުނު ހަތްދަރީން ބޮޑުވާއިރުގައި ދޮށްޓެއް، ހަގެއް ބޭރުން އަންނަ މީހަކަށް ނޭނގޭގޮތުގައި ހަތްދަރީން  ބޮޑުވެއެވެ. ހަގަށްހުރި ކުއްޖާއަށް ހަތަރު އަހަރު ވުމާއެކު، ހަތްކުދީން ޚިތާނުކޮށްފިއެވެ. މިޚިތާނު ކުރެއްވި އެދުރުބޭކަލަކީ، އެކުދީންގެ ބައްޕަ ރައިވެރި ޢަލީއެވެ. ޚިތާނު ބަލީން ގަދަވުމާއެކުގައި އިސްލާމްދީނުގެ ފެންއަޅައިފިއެވެ. މީގެފަހުން ހަތްފިލާ ހަދައި، ދަރިންނަށް އަލިފުބާ ޖަހައިދީ ޤުރުއާން ކިޔަވައިދޭން ފަށައިފިއެވެ. މިފަހަކު ޢަލީކުރާ އެއްވެސް މަސައްކަތެއް ނެތެވެ. ދަރީން ގޮވައިގެން ވަކި ތަނެއްގައި އިނދެ އަކުރާއި ފިލިތައް ދައްކައި ކިޔާނޭގޮތް، ބުނެދީ ހަދަނީއެވެ.          
ދެއަހަރެއްހައި ދުވަހުގެތެރޭގައި ޢަލީގެ ހަތްދަރީން ޤުރުއާން ކިޔަވައި ޚަތިމްކޮށްފިއެވެ. އަދި ކޭން ކައްކައި މަރޮށީ، އެންމެ ބޭކަލުން މިޖަމާޢަތުގައި، ޞަލަވާތް ފާތިޙާ ކިޔަވައިފިއެވެ. މިއަށްފަހު ޢަލީގެ ހަތްދަރީން  މިޖަމާޢަތަށްއައިސް ދަސްކިޔައި ނިންމައިފިއެވެ. ދެން މިހާރު ޢަލީގެ މަސައްކަތަކީ، ދަރީންލައްވައި ލިޔެކިޔުމުގެ މަސައްކަތް ކުރުވުމެވެ. ފުދޭވަރަށް ކުދީންނަށް މިކަންތައް ދަސްވުމުން، ދެން އުނގަންނައިދޭންފެށީ، ހިސާބުގެ ކަންތަކެވެ. މިކަންތައްވެސް ފުދޭވަރުވީމާ، މިކަންތައްވެސް ހުއްޓާލައި ނިޔަމިކަން ކިޔަވައިދޭން ފަށައިފިއެވެ. ފަނަރަވަރަކަށް ދުވަހުގެތެރޭގައި، މިކަން ދަސްކޮށް ނިމިއްޖެއެވެ. ދެން، އަތްތެރި މަސައްކަތް ދަސްކޮށްދިނުމަށް ފައްޓައިފިއެވެ. އަދި، ލިޔެ، ލާޖެހުން، ލާފެންކުރުން، ރަންރިހިހެދުން، ކިއްސަރުވަޑާންކުރުން، ތެދުއުއި ވަޑާންކުރުން، ފޭރާން ކުރުމާއި ބޭސްފަންޑިތަ ހެދުން ދަސްކޮށްދޭން ފައްޓައިފިއެވެ. މިއެންމެހައި ކަންތައް ދަސްކޮށްދިނުމަށްފަހު، ދެން މިހާރު ޤުރުއާނުގެ އެކި ލަފްޒުގެ އަކުރުތައް ދަސްކޮށްދީ ތަޖްވީދުގެ މަގަށް ކިޔަވާން ބުނެދީ ނިމިއްޖެއެވެ. ދެންމިހާރު ހަތްދަރީންނަށް، އެ ދަސްކޮށްދެނީ މަތިމަތިފުށުން، ވާރުތަވަމުން އަންނަ ރައިވަރެކެވެ. ދެން މިހާރު މިހަތްކުދީންނަށް ވުރެ، ވަކި ރަނގަޅުބަޔަކު މަރޮއްޓަކު ނެތެވެ. ކުދީންގެ އަޑު މަޚްރަޖަ ރީއްޗެވެ. ޤުރުއާން ކިޔަވާން ތިއްބަސް އަޑުއަހާހިތުން މީހުން އައިސް ތިބެއެވެ. މިގޮތުގައި މިކުދީން އުޅެމުންއައިސް ދޮށްޓަށް ހުރި ކުއްޖާއަށް ސާދަ ނުވަތަ ފަނަރަ ވީތަނާ މަރޮށި ކަތީބުގެ ހިތަށް އެރިއެވެ. "ރައިވެރި ޢަލީގެ ހަތްދަރީން ނިގޮތަށް ކުރިއަށްދަނީ ވިއްޔާ އަހަރެމެންގެ ކިބައިގައިވާ ވެރިކަން އަތުލުމަކީ، ވަރަށް ގާތްކަމެކެވެ. ކަށަވަރެވެ. މިއަދު، އަހަރެން ލޯމަރާލިޔަސް އަހަރެމެންގެ ދަރިއަކަށް މިވެރިކަމެއް ނުލިބޭނެއެވެ. ރައިވެރި އައްޔާ ދިމާއަށް ވެރިކަން ދާނެއެވެ. ވީމާ، މިހެން ހުންނާކަށް ނުވާނެއެވެ. މިކަމާމެދު ކޮންމެވެސް މަސައްކަތެއް ކުރާންވާނެއެވެ." އެއްދުވަހަކު ކަތީބުކަލޭގެ ގެޔަށް ގޮސް ކާބަފައި ޒަމާނުގައި ފޮތް އަޅާފައި ހުންނަ އެއްތެޔޮ ވަށްޓެއް ނަގައި މޮހާލައިގެން އެކި ފޮތް ވަކިވަކީން ބަލައި ހަދަނިކޮށް ވަލުކަރުދާހުގައި ލިޔެފާއޮތް ފޮތެއް ބަލަމުން ދާއިރުގައި މީނާ ހިތްއެދޭ ކަހަލަ ފަންޑިތައެއް ފެނުމާ އެކުގައި އެފަންޑިތަ ހިތަށްނަގައި މިކަންތައް ކުރުމަށް އަވަސްވެގަތެވެ. (ނުނިމޭ)                                    
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews