މައި ޞަފްޙާ » » ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 8

ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 8

Sunday, December 1, 2013 | 11:21 PM

`
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
           ފޮނަދޫ
         ދިވެހިރާއްޖެ. 



04 އޭޕްރީލް 2011 ގައިބޭއްވުނު އަތޮޅުކައުންސިލްގެ އަށްވަނަ ޖަލްސާގެ ޔައުމިއްޔާ


2011 އޭޕްރީލް 04 ވަނަދުވަހު ހެނދުނު 09:00 ގައި އަތޮޅު ކައުންސިލްގެ އަށްވަނަ ޖަލްސާ އަތޮޅުއޮފީހުގެ ޖަލްސާކުރާމާލަމުގައި ބޭއްވުނެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ ކައުންސިލްގެ ރައީސް އިބްރާހީމް އަނީސެވެ. އަތޮޅުކައުންސިލް ހުރިހައިމެމްބަރުންވެސް ޖަލްސާއަށް ޙާޟިރުވެވަޑައިގެން ތިއްބެވުމާއިއެކު ޖަލްސާ ފެށުމުގެ ގޮތުން ޖަލްސާގެ ޙާޟިރީއާއި އެޖެންޑާ މެމްބަރުންނަށް އިއްވުމަށްފަހު އެއްވެސް އިސްލާހަކާއިނުލާ ޖަލްސާގެ އެޖެންޑާ ފާސްކޮށް  އެޖެންޑާކުރެވިފައިވާ ކަންތައްތަކާއި މަޝްވަރާކުރެވުނެވެ. ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓީ އ. ޕްރޮޖެކްޓް އޮފިސަރ ޙުސައިން ރަފީއުއާއި، އ.އެޑްމިނިސްޓްރޭޓިވް އޮފިސަރ މޫނިސާ ޖައުހަރީއެވެ. 9:00 ގައި ފެށުނު މިޖަލްސާ ނިމުނީ 10:32 ގައެވެ.
ޖަލްސާއަށް ހުށަހެޅުނު މައްސަލަތަކާއި ނިންމުނުގޮތް
މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ 5 މައްސަލައެވެ.

1-    ލާންޗް ބޭނުން ކުރުމުގެ ޤަވާއިދު ފާސްކުރުން.

ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދުގެ ޑްރާފްޓަށް އިސްލާހެއް ގެންނަންފެނޭތޯ ރިޔާސަތުން އެއްސެވުމުން އެޑްރާފްޓަށް ތިރީގައި މިވާގޮތުގެ މަތިން އިސްލާހުތައް ހުށަހެޅިގެން ދިޔައެވެ.

ޤަވާއިދުގައި ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ނަގާނެ އަގުތައް ކަނޑައެޅިފައި ނެތްކަމަށް ކައުންސިލްގެ އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ވިދާޅުވުމުން، މިޤަވާއިދު އެކުލަވާލި ކޮމިޓީން އަގުތައް ކަނޑައަޅަން ނިންމަވާފައިވަނީ ކައުންސިލްގެ ޖަލްސާއެއްގައި އެންމެހައި މެމްބަރުން މަޝްވަރާކުރުމަށްފަހުގައި ކަމަށް ކޮމިޓީގެ މެމްބަރުންނަށް ވެނިވަޑައިގަންނަވާތީ އެކަން އެގޮތަށް ކުރައްވާފައިވަނީކަމަށް ރިޔާސަތުން ވިދާޅުވިއެވެ.

"ލ. އަތޮޅު ކައުންސިލްގެ އިދާރާގެ ލާންޗް ކުއްޔަށް ދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދު"ގެ 08 ވަނަ ނަންބަރުގެ ފަހަތަށް 09 ވަނަ ނަންބަރުގެ ގޮތުގައި "ލާންޗް މަރާމާތުކުރަންޖެހޭ ޙާލަތްތަކުގައި މަރާމާތުކުރުމުގެ މަސައްކަތް މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާގޮތުގެމަތިން ކުރިއަށްގެންދިޔުން" އަދި 10 ވަނަ ނަންބަރުގެ ގޮތުގައި "ތެޔޮބަދަލުކުރުމުގެ ކަންތައް އިންޖީނުގެ އޮޕަރޭޓިންގ މެނިއުލްގައިވާ ގޮތުގެމަތިން ޤަވާއިދުންކުރުން" އިތުރުކޮށް ޑްރާފްޓްކުރެވުނު ޤަވާއިދުގެ 09 ވަނަ ނަންބަރުގައިވާ "މިޤަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ކައުންސިލުންގެ މަޝްވަރާގެމަތިން ހައްލުކުރަން މަސައްކަތް ކުރަންވާނެއެވެ" ޤަވާއިދުގެ 11 ވަނަ ނަންބަރަށް ބަދަލުކުރުމަށް ރިޔާސަތުން ހުށަހަޅުއްވައި ފޮނަދޫ ދާއިރާގެ މެމްބަރު ޝާހީން އިސްމާއީލް ތާޢީދުކުރައްވައި ވޯޓަށް އެއްސެވުމުން ކައުންސިލްގެ އިއްތިފާޤުން އެ ދެ މާއްދާ އިތުރުކުރުމަށް ފާސްކުރެވުނެވެ.

"ލާންޗްގައި ކުލީދަތުރުކުރާނީ އެކަމަށް ޙަވާލުވެހުންނަ އިދާރީ މުވައްޒަފު ތައްޔާރުކޮށް ލާންޗް ކެޕްޓަނާއި ޙަވާލުކުރެވޭ ދަތުރު ސްލިޕްގައިވާ ގޮތުގެމަތިންނެވެ. ދަތުރުމަތީގައި އުޅެމުން ދަތުރު ރީރޫޓް ކުރުމަށް (ދަތުރުގެ މަންޒިލް ބަދަލުކުރުމަށް) ދަތުރު ކުރާ ފަރާތުން އެދިފިނަމަ އެކަން ކުރާނީ ލާންޗް ކެޕްޓަން އިދާރީ މުވައްޒަފާއި ވާހަކަ ދެއްކުމުން އިދާރީ މުވައްޒަފު އަންގާ ގޮތުގެ މަތީންނެވެ" މިމާއްދާގައި "ދަތުރު ރީރޫޓް ކުރުމަށް" އޮތް އޮތުން އުނިކުރުމަށް ކައުންސިލްގެ އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ހުށަހަޅުއްވައި،  އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަމީދު ތާއީދުކުރެއްވުމުން، ރިޔާސަތުން ވޯޓަށް އައްސަވައި 04 ވޯޓުން އެމާއްދާ "ލާންޗްގައި ކުލީދަތުރުކުރާނީ އެކަމަށް ޙަވާލުވެހުންނަ އިދާރީ މުވައްޒަފު ތައްޔާރުކޮށް ލާންޗް ކެޕްޓަނާއި ޙަވާލުކުރެވޭ ދަތުރު ސްލިޕްގައިވާ ގޮތުގެމަތިންނެވެ. ދަތުރުމަތީގައި އުޅެމުން ދަތުރު މަންޒިލް ބަދަލުކުރުމަށް ދަތުރު ކުރާ ފަރާތުން އެދިފިނަމަ އެކަން ކުރާނީ ލާންޗް ކެޕްޓަން އިދާރީ މުވައްޒަފާއި ވާހަކަ ދެއްކުމުން އިދާރީ މުވައްޒަފު އަންގާ ގޮތުގެ މަތީންނެވެ" މިގޮތަށް ފާސްކުރެވުނެވެ.

"ލ. އަތޮޅު ކައުންސިލްގެ އިދާރާގެ ލާންޗް ކުއްޔަށް ދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދު"ގެ 03 ވަނަ މާއްދާގައިވާ "ލާންޗަށް ބޭނުންވާ އެންމެހައި ތަކެތި ހޯދަންވާނީ މާލިއްޔަތު ޤަވާއިދާއި ޚިލާފު ނުވާގޮތަށް ލިޔެކިޔުން ފުރިހަމަ ކުރެވިގެންނެވެ. މިގޮތުންވެސް ދަތުރުކުރާންވާނީ ޓްރާންސްޕޯޓްގެ ޤަވާއިދާއި އެއްގޮތަށެވެ." މިމާއްދާގައިވާ މިގޮތުންވެސް ދަތުރުކުރާންވާނީ ޓްރާންސްޕޯޓްގެ ޤަވާއިދާއި އެއްގޮތަށްކަމަށް އޮތްބައި ވަކި މާއްދާއެއްގެ ގޮތުގައި ގެންނަން ފެންނަކަމަށް ކައުންސިލްގެ ނައިބްރައީސް މުޙައްމަދު ފާއިދު ހުށަހެޅުއްވުމުން ކައުންސިލްގެ މެމްބަރުންގެ މެދުގައި މަޝްވަރާކުރެވި އެޕޮއިންޓަކީ 04 މާއްދާގެ ފަހަތަށް އޮންނަންޖެހޭބައިކަމަށާއި އެއީ ޤަވާއިދު ޑްރާފްޓްކުރެވުނުއިރު ލިޔެވިފައިވާ ލިޔުމުގެ ކުށެއްކަމުގައި ވާތީ، 04 ވަނަ މާއްދާ އޮންނަންޖެހޭނެގޮތަކީ "ލާންޗް ދަތުރުކުރަންވާނީ ސަލާމަތީގޮތުން ލާންޗްގައި ހުންނަންޖެހޭ އެންމެހައި ތަކެތި ފުރިހަމައަށް ލާންޗްގައި ހުރެގެންނެވެ. މިގޮތުންވެސް ދަތުރުކުރަންވާނީ ޓްރާންސްޕޯޓް ޤަވާއިދާއި އެއްގޮތަށެވެ." މިގޮތަށްކަމުގައި ނިންމެވިއެވެ.

"ލ. އަތޮޅު ކައުންސިލްގެ އިދާރާގެ ލާންޗް ކުއްޔަށް ދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދު"ގެ 01 ވަނަ މާއްދާ "ލާންޗް ކުއްޔަށްހިފަން އެދުމުން ދަތުރުގެ އަގުދޭންވާނީ ފަޅުވެރިންނާއި، ލާންޗް އޮތީ ދަތުރުކުރެވޭ ޙާލަތުގައިތޯ ބަލާ ޗެކް ކުރުމަށްފަހުގައެވެ." މިމާއްދާގައިވާ އަގު ދޭންވާނީ ބަދަލުކުރުމަށްފެންނަކަމަށާއި، ކުއްޔަށް ދޫކުރާ ފަރާތުން އަގުދޭންނުޖެހޭނެތީ އެއިބާރާތް ބަދަލުކުރުމަށް އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަމީދު ހުށަހެޅުއްވުމުން، ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވީ އެމާއްދާ ބަދަލުކުރަން ނުފެންނަކަމަށާއި "ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދު"ގެ 04 ވަނަ މާއްދާއާއި ޙަވާލާދިނުމުން ފުދޭނެކަމުގައެވެ. މިކަމަށް މެމްބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ ލާންޗް ކުއްޔަށް ދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދުގެ 01 ވަނަ ނަންބަރު " ލާންޗް ކުއްޔަށްހިފަން އެދުމުން ދަތުރުގެ އަގުދޭންވާނީ ފަޅުވެރިންނާއި، ލާންޗް އޮތީ ދަތުރުކުރެވޭ ޙާލަތުގައިތޯ ބަލާ ޗެކް ކުރުމަށްފަހު ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމުގެ ޤަވާއިދުގެ 04 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ." އަދި މިމާއްދާ މިގޮތަށް ބޭއްވުމާއިމެދު ރިޔާސަތުން  ވޯޓަށް އެއްސެވުމުން ކައުންސިލް މެމްބަރުންގެ އިއްތިފާޤުން އެމާއްދާ އެގޮތަށް ފާސްކުރެވުނެވެ.

"ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދު"ގެ 05 ވަނަ މާއްދާގައި "އަމިއްލަ ފަރުދުންނާއި، އަމިއްލަ ކުންފުނިތަކަށް، ދަތުރުކޮށްދެވޭނީ ދަތުރުގެ އަގަށްވާ ފައިސާ  ދަތުރުކުރުމުގެ ކުރިން ދެއްކުމަށްފަހުގައެވެ. މިގޮތަށް ދައްކާފައިސާ ބަލައިގެނެވޭނީ ކައުންސިލް އިދާރާގެ ލެޓަރހެޑްގައި ހެދިފައިވާ ބިލަކަށެވެ." މިމާއްދާގައި މިހެން ބަޔާންކުރެވި ޤަވާއިދުގެ 17 މާއްދާގައި "މިޤަވާއިދުގައި ހިމެނިފައިނުވާ ކަމެއްދިމާވެއްޖެނަމަ އެކަމެއް ނިންމާނީ ދަތުރުކުރި ފަރާތާއި މިކައުންސިލުން ވާހަކަދައްކައިގެންނެވެ. މިގޮތުންވެސް އެމައްސަލައެއް ހައްލުނުވެއްޖެނަމަ އެކަމެއް ހައްލުކުރާނީ ޝަރީޢަތް މެދުވެރިކޮށެވެ." މިގޮތަށް ޤަވާއިދުގައި އޮތުމުން މައްސަލައެއްދިމާވާ ކޮންމެ ފަހަރެއްގައި ކައުންސިލްގެ މެމްބަރުން ބައްދަލުކޮށް ގޮތް ނިންމުމަކީ ވަރަށް ދަތިވާނެ ކަމެއްކަމުގައިވާތީ، 05 ވަނަ މާއްދާއަށް ބަދަލެއްގެނައުމަށް ފެންނަކަމުގައި ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވައި މާވަށު ދާއިރާގެ އަޙްމަދު މުޢިއްޒު ތާޢީދުކުރެއްވުމުން މިކަމުގައި މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު 05 ވަނަ މާއްދާއަށް އަންނަނިވިގޮތަށް އިސްލާހުގެނައުމަށް ހުށަހެޅުނެވެ. "އަމިއްލަ ފަރުދުންނާއި، އަމިއްލަ ކުންފުނިތަކަށް، ދަތުރުކޮށްދެވޭނީ ދަތުރުގެ އަގަށްވާ ފައިސާ  ދަތުރުކުރުމުގެ ކުރިން ދެއްކުމަށްފަހުގައެވެ. މިގޮތަށް ދައްކާފައިސާ ބަލައިގެނެވޭނީ ކައުންސިލް އިދާރާގެ ލެޓަރހެޑްގައި ހެދިފައިވާ ބިލަކަށެވެ. ފައިސާ ބަލައިގަތުމަށްފަހު ކުރެވޭ ދަތުރުގައި ލާންޗަށް ގެއްލުމެއް ލިބި ދަތުރު ކުރިއަށްގެންދެވޭގޮތް ނުވެއްޖެހާލަތެއްގައި ދަތުރުގެ ބާކީބައި ފުރިހަމަކުރެވޭނެގޮތް ހަމަޖައްސައިދޭންވާނެއެވެ." މިމާއްދާ މިގޮތަށް ފާސްކުރުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން 06 މެމްބަރުންނަށް ފެންނަކަމަށް ވޯޓްދެއްވުމުން 05 ވަނަ މާއްދާ އެގޮތަށް އިސްލާހުކުރުމަށް ފާސްކުރެވުނެވެ.

"ލ. އަތޮޅު ކައުންސިލްގެ އިދާރާގެ ލާންޗް ކުއްޔަށް ދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދު" އަދި " ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދު" މިގޮތަށް އޮތުމުން އެއްމާނައެއް ދޭހަވާކަމަށް އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ހުށަހަޅުއްވައި ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ތާޢީދުކުރެއްވުމުން މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު "ލ. އަތޮޅު ކައުންސިލްގެ އިދާރާގެ ލާންޗް ކުއްޔަށް ދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދު" މިދަންނަވާގޮތަށް އިސްލާހުކުރުމަށް ހުށަހެޅުނެވެ. "ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށްދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދު". ހުށަހެޅުނުގޮތަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން 06 މެމްބަރުންނަށް ފެންނަކަމަށް ވޯޓްދެއްވުމުން އެގޮތަށް އިސްލާހުކުރުމަށް ފާސްކުރެވުނެވެ.

"ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދު" ގެ 08 ވަނަ މާއްދާގައި ސުކޫލުތަކުގެ ޕީ.ޓީ.އޭ އިން ރާވައިގެން ކުރާ ދަތުރުގެ އަގުން ޑިސްކައުންޓް ދޭއިރު ސަރުކާރުގެ ތަންތަނަށްވެސް ޑިސްކައުންޓް ދިނުމަށް ފެންނަކަމަށް މާވަށު ދާއިރާގެ މެމްބަރު މުމްތާޒް ފަޙުމީ ހުށަހެޅުއްވުމުން ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވީ އެގޮތަށް ޑިސްކައުންޓް ދޭކަމުގައިވާނަމަ ގިނަ ދަތުރުތަކެއް އަމިއްލަ ފަރާތްތަކާއި، އަމިއްލަ ކުންފުނިތަކުން އަދި ސަރުކާރުގެ ތަންތަނުންވެސް ލިބެމުންދާނެކަމަށާއި، ނަމަވެސް މިކަމަކީ ލާންޗް ސެކްޝަން ހަދައިގެން މިސަރަހައްދަށްލިބޭ ހުރިހައިދަތުރުތަކެއް ނެގުމުގެ ބޭނުމުގައި ކުރާކަމެއް ނޫންކަމަށާއި، ސަރުކާރުގެ ތަންތަނަށް ޑިސްކައުންޓް ދިނުމަށް ނުފެންނަކަމަށެވެ. އަދި މިގޮތަށް ޑިސްކައުންޓް ދޭނަމަ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ޑިސްކައުންޓެއްގެ ގޮތުގައި މަދުވެގެން %05 ދިނުމުންވެސް ދަތުރުން ކުރާނެ މާބޮޑު ފައިދާއެއްނެތްކަމުގައި ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ. ނަމަވެސް ޑިސްކައުންޓްދިނުމުގައި 10,000.00ރ (ދިހަ ހާސް ރުފިޔާ) އަށްވުރެ ބޮޑެތި ދަތުރުތަކުގައި ޑިސްކައުންޓެއް ދިނުމަށް ފެންނަކަމުގައި ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވުމުން މާވަށު ދަޢިރާގެ މެމްބަރު މުމްތާޒް ފަޙުމީ ތާޢީދުކުރެއްވިނަމަވެސް މި މައްސަލައިގައި ރިޔާސަތުން ވޯޓަށް އައްސަވައިފައެއް ނުވެއެވެ.

"ލ. އަތޮޅު ކައުންސިލްގެ އިދާރާގެ ލާންޗް ކުއްޔަށް ދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދު" އަދި " ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދު" ފާސްކުރުމުގެ ކުރިން ލާންޗްގެ ކަންތައް ބެލެހެއްޓި މި އިދާރާގެމުވައްޒަފުންނާއި ބައްދަލުކޮށް އެބޭފުޅުންގެ ޙިޔާލުހޯއްދެވުމަށްފަހު ފާސްކުރެއްވުމަށް ފެންނަކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު ޝާހީން އިސްމާޢީލް ހުށަހެޅުއްވުމުން މާވަށު ދާއިރާގެ މެމްބަރު މުމްތާޒް ފަހުމީ އަދި އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަމީދު އެހުށަހެޅުމަށް ތާޢީދުކުރެއްވުމުން، ފޮނަދޫ ދާއިރާގެ މެމްބަރު ޝާޙިން އިސްމާޢީލް ހުށަހެޅުއްވިގޮތަށް ރިޔާސަތުން ވޯޓަށް އައްސަވައި 05 މެމްބަރުންނަށް ފެންނަކަމަށް ވޯޓްދެއްވުމުން ލާންޗްގެ ދަތުރުތައް މީގެ ކުރިން ބެލެހެއްޓެވި  މުވައްޒަފުންނާއި ބައްދަލުކޮށް އެބޭފުޅުން ޙިޔާލުހޯއްދެވުމަށްފަހު ޤަވާއިދު ފާސްކުރުމަށް ފަސްކުރެވުނެވެ. އަދި އަގުތައް ކަނޑައެޅުމަށްޓަކައި މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ނިންމެވީ ޤަވާއިދު އެކުލަވާލިކޮމިޓީން މިހާރުގެ އަގުތައް ދިރާސާކުރުމަށްފަހު ރިޕޯޓާއިއެކު ޖަލްސާއަށް ހުށަހެޅުމަށެވެ.


2-    އިދާރާގެ  މަސައްކަތާއި، މެމްބަރުން  މަސްޢޫލުވާނެ  ދާއިރާތައް ކަނޑައެޅުން.
   

މެމްބަރުން މަސްޢޫލުވާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ކައުންސިލްގެ އިދާރާއިން ސަރުކާރުގެ ވުޒާރާތަކާގުޅިގެން ކުރާމުންގެންދާ މަސައްކަތްތަކާއި، އަދި ކައުންސިލްގެ އިދާރާއިން ކުރަމުންގެންދާ މަސައްކަތްތައް 7 ބަޔަށް ބަހާލާ ކައުންސިލްގެ ރައީސް ތައްޔާރުކުރައްވާފައިވާ ކަރުދާހަށް މެމްބަރުންނަށް އިސްލާހެއް ގެނަންފެނޭތޯ ރިޔާސަތުން އައްސަވައި އިސްލާހެއް އޮތްކަމުގައިވާނަމަ ހުށަހެޅުއްވުމަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް އިސްލާހެއް އެއްވެސް މެމްބަރަކު ހުށަހަޅުއްވާފައިނުވާތީ ދާއިރާތަކަށް މެމްބަރުން ކަނޑައެޅުމަށް ރިޔާސަތުން ނިންމެވިއެވެ.

ހުށަހެޅިފައިވާ ކަރުދާހުގެ 06 ވަނަ ނަންބަރުގައިވާ މިނިސްޓްރީ އޮފް ފިނޭންސާއި، އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތައް ކައުންސިލްގެ ނައިބްރައީސް މުޙައްމަދު ފާއިދުއާއި ޙަވާލުކުރުމަށް ކައުންސިލްގެ ރައީސް ނިންމަވާފައިވާ ކަމަށާއި، އެއީ މިހާރުވެސް ފައިސާގެ ޗެކްތަކާއި ފައިސާގެ އެންމެހައި ކަންތައްތަކުގައި ސޮއިކުރައްވަމުންދަނީ ރައީސާއި ނައިބްރައީސް އަދި ޒިންމާދާރުވެރިޔާ ކަމަށްވުމުންނެވެ. ދެންއެއަށްފަހު  ކޮންމެ މެމްބަރަކުވެސް އެމެމްބަރަކު މަސްޢޫލުވާނެ ދާއިރާއެއް އަމިއްލަފުޅަށް ނެންގުމަށް ރިޔާސަތުން ފުރުޞަތު ހުޅުވާލެއްވިއެވެ.

ހުށަހެޅިފައިވާ ކަރުދާހުން މެމްބަރުން ނެންގެވި ދާއިރާތައް:

•    މޯލްޑިވްސް ޕޮލިސްސަރވިސްއާއި، ޑިޒާސްޓަރމެނޭޖުމަންޓް، ޑިޕާރޓްމަންޓް އޮފް ޕެނިޓެންސަރީ ، އެޓަރނީޖެނެރަލްގެ އޮފީސް ، މިދާއިރާތަކުގެ އިތުރުން އަތޮޅު ރައްޔިތުންގެ ތަރައްޤީ ފަންޑުން ނަގާފައިވާ ލޯނުތަކުގެ ފައިސާ ހޯދުން، އަތޮޅު ރައްޔިތުންގެ މާލިއްޔަތު މުއްސަދިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައް. މިކަންތައްތައް ބެލެހެއްޓެވުން ޙަވާލުވެވަޑައިގެންނެވީ އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފެވެ.

•    މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓާއި، ޕްލޭނިންގ އެންޑް ނެޝަނަލް ޑިވެލޮޕްމަންޓްގެ ކަންކަތައްތަކުގެ އިތުރުން އެކިއެކި ދާއިރާތަކުން އަތޮޅުގައި ހިންގަވާ ޕްރޮޖެކްޓްތަކާބެހޭ މަސައްކަތް  ބެލެހެއްޓެވުމާ ޙަވާލުވެވަޑައިގަތީ ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދެވެ.

•    މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން އެކިއެކި ކަންކަމުގައި އަތޮޅަށް ވަޑައިގަންނަވާ ޓީމުތަކާބެހޭ ކަންތައް ތަކާ، އެކިއެކި މުނާސަބަތުތައް ފާހަގަ ކުރުމުގެ މަސައްކަތް ބެލެހެއްޓެވުން ޙަވާލުވެވަޑައިގަތީ މާވަށު ދާއިރާގެ މެމްބަރު އަޙްމަދު މުޢިއްޒުއެވެ.

•    މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި، ހޯމްއެފެއާޒް އަދި ޔޫތް އެންޑް ސްޕޯޓްސްގެ އިތުރުން ގޮއިފާލައްބަ ހިންނަފަދަ ތަންތަން ބެލެހެއްޓުން މިކަންތައްތައް ބެލެހެއްޓެވުން ޙަވާލުވެވަޑައިގަތީ މާވަށު ދާއިރާގެ މެމްބަރު މުމްތާޒް ފަހުމީއެވެ.

•    ޕަބްލިކްވަރކްސްއާއި، ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން އަތޮޅުއޮފީހާއި ރަށުއޮފީސްތަކުގައި ބޭނުންކުރެވޭ ވެހިކަލްތަކުގެ ތެރެއިން ޤަވާއިދުން ރަޖިސްޓްރީ ކުރަންޖެހޭ ތަކެތި ރަޖިސްޓްރީ ކުރުމާއި، ލައިސަންސްފީ އާއި އަހަރީފީ އާއި ކުލި ދެއްކުން މިކަންތައްތައް ބެލެހެއްޓެވުން ޙަވާލުވެ ވަޑައިގަތީ ފޮނަދޫ ދާއިރާގެ މެމްބަރު ޝާހީން އިސްމާޢީލް.

•    މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ނެޝަނަލް ރަޖިސްޓްރޭޝަން އަދި އެޑިޔުކޭޝަން މިނިސްޓްރީގެ އިތުރުން ޖަލްސާ ވޯކުޝޮޕް ފަދަ ކަންތައް އިންތިޒާމު ކުރުމުގެ ކަންތައް ބެލެހެއްޓެވުން ޙަވާލުވެވަޑައިގެންނެވީ އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަމީދެވެ.

3-    އަތޮޅު ކައުންސިލްގެ 05 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.


ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ގެންނަންފެނޭތޯ ރިޔާސަތުން އެއްސެވުމުން އެއްވެސް އިސްލާހެއް ހުށަނޭޅި ހާޟިރުވެތިބި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ ފާސްކުރެވުނެވެ.

4-    އަތޮޅު ކައުންސިލްގެ 06 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.


ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ގެންނަންފެނޭތޯ ރިޔާސަތުން އެއްސެވުމުން އެއްވެސް އިސްލާހެއް ހުށަނޭޅި ހާޟިރުވެތިބި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ ފާސްކުރެވުނެވެ.

5-    އަތޮޅު ކައުންސިލްގެ 07 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.


ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ގެންނަންފެނޭތޯ ރިޔާސަތުން އެއްސެވުމުން އެއްވެސް އިސްލާހެއް ހުށަނޭޅި ހާޟިރުވެތިބި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ ފާސްކުރެވުނެވެ.

މަޢުލޫމާތު ހިއްސާކުރެވުނު ކަންތައްތައް:

1-    ކައުންސިލްގެ އިދާރާގެ ކުޅިވަރު ފެންޑާގައި ހުރި ކީރިތިޤުރުއާނުގެ ދިވެހިތަރުޖަމާތަކާ މެދު ޢަމަލުކުރާނެ ގޮތެއް އަންގަވައިދެއްވުމަށް އިސްލާމިކް އެފެއާޒަށް ހުށަހެޅިމައްސަލައިގާ އިސްލާމިކް އެފެއާޒުން މަޝްވަރާދެއްވާފައިވަނީ  ބޭނުންފުޅުވާ ފަރާތްތަކަށް ތަރުޖަމާ ބެހުމަށެވެ. މި އިދާރާއިން ފޮނުވި މެސެޖަށް ލިޔުމުން ޖަވާބް ލިބުމުން ތަރުޖަމާ ބޭނުންފުޅުވާ ފަރާތްތަކަށް ތަރުޖަމާ ބެހުމަށް ނިންމެވިއެވެ.

2-    ކައުންސިލް އިދާރާގެ އޮނިގަނޑު ސިވިލްސަރވިސް ކޮމިޝަނުން އެކުލަވާލާފައިވާތީ، އެކަމާބެހޭގޮތުން މުވައްޒަފުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމުގައި އަޅުގަނޑު ދެންނެވީމެވެ.

3-    އަތޮޅުކައުންސިލް އިދާރާގެ ތަކެއްޗާއިބެހޭގޮތުން ގޮތެއްނިންމުމަށްޓަކައި އެމައްސަލަ މިހާރު ކޯޓަށް ހުށަހަޅުއްވާފައިވާނޭކަމަށް އަޅުގަނޑު ދެންނެވީމެވެ.

4-    އަތޮޅު ޤުރުޢާން މުބާރާތުގައި މިއަތޮޅުގެ ރަށްރަށުން ބައިވެރިކުރާ ކުދިންގެ ނަންތައް މިހިނގާ އޭޕްރީލް 10 ގެ ކުރިން ފޮނުއްވައިދިނުމަށް އެދިފައިވާނޭކަމުގައި މެމްބަރުންގެ މަޢުލޫމާތަށްޓަކައި އަޅުގަނޑު ދެންނެވީމެވެ.

5-    މީޑިއާއަށް މަޢުލޫމާތުދޭނޭ ފަރާތެއް ކަނޑައެޅުމުގެ މުހިންމުކަމާއިބެހޭގޮތުން މަޝްވަރާކުރެވުމުން ދެންއޮންނަ ބައްދަލުވުމަށް އެމައްސަލަ އެޖެންޑާކޮށްގެން ކުރިއަށްގެންދިޔުމަށް ނިންމެވީމެވެ.



                                           އިބްރާހީމް އަނީސް
                                            ކައުންސިލްގެ ރައީސް

 ކައުންސިލްގެ މެމްބަރުން


•    ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ފާއިދު (ނައިބްރައީސް)    •   

•    މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް މުމްތާޒު ފަހުމީ    •   

•    ފޮނަދޫ ދާއިރާގެ މެމްބަރ    އަލްފާޟިލް ޝާހީން އިސްމާޢީލް    •   

•    މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް އަޙުމަދު މުއިއްޒު    •   

•    ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ރަޝީދު    •   

އިސްދޫދާއިރާގެ މެމްބަރ    އަލްފާޟިލް އިބްރާހިމް ހަމީދު    •   

އިސްދޫދާއިރާގެ މެމްބަރ    އަލްފާޟިލް އަޙްމަދު އާޞިފް    •   

Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews