މައި ޞަފްޙާ » » ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 6

ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 6

Thursday, November 21, 2013 | 9:49 AM


`
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
           ފޮނަދޫ
         ދިވެހިރާއްޖެ. 


27 މާރޗް 2011 ގައިބޭއްވުނު އަތޮޅުކައުންސިލްގެ ހަވަނަ ޖަލްސާގެ ޔައުމިއްޔާ

2011 މާރޗް 27 ވީ އާދީއްތަ ދުވަހު ހެނދުނު 11:00 ގައި އަތޮޅު ކައުންސިލްގެ ހަވަނަ ޖަލްސާ އަތޮޅުއޮފީހުގެ ޖަލްސާކުރާމާލަމުގައި ބޭއްވުނެވެ. މި ޖަލްސާގައި ކައުންސިލްގެ ރައީސަކު ހޮވުމަށް ހަމަޖެހިފައިވާތީ ކައުންސިލްގެ ރައީސަކު ހޮވެންދެން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަތޮޅުވެރިޔާގެ އެހީތެރިޔާ އަލްފާޟިލް މުޙައްމަދު ޖަމީލެވެ.  އަތޮޅުކައުންސިލް 8 މެމްބަރުންވެސް ޖަލްސާއަށް ޙާޟިރުވެވަޑައިގެންނެވިއެވެ. ޖަލްސާ ފެށުމުގެ ގޮތުން ޖަލްސާގެ ޙާޟިރީއާ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް އިއްވުމަށްފަހު އެޖެންޑާ ފާސްކޮށް  އެޖެންޑާގައިވާގޮތުގެމަތިން ކުރިއަށްގެންދެވުނެވެ. އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމަށް އަޅުގަނޑު ހޮވުމުން ހަމަޖެހިފައިވާގޮތުންގެމަތިން ޖަލްސާގެ ރިޔާސަތާ ޙަވާލުވެ ޖަލްސާކުރިއަށްގެންދިޔައީ އަޅުގަނޑެވެ.  އަތޮޅު ކައުންސިލްގެ ރައީސާއި ނާއިބުރައީސް ހޮވުމުގެ ވޯޓްނެގުމުގެ އިދާރީ މަސައްކަތް ކުރެއްވީ އަތޮޅުކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާ އަތޮޅުވެރިޔާގެ އެހީތެރިޔާ މުޙައްމަދު ޖަމީލާ، އަތޮޅުވެރިޔާގެ އެހީތެރިޔާ އާއިޝަތު ޢިލްމުއްނިސާއާ، އެޑްމިނިސްޓްރޭޓިވް އޮފިސަރ އާއިޝަތު ނުޒުހާއެވެ.  11:00 ގައި ފެށުނު މި ޖަލްސާ 12:10 ގައި މެދުކަނޑާލުމަށްފަހު 14:20 ގައި ފެށިގެން ކުރިއަށްދިޔަ މިޖަލްސާ ނިމުނީ 14:45 ގައެވެ . ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓީ އ.އެޑްމިނިސްޓްރޭޓިވް އޮފިސަރ މޫނިސާ ޖައުހަރީ އެވެ.
ޖަލްސާއަށް ހުށަހެޅުނު މައްސަލަތަކާއި ނިންމުނުގޮތް
މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ 2 މައްސަލައެވެ.

1.    ކައުންސިލްގެ ރައީސާއި ނާއިބުރައީސް ހޮވުން.
ފުރަތަމަ ކުރިއަށްދިޔައީ ކައުންސިލްގެ ރައީސަކު ހޮވުމެވެ. ކައުންސިލްގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ރައީސްކަމުގެ މަޤަމަށް ކުރިމަތިލެއްވީ ފޮނަދޫ ދާއިރާގެ މެމްބަރ ފޮނަދޫ އަންނާރުމާގޭ އިބްރާހީމް އަނީސެވެ. އިތުރު ބޭފުޅަކު ރައީސްކަމުގެ މަޤާމަށް ކުރިމަތި ނުލެއްވުމުން ވޯޓަކާނުލާ ކައުންސިލްގެ ރައީސްގެ މަޤާމަށް ފޮނަދޫ ދާއިރާގެ މެމްބަރު ފޮނަދޫ އަންނާރުމާގޭ އިބްރާހީމް އަނީސް ހޮވިވަޑައިގެންނެވިއެވެ. 
ކައުންސިލްގެ ނާއިބްރައީސް ކަމުގެ މަޤަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން އެކަމަށް އެދި ހުށަހަޅުއްވާފައިވަނީ އިސްދޫ ދާއިރާގެ މެމްބަރު އިސްދޫ އާސްމާނުވިލާ އިބްރަހީމް ޙަމީދާ، ގަމުދާއިރާގެ މެމްބަރު ގަމު ގުލްފާމްގޭ މުޙައްމަދު ފާއިދެވެ. އެދެބޭފުޅުންގެ ތެރެއިން ނާއިބު ރައީސަކު ހޮވުމަށްޓަކައި ނަގާ ސިއްރުވޯޓް ނެގުމުގެ މަސައްކަތް ކުރިއަށް ދިޔައެވެ. މިވޯޓްގައި ހުރިހާބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އިސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޙަމީދަށް ލިބިވަޑައިގަތީ ދެވޯޓެވެ . ގަމު ދާއިރާގެ މެމްބަރ މުޙައްމަދު ފާއިދަށް ލިބިވަޑައިގަތީ ހަވޯޓެވެ. އެހެންކަމުން އަތޮޅު ކައުންސިލްގެ ނާއިބުރައީސްގެ މަޤާމަށް ހަ މެމްބަރުންގެ އަޣުލަބިއްޔަތުން ހޮވިވަޑައިގަތީ ގަމުދާއިރާގެ މެމްބަރ މުޙައްމަދު ފާއިދެވެ .

2.    ކައުންސިލް ހިންގާ ޤަވާޢިދު ފާސްކުރުން .

ޤަވާއިދު ފާސްކުރުމާމެދު މެމްބަރުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމުން އިސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޙަމީދު ހުށަހެޅުއްވީ ޤަވާއިދުގެ 41 ވަނަ ނަންބަރުގައިވާ ޔައުމިއްޔާ އިއްތިފާޤުން ފާސްކުރުމުގެ ބަދަލުގައި އަޣުލަބިއްޔަތުން މިހެން އޮތުން ރަނގަޅުވާނެކަމަށެވެ. މިހުށަހެޅުމާގުޅިގެން އަޅުގަނޑު ދެންނެވީ އެއީ ޖަލްސާގައި ހުށަހެޅޭ މައްސަލަތައް ފާސްކުރުމުގެ ވާހަކަނޫންކަމަށާއި އެޖަލްސާއެއް ހިނގާ ދިޔަގޮތުގެ ޔައުމިއްޔާ އަކީ އެބޭފުޅަކަށް ގެންނަން ފެންނަ އިސްލާޙެއްއޮތްނަމަ އެ އިސްލާހަކާއެކު ހުރިހާމެމްބަރުން އިއްތިފާޤުވެގެން ފާސްކުރާ އެއްޗެއްކަމަށެވެ. މާވަށު ދާއިދާގެ މެމްބަރު އަޙުމަދު މުޢިއްޒު ހުށަހެޅުއްވީ ޤަވާއިދުގެ 31 ވަނަ މާއްދާގެ (ހ) ގައި "ކައުންސިލްގެ ބައްދަލުވުންތަކުގައި އާއްމުންގެ ތެރެއިން ބައިވެރިވެވޭނީ ކައުންސިލްގެ ރައީސް ދަޢުވަތު ދެއްވާ ފަރާތަކަށެވެ." މިހެން އޮތުމަށްވުރެ ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ޖަލްސާތައް ކުރިއަށްގެންދިއުމަށްޓަކައި "ޖަލްސާގައި ބައިވެރިވުމަށްއެދި އެއްވެސް ފަރާތަކުން ހުށަހަޅައިފި ނަމަ އެޖަލްސާގައި ބަހުސްކުރުމަށް އެޖެންޑާ ކުރެވިފައިވާ މައްސަލަތަކަށްބަލާ ވަކި ފަރުދަކާ ނުވަތަ ބައެއްގެ މަސްލަހަތާ ގުޅިފައިވާ ކަމެއްނެތް ނަމަ ޖަލްސާކުރާ ހޯލްގައި ޖާގަ އޮތްމިންވަރަކުން  އާއްމުންނަށް ބައިވެރި ވުމުގެ ފުރުޞަތު ދެވޭނެއެވެ." މިގޮތަށް އޮތުން ރަނގަޅުވާނެ ކަމަށްފެންނަކަމަށެވެ. އަޙުމަދު މުޢިއްޒު ހުށަހެޅުއްވިގޮތަށް 31 ވަނަ ނަންބަރުގެ (ހ) އަށް އިސްލާޙް ގެންނަން ފެނޭތޯ ވޯޓަށް އެހުމުން އިސްލާޙް ގެންނަން ފެންނަކަމަށް ވޯޓް ދެއްވާފައިވަނީ އެންމެ ބޭފުޅެކެވެ. އެހެންކަމުން އެމާއްދާ އިސްލާޙް ކުރެވިފައެއް ނުވެއެވެ. ފޮނަދޫ ދާއިރާގެ މެމްބަރު ޝާހީން އިސްމާޢީލް ހުށަހެޅުއްވީ ޤަވާޢިދުގެ 31 ވަނަ މައްދާގެ (ށ) ގައި ވާ " ކައުންސިލްގެ ބައްދަލުވުމުގެ އަޑުއަހަން ދައުވަތު ދީގެންވަންނަ އެއްވެސް ފަރާތަކަށް ކައުންސިލްގެ ބައްދަލުވުމުގައި އެފަރާތުގެ މަޝްވަރާއަށް ބޭނުންވާ ވާހަކަ ތައް ފިޔަވާ އެއްވެސް އެހެން ވާހަކައެއް ދެއްކުމާއި، ބަހުސްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިވުމުގެ ފުރުޞަތެއް ނުދެވޭނެއެވެ."  މިމާއްދާގައިވާ " އަޑުއަހަން " މި ލަފުޒު އުނިކުރުމަށް ފެންނަކަމަށެވެ. މި އިސްލާޙް ގެނައުމަށް ފެނެތޯ ވޯޓަށް އެހުމުން ހުރިހާމެމްބަރުންގެ އިއްތިފާޤުން އިސްލާޙް ގެނައުމަށް ފެންނަ ކަމަށް ފާސްކުރެއްވިއެވެ. އިސްދޫ ދާއިރާގެ މެމްބަރު އަޙުމަދު އާސިފް ހުށަހެޅުއްވީ ޤަވާޢިދުގެ 47 ވަނަ މާއްދާގެ (ރ) ގައި " ޖިނާޢީ ޙުކުމެއް މެންބަރެއްގެ މައްޗަށް އަތުވެއްޖެނަމަ، އެ ޙުކުމެއްގެ މުއްދަތުގައި ކައުންސިލްގެ ޖަލްސާތަކަށް ހާޒިރުވުމާއި ކައުންސިލްގެ ޖަލްސާތަކުގައި ވޯޓުދިނުމުގެ ޙައްޤު އެ މެންބަރަކު ދޫކޮށްލަންވާނެއެވެ." މިހެން އޮތްތަން " ޖިނާޢީ ޙުކުމެއް މެންބަރެއްގެ މައްޗަށް އަތުވެއްޖެނަމަ، އެ ޙުކުމެއްގެ މުއްދަތުގައި ކައުންސިލްގެ ޖަލްސާތަކަށް ހާޒިރުވުމާއި ކައުންސިލްގެ ޖަލްސާތަކުގައި ވޯޓުދިނުމުގެ ޙައްޤު އެ މެންބަރަކަށް ލިބިގެނެއް ނުވެއެވެ." މިގޮތަށް އިސްލާޙް ކުރުމަށް ފެންނަ ކަމަށެވެ. މި އިސްލާޙްގެނައުމަށް ފެނޭތޯ ވޯޓަށް އެހުމުން ހުރިހާމެމްބަރުންގެ އިއްތިފާޤުން އެ އިސްލާޙް ގެންނަން ފެންނަ ކަމުގައި ފާސްކުރެއްވިއެވެ. ގަމުދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވީ ޤަވާއިދުގެ 24 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށްފަހު " ހިނގަމުންދާ ބަހުސަކާ ގުޅިގެން ހުށަހެޅޭ ޚިޔާލުތަކުގެ ތެރެއިން ވޯޓަށް އަހާނީ ހުށަހެޅި މެމްބަރު ފިޔަވާ އެހެން މެމްބަރަކު ތާޢީދު ކުރެއްވުމުންނެވެ. މެމްބަރެއްގެ ތާޢީދު ނުލިބޭނަމަ ވޯޓަކަށް ނުއެހޭނެއެވެ." މި އިބާރާތް އިތުރު ކުރުމަށެވެ. މި އިސްލާޙްގެނައުމަށް ފެނޭތޯ ވޯޓަށް އެހުމުން ހުރިހާމެމްބަރުންގެ އިއްތިފާޤުން އެ އިސްލާޙް ގެންނަން ފެންނަ ކަމުގައި ފާސްކުރެއްވިއެވެ. އިސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޙަމީދު ހުށަހެޅުއްވީ ޤަވާޢިދުގެ 50 ވަނަ ނަންބަރު ގައި " ކައުންސިލްގެ މެމްބަރުން ރަށުންބޭރަށް ދާންވާނީ " މިއިބާރާތުގެ ބަދަލުގައި "ކައުންސިލްގެ މެމްބަރުން ( ރަސްމީބޭނުމަށްފިޔަވާ ) ރަށުންބޭރަށް ދާންވާނީ " މި ގޮތަށް ބަދަލުކުރަން ފެންނަކަމަށެވެ. މި އިސްލާޙް ގެންނަން ފެނޭތޯ ވޯޓަށް އެހުމުން ހުރިހާމެމްބަރުންގެ އިއްތިފާގުން އިސްލާޙް ގެނައުމަށް ފާސްކުރެވުނެވެ. އެހެންކަމުން މެމްބަރުން ހުށަހެޅުއްވި 4 އިސްލާޙާއެކު ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާޤުން " ހައްދުންމަތީ އަތޮޅުކައުންސިލްގެ ހިންގާ ޤަވާޢިދު 2011 " މިޖަލްސާއިން ފާސްކުރެވުނެވެ.
                                         އިބްރާހީމް އަނީސް
                                         ކައުންސިލްގެ ރައީސް
   
  ކައުންސިލްގެ މެމްބަރުން


•    ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ފާއިދު    •   

•    އިސްދޫ ދާއިރާގެ މެމްބަރ   އަލްފާޟިލް އިބްރާހީމް ޙަމީދު    •   

•    އިސްދޫ ދާއިރާގެ މެމްބަރ   އަލްފާޟިލް އަޙުމަދު އާޞިފް     •   

•    ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ރަޝީދު    •   

•    ފޮނަދޫ ދާއިރާގެ މެމްބަރ    އަލްފާޟިލް ޝާހީން އިސްމާޢީލް    •   
މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް މުމްތާޒު ފަހުމީ    •   
މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް އަޙުމަދު މުއިއްޒު    •   

Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews