މައި ޞަފްޙާ » » ޤަބީލާ ސިސްޓަމާއި ޕާޓީ ސިސްޓަމް.

ޤަބީލާ ސިސްޓަމާއި ޕާޓީ ސިސްޓަމް.

Sunday, June 2, 2013 | 1:21 PM

އިސްލާމް ދީން އައުމުގެ ކުރިން، ޖާހިލިއްޔަ ޒަމާނުގައި އޮތް ޤަބީލާތަކުގެ ވެރިކަމުގެ އުޞޫލާ އާދަކާދަތަކާއި، މުޝްރިކުންގެ ތެރެއިން ހުޅަނގުގެ ތަހުޒީބާއި ތަރައްޤީގެ ނަމުގައި  މިއަދު ތަޢާރަފު ކޮށްފައިމިވާ ޑިމޮކުރަސީއާއި ޕާޓީ ނިޒާމާ ދެމެދުގައި އެއްވެސް ތަފާތެއް ނެތެވެ. މިހެން މިދަންނަވަން މިޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ.

ޤަބީލާތަކުގެ ބާރާއި ނުފޫޒު އޮތް ޒަމާނުގެ ބައެއް ކަންކަމަށް ބަލައިލާއިރު، އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ބައެއް ކަންކަން ލިސްޓުކޮށްލާނަމެވެ.

1) ޤަބީލާތަކަށް ތަޢައްޞުބު ވުން:
ތިމާގެ ޤަބީލާގެ މީހާއަކީ ކިތަންމެ އަނިޔާވެރި، ކިތަންމެ ޚުދުމުޚްތާރު މީހެއްކަމުގައިވިޔަސް، ޤަބީލާއަށް ނޫނީ ތާއިދު ނުކުރެވެއެވެ. ޑިމޮކުރަސީގައިވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ ހަމަ އެ އުޞޫލެވެ. ތިމާ ޤަބޫލު ކުރާ ސިޔާސީ ޕާޓީ އިން ގޮޑިޔަށް ކުރިމަތިލަނީ ކޮން ފެންވަރެއްގެ ކިހާވަރެއްގެ ކާކުތޯ، ނުވަތަ ޤާބިލުކަން ހުރީ ކިހާ މިންވަރަކަށްތޯ ބެލުމެއް ނޯވެއެވެ. 30 އަހަރުގެ ޚުދުމުޚްތާރު ދިގު ވެރިކަން ނިމިގެން ދިޔުމަށްފަހު ދެން އައި މީހުންގެ ޝިޢާރަކަށްވީ 500 އަހަރަށް އެބައިމީހުންގެ ވެރިކަން ދެމެހެއްޓުމެވެ. މަގުމަތީގެ ތަޅާފޮޅުމާއި، މީސްތަކުންނަށް ތުރާކޮށް ޖެއްސުން ކުރުމުގައިވެސް، ޑިމޮކުރަސީ ގެނެސްދިން ތަރައްޤީއާއި ޤަބީލާގެ ވެރިކަމުގެ ޒަމާނުގެ ޖާހިލީ އުޞޫލުތަކާ އެއްވެސް ތަފާތެއް ނެތެވެ.

2) ޖުވާކުޅުމާއި ބަނގުރަލާއި މަސްތުވާތަކެތި:
ޖާހިލިއްޔަ ޒަމާނުގެ މީހުންގެ ތެރޭގައި އެންމެ ބޮޑަށް ފާޅުވެފައިވާ އެއް ކަމަކީ މިއީއެވެ. ކުޅިވަރުގެ ތެރެއިން މުދާތައް ޚަރަދު ކޮށްލުމުގެ ކުޅިވަރުތަކަކީ ޒަމާނީ ތަރައްޤީގެ ތެރެއިން އެނގި ތަޢާރަފުވި ކަމެއް ކަމުގައި ބައެއް މީހުން ހީކުރިޔަސް އެކަން އޮތީ އެހެނެއް ނޫނެވެ. މިއަދުގެ ދުނިޔޭގައި ތަފާތު ނަންނަމުގައި ތިމާގެ ބުއްދިފިލުވާލެވޭފަދަ ބޭސްތައް ހުރި ކަމުގައިވިޔަސް، ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުންވަނީ ބަނގުރަލަށް ދެވިހިފާފައެވެ. އެހާރާއި މިހާރުވެސް ބަނގުރަލަކީ މީސްތަކުން އެއިން ސަލާމަތްވެފައި ނުވާ ވަބާއެކެވެ.

3) އަންހެންނުން ނިވާކަން ކުޑަހެދުމުގައި ނުކުތުމާއި ވަގު ލޯބިވެރިން ގެންގުޅުން:
މިއަދުގެ ތަރައްޤީގެ ތެރެއިން އަންހެނުންނަށް ލިބިފައިވާ ހަމައެކަނި މިނިވަންކަމަކީ ފިރިހެނުންގެ ކުރިމަތީގައި ވަނާތައް ފާޅުކޮށް ކަސްބީވެގެން އުޅުމުގެ މިނިވަންކަމެވެ. މިއީ ޖާހިލިއްޔަތުގައިވެސް އެޒަމާނުގެ އަންހެނުންގެ އާދައެވެ. އެދުވަސްވަރު އައުރަ ނިވާނުކޮށް ގިނަބަޔަކު ތިބީ ފާހިޝްކަމުގެ އިތުރަށް ފަޤީރު ކަމުގެ ސަބަބުންނެވެ. ވަގު ލޯބިވެރިން ގެންގުޅުމަކީ އިއްޔެއަކު މިއަދުގެ ކަމެއް ނޫނެވެ. އެއީ ޖާހިލިއްޔަ ޒަމާނުއްސުރެ އެކަންކަން ކުރަމުން އައި މީހުންގެ މެދުގައި އައުކަމެއް ނޫނެވެ. ދެ ޖިންސު މަސްހުނިވެގެން އުޅުމަކީ މިއަދުގެ ތަރައްޤީ ކަމުގައި ބަޔަކު މީހުން ދެކިގެން އުޅުނަސް އެއީ އިސްލާމް ދީން އައުމުގެ ކުރީގައި ބަޔަކުމީހުން އުޅުނު މުޑުދާރު އަދި ގޮތްކުޑަ ގޮތެކެވެ.

4) އެއްޖިންސުން ޖިންސީގުޅުން ހިންގުން:
ޑިމޮކުރަސީގެ ދަށުން ލިބިދިން އެންމެ ބޮޑު ޙައްޤަކީ މިއީއެވެ. ފިރިހެނުންނާއި ފިރިހެނުން އިނުމާއި، އަންހެނުންނާއި އަންހެނުން ކައިވެނިކުރުމެވެ. ނަމަވެސް މިކަންވެސް މިއީ ބަޔަކު އަލަށް ކޮށްއުޅުނު ކަމެއް ނޫނެވެ. ސަދޫމު ބާގައިގެ މީހުންގެ ގާތަށް ލޫޠުގެފާނު ފޮނުއްވުނީ މިކަން މަނާކުރެއްވުމަށެވެ. ފަހުޒަމާނުގައި ފެނުނު އިޓަލީގެ ސިޓީއެއް ކަމުގައިވާ ޕޮންޕޭ އަކީވެސް އެފަދަ ތަނެކެވެ. އެތާނގެ މީސްތަކުންގެ ޙާލަތު މިއަދާއި ހަމައަށްވެސް އެއޮތީ ފެންނާށެވެ.

5) ވިހާފައި ދަރިފުޅު މަރާލުން:
މިއަދުގެ ދުނިޔޭގައި އެންމެ ބޮޑަށް ހިނގާ އެއްކަމަކީ ދަރިފުޅު ވިހާފައި މަރައިލުން ނުވަތަ އެއްލައިލުމެވެ. މިއަދުގެ ސުރުޚީތަކަށް ބަލާއިރު، ދުނިޔޭގެ ޤައުމެއްގައި ދަރިފުޅު ފާޚާނާ ތަށިން ފްލަޝް ކޮށްލީމާ، ފާޚާނާ ހޮޅިތެރޭގައި މަރުނުވެ އޮއްވާ ފުލުހުން ސަލާމަތްކުރި ޚަބަރު ފާހަގަކުރެވެއެވެ. ރާއްޖެއަށް ބަލާއިރު، ދަރިފުޅު ވިހާފައި، ފޫޅުވެސް ނުކަނޑައި ގޭ ދޮރުމައްޗަށް އެއްލައިލާފާ އެކުއްޖާގެ މަންމަ ގުޅާފައި ފުލުހުންނަށް ރިޕޯޓު ކުރިވާހަކަ އަޑުއެއްސެވިން ދެއްތޯއެވެ؟ ޖާހިލީ ޒަމާނުގައި ދަރިން ވިހާފައި، ވަކިން ޚާއްޞަކޮށް އަންހެން ކުއްޖެއް ލިބިއްޖެއްޔާ އެދަރިފުޅު ދިރިހުއްޓާ ވަޅުލުންފަދަ ކަންތައްތައް ވަނީ ކޮށްފައެވެ.

6) ނަސަބާމެދު ފަޚުރުވެރިވެ ޚަރާދުކިޔާ ހަޔާތްގޮވާ ހެދުން:
އެއްބަޔަކު އަނެއްބަޔަކަށް ބޮޑާބަސް ބުނެ ޅެންކިޔާ، ފަޚުރުވެރިވެ އުޅުމަކީ ޖާހިލިއްޔަ ޒަމާނުގައި އެކަން އޮތް ގޮތެވެ. މައްކާގެ އުކާޒު ބާޒާރަކީ މިފަދަ ތަނެކެވެ. މިއަދު ސިޔާސީ ޕާޓީތަކުގެ ޖަގަހަތައް އެއީ އެފަދަ ތަންތަނެއް ނޫންތޯއެވެ.

މިހެންގޮސް ކިޔާނެކަމެއް ނެތެވެ. ޑިމޮކުރަސީއާއި ޕާޓީ ނިޒާމަކީ ޙަޤީޤަތުގައި ޤަބީލާ ވެރިކަމުގެ ނިޒާމެވެ. އެނިޒާމުގެ ސަބަބުން މީސްތަކުން ބައިބައިކޮށް މޫނު ކަނޑުވާ މައްސަލަ އުފައްދާ ނިޒާމެވެ. އެންމެހައި ބޮޑެތި ފިތުނަ އުފައްދާ ނިޒާމެވެ. އެއްވެސް ބެލުމެއް ފިކުރުކުރުމެއްނެތި، ތިމާ ނިސްބަތްވާ ކުލައާއި ޖަމާޢަތަށް ތަބާވުމުގެ އުޞޫލެވެ. ވީމާ އިސްލާމް ދީން އައުމުގެ ކުރިން މީސްތަކުންގެ ތެރޭގައި އޮތް ޤަބީލާ ސިސްޓަމާއި ޑިމޮކްރަސީއޭ ކިޔައިގެން މިއަދު މި އޮތް ޕާޓީ ސިސްޓަމާއި ތަފާތެއް އެބަހުރި ތޯއެވެ؟ ނޫނެކެވެ. ސިސްޓަމަކީ ހަމަ އެއް ސިސްޓަމެކެވެ. ތަފާތީ ހަމައެކަނި ނަމެވެ.

މިހެންގޮސް ލިޔާނެ އެތައް ބައިވަރު ވާހަކަތަކެއް އެބަހުއްޓެވެ. ޒަމާނީ ޑިމޮކްރަސީއޭ، އަންހެނުންގެ ޙައްޤުތަކޭ، މިނިވަންކަމޭ، މިހެންގޮސް އޭތިމީތި ކިޔާފަ އެންމެފަހުން މިއޮތީ އެއްކަލަ 1400 އަހަރަށްވުރެވެސް މާކުރީގައި އޮތް ސިސްޓަމެއް ގެނެސް މާމޮޅު އެއްޗަކަށް ހަދައި،  މީހުންތައް ވާވައްދާފައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ
މަޞްދަރު: ދި އިސްލާމް
ލިޔުނީ: އިބްނު މޫސާ

Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews