މައި ޞަފްޙާ » » އަނެއްކާވެސް ވަގުފައިސާތަކެއްގެ މައްސަލަ ފެންމަތިވެއްޖެ

އަނެއްކާވެސް ވަގުފައިސާތަކެއްގެ މައްސަލަ ފެންމަތިވެއްޖެ

Monday, June 10, 2013 | 10:01 AM

މީހަކު ފައިސާތަކެއް ގުނަނީ:މިހާރަކަށްއައިސް އަނެއްކާވެސްވަނީ ވަގުފައިސާގެ މައްސަލަ ފެންމަތިވާންފަށާފަ:ފޮޓޯ ފައިލް
ދައުރުވާ ފައިސާގެ ތެރޭގައި ގިނަ އަދަދެއްގެ ވަގު ނޫޓް ނޫޅޭ ކަމަށާއި އެ މައްސަލައިގައި އަދި ސީރިއަސް ކަމެއް ނެތް ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިއަދު ބުނެފި އެވެ.
އެ ބޭންކުން ރޭ ވަނީ މިފަހަކަށް އައިސް 100ރ. އާއި 500ރ.ގެ ވަގް ނޫޓް ފެންނަމުން ދާތީ އެކަމާ މެދު ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު އެމްއެމްއޭގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ބޭންކްގެ ޗީފް ސުޕަވައިޒާ އޮޕަރޭޝަންސް މުހައްމަދު ތައުފީގު ވިދާޅުވީ އެންމެ ގިނައިން ފެންނަނީ 100ރ. ގެ ވަގު ނޫޓް ކަމަށެވެ. ނަމަވެސް އެ ނޫޓްތަކަކީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައިވާ ފަސޭހައިން ދެކެގަނެވޭނެ އެއްޗެހި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި އެއްޗިހިތައް މި އުޅެނީ ފޮޓޯ ކޮޕީ ކަހަލަ ގޮތަކަށް. އެއީ ވަރަށް އާދައިގެ ކަރުދާހަށް ލޭޒާ ޕްރިންޓާގައި ޕްރިންޓްކޮށްފައި މި ހުންނަނީ. އަތްލާ އިރަށް ވެސް އެގޭހާ ދެރަކޮށް މި ހުންނަނީ. މި އެއްޗިހި ނުރައްކާވާ ވަރަކަށް ނޫޅޭ. މިދެންނެވީ ވަކި ހާއްސަ މޮޅު ޗާޕެއް ނޫޅޭ،" ތައުފީގް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަގު ނޫޓެއް ބޭންކްގެ ތެރެއިން އާންމުންނާ ހިސާބަށް ނުދާނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އޭޓީއެމްތަކަށް ފޮނުވާ ނޫޓްތަކަކީ ވަރަށް ރަނގަޅަށް އެމްއެމްއޭއިން ޗެކް ކުރުމަށް ފަހު ދޫކުރާ އެއްޗެއްސަށް ވުމެވެ.
ދޭތެރެދޭތެރެއިން ވަގު ނޫޓްގެ މައްސަލަ ފެންމަތިވާ ކަމަށާއި ވަގު ނޫޓްގެ މައްސަލަ އަކީ ވަކި ދުވަސްވަރަކަށް ކުރިމަތިވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކަހަލަ މައްސަލަތައް ފުލުހުން ބައްލަވާ އަބަދުވެސް. އެކަމަކު ގާނޫނީ ގޮތުން ވަރަށް އުނދަގޫ ކަމަކަށް ވަނީ ފިޔަވަޅު އަޅަން،" ތައުފީގް ވިދާޅުވި އެވެ.
އެމްއެމްއޭއިން މިއަދު ދައްކާލި ވަގު ނޫޓްތައް ޗާޕްކޮށްފައި ހުރީ ވަރަށް އާދައިގެ ކަރުދާހުގަ އެވެ. އަދި ފައިސާގައި ހިމަނާފައި ހުންނަ ގިނަ ސެކިއުރިޓީ ފީޗާތައް އެ ނޫޓްތަކުގައި ނުހުރެ އެވެ. ވަގު ނޫޓްގެ މައްސަލަ އަނެއްކާވެސް ފެންމަތި ވުމާ އެކު ބޭންކުތަކުން ފައިސާ ނެގުމުގައި އަންނަނީ ސަމާލުވަމުންނެވެ.
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews