މައި ޞަފްޙާ » » ޢަބުރުވެރިޔަކު ޢިއްޒަތް ނަގާލާފައި، ފަނޑިޔާރުގެއަށް ދިއުން ފަންސާސް ކޮއްޓޭ ބޮލި ގެއްލުމަށްވުރެން މާދެރަޔޭ

ޢަބުރުވެރިޔަކު ޢިއްޒަތް ނަގާލާފައި، ފަނޑިޔާރުގެއަށް ދިއުން ފަންސާސް ކޮއްޓޭ ބޮލި ގެއްލުމަށްވުރެން މާދެރަޔޭ

Sunday, June 23, 2013 | 2:39 PM

ދުނބުރިފަތް ވެލާނާ ތަކުރުފާނަކީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީނުލް އައްވަލު މިރަދުންގެ ރަސްކަމުގެ ޒަމާނުގައި އުޅުއްވި ބޮޑު މުސްކުޅި ބެއިކަލެކެވެ. މިތަކުރުފާނުން އުމުރުން ދުވަސްވެ މުސްކުޅިވެސް ވުމަށްފަހު ދެފައިގެ ކަށިމަތީގައި ވައްތަރެއްގެ ރޯޔެއް ހެދި ފަސޭހަނުވެ އެފައިގައި ހުންނަނީ ދުނބުރިފަތުގައި ތެޔޮލައިގެން ބަނދެފައެވެ. ދުނބުރިފަތް ވެލާނާތަކުރުފާނޭ ކިޔުނީ މިހެންވެގެންނެވެ. މިތަކުރުފާނުން އެއްދުވަހަކު ހަކުރާ ގަނޑުވަރުދޮރޯށީގާ ހުންނަވަނިކޮށް އެތަކުރުފާނަށް ފަންސާސް ކޮއްޓޭ ބޮއްޔަށް ދަރައި އޮންނަ މީހަކު އެހެންލާފައި ދާތަން ފެނިއްޖެއެވެ. އެމީހަކީ މާލޭގެ އާދައިގެ ވިޔަފާރިވެރިއެކެވެ. މީނާ މިހެންދަމުން ވެލާނާތަކުރުފާނު ހުންނެވިޔަތީވެ ދޮރޯށިދޮށަށް މަޑުޖައްސައިލީމާ އެތަކުރުފާނު ބުނުއްވައިފިޔޭ.
ތަކުރާޔޭ – އަދިވެސް އެއްކަލަ ފަންސާސް ކޮއްޓޭބޮލި………………… މިހިސާބަށް ބުނުއްވާއިރަށް އެކަލޭގެ ބުނެފިޔޭ. ތަކުރުފާނުވޭ. ތިޔަކަމާ ފަނޑިޔާރުގެ……………..މިހެން ހަމަބުނުމުން. އެތަކުރުފާނު – އާނ އާނ ކަނޑާލައިފީމޭ. ކަނޑާލައިފީމޭ. ކަލޭގެ ތިޔަ ދާތާކަށް އަވަހަށް ގޮސްބަލާށޭ. ދެން އެކަލޭގެ ހިނގައްޖެއެވެ. ދިއުމުން އެތާހުރި މީހަކު ނަންގެންފިޔޭ. އެއޮތްހުރިހާ އެއްޗެހި. ހަމަ ތިޔަކަނޑާލެއްވީތޯޔޭ.
ތަކުރުފާނު: އާނޔެކޭ. އެހެންނާފަހެ. މަށަށްވެސް މިހެދުނީ ގޯހެކޭ. ތިމާޔަށްވުރެ ދަށުދަރަޖައިގެ މީހަކު ރުޅިއަންނާނޭ ކަހަލަ ވާހަކަޔެއް މަގުމަތީން ލައިގަނެގެން އެމީހާޔާ ދިމާޔަށް ބުނުމަކީ. އެބުނާމީހާގެ އަބުރަށް އެމީހާ ރައްކާތެރިނުވާކަމުގެ ދަލީލެކޭ. ދެން ފަނޑިޔާރުގެޔަށް ދިޔުން ފަންސާސް ކޮއްޓޭބޮލި ގެއްލުމަށްވުރެން މާދެރަޔޭ މިހެންވީއިރު ދެންވީ ކަނޑާލާންނޫންހޭ.
=ޙުސައިން ޞަލާޙުއްދީން، ދިވެހީންގެ ވާހަކަ=

Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews