މައި ޞަފްޙާ » , » ގަސްގަހާ ގެހި

ގަސްގަހާ ގެހި

Friday, April 19, 2013 | 1:42 PM

މިދުނިޔޭގައި ދިރުންހިނގާނަމަ ގަސްގަހާގެއްސަކީ ކޮންމެހެން ހުންނަންޖެހޭ އެއްޗެކެވެ.
މިކަމުގެ ޙަޤީގީ މަފްހޫމާއި ހަމައަށް ވާޞިލުވުމަށްޓަކައި، އިންސާނާގެ ދިރިހުރުމަށް އެންމެ މުހިއްމު ބަހާ ތަކަކީ ކޮބައިތޯ ސުވާލުކުރަން ޖެހެއެވެ. ޝައްކެއްނެތެވެ. މި ސުވާލުގެ ޖަވާބުގައި އެންމެ ފުރަތަމަ ސިކުނޑިއަށް އަންނަނީ، ބަނޑުފުރާނަ މުއްތިކުރުމާއި، ފެނާއި، އޮކްސިޖަން ފަދަ ޟަރޫރީ ކަންކަމެވެ. މިބިންމަތީގައި، މިކަންކަމުގެ މީޒާން ހަމަކުރުމަށް ބޭނުންވާ އެންމެ މުހިއްމު މަޞްދަރަކީ ފެހިކަން ލިބިގެންވާ ގަސްގަހާގެއްސެވެ. އިންސާނުން ނޫން އެހެނިހެން ދިރޭތަކެއްޗަށްވެސް ނުހަނު މުހިއްމު، އެތަކެއް މަސްދަރުތަކެއްގެ މީޒާން ހަމަކުރުމުގެ ދައުރު އަދާކުރަނީ ފެހިކަން ލިބިގެންވާ ގަސްގަހާގެއްސެވެ. މީގެ ތެރޭގައި ފިނިހޫނުމިން ހިފެހެއްޓުމާއި، ޖައްވުގެ ތެރޭގައިވާ، ވައިގެ މިންގަނޑުތައް މީޒާންކުރުން ހިމެނެއެވެ.
ގަސްގަހާގެހީގެ ދައުރު މިހިސާބުން ނިމުނީއެއް ނޫނެވެ. މިބިންމަތީގައިވާ ދިރުމަށް ހަކަތަ ލިއްބައިދޭ މައިގަނޑު ވަޞީލަތަކީ އިރެވެ. އިންސާނުންނާއި ހައިވާނުން އުފައްދަވާފައިވާ ގޮތުން އިރުން ލިބޭ ހަކަތަ ހަށިގަނޑަށް ވާޞިލުކުރެވޭ ހަމައެކަނި ގޮތަކީ ގަސްގަހާއިގެހިން ލިބޭ ކާނާ މެދުވެރިކޮށެވެ. އިންސާނުން ކައިބޮއެ ހަދާއިރު ޙަޤީގަތުގައި އެކެވެނީ އިރުން ލިބޭ ހަކަތައެވެ. މިގޮތުންބަލާއިރު، އިންސާނުންގެ ހަށިގަނޑުގައިވާ މަހުގައި ހުންނަނީ، ތަފާތު ގޮތަކަށް ނަމަވެސް، އިރުގެ ހަކަތައެވެ. ގަސްގަހާގެހި މޮލިކިޔުލް ތަކެއްގެ ސިފައިގައި އިރުން ލިބޭ ހަކަތަ ރައްކާކުރަނީ އުނދަގޫ މަރުޙަލާތަކެއް ކަޑައްތުކުރުމަށް ފަހުގައެވެ. މިކަމުގައި ހައިވާނުންގެ ޙާލަތާއި އިންސާނުންގެ ޙާލަތާއި ތަފާތެއް ނޫނެވެ. އެސޮރުމެންގެ ހަށިގަނޑުގައި ރައްކައުކުރެވިފައިވާ ހަކަތައަކީ، ކާނާގެ ގޮތުގައި ގަސް ގަހާގެހި ބޭނުން ކުރުމުން ލިބިފައިވާ ހަކަތައެވެ.
އެހެނިހެން ދިރޭތަކެއްޗާއި ޚިލާފަށް ގަސްގަހާގެއްސަށް ސީދާ އިރުގެ އަވިން ހަކަތަ އުފައްދާ ކާނާ ތައްޔާރު ކުރުމުގެ ބާރު ލިބިފައިވަނީ އޭގައިވާ ސެލްތަކުގެ އޮނިގަނޑު އުފެދިފައިވާގޮތުންނެވެ. މި އޮނިގަނޑުގެ އެހީގައި، ގަސްގަހާއިގެހި، އިރުން ލިބޭ ހަކަތަ އިންސާނުންނަށާއި ޙައިވާނުންނަށް ކާނާގެ ގޮތުގައި ބޭނުން ކުރެވޭނޭ ފަދަ އެއްޗަކަށް ބަދަލުކުރެއެވެ. މި ހަކަތަ ކާނާގެ ގޮތުގައި ރައްކާކުރަނީ އޭގެ އޮނިގަނޑުގެ ތެރޭގައި ފޮރުވިފައިވާ ޚާއްޞަ މަރުޙަލާތަކެއް ކަޑައްތުކުރުމަށް ފަހުގައެވެ. މި މަރުޙަލާތަކަށް ކިޔަނީ ފޮޓޯސިންތެސިސްއެވެ.
މި ކަމަށް ބޭނުންވާ އާލާތްތައް، ނުވަތަ ކާރުޚާނާ، އެއެއްޗެއްގެ ޒަރީއާއިން ގަސްގަހާގެހި ފޮޓޯސިންތެސިސް ހިންގާ ނިޡާމަކީ ފަތްތަކުގައިވާ ނިޡާމެކެވެ. ގަހުގެ މޫގަނޑުގަޑުގައްޔާއި ތަނޑިތަކުގައިވާ، މިނަރަލާއި ފެން ފަދަ، މިކަމަށް ބޭނުންވާ މާއްދާތައް، ނަޤުލު ކުރުމުގެ ނިޡާމަކީ ވެސް ޚާއްޞަ ސިފަތަކެއް ލިބިގެންވާ ނިޡާމެކެވެ. ދަރިމައިވުމުގެ ނިޡާމަކީވެސް ހުރިހައި ބާވަތެއްގެ ގަސްގަހާގެހީގައިވެސް ޚާއްޞަކޮށް ފަރުމާކުރެވިފައިވާ ނިޡާމެކެވެ.
މިއިން ކޮންމެ އާލާތެއްގައި ވެސް އެކުވި އޮނިގަނޑުތަކެއްވެއެވެ. އަދި މިއާލާތްތައް މަސައްކަތްކުރަނީ އެކަތި އަނެކައްޗާއި ގުޅިގެންނެވެ. މިއިން އެއްވެސް އާލާތެއް މަދުވެއްޖެ ނަމަ، އެހެންއާލާތްތަކުގެ މަސައްކަތް ކުރިއަކަށް ނުގެންދެވެއެވެ. މިކަމުގެ މިސާލަކަށް، ހަމައެކަނި ނަޤުލުކޮށްދިނުމުގެ ނިޡާމް، އުނިކުރެވިފައިވާ ގަހެއް ނަންގަވަމާތޯއެވެ. މިފަދަގަހެއް ފޮޓޯސިންތެސައިސް ކުރުމަކީ މުސްތަޙީލު ކަމެކެވެ. އާދެ ހަމަ ނުވާނެކަމެކެވެ. ކީއްވެގެންތޯއެވެ؟ ފޮޓޯސިންތެސިސްއަށް ބޭނުންވާ ފެން ނަޤުލުކޮށްދޭ ކަންވާރުތައް ނެތީމައެވެ. ފަހަރުގައި މިގަހަށް ކާނާ ތައްޔާރު ކުރެވުނުކަމުގައި ވިޔަސް ގަހުގެ އެހެނިހެން ތަންތަނަށް އެކާނާ ފޯރުކޮށްނުދެވޭނެއެވެ. އަދި  އެ ގަސް މަރުވާނެއެވެ.
މި މިސާލުގައިވާ ފަދައިން ގަހުގައިވާ ހުރިހާ ނިޡާމެއްވެސް އެއްވެސް ޚަލަލެއް އައުމެއްނެތި މަސައްކަތް ކުރަންޖެހެއެވެ. ގަހުގެ އޮނިގަނޑުތަކުގައި އުނިކަންއެކުލެވޭނަމަ ގަހުގެ މަސައްކަތް ގަހަކަށް ކުރިއަކަށް ނުގެންދެވޭނެއެވެ. މީގެ ނަތީޖާއަކަށް ވާނީ ގަސް މަރުވުމެވެ. އަދި މިބާވަތުގެ ގަސްތައްވެސް ފޮހެވިގެން ދިޔުމެވެ.
ގަސްގަހާގެހީގައިވާ ނިޡާމްތައް ތަފްޞީލުކޮށް ދިރާސާކުރާހިނދު އޭގައި އެކުލެވިގެންވާ އުނިކަމެއްނުވާ، އެކުވި ފަރުމާތައް ކަޝްފުވެގެންދެއެވެ. ދުނިޔޭގައިވާ ތަފާތު ބާވަތްތަކުގެ ގަސްގަހާގެހި ބަލާ ދިރާސާކުރުމުން އެތަކެއްޗައް ލިބިގެންވާ އާދަޔާ ޚިލާފު ސިފަތައް މާ ފައުޅުކަން ބޮޑެވެ. 500.000(ފަސް ސަތޭކަ ހާސް) އަށްވުރެ ގިނަ ބާވަތުގެ ގަސްގަހާގެހި ދުނިޔޭގައިވެއެވެ. އަދި މިއިން ކޮންމެ ބާވަތަކަށްވެސް، އެއަށް ޚާއްޞަ ފަރުމާއަކާއި ސިފަތަކެއް ލިބިގެންވެއެވެ. ހުރިހާ ބާވަތަކަށްވެސް ލިބިގެންވާ އެއްގޮތް، ފުރިހަމަ، އަސާސީ ނިޡާމް ތަކާއި އެކު، އެއާ އަޅާނުކިޔޭ ފަދަ ތަފާތު ތަކެއް، ދަރިމައިވުމުގެ ނިޡާމުގައާއި، ދިފާޢީ ނިޡާމުގައާއި، ކުލައާއި ފަރުމާއާއި ބައްޓަމުގައި ވެއެވެ. ގަސްގަހާގެހީގައި ހަމައެކަނި އެކަތި އަނެއްކައްޗާއި ޙިއްޞާކުރާ އެއްގޮތްކަމަކީ އޭގެ އަސާސީ ސިފަތަކެވެ. ހުރިހާގަހެއްގައި ކަހަލަގޮތަކަށް ފަތާއި މޫގަނޑާއި ގަސްގަނޑެއް ނުވަތަ ތަނޑިހުރެއެވެ.
އަދުގެ ސައިންސްވެރިންގެ ނަޡަރުގައި މި ނިޡާމްތަކަށް ތިލަނުކުރެވޭނޭ ފުންކަމެއް ނުވަތަ ކޮމްޕްލެކްސް ކަމެއް ލިބިގެންވެއެވެ. އިންޖީނުގެ އެންމެ ސޯބެއް މަދުވުމުންވެސް އިންޖީނު ނުހިނގާފަދައިން، ގަހެއްގެ އެންމެ ނިޡާމެއް އުނިވުމުން، ނުވަތަ ކުރަންޖެހޭ ގޮތައް މަސައްކަތް ނުކުރުމުން، އިސާހިތަކު ގަސް މަރުވެއެވެ.
ގަސްގަހާގެހީގެ ހުރިހާ ނިޡާމަކަށްވެސް [އިރިޑިއުސިބަލް ކޮމްޕްލެކްސިޓީ]ގެ ސިފަ ނުވަތަ ތިލަނުކުރެވޭނޭ ފުންކަމުގެ އެކުވި ސިފަލިބިގެން ވެއެވެ. ގަހެއްގެ ވުޖޫދުގައި މިހުރިހައި [ކޮމްޕްލެކްސް] ނިޡާމެއް އެއްވަގުތެއްގައި ހުންނަން ޖެހުމާއި އަދި މިހާގިނަ ބާވަތް ބާވަތުން އެކުލެވިގެން ވުމުން ސިކުނޑިއަށް މި ސުވާލު ކުރިމަތި ކުރުވައެވެ. [މިހައި ފުރިހަމަ ގޮތެއްގައި ގަސްގަހާގެހީގައިވާ ނިޡާމްތައް (ވުޖޫދު) ވީ ކިހިނަކުން ހެއްޔެވެ؟
އަނެއްކާވެސް މި ސުވާލުގެ ޖަވާބު ހޯދާލުމަށް ބައެއް ސުއާލު ކުރަމާތޯއެވެ. ގަސްގަހާގެހީގެ އާލާތްތަކުގެ ތެރެއިން އެންމެ މަޝްހޫރު އެންމެ މުހިއްމު އާލާތް ކަމުގައިވާ ފޮޓޯސިންތެސިސް އަދި އެއާއި ގުޅި ލާމެހިފައިވާ ނަޤުލު ކުރުމުގެ ނިޡާމް، ވުޖޫދުވީ ގޮތާއި މެދު ފިކުރުކޮށްލަމާ ތޯއެވެ.
އަޅުގަނޑުމެންގެ ވަށައިގެން އަބަދުވެސް ފެނިފެނި މިހުންނަ ގަސްގަހާގެއްސަށް، ފޮޓޯސިންތެސިސް ފަދަ އޭގެ ބައެއް ބައިތައް އަދިވެސް އަޅުގަނޑުމެންނަށް ފުރިހަމައަށް ފަހުމްވެފައި ނުވާ ކަންތައްތަކެއް އެތަކެތީގެ ހަށިތަކުގައި ފުރިހަމަވެގެންވާ ނިޡާމުތަކެއް އަށަގެންނެވުމުގެ ބާރު އެތަކެއްޗައް ލިބިގެންވޭ ހެއްޔެވެ؟ ކާނާ ތައްޔާރުކުރުމަށް، ވައިގައި އެކުލެވިގެންވާ ގޭސްތަކުގެ ތެރެއިން ކާބަންޑައިއޮކްސައިޑް، ޚިޔާރު ކުރީ ގަސްގަހާގެހިހެއްޔެވެ؟ ނޫންނަމަ އެތަކެތި ކާބަންޑައިއޮކްސައިޑް ބޭނުންކުރާނޭ މިންވަރު  ކަނޑައެޅީ އަމިއްލައަށްހެއްޔެވެ؟ ފޮޓޯސިންތެސިސްއަށް ބޭނުންވާ މާއްދާތައް ފަސްގަނޑުން ނެގުމުގައި ގަސްގަހާގެހި ބޭނުންކުރާ މޫގަނޑުގެ އާލާތްތައް ފަރުމާކުރީ އެތަކެތި ކަމުގައިވެދާނެހެއްޔެވެ؟ ފެނާއި އެހެނިހެން މާއްދާތައް ތަފާތު ހޮޅިހޮޅިން ނަޤުލުކޮށްދޭ، ނަޤުލުކޮށް ދިނުމުގެ ނިޡާމެއް ގެނެސްގަތީ އެތަކެތި އަމިއްލައައްހެއްޔެވެ؟
އާދައިގެ މަތިން، ގަސްގަހާގެހި އުފެދުނީ ކިހިނަކުންތޯ ކުރެވޭ ސުވާލަށް، އިވޮލޫޝަން ތިޔަރީ ދިފާޢުކުރާ މީހުންގެ ހަމައެކަނި ޖަވާބެއްގެ ގޮތުގައި ގެންނަނީ، [ޗާންސް] އެވެ. އާދޭހެވެ. އިއްތިފާޤެވެ. އެބައިމީހުން ބުނާގޮތުގައި، ދުނިޔޭގައި އިއްތިފާޤަކުން ގަސްގަހާގެހީގެ ބާވަތެއް ވުޖޫދުވީއެވެ. އަދި ޢަދަދު ނުކުރެވޭހައި ގިނަ ގަސްތައްމިވަނީ އުފެދިފައެވެ. މީއީ ވެސް އިއްތިފާޤެވެ. އަދި މިއިން ކޮންމެ ބާވަތަކަށް ޚާއްޞަ، ކުލައަކާއި ވަހަކާއި ރަހަ އެއް ލިބިގެންވުމަކީ ވެސް އިއްތިފާޤެވެ. އެހެނަސް އެބައިމީހުންގެ މި ދަޢުވާތަކައް ސައިންސުން ހެއްކާއި ޤަރީނާ ގެނައުމަށް އެމީހުން ވަނީ ނުކުޅެދި ފައެވެ. އެބައިމީހުން މޫދު ފެހި، ސްޓޯބެރީގަހަކަށް ނުވަތަ ފިނިފެންމާގަހަށް ބަދަލުވީ އިއްތިފާޤުން ދިމާވި ހާލަތްތަކަކާއި ހުރެ މި ދޭތި ތަފާތުވެގެން ކަމަށް ބުނެ މިކަން ބަޔާންކުރަން މަސައްކަތް ކޮށްފައިވެއެވެ. އެހެނަސް، ގަހެއްގެ އެންމެ ސެލްއަކަށް ނަޡަރު ހިންގާލިކަމުގައި ވިޔަސް ފެނިގެންދާނީ، ސެލްގެ [ކޮމްޕްލެކްސް] ކަމާއި ހުރެ، ޒަމާނާއި އެކު ކުދިކުދި ބަދަލުތަކެއް އައިސްގެން އުފެދުން މުސްތަޙީލު ނިޒާމަކުންކަމެވެ. ސެލްގެ މި [ކޮމްޕްލެކްސް] ނިޡާމާއި އަދި ގަސްގަހާގެހީގައިވާ އެހެނިހެން ނިޡާމްތަކާއި އާލާތްތައް، އިވޮލޫޝަނިސްޓް ފިކުރުގެ މީހުން ކުރިއަށް ނެރޭ [އިއްތިފާޤުން ދިމާވި ހާދިޘާތައް]، ކަނޑައެޅިގެން ދޮގުކުރެއެވެ. މިޙާލަތުގައި ނިކުންނަނީ އެންމެ ނަތީޖާއެކެވެ.
 ގަސްގަހާގެހީގައިވާ ކޮންމެ އޮނިގަނޑަކީވެސް ޚާއްޞަގޮތެއްގައި ރޭވި ފަރުމާކުރެވިފައިވާ އެއްޗެކެވެ. މިކަމުން މި ޚަލަލެއް، އުނިކަމެއް ނެތް މިރޭއްވެވުމުގެ ފަހަތުގައި މަތިވެރި ފަރާތެއް ވާ ކަން ދަލީލް ކޮށްދެއެވެ. ޢާލަމްތަކުގެ ވެރި الله އިންސާނާއަށް އެކަލާނގެ ޚަލްޤުކުރެއްވުމުގައިވާ އުނިކަމެއް، އައިބެއްނެތް ފުރިހަމަކަން އިންސާނާއަށް ދައްކަވަނީއެވެ.
އަރަހުށި الله ކީރިތި ޤްރްއާނުގެ ސޫރަތުލް އަންޢާމްގެ 101-102 ވަނަ އާޔަތުގައި މަޚްލޫޤުންގެ މައްޗައް އެއިލާހައްވާބާރާއި، އެ އިލާހުގެ ޚަލްޤުކުރެއްވުމުގައިވާ ފުރިހަމަ ކަން ޛިކުރު ކުރައްވާފައިވެއެވެ.
بَدِيعُ السَّمَاوَاتِ وَالْأَرْضِ ۖ أَنَّىٰ يَكُونُ لَهُ وَلَدٌ وَلَمْ تَكُن لَّهُ صَاحِبَةٌ ۖ وَخَلَقَ كُلَّ شَيْءٍ ۖ وَهُوَ بِكُلِّ شَيْءٍ عَلِيمٌ. ذَ‌ٰلِكُمُ اللَّهُ رَبُّكُمْ ۖ لَا إِلَـٰهَ إِلَّا هُوَ ۖ خَالِقُ كُلِّ شَيْءٍ فَاعْبُدُوهُ ۚ وَهُوَ عَلَىٰ كُلِّ شَيْءٍ وَكِيلٌ.
"(އެއިލާހީ) އިސްވެދިޔަ مثال އެއްނެތި، އުޑުތަކާއި ބިންހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެއަށް، ދަރިކަލަކު ވާނީ ކިހިނަކުން ހެއްޔެވެ؟ އެކަލާނގެއަށް އަނބިކަނބަލަކުވެސް ނުވެއެވެ. އަދި ހުރިހާ ތަކެއްޗެއް ހެއްދެވީ، އެކަލާނގެއެވެ. އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
"އެއީ الله އެވެ. ތިޔަބައިމީހުންގެ ވެރިއިލާހެވެ. އެކަލާނގެ މެނުވީ حق ވެގެން އަޅުކަމެއްވެވޭ إله އަކުނުވެއެވެ. (އެކަލާނގެއީ) ހުރިހާ ތަކެއްޗެއް ހެއްދެވި އިލާހެވެ. ފަހެ، ތިޔަބައިމީހުން އެކަލާނގެއަށް އަޅުކަން ކުރާށެވެ! އަދި އެކަލާނގެއީ، ހުރިހާ ތަކެއްޗެއް ރައްކާތެރި ކުރައްވާ ބަލަހައްޓަވާ އިލާހެވެ."


Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews