މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ
ހުނަރުވެރި ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފަހުހާފުގައި ރެއާލް މެޑްރިޑަށް
ކާމިޔާބުކޮށްދިން ލަނޑުން އިނގިރޭސި ލީގުގެ ރަސްގެފާނު މެންޗެސްޓާ
ޔުނައިޓެޑް ވިލާތުގެ ޗެމްޕިއަންސް ލީގުން ބޭރުކޮށްލައިފި އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރަފޮޑްގައި ގާތްގަނޑަކަށް 75000 ސަޕޯޓަރުންގެ ކުރިމަތީގައި ރޭކުޅުނު ޗެމްޕިއަންސް ލީގު ގަދަ 16ގެ ފޯރިގަދަ ދެވަނަ ލެގުގެ ކުރިމަތިލުމުގައި ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު އެއްވެސް ޓީމަކަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފަ އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ މަރުތަޅު މުގުރާލާނޭ ރަނގަޅު ދެތިން ފުރުސަތެއް ތަނަވަސްކޮށް ބޭކާރު ކޮށްލާފަ އެވެ.
ޔުނައިޓެޑަށް މެޗުގެ ކުރި ލިބުނީ ދެވަނަ ހާފްގެ ތިން ވަނަ މިނިޓުގައި އެ ޓީމުގެ ޕޯޗްގީޒް ވިންގާ ލުއިސް ކާލޯސް އަލްމެއިޑާ ޑަ ޗުންހާ (ލުއިސް ނާނީ) ރެއާލްގެ ގޯލް އޭރިޔާ ތެރެއިން ގޯލް ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅަ ރެއާލްގެ ސަޖިއޯ ރާމޯސްގެ ފައިގައި ޖެހިފައި ގޯލްގެ ތެރެއަށް ވަދެގެން ނެވެ. މެޗުގެ ކުޅުން ބަދަލުވެގެން ދިޔައީ 56 ވަނަ މިނިޓުގައި ރެއާލްގެ އަލްވާރޯ އާބެލޮއާ އަށް ނާނީ ކުރި ނުރަށްކާތެރި ފައުލަކާ ގުޅިގެން މެޗުގެ ރެފްރީކަން ކުރި ތުރުކީގެ ޖުނޭ ޗަކްރު ނާނީއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލި ހިސާބުން ނެވެ.
އަވޭ ގޯލަކާ އެކު އެގްރިގޭޑް ނަތީޖާއިން 2-1ގެ ނަތީޖާއަކުން ކުރީގައި އޮތް ފާގަސަންގެ ޓީމަށް ނުރަށްކަލާ ކުރިމަތިލާން ޖެހުނީ މެޗުގެ 66 ވަނަ މިނުޓުގައި ޓޮޓެންހަމްގެ ކުރީގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ޔުނައިޓެޑްގެ ޕެނަލްޓީ އޭރިޔާގެ ކުޑަތަންކޮޅެއް ބޭރުން ފޮނުވާލީ ހޫނު ބޯޅަ ޔުނައިޓެޑްގެ ގޯލަށް ވައްދާލައިގެން ކާމިޔާބު ކޮށްދިން ރީތި ލަނޑުން ނެވެ. އަދި މޮޑްރިޗް ލަނޑު ކާމިޔާބު ކުރިތާ ތިން މިނިޓްގެ ތެރޭގައި ޔުނައިޓެޑް މިސީޒަންގައި ޗެމްޕިއަންސްލީގަށް އަލްވަދާއު ކިޔަން ޖެހުނު ފުރިހަމަ ލަނޑު ޔުނައިޓެޑްގެ "ރަން ދަރި" ކުރިސްޓިއާނޯ ރޮނާލްޑޯ ވަނީ ކާމިޔާބުކޮށްފަ އެވެ. ފުރަތަމަ ލެގުގައި ރެއާލްގެ ދަނޑުގައި މިދެޓީމު ބައްދަލު ކުރި މެޗު އެކެއް އެކަކުން އެއްވަރު ވެފައިވާތީ ރޭގެ ނަތީޖާއާ އެކު ރެއާލް ގަދަ އަށަކުން ޖާގަ ހޯދާފައި ވަނީ 2-3ގެ އެގްރިގޭޓެޑް ނަތީޖާ އަކުންނެވެ.
ރޭގެ މެޗުގައި ނާނީއަށް ރަތްކާޑު ދެއްކުމާއި ގުޅިގެން މެޗުތެރޭގަ އާއި އަދި މެޗުގެ ފަހުންވެސް ޔުނައިޓެޑްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ރެފްރީގެ އެނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. ހަމަ އެހެންމެ އިނގިރޭސި މީޑިޔާތަކުގައި ވެސް ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.
ރޭގެ މެޗު ފާގަސަން ފަށާފައި ވަނީ ރޫނީ ބެންޗަށް ލުމަށްފަހު އެޓީމުގައި މިވަގުތު ހުރި އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިޔާ ރިޔާން ގިގްސް އަށް އޭނާ ޔުނައިޓެޑަށް ކުޅޭ 1000 ވަނަ މެޗުގެ ޝަރަފް ދިނުމުގެ ގޮތުން މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދިނުމަށް ފަހު އެވެ. އަދި ޔުނައިޓެޑްގެ ރޭގެ ބައްޔަކީ ޗެމްޕިއަންސް ލީގުގެ "ނޮކްއައުޓް ސްޓޭޖް" މެޗެއްގައި އެޓީމު 2005 ވަނަ އަހަރު އޭސީ މިލާން އަތުން އެކެއް ސުމެއްގެ ނަތީޖާއަކުން ބަލިވި ފަހުން ބަލިވި ފުރަތަމަ މެޗެވެ. ހަމަ އެހެންމެ ރޭގެ މޮޅާ އެކު ރެއާލް މެޑްރިޑް ވެގެން ގޮސްފައިވަނީ އޯލްޑް ޓްރަފޮޑަށް ޒިޔާރަތް ކުރި ޓީމުތަކުގެ ތެރެއިން އެއްފަހަރަށްވުރެ ގިނައިން މޮޅުވި ފުރަތަމަ ޓީމުކަމުގަ އެވެ.
ރޭގެ މެޗުން ޔުނައިޓެޑް ބަލިވުމުން ޓީމުގެ ކޯޗު ފާގަސަން ވަނީ ވަރަށް ބޮޑަށް މާޔޫސްވެ އަދި ހަމަ އެހާމެ ރުޅިގަދަވެފައި ކަމަށް ފާގަސަންގެ އެސިސްޓެންޓް ފެލަން ބުންޏެވެ.
މެޗާ ބެހޭ ގޮތުން ރެއާލްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ މި ލެވެލްގައި ކުޅޭ ފުޓްބޯޅަ މެޗެއްގައި އެއްކުޅުންތެރިއަކު މަދުން އެހާ ގިނަ ވަގުތުގައި ކުޅެން ޖެހުމުން އެއީ ޓީމަށް ލިބޭނޭ ވަރަށްބޮޑު ބުރައެއް ކަމަށާއި އޭނާގެ ދެކޭގޮތުގައި "އެންމެ މޮޅު ޓީމު ބަލިވީ" ކަމަށެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅެވުނު ދެވަނަ މެޗުގައި ބޮރޫޝާ ޑޯޓްމަންޑާއި ޝާކްތަރް ޑޮނެޓްސްކް ބައްދަލުކުރި ފޯރިގަދަ މެޗު 3-0 ން ކާމިޔާބު ކުރީ ޑޯޓްމަންޑް އެވެ. އެހެން ކަމުން އެޓީމުވަނީ މި ދެޓީމު ވާދަކުރި ފުރަތަމަ ލެގުގެ ނަތީޖާއާ އެކު 5-2ގެ އެގްރިގޭޓް ނަތީޖާއަކުން މުބާރާތުގެ ކުއާޓާ ފައިނަލުބް ޖާގަ ހޯދާފަ އެވެ.

Post a Comment