މައި ޞަފްޙާ » » އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (އެއްވަނަބައި)

އިސްދޫ ދަރިކޮޅުން މުޡުހިރުއްދީން ރަސްގެފާނުގެ ޢާއިލާ (އެއްވަނަބައި)

Sunday, April 21, 2013 | 8:57 AM

ތާރީޚުގައި ލިޔެވެންޖެހޭނީ ހިނގި ކަމެކެވެ. ހިނގާނޭ ކަމެއްނޫނެވެ. ތާރީޚަކީ ވަރަށް ބޮޑު އަމާނާތެކެވެ. އެއަށް ރައްކައުތެރިވުން ލާޒިމް އެއްޗެކެވެ. ހިނގި ކަމެއް ކުރިމީހަކު ނެތި، ދުށްމީހަކު ނެތި، ދެނެހުރި މީހަކު ނެތި، ޔޯލަކޮށް ބަޔަކު ދެއްކި ނުއުފަންނަ ނުހައްދަވާ ކަމެއްގެ ވާހަކަ އޭގެ އެތައްއަހަރެއްގެ ފަހުން ތާރީޚީ ކަމެއްގެ ގޮތަށް އުފަންކުރުވަން އުޅެގެން ނުވާނެއެވެ. ތާރީޚުގައި ފާހަގަކުރަންޖެހޭ ކަމެއް ހާމަކުރަންވާނީ އެކަމެއް ހިނގި ގޮތަށެވެ. ތިމާ ނުވަތަ ތިމާގެ ގާތްފަރާތެއްގެ މަޞްލަޙަތު އޮވެގެން ވިޔަސް ހިނގާފައިވާ ތާރީޚީކަމެއް ހިނގިގޮތަށް ނޫން ގޮތަކަށް ދުލުން ނުވަތަ ޤަލަމުންވިޔަސް ބަޔާންކުރުމަކީ ދޮގު ހެދުމުގެ އިތުރަށް ތާރީޚީ ވަރަށްބޮޑު ޖަރީމާއެކެވެ.                                                   
ކުރިއްސުރެ ލިޔެވި ފެންނަންހުރި ދިވެހި ތާރީޚުގެ ޞަފުޙާތަކުގައި ގިނައިން ލިޔެވިފައިވަނީ ރަސްކަމާއި މާލެއާއި ގުޅުންބޮޑު ކަންކަމެވެ. ރާއްޖެތެރެއާއި ގުޅުންހުރި ރަސްރަސްކަލުންގެ ދިރިއުޅުއްވުމުގެ ބައެއް ޙާލަތާއި އެބޭފުޅުންގެ ޢާއިލާ ހިނގާފައިވާ ގޮތާއި ރާއްޖެތެރޭގެ ގިނަ ކަންކަން ދިވެހިތާރީޚުގެ ޞަފުޙާތަކުން ވަރަށް ނުފެނެއެވެ. މިހެންވާން ޖެހުމުގެ ޤަބޫލުކުރެވޭ ސަބަބާއި ޤަބޫލުކުރުން ދަތިވާ ސަބަބުތަކެއް ވެސް އޮވެދާނެއެވެ. ނަމަވެސް އެވާހަކަ ދެއްކުމަކީ މިލިޔުމުގެ ބޭނުމާއި ގުޅޭ ކަމެއް ނޫނެވެ.                                
އިސްދޫ ދަރިކޮޅުގެ ތިން ބޭފުޅަކު ދިވެހި ރަސްކަމުގެ ތަޚުތުގައި ރެދަލި ކުރެއްވިއެވެ. އިސްދޫ *އިބްރާހީމް ވެލާނާތަކުރުފާނުގެ ޢަލީ (ހަތްވަނަ) ރަސްގެފާނާއި، އޭނާގެ ދަރިކަލުން ޙަސަން (ދިހަވަނަ) ރަސްގެފާނާއި، އަދި އިސްދޫ *އިބްރާހީމް ވެލާނާތަކުރުފާނުގެ ޙަސަން މާފަތްތަކުރުފާނުގެ އިބްރާހީމް މުޡުހިރުއްދީން ރަސްގެފާނެވެ. ދެއްވަދޫ ރަސްގެފާނުގެ އަނބިކަނބަލުން ޚަދީޖާ ކަނބާފާނަކީ އިސްދޫ *އިބްރާހީމް ވެލާނާތަކުރުފާނުގެ ބޭފުޅެކެވެ. ޚަދީޖާ ކަނބާފާނު އަވަހާރަވުމުން ދެން ދެއްވަދޫ ރަސްގެފާނު ކައިވެނިފުޅުކުރެއްވީ އިސްދޫ *އިބްރާހީމް ވެލާނާތަކުރުފާނުގެ ދަރިކަލުން ޙުސެން ތަކުރުފާނުންގެ، ސަންފާ ކަނބާފާނާއެވެ. ދެއްވަދޫ ރަސްގެފާނު އަވަހާރަވީއިރު މި އަނބިކަނބަލުން އިންނެވިއެވެ.                    
ވިކިޕީޑިއާ ގައި ދެއްވަދޫ ރަސްގެފާނު ހިމަނާފައިވަނީ އިސްދޫ ދަރިކޮޅުގެ ރަސްކަލެއްގެ ގޮތުގައެވެ. ނަމަވެސް އިސްދޫ ދަރިކޮޅުގެ ދެބޭފުޅަކާއި ކައިވެނީގެ ގޮތުން ގުޅިވަޑައިގަތުން ފިޔަވައި އެދަރިކޮޅާއި އެރަސްގެފާނާއި ހުރި ސީދާ ގުޅުމެއް ނުފެނެއެވެ. އެހެނެއްނޫނެވެ. އިސްދޫ ދަރިކޮޅުގެ ޢަލީ (ހަތްވަނަ) ރަސްގެފާނުގެ އަނބިކަނބަލުންނަކީ މީދޫ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ އިބްރާހީމް ނާއިބު ފަޑިޔަތް ތަކުރުފާނުގެ، މާވައު ރަންދި ބީފާނުގެ، މުޙައްމަދު ފަޑިޔަތް ތަކުރުފާނުގެ، ޢާއިޝާ ކަނބާފާނު (ކަނބޯވަތި އައިސާ ކަނބާފާނު) އަށް ވެފައި، ދެއްވަދޫ ރަސްގެފާނަކީ ޝަމްސުއްދީން ފަނޑިޔާރު ތަކުރުފާނުގެ އަލްޙާއްޖު ޢަލީ ތުއްކަލާގެ ބޭފުޅަކަށް ވީމާ އެއީ އިސްދޫ ދަރިކޮޅަށް ނިސްބަތްވާން ޖެހޭ ގުޅުމެއްނަމަ އެގުޅުން އެބަ އޮތެވެ.
މުޡުހިރުއްދީން ރަސްގެފާނަކީ އިސްދޫ ދަރިކޮޅަށް ނިސްބަތްވާ ރަސްކަލެއްކަމާއި މިރަދުންގެ ރަސްކަން ފެށުނުގޮތާއި ނިމުނުގޮތުގެ ޚުލާޞާ ލިޔުމެއް ދިވެހިތާރީޚުން ފެނުނަސް މިރަދުންނާއި ސީދާ ގުޅިގެން އުފެދުނު ޢާއިލާގެ ވާހަކައެއް ދިވެހިތާރީޚީ ޞަފުޙާއަކުން ނުފެނެއެވެ. ދިވެހިތާރީޚީ ލިޔުންތަކެއް ލިޔުއްވި މުއައްރިޚު އުސްތާޛު މަރުޙޫމު މުޙައްމަދު އިބްރާހީމް ލުޠުފީ ވެސް ތާރީޚުގެ މިބައި ލިޔުއްވާފައިވާތީ ނުދެކެމެވެ. ނަމަވެސް މިބައި ލިޔުއްވުމަށް އެންމެއައުލާ އެއްބޭފުޅަކީވެސް އެމުއައްރިޚު ކަމަށް އަޅުގަނޑު ދެކެމެވެ. މުޡުހިރުއްދީން ރަދުންގެ ޢާއިލާއާބެހޭ ގިނަ މަޢުލޫމާތު އެމުއައްރިޚަށް އެނގިވަޑައިގަނެއެވެ. އޭނާގެ އަރިހުގައި އެއްގެއްގައި އަހަރެއްހާ ދުވަހު އަޅުގަނޑު އުޅެންޖެހުމުން އެމުއައްރިޚަކީ ރާއްޖެއާއި ބެހޭ ވަރަށްގިނަ މަޢުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅެއްކަމަށް އަޅުގަނޑު ދެކެމެވެ.                                    
ޣާޒީރަދުންގެ ރަސްކަމުގެ ފަހުން ބައެއް ރަސްރަސްކަލުންގެ ދަރިކޮޅު ލިޔެވި ފެންނަފަށުގައި ވެއެވެ. ނަމަވެސް މުޡުހިރުއްދީން ރަދުންގެ ދަރިކޮޅު ނުފެނެއެވެ. މުޡުހިރުއްދީން ރަދުންނާއި ގާތް ބައެއް ބޭފުޅުން ދިވެހިތާރީޚުގެ ޞަފުޙާތަކެއްވެސް ލިޔުއްވައިފިއެވެ. އެބޭފުޅުންގެ ހަނދުމަފުޅެއްވެސް އެކަމަށް ނެތީބާއެވެ. އަދި މިރަދުންނާއި ގާތް ބައެއް ބޭފުޅުން ރާއްޖޭގެ އެންމެމަތީ ވެރިކަން ކުރައްވައިފިއެވެ. އެބޭފުޅުންގެ“އެދިވަޑައިގަތުމެއް، އަމުރުފުޅެއް”ވެސް އެކަމަށް ނެތީބާއެވެ.                                              
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވި ޝައިޚް ޙުސައިން ޞަލާޙުއްދީނަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ފާޠިމާ މާވާކިލެގެފާނުގެ، ޢާއިޝާ ކަނބާފާނުގެ، ޢާއިޝާ ރަންދި ކަނބާފާނުގެ، މާވާ މަރިޔަމްދީދީގެ، މާވާ ޙުސައިންދީދީގެ، އާމިނާ މެދުދީދީގެ، ބޮޑުގަލު މޫސާދީދީގެ، ބޭފުޅެކެވެ.                                           
ތާރީޚީ ގިނަ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވި އުސްތާޛު މަރުޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީއަކީ މުޠުހިރުއްދީން ރަދުންގެ، މުޙައްމަދު މަނިކުފާނުގެ، މޫސާ މަނިކުފާނުގެ، ކޮނޑޭ ޢަލިމަނިކުފާނުގެ ހުޅެދޫދީދީ(އ)ގެ، ޢާއިޝާދީދީގެ، ޒުލޭޚާދީދީ (ދަލޭކާދީދީ، ނުވަތަ ދީދީ)ގެ، ފިޔޯރީ ދޮންދީދީގެ، އިބްރާހީމްދީދީ، (އިބްރާހީމް ލުޠުފީ، ނުވަތަ އައްޑޫ ތުއްތީދި)ގެ، ބޭފުޅެކެވެ.            
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވި އަޙުމަދު ޝަފީޤަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާމަނިކުފާނުގެ، ވީރު ޢަލީ ދޮށިމޭނާކިލެގެފާނުގެ، ކީހި އިބްރާހީމްދީދީގެ، ވީރު ޙަސަންދީދީގެ، ޢަލީ މަލިމް މަނިކުފާނުގެ، މަލިންގޭ ޙަސަންދީދީގެ، ތުއްތުދީދީގެ، މަނިއްޕުޅު (ތުއްތުމަނިއްޕުޅު)ގެ، ބޭފުޅެކެވެ.                                      
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވުމުގެ ބާރު ލިބިވަޑައިގެންނެވި ޝަމްސުއްދީން ރަދުންނަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާމަނިކުފާނުގެ، ވީރު ޢަލީ ދޮށިމޭނާކިލެގެފާނުގެ، ދޮންބީނާގޭ އާމިނާދީދީގެ، ޢާއިޝާ ރަނި ކިލެގެފާނު (ކަކާގޭ ކަޅުގޮމާ)ގެ، ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ، ޚަދީޖާ ދޮށީދީދީގެ، ކަކާގޭ ގޮމާގެ، ބޭފުޅެކެވެ.         
ތާރީޚީ ޞަފުޙާތަކެއް އަމިއްލަފުޅަށް ވުޖޫދަށް ނެރުއްވުމާއި އަދި އެކަމަށް އަމުރުފުޅު ކުރެއްވުމުގެ ބާރު ލިބިވަޑައިގެންނެވި ރައީސް އަމީނަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާ މަނިކުފާނުގެ، ވީރު ޢަލީ ދޮށިމޭނާކިލެގެފާނުގެ، ދޮންބީނާގޭ އާމިނާދީދީގެ، ޢާއިޝާ ރަނި ކިލެގެފާނު (ކަކާގޭ ކަޅުގޮމާ)ގެ، ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ، މަރިޔަމް ޅަދީދީގެ، އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ، ބޭފުޅެކެވެ.                                    
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވުމުގެ ބާރު ލިބިވަޑައިގެންނެވި މުޙައްމަދު ފަރީދު ރަސްގެފާނަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާ މަނިކުފާނުގެ، ވީރު ޢަލީ ދޮށިމޭނާކިލެގެފާނުގެ، ދޮންބީނާގޭ އާމިނާދީދީގެ، ޢާއިޝާ ރަނި ކިލެގެފާނު (ކަކާގޭ ކަޅުގޮމާ)ގެ، ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ، ޚަދީޖާ ދޮށީދީދީގެ، ކަކާގޭ ގޮމާގެ، ދޮންގޮމާގެ، ބޭފުޅެކެވެ.                                                   
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވުމުގެ ބާރު ލިބިވަޑައިގެންނެވި ރައީސް ނާޞިރަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ޙަސަން ހޮޅި ހަކުރާ މަނިކުފާނުގެ، ވީރު ޢަލީ ދޮށިމޭނާކިލެގެފާނުގެ، ކީހި އިބްރާހީމްދީދީގެ ވީރު ޙަސަންދީދީގެ ޢަލީ މަލިމް މަނިކުފާނުގެ މަލިންގޭ ޙަސަންދީދީގެ މުޙައްމަދުދީދީގެ އަޙުމަދުދީދީގެ ބޭފުޅެކެވެ. ރައީސް ނާޞިރުގެ މަންމާފުޅަކީ މުޡުހިރުއްދީން ރަދުންނާއި އެއްބަނޑު ފާޠިމާ މާވާ ކިލެގެފާނުގެ، ޢާއިޝާ ކަނބާފާނުގެ، ޙާޖީ ބަންޑާރައިން (ޣިޔާޘުއްދީން ރަދުން)ގެ، އިބުރާހީމް ފާމުލަދޭރި ކިލެގެފާނުގެ، ޙަސަންދީދީގެ، ޙުސައިންދީދީގެ، މަރިޔަމްދީދީގެ، މޫސާދީދީގެ، ޢާއިޝާދީދީއެވެ.         
ތާރީޚީ ޞަފުޙާތަކެއް ވުޖޫދަށް ނެރުއްވުމުގެ ބާރު ލިބިވަޑައިގެންނެވި ރައީސް މައުމޫންއަކީ މުޡުހިރުއްދީން ރަދުންގެ މުޙައްމަދު މަނިކުފާނުގެ މޫސާ މަނިކުފާނުގެ ކޮނޑޭ ޢަލިމަނިކުފާނުގެ ދޮންދީދީ(ކޮނޑޭދީދީ)ގެ މުޙައްމާދީދީގެ ޢާއިޝާދީދީގެ މަރިޔަމްދީދީގެ ޚަދީޖާދީދީ (ކަތްދާދީދީ)ގެ، ބޭފުޅެކެވެ.                                                   
ދިވެހިރާއްޖޭގެ މޮޅު ތާރީޚީ ބައެއް ލިޔުންތެރިންނާއި އަދި ދިވެހިރާއްޖޭގެ އެންމެމަތީ ވެރިންގެ ބައެއް ބޭފުޅުންނާއި މުޡުހިރުއްދީން ރަދުންނާއި އެހާބޮޑަށް ގުޅިފައި ވެއެވެ. އެގުޅުމަކީ ކާކުގެދަރި ކާކުކަން އެނގޭގޮތަށް އެކަކު އަނެކަކާއި ގުޅިފައިވުމެވެ. އެއީ ދުރުތާ ތިމާގެވުންތޯ ގާތުން ތިމާގެވުންތޯ ދަރިންގެ ދަރި ދަރިންނަށްވުންތޯ ނިންމަވާނީ އޭގެ ޙައްގުވެރިންނެވެ. ކޮންމެގޮތެއްވިޔަސް މިދެންނެވި އެއްވެސް ބޭފުޅަކު މުޡުހިރުއްދީންގެ ފަރާތްޕުޅުން އުފެދުނު ޢާއިލާގެ ވާހަކައެއް ލިޔުއްވައި، ނުވަތަ އެވާހަކަ ލިޔުމަށް “ބާރެއް” އެޅުއްވިނަމަ، އެބައި ހާދަ ފުރިހަމަވީހެވެ.ނުނިމޭ
މަޞްދަރު: ހަވަރު އޮންލައިން
ލިޔުމުގެ މުޞައްނިފް:ޢަބްދުﷲ ޙިލްމީ
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews