ލިޔުނީ: ބަސްމަދު 1978 ވަނަ އަހަރުގެ މާރޗްމަހުގެ 29 ވަނަ ދުވަހު ހުޅުލޭ އެއަރޕޯޓް
މަޝްރޫޢުގެ ބިންގާ އަޅުއްވާދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްމަރްޙޫމް އިބްރާހީމް
ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއެވެ.

މައުމޫން
ޢަބްދުލްޤައްޔޫމް އޭރު ހުންނެވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓްގެ މަޤާމުގައެވެ.
ނަމަވެސް ކަންދިމާވިގޮތަކީ، ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމުން އަލްމަރްޙޫމް އިބްރާހީމް
ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ އިސްތިޢުފާ
ދެއްވުމާއެކު 1978 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުގެ ރޭ މެންދަމު
12:00 ގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ޙަވާލުވެ ވަޑައިގަތީ އޭރުގެ
ޓްރާންސްޕޯޓް މިނިސްޓަރ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމެވެ. އާދެ! ބައެއް
ބޭފުޅުން އެވިދާޅުވާ ރަން ތިރީސްއަހަރުގެ ބާނީއެވެ. އެހެންކަމުން އެދުވަހު ބިންގާ
އެޅުއްވި ހުޅުލޭ އެއަރޕޯޓްގެ މަސައްކަތް ކުރައްވަން ޖެހިވަޑައިގަތީ ގާތްގަނޑަކަށް އޭގެ
7 މަސް ފަހުން ރައިސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ރައީސް
އަލްއުސްތާޛް މައުމޫނު ޢަބްދުލްޤައްޔޫމާއިއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި
ހުޅުލޭ އެއަރޕޯޓްގެ އިތުރަށް 3 ރީޖަނަލް އެއަރޕޯޓްގެ މަސައްކަތް ނިންމަވާ
ރައްޔިތުންނަށް ޚިދުމަތް ދޭން ފަށާފައިވެއެވެ. އެއީ، ލ. ކައްދޫ، ހދ. ހަނިމާދޫ، ގދ. ކާޑެއްދޫ،
މިތިން އެއަރޕޯޓެވެ. މީގެ އިތުރަށްވެސް ގިނަ ރީޖަނަލް އެއަރޕޯޓްތަކެއް
ހެއްދެވުމަށް ޚިޔާލުކުރައްވާ، ބައެއްތަންތަނުގެ ޢަމަލީ މަސައްކަތްވެސްވަނީ
ފައްޓަވާފައެވެ. އެއީ، ޏ. ފުވައްމުލައް، ބ. ދަރަވަންދޫ، ތ. ފަހަލަފުށި(ފަހުން ތ. ތިމަރަފުށި)
ގއ. ކޫއްޑޫ މިތަންތަނުގައެވެ. މީގެ އިތުރުން މިހާރު ރާއްޖޭގައި އޮތް ހަމައެކަނި އަމިއްލަ
އިންޓަރނޭޝަނަލް އެއަރޕޯޓް ކަމަށްވާ މާމިގިލީ އެއަރޕޯޓުގެ މަސައްކަތަކީވެސް ސީދާ
ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު ދެއްވި ހުއްދައިގެދަށުން ތައްޔާރު
ކުރެވުނު އެއަރޕޯޓެކެވެ. އައްޑޫގައި އިނގިރޭސިންތިބި ދުވަސްވަރު އެތަނުގައި
ދަގަނޑު ފިލާ އަޅައަޅައިގެން ތައްޔާރުކޮށްފައިވާ ރަންވޭއެއް އޮތެއްކަމަކު އެތަނުގެ
މަސައްކަތްވެސް ޒަމާނީ ކުރައްވައި ތަރައްޤީ ކުރެއްވީ ރައީސް މައުމޫނުގެ
ވެރިކަމުގައެވެ. އާދޭހެ، ކޮންމެ ބޭފުޅަކު ރާއްޖޭގެ ވެރިކަމާއި ޙަވާލުވިއަސް
ކަންތައް ކުރައްވަންވާނީ މިއުޞޫލުގެ މަތިންކަމަށް އަޅުގަނޑު ދެކެމެވެ. ނަމަވެސް
ހިތާމަޔަކީ، ބައެއް ބޭފުޅުންނަށް ރައީސްކަން ހަމަ ލިބުމާއިއެކު ޤައުމަށްވުރެ
އަމިއްލަ މަޞްލަޙަތު އިސްކޮށް ޕާޓީގެ ބޮޑުންނަށް މަތީ މަޤާމުތަކާއި، ފައިސާގެ ބޮޑެތި
ޢަދަދުތައް ހިމެނޭ ޕްރޮޖެކްޓްތައްދީ، "ތިމަންނަގެ ޕާޓީ މީހަކު ކަމަކު އައުމުން
އެކަންތައް ކޮށްދެއްވާނެކަމަށާއި، އެހެން ޕާޓީއެއްގެ މީހަކު ކަމަކު އައުމުން
ތިމަންނާގެ ނުލަފާކަން ދައްކާލާނެ" ކަމަށް ވިދާޅުވެ ވެރިކަން ކުރެއްވުމަކީ
ޚުދުމުހުތާރު ވެރިންގެ ހުންނަ ސިފައެއްކަން ހަމަ ނޭނގެނީ ބާވައެވެ؟ ވެރިކަން
ބަދަލުވިޔަސް އެހެން މީހެއްގެ ވެރިކަމުގައި ފަށާފައިވާކަމެއް ހުއްޓުމެއްނެތި
ކުރިޔަށް ދާނަމަ އޭގެފައިދާ ކުރާނީ ޤައުމުގެ ނިކަމެތި ރައްޔިތުންނަށްކަން
ވިސްނަންވާނެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ނިމުނު އެއަރޕޯޓް ތަކަކީ، ރައީސް
މައުމޫނުގެ ވެރިކަމުގައި ފައްޓަވާފައިވާ މަސައްކަތްތަކެއްކަން މިޤައުމުގެ ކޮންމެ
ރައްޔިތަކަށްވެސް އެނގޭނެއެވެ. ހުޅުލޭ އެއަރޕޯޓްގެނަން އިބްރާހީމް ނާޞިރު
އިންޓަރނޭޝަނަލް އެއަރޕޯޓްގެ ނަމަށް ބަދަލުކުރައްވާ އިންޑިޔާގެ ޖީ.އެމް.އާރު
ކުންފުންޏަށް އެތަން ދިގުމުއްދަތަކަށް ކުއްޔަށް ދޫކޮށްލިއިރު އެއީ
މިރާއްޖޭގައިއޮތް ހަމަ އެކަނި އިންޓަރނޭޝަނަލް އެއަރޕޯޓްކަންވެސް
ހަނދާންނެތްކަހަލައެވެ. ވާނީވެސް އެހެންތާއެވެ. ލިބޭ ފައިދާއަކީ އިންސާނުން
މަގުފުރެދުމަށް މެދުވެރިކުރުވާ އެއްސަބަބެވެ. ކޮންމެއަކަސް މިގޮތަށްހުރި
އެތަށްކަމެއް އެބަހުއްޓެވެ. މީ އޭގެ އެއްމެ ކަމެކެވެ. ކުރިޔަށްއޮތްތާނގާއި
މިޒާތުގެ އެތައް ލިޔުމެއް ތިޔަބޭފުޅުނާއި ޙިއްޞާކުރަން ޤަޞްދުކުރަމެވެ.
ޝައުޤުވެރިކަމާއެކު މިލިޔުން ކިއުއްވިތީ ޝުކުރުދަންނަވަމެވެ.
Post a Comment