އަހަރެން އުފަންވިތާ ކިތަންމެ ދުވަހެކެވެ. ޅަކަމުން ކަންނޭނގެއެވެ. ގެއިން ބޭރަކަށް ނުވެއް ނިކުމެވެއެވެ. ކަނު އަނދިރީގައި ފިތި ބާރުވެ އޮންނަންޖެހުމުން ހިތްދަތި އިޙްސާސް ތަކެއް ކުރެވެއެވެ. ބޭރުން އިވޭ ނާމާން އަޑުތަކާއި އެކުވެސް ބޭރުގެ ޚަބަރުތައް ބަލާލުމަށް އެދެވެއެވެ. ދުވަހެއްދުވަހަކަށް އަހަރެން ބޮޑުވަމުން އާދެއެވެ. ވާއުނދަގޫ ވަނީ ހައްތަހާ ބޮޑެވެ. ފިތޭފިތުން ހައްތަހާވަނީއިތުރެވެ. އަހަންނަށް މިތަނުން ބޭރަށް ނުކުމެވޭނީ ކޮން ދުވަހަކުން ބާވައެވެ؟
ދިގު އިންތިޒާރަކަށްފަހު އެއްދުވަހެއްގެ ރޯމާ މެންދުރު ކަންފަތް ފަޅައިގެންދާ ފަދަ ބާރުއަޑެއް އިވުނެވެ. އެއާއިއެކު ލޯ ތަރަތަރަ ޖަހައިގެންދާފަދަ އައްޔެއް އަހަރެންގެ މޫނަށް އެޅިގެން ދިޔައެވެ. އެތައްދުވަހަކު ހައްޔަރުވެފައިވާ ޖަލަކުން ސަލާމަތްވެ، އަހަރެން އުންމީދުކުރަމުންއައި ކަންތައްތަކުގެ ފޮނި މީރުކަން އިޙުސާސްކުރެވެން ފެށިއެވެ. އަހަންނާއި ދިމާލުން ދުނިޔޭގެ އަލި އަހަންނަށް ފެންނަން ފެށިއެވެ. އެހެންނަމަވެސް ވަރަށް ހަނި ދޭތެރެއަކުންނެވެ. ވަގުތުތައް ފާއިތުވާވަރަކަށް މީގެކުރިން އަހާފައިނުވާ އަޖައިބުކުރުވަނިވި ކިތަންމެ އަޑެއް އިވެންފެށިއެވެ. ކިތަންމެ މަންޒަރެއް ފެންނަން ފެށިއެވެ. އަހަރެމެން އެންމެންވެސް މުޅިން މިނިވަންވީކަމަށް ހީކުރެވުނެވެ. އާއިލާގެ އެކިއެކި އުމުރުގެ މެންބަރުން ކޯޅިކޯޅިއަށް ވަށައިގެން ވާތަން ފެނުނެވެ. އެކިއެކި ރާގުތަކުގެ ވެރި ދިރޭސޫފާސޫފި އަހަރެމެންގެ ވަށައިގެން އެނބުރެއެވެ. ލޯބިކޮށްލައި ބޮސްދީ ހަދައެވެ.
ދުވާލުގެއަލި ފަނޑުވަމުން ގޮސް މާހައުލަށް މަޑުމަޑު ރަން ރީނދޫ ކުލައެއް އަރަންފެށިއެވެ. މާ ގިނައިރުތަކެއްނުވެ ބިރުވެރި ކަންތައްތަކެއް ކުރިމަތިވާން އުޅޭކަމުގެ އިޙުސާސް ކުރެވެން ފެށިއެވެ. އިސާހިތަކު ދުވާލުގެ އަލިކަން މުޅިންހެން ގެއްލި ރޭގަނޑުގެ ކަނު އަނދިރިކަން ވެރިވިއެވެ. ހިތާހިތާ ކިޔާލެވުނެވެ. އަނެއްކާ މިވަނީ ކީއްބާވައެވެ؟ ނޭވާ ހަމައަށް ނުލިބި، ކަނު އަނދިރީގައި "އެކޮޓަރި ތެރޭގައި އޮތްއިރު އަހަރެންގެ ހިތާއި ސިކުނޑި އެކަމެއްގެ ސަބަބުން ރޫރު އަޅަމުން އައި ބިރުވެރި ކަންތަކާއި (އަޑުތަކާއި)އަހަރެންގެ ނަފްސު ކުރިމަތިލާން ޖެހެނީ ބާވައެވެ؟ އެހެންނަމަވެސް އެހާ އަނދިރި ވާނެއެކޭ ހިތެއް ނުބުނެއެވެ."
ވީވެސް ހަމަ އެހެންނެވެ. މުޅިހަށިގަނޑު ފިނިވެއްޖެއެވެ. ދޭތެރެ ދޭތެރެއިން ބުނެދޭން ނޭނގޭ ޒާތުގެ ލޮޅުމެއް އެތެރެހައްޓަށް ވެރިވަމުން ދިޔައެވެ. ލޯލިތައް ކޮޅައްޖެހި މުޅި ގައިން ހީބިހި ނަގަންފެށިއެވެ. މާ ގިނަ އިރުތަކެއްނުވެ ހަޅޭކެއްގެ އަޑު އިވެންފެށިއެވެ. އެނބުރި ބަލައިލިއިރު އަހަންނަށްވުރެ ދޮށީ ބެއިންގެ ތެރެއިން ކުއްޖެއްގެ އަޑެވެ. އެމީހުންނާއި ހިސާބަކަށް ގާތުގައި ސިފަ ހުތުރު ދާއްބައެއް އޮތެވެ. އޭގެ ބޯ ކުޑައެވެ. ކެހެރި ފަޅާފައިވާ ގުޅިމަސް ހަށިގަނޑުގެ ފަހަތުގައި ދިގު ނަގުލެއް ވެއެވެ. ހަރަކާތްތައް އެހާމެ އަވަހެވެ. ބޮލާއި ދިމާ ކުރިމަތީގައި ހަތަރު ލޮންސި މަތިންތިރިއަށާއި ތިރިން މައްޗަށް ރުކުރުވާލެވިފައި ވެއެވެ. ތޫލި އަޑުފަށްގަނޑަކާއި އެކު، އެސޮރުގެ ފުރަތަމަ ހަމަލާ އަހަރެންގެ އަޚް ގެ ބުޑުމަސްގަނޑަށް އެރިއެވެ. އިވޭން ފެށި ވޭނީ ރުއިމުގެ އަޑަށް އަހަންނަކަށް ކެތެއްނުކުރެވެއެވެ. އެހެނަސް ކުރާނީ ވަކި ކީއްހެއްޔެވެ؟ ދެވޭނީ ވަކި ކޮންތާކަށް ހެއްޔެވެ؟ އެންމެންގެ ރުއިމާއި ކެކުޅުމުގެ އަޑުން މުޅި ހަށިގަނޑު ކުދިކުދި ވާހާވެއެވެ.
މިފަދަ ހާލެއްގައި މުޅި ރޭގަނޑުގެ ހަތަރުދަން ފާއިތުވެ ހިނގައްޖެއެވެ. މާހައުލަށް ވެރިވެފައިވާ ހިމޭންކަން ގެއްލުވާލީ ދޫނި ސޫފާސޫފީގެ ހިތްގައިމު ރާގުތަކުންނެވެ. އާދުވަހަކަށް އިރު އަރައިފިއެވެ. ނާމާންކަމާއި ބިރުވެރިކަމާއި އެކު މުޅި އާއިލާއަށް ވެރިވެފައިވާ ހިތާމަ އަހަންނަށް ފުރަތަމަ ފަހަރަށް އިޙްސާސް ކުރެވުނެވެ. ހިތްދަތި ޙަޔާތުގެ ބަދުނަސީބުކަމުން އުންމީދުތައް އޮޔާލައިފިއެވެ. އެ ރަޙުމުކުޑަ ދާއްބަތަކުގެ ވޭނީ ޙަމަލަތައް ކޮންމެރެއަކު އަހަރެންގެ ޢާއިލާގެ މެންބަރުންނަށް ކުރިމަތިވެއެވެ. މިގޮތުގައި ދުވަސްތައް ވޭތުވަމުން ދެއެވެ. އަހަރެންގެ ޢާއިލާގެ އެތައް މެންބަރުންނެއް އަހަރެން ދޫކޮށްފައި ހިނގައްޖެއެވެ. މާތްﷲ ގެ އިރާދަފުޅުން އަހަރެންގެ ހަށިގަނޑަކަށް ކުޑަވެސް ގެއްލުމެއް އަދިއެއް ނުލިބެއެވެ. ދުވަހެއްދުވަހަކަށް ހަށިގަނޑަށް ލިބެމުންދާ އާރޯކަމާއި ޅަނދޮޅުކަން އަހަރެންގެ ރޫފަ ފުރިހަމަކޮށްދެއެވެ.
އެހެން ދުވަސްތަކެކޭ އެއްގޮތަށް މިއަދުވެސް އިރުއޮއްސެން ދަނީއެވެ. އުދަރެހުގައިވާ ރަންވިލާތަކުގެ ފުރިހަމަ އަލިން ޖައްވު ބަބުޅާފައިވެއެވެ. އެހެންނަމަވެސް އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް އެބަވެއެވެ. މިދުނިޔޭގެ ފުރިހަމަ އަލިކަން ލިބުނު ފުރަތަމަ ދުވަސް މަތިން ހަނދާންވަނީއެވެ. ރޭގަނޑަށް އާންމުކޮށް އިވޭ ތޫލިއަޑާއި ތަފާތު އަޑެއް ވަރަށްކައިރިން އިވޭހެން ހީވެއެވެ. އެކަމަކު އަދި މިރޭ އެހާ އަނދިރި އެއްވެސް ނުވެއެވެ. ކުއްލިއަކަށް ބޯމަތިން ހިޔަންޏެއް ވީހެން ހީވިއެވެ. ހިތަށްއެރިއެވެ. އެ ދާއްބަތައް އަނެއްކާ އުދުހެން ފެށީބާވައެވެ؟ ނޫނެކެވެ. އެހެނެއް ހަމަ ހިލާ ނުވާނެއެވެ. މިކަހަލަ ބިރުވެރިކަމާއި ޝައްކުގެ އޮއިވަރެއްގައި އިރާކޮޅު ފާއިތުވެ ހިނގައްޖެއެވެ.
މާހައުލު ވަރަށް ހަމަހިމޭންވެފައިވަނިކޮށް ކިއްލާގެ ހުޅަނގުފަރާތަށް ލޮޅުމެއް އަތުވެއްޖެއެވެ. އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. އެންމެފުރަތަމަ ހަޅޭއްލަވައިގަނެވުނީ އަހަންނަށެވެ. އެހާ ބިރުން އިނީމާ ކަންނޭނގެއެވެ. ހަޤީޤަތުގައިވެސް މިއީ ނުރައްކަލެއްކަން ޔަޤީންވިއެވެ. އެއެއްޗަކު އެ އޮވެގެން ހަރަކާތް ކުރަނީއެވެ. އަހަރެމެންނާ ދިމާއަށް އަންނަނީއެވެ. ހަށިގަނޑުގެ ސިފަ އިހަށް އަންނަ ދާއްބަތަކާއި މާބޮޑު ތަފާތެއް ނެތެވެ. އެހެންނަމަވެސް ވަރުގަދަ ބުޅިގަނޑު ތަކަކާއި ބޮޑު ދެފިޔަ މިސޮރުގެ ވެއެވެ. އެ ދާއްބަ ތަކުގެ ފަހަތުގައިވާ ކަހަލަ ނާޗަރަންގީ ކުޅޭ ނަގުލެއްވެސް މިސޮރުގެ ނެތެވެ. މިސޮރުގެ އަމާޒުފަތްގަނޑަކީ އަހަރެންކަހަލައެވެ. އާއެކެވެ. ބިރުން ރޫރު އަޅައިގެންފައިވާ އަޑަކުން އަހަންނަށް ރޮއިގަނެވުނެވެ. އެއައިގޮތަށް އައިސް މިސޮރުގެ ބުޅިތަކުން އަހަރެން ގައިގާ ވަކި ހިއްޕާލިއެވެ.އަހަންނަކަށް ނޭވައެއް ނުލެވުނެވެ. އަދި ގިނަ އިރުތަކެއް ނުވެ، ކަނޑިތަކެއްފަދަ ލޮންސިތަކުން އަހަރެންގެ ޅަބާ ޅަނދޮޅު ހަށިގަނޑު ޒަހަމްކޮށްލިއެވެ. މިސޮރުގެ އަމާޒަކަށްވީ އަހަރެންގެ ލޭފޮދެވެ. އަހަރެންގެ ފުރާވަރުގައި ކުރަމުން އައި ފޮނި ފޮނި އުންމީދުތައް ކުޑަކުޑަ ހިނދުކޮޅެއްގެތެރޭގައި ހަސްފަސްވެ ނެތި ދިޔައީއެވެ.
އެކުވެރިންނާއި ދުރުތާ ތިމާގެ މީހުން ރޮއިހަދާ އަޑުފައްގަނޑުން އަހަންނަށް އިތުރު ހިތާމަޔާއި ހިތްދަތިކަން ގެނުވައެވެ. މި ބޮޑު ޒަޚަމާއި އެކުވެސް ދެދުވަހު އަހަރެންގެ އާއިލާގެ މެންބަރުންގެ ގާތުގައި ހޭދަކުރެވުނެވެ. ކުޑަވެސް އުންމީދެއް ނެތިއެވެ. އަހަރެންގެ ޙާލު މަޑުމަޑުން ދަށަށް ދަމުން ގޮސް ތިންވަނައަށް ވީ ދުވަހު ގައިގެ ހަކަތަ ހުސްވެގެން ވެއްޓުނެވެ. ވެއްޓުނުލެއް ބާރުކަމުން އަހަރެންގެ ބުޑުމަސްތަކުގެ ބައެއް ވަކިވެގެން މާދުރަށް ހިނގައްޖެއެވެ. ރިހޭފައި މައްޗަށް ފޮއި ވެއްޓުނީއެވެ. މިހާލުގައި ކުކުރާލަ ކުކުރާލަ އެތައް ދުވަހަކު އޮންނަންޖެހުނެވެ. އަހަރެންގެ ހަށިގަނޑު މިލާ މޯޅިވެ، ގައިގެ ކުލަ ހަޑިވެ، މުޅި ހަށިގަނޑަށް ރޫ ޖެހެން ފެށިއެވެ. މިހެން އޮއްވާ އައި ވަރުގަދަ ހަށިފަތާ ވެރިއެއްގެ ނަފްސެއް އަހަރެންގެ ހަށިގަނޑުގެ މެދުގައި ހަންޖަރަކުން ޖަހައި ދެފަޅި ކޮށްލިއެވެ. ކުރާނީ ކީއްހެއްޔެވެ ހެދޭނެ ހަމަ އެއްގޮތެއްވެސް ނެތެވެ. އަހަންނަށް ހުރިގޮތަކީ މިއީއެވެ. މިވަރުން ފުދުނީއަކީއެއްނޫނެވެ. ރަތްދަކަ އަވީގައި އެތައް ހަފުތާއަކު ބޭއްވިއެވެ. އަދިވެސް ފުދުނީއަކީ ނޫނެވެ. އަހަރެންގެ ނަފްސު ފަނާކޮށްލީ ހޫނުގަދަ އަލިފާނުގެ ތެރެއިންނެވެ.

Post a Comment