މަލިކަކީ އިންޑިޔާގެ ދަށުގައިވާ ލަކްޝަދީޕް ޖަޒީރާތަކުގެ ތެރެއިން އެންމެ ދެކުނަށް އޮންނަ ރަށެވެ. ޖޯގްރަފީގެ ގޮތުން މި ޖަޒީރާގެ މަގާމަށް ބަލާއިރު، މަލިކު އޮންނަނީ ލަކްޝަދީޕްގެ ކަލްޕެނީ ޖަޒީރާގެ 201 ކިލޯމީޓަރު ހުޅަނގު ދެކުނުގަ އެވެ. ދިވެހިރާއްޖޭގެ ތުރާކުނުގެ 125 ކިލޯމީޓަރު އުތުރުގަ އެވެ. އެހެންކަމާ އެކު، މަލިކާ އެންމެ ކައިރި ރަށަކަށް ވަނީ، ދިވެހިރާއްޖޭގެ ތިލަދުންމަތީ އިހަވަންދިއްޕޮޅު އަތޮޅުގެ ތުރާކުނެވެ. އިހުޒަމާނުގައި މަލިކުގެ ރައްޔިތުންނާއި ރާއްޖޭގެ މީހުން ގިނަގިނައިން އެއްބަޔަކު އަނެއް ބަޔެއްގެ ރަށްރަށަށް ޒިޔާރަތްކޮށް އުޅުނެވެ. އެހެންކަމާ އެކު، މަލިކުގެ ބައެއް ޢާއިލާތަކާއި ރާއްޖޭގެ ބައެއް ޢާއިލާތަކާ ދެމެދުގައި ކައިވެނީގެ ގުޅުންތައް ވެސް އުފެދިފައިވެ އެވެ. ތިރީގައި މިދަންނަވާ ރައިވަރުން، އެ ޒަމާނުގައި މަލިކު މީހުންނާއި ދިވެހީންނާ ހުރި އެކުވެރިކަން ދޭހަވެ އެވެ:
"މަލިކު ސާލުން ފުރާފަ
ވިލިނގިލި މުރިނގު ޖަހާފާ
ދެކުނަށް ދުވަންޏާއި ނޫ
ދާން ވަގާރު ލާފާ ނޫ"
(މި ރައިވަރު ދެއްވީ މުޙައްމަދު ޔޫސުފު- ދޮންފަނު)
ދިވެހިރާއްޖެ އާއި މަލިކާ ދެމެދުގައި އޮންނަނީ 8 ޑިގްރީ ކަނޑެވެ. މިކަނޑަށް "އަށްޑިގިރި" ކަނޑު ވެސް ކިޔަ އެވެ. މުޙައްމަދު އިބްރާހީމް ލުތުފީ ވިދާޅުވެފައިވާ ގޮތުގައި، މިކަނޑުގެ ފުޅާމިނަކީ ގާތްގަނޑަކަށް 70 ނޯޓިކަލް މޭލު (129.64 ކިލޯމީޓަރު) އެވެ. އެވްރެޖް ފުންމިނަކީ ގާތްގަނޑަކަށް 1695 މީޓަރެވެ. މި ކަނޑަށް "މާމަލޭ ކަނޑު" ގެ ނަމުން ވެސް އިހު ޒަމާނުގައި ކިޔައިއުޅުނެވެ. މާމަލޭ އަކީ މީލާދީން 15 ވަނަ ގަރުނުގެ ފަހުކޮޅުން ފެށިގެން 16 ވަނަ ގަރުނުގެ ކުރީކޮޅުގެ އަހަރުތަކުގައި، ދިވެހިރާއްޖޭގެ ވިޔަފާރީގެ މައްޗަށް އަތްގަދަކޮށްގެން އުޅުނު މަލާބާރު ކަރައިގެ އިސްލާމް ވިޔަފާރިވެރިއެކެވެ.
މަލިކަކީ ދިވެހިރާއްޖޭގެ އަތޮޅުތައް ފަދަ އަތޮޅެކެވެ. ދިވެހިރާއްޖޭގެ ރަށްތަކަށް ލިބިފައިވާ ގުދުރަތީ ރީތިކަމާއި ހިތްފަސޭހަކަން މަލިކަށް ވެސް ލިބިފައިވެ އެވެ. މަލިކު އަތޮޅުގައި ހިމެނެނީ ދެ ޖަޒީރާ އެވެ. އެއީ މަލިކާއި، މަލިކު ކައިރީގައި އޮންނަ "ވިރިންގިލި" ކިޔާ ކުޑަކުޑަ ޖަޒީރާއެކެވެ. ކުރީގެ ދުވަސްވަރެއްގައި މި ކުޑަ ރަށުގައި ޖުޒާމުބަލީގެ މީހުން ބައިތިއްބާފައި ތިއްބެވެ. ނަމަވެސް މިހާރު މިއީ ފަޅު ރަށެކެވެ. މަލިކުގެ ބޮޑުމިނަކީ، އުތުރުން ދެކުނަށް 10 ކިލޯމީޓަރެވެ. ރަށުގެ އެންމެ ފުޅާ ހިސާބުގެ ފުޅާމިނަކީ ގާތްގަނޑަކަށް ހަ ކިލޯމީޓަރެވެ. ރަށުގެ އުތުރު ބައި އޮންނަނީ ވަރަށް ހަނިކޮށެވެ. ދެކުނު ބައިގައި ވެސް ގިނައީ 100 މީޓަރުގެ ފުޅާމިން ވެސް ނުހުންނަ ތަންތަނެވެ.
މަލިކުގައި ވަރަށް ބޮޑު ފަޅެއް އޮވެ އެވެ. މި ފަޅުގެ އުތުރު ފަރާތުގައި، އިރުއުތުރުގައި "ސާލު މަގު" ކިޔާ ނެރަކާއި، ހުޅަނގު އުތުރުގައި "ކަނޑިންމާ މަގު" ކިޔާ ނެރެއް އޮވެ އެވެ.
މަލިކުގައި 11 އަވަށް އޮވެ އެވެ. މި އަވަށްތައް ތިރީގައި މި ދަންނަވަނީ އެވެ:
.1 ކެނޑިފާތީ
.2 ފަލެއްސޭރި
.3 ކުދެހި
.4 ފުންހިލޯޅު
.5 އަލޫޑި
.6 ސޭޑިވަޅު
.7 ރަށްމެދު
.8 ބޮޑުއަތިރި
.9 އައުމަގު
.01 ބާޑަ
.11 ދެކުނު ބަންޑާރަ
އެވޭލާ ޒަމާނުގައި މަލިކަކީ ދިވެހިރާއްޖޭގެ 14 ވަނަ އަތޮޅު ކަމަށް ބުނެވެ އެވެ. މީލާދީން 10 ވަނަ ޤަރުނާއި 11 ވަނަ ޤަރުނާ ދެމެދުގައި، އިންޑިޔާގެ ޗޯޅާ ރަސްގެފާނު ރާޖަރާޖާ 1 ދިވެހިރާއްޖެއާ ދެކޮޅަށް ކަނޑުމަތީގައި ހަނގުރާމަ ކުރައްވައިގެން، މަލިކު އަތޮޅާއި ތިލަދުންމަތި ހިއްޕެވި ކަމަށް ވާރިދުވެފައިވާ ވާހަކައެއްގައި ބުނެ އެވެ. މީލާދީން 12 ވަނަ ޤަރުނުގައި ދިވެހި ތަޚުތުގައި އިންނެވި މަހާބަރަނަ މަހާރަދުންގެ ރަސްކަމުގައި (1121-1142މ)، އެ ރަދުން ޗޯޅާއިންނާ ހަނގުރާމަކުރައްވައި އެމީހުން ބަލިކުރައްވައި އެމީހުން ހިފައިގެން ތިބި ދެ އަތޮޅު އަތުލެއްވި އެވެ. އެރަދުންނަށް "ސާދަ އަތޮޅާއި ދުއިސައްތަ ޖަޒީރާގެ ރަސްގެފާނު" ގެ ނަންފުޅު މީގެ ފަހުން އެރުވި ކަމަށް ބުނެވެ އެވެ. އެވޭލާ ދިވެހިރާއްޖޭގެ "ސާދަ އަތޮޅުގެ" ތެރޭގައި މަލިކު އަތޮޅު ވެސް ހިމެނެ އެވެ. މި ސާދަ އަތޮޅަކީ:
.1 މަލިކު އަތޮޅު .2 ތިލަދުންމަތި
.3 މިލަދުންމަޑުވަ (މިލަދުންމަޑުލު) .4 މާޅޮސްމަޑުވަ
.5 ފާދޫފަރު (ފާދިއްޕޮޅު) .6 މަހަލް އަތޮޅު (މާލެ އަތޮޅު)
.7 އަރިއަދޫ އަތޮޅު (އަރިއަތޮޅު) .8 ފެލިދޫ އަތޮޅު (ފެލިދު އަތޮޅު)
.9 މުލަކު އަތޮޅު .10 ނިލަންދޫ އަތޮޅު
.11 ކޮޅުމަޑުވަ (ކޮޅުމަޑުލު) .12 އިސައްދުންމަތި (ހައްދުންމަތި)
.13 ސުވަދިންމަތި (ހުވަދު އަތޮޅު) .14 އައްޑޫ ފުވައްމުލަކު އަތޮޅު (އިހުގައި ވެރިކަންކުރީ އެއް އަތޮޅަކަށް)
މި އަތޮޅުތަކުގެ ނަންނަމަށް އެކި ދުވަސްވަރު ކުދިކުދި ބަދަލު އައިސްފައިވެ އެވެ.
މީލާދީން 12 ވަނަ ޤަރުނުގެ ތެރޭގައި މަހާބަރަނަ މަހާރަދުން ޗޯޅާއިންގެ އަތުން މަލިކު އަތޮޅު އަތުލައްވާފައިވީ ނަމަވެސް، އޭގެ ފަހުގެ ދުވަސްވަރެއްގައި ދިވެހިރާއްޖެ އާއި އެ އަތޮޅު ވަކިވެފައިވާ ކަމަށް ފެނެ އެވެ. މިހެނީ، މީލާދީން 13 ވަނަ ޤަރުނުގައި ދިވެހި ތަޚުތުގައި ރެދަލިކުރެއްވި އައްސުލްޠާން ސިރީ ރާދޭސްވަރަ މަހާރަދުންގެ ދުވަސްވަރު (1232- 1257މ) ލިޔެވިފައިވާ ލޯމާފާނެއްގައި(ހައްދުންމަތީ ދެ ނަންބަރު ލޯމާފާނު) "ފަނަންދީބު (ދިވެހިރާއްޖެ) ކެލައައްޑުވު މި ދެމެދު ތިބިތަކު ރަށް" މި ޢިބާރާތް ލިޔެފައިވެ އެވެ. މިހެން އޮތުމުން، ދިވެހިރާއްޖޭގެ ރަށްތައް ކަމުގައި އެއިރު ހިމެނެނީ، ކެލަ އާއި އައްޑުވާ ދެމެދުގައިވާ ރަށްތައްކަން އެނގެ އެވެ. އެހެންކަމާ އެކު، އެ ދުވަސްވަރު ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި އެންމެ އުތުރުގައި އޮންނަ މަލިކު އަތޮޅު ނުހިމެނެނީ ކަމަށް ވިސްނެ އެވެ. ނަމަވެސް މި ކަން އެކި ދުވަސްވަރު އެކި ގޮތަށް ހުރީ ކަމަށް ވެދާނެ އެވެ.
މީލާދީން 1512 ވަނަ އަހަރު އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނު ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތު ތިން ވަނަ ފަހަރު ހޯއްދަވަންވެގެން، ކަންނަންނޫރުގެ އިސް ވިޔަފާރިވެރިޔާ މާމަލޭއާ އެއްބަސްވެވަޑައިގެންނެވި އެއްބަސްވުމެއްގެ މަތިން، ދިވެހިރާއްޖޭގެ ރަށްތަކެއް އެފަރާތަށް ދެއްވި އެވެ. މީގެ ތެރޭގައި މަލިކު ހިމެނިފައިވާ ނަމަ، އެދުވަސްވަރު ދިވެހިރާއްޖެއާ މަލިކު ވަކިވެފައިވުމަކީ އެކަށީގެންވާ ކަމެކެވެ. މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވާ ގޮތުގައި، މަލިކު ދިވެހިރާއްޖެއާ ބީވެފައިވަނީ ކަޅު މުޙައްމަދު ރަސްގެފާނުގެ ރަސްކަމާ ހަމައިންނެވެ. މަލިކާ ބެހޭ ގޮތުން ބައެއް އެހެން ލިޔުންތެރިން ވެސް ވިދާޅުވެފައިވަނީ، މަލިކާއި ރާއްޖެއާ ވަކިވެފައިވަނީ މީލާދީން 1500 ވަނަ އަހަރާ ކައިރި ދުވަސްވަރެއްގައި ކަމަށެވެ.
އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ ރަސްކަމުގައި، 1649 ވަނަ އަހަރު ކަންނަންނޫރު އަލީރާޖާ އަށް ދިވެހިރާއްޖެ އިން ފޮނުވާ ޖިޒީ ހުއްޓަވާލެއްވި އެވެ. މިކަމާ އަލީރާޖާ ނުރުހިގެން، ދިވެހިރާއްޖެއާ ދެކޮޅަށް އެތަކެއް ފަހަރު ހަނގުރާމަމަތީ އުޅަނދުފަހަރު ފޮނުވި އެވެ. މިކަން ހުއްޓުވުމަށްޓަކައި ލަކްޝަދީޕުގެ އަންދުރޯތު ކިޔާ ރަށަށް ދިވެހީންގެ ބަޔަކު ހަތިޔާރާ އެކު ފޮނުއްވައި، ހޮޅީންގެ މީހުން ދިވެހިރާއްޖެ އަށް އައިސް އުޅޭ ގޮތަށް އެރަށުގައި އެމީހުން އުޅުމަށް އެންގެވި އެވެ. މިބައި މީހުން މިފަދައިން ކަންތައް ކޮށްފައި އެނބުރި އަ އެވެ. އޭގެ ފަހުން މަލިކުގެ ވެރިމީހާ އާއި އެތާގެ ބޮޑުން މާލެ ގެންނަވައި ދުވަސްތަކެއް ވަންދެން ބައިތިއްބަވާފައި، އަހަރަކު 12 ލާރީގެ ވާރު އެރަށުން ދިވެހި ރަސްގެފާނަށް ދައްކަން ޖެހޭނެ ކަމަށް އަންގަވާފައި އެމީހުން ރަށަށް ފޮނުއްވި އެވެ. މިކަން ކުރެއްވީ،"ދިވެހިރާއްޖޭގެ ރަސްގެފާނު ކަންނަންނޫރު އަލީރާޖާގެ ރަށެއް ހިއްޕަވައިފިއޭ" ބުނެވޭ ގޮތަށެވެ. މި ހާދިސާގެ ސަބަބުން، ރާއްޖޭގެ ރަސްގެފާނުގެ ވެރިކަމުގެ ދަށަށް މަލިކު އަތޮޅު ގެންނެވީ ކަމަށް ބެލިފައި ވެދާނެ އެވެ.
މީގެ ފަހުގެ ދުވަސްވަރެއްގައި ބައެއް މުސްކުޅި ފަތްކޮޅުގައި "މަލިކައްޑޫ މިދެމެދު" ގައި ވާހައި ތަނަކީ ދިވެހިރާއްޖެ ކަމަށް ލިޔެފައިވާ ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެފައިވެ އެވެ. މި ގޮތުން އެއް ފަތްކޮޅެއްގައި އޮންނަނީ :
"މަލިކައްޑޫ މި ދެމެދު އެކު އޮންނަ މި ކޮށު. އަނެކުންނަށް ނެތީ ކޮށު" މިފަދައިންނެވެ. މާނަޔަކީ މަލިކުން ފެށިގެން އައްޑުއާ ދެމެދު އެކީގައި އޮންނަ ހުށިކަމެވެ. ވާންވާނީ އެއް ތަނަކަށެވެ. (ޢަބްދުﷲ ޞާދިޤު).
މި ލިޔުން އޮތް ކަމަށް ބުނެވެނީ، ތިލަދުންމަތީ ފިނޭގައި ޢިމާރާތްކުރި މިސްކިތަކަށް، 1696 ވަނަ އަހަރު އައްސުލްޠާން މުޙައްމަދު އިބްނު އަލްޙާއްޖަ ޢަލީތުއްކަލާ ސިރީ ކުލަރަންމަނި މަހާރަދުން ދެއްވާފައިވާ ބޯގަފަތްކޮޅެއްގަ އެވެ.
މަލިކުގެ މަޝްހޫރު ޢިލްމުވެރިޔެއް ކަމަށްވާ ޑރ. ޢަބްދުލް މުނީރު ވިދާޅުވެފައިވާ ގޮތުގައި، ކަންނަންނޫރުގެ އަލީރާޖާ އިން ދިވެހިރާއްޖެ އާއި މަލިކާ ވަކިކުރީ 1752 ވަނަ އަހަރު އެވެ. ތާރީޚަށް ބަލާއިރު، އަލީރާޖާ މާލެއަށް ފޮނުވި ހަނގުރާމަވެރިންނާއި ހަތިޔާރާ އަރުވާފައިވާ އުޅަނދުތަކެއް އައިސް މާލެ ހިފައި، ރަށުތެރޭގައި އަލިފާން ރޯކޮށް، ދިވެހިރާއްޖޭގެ ރަދުން އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނާއި، ވަލީއަހުދާއި، ވަޒީރުންތަކެއް ރަޙީނުކޮށްގެން ކަންނަންނޫރަށް ގެންދިޔައީ ޑިސެމްބަރު 19، 1752 ގަ އެވެ.
އިނގިރޭސި ސަރުކާރުގެ ދަށުގައިވާ ރަށްތަކެއް ކަމަށް 1905 ގައި ލަކްޝަދީޕްގެ ޖަޒީރާތައް ހަމަޖެހުނުއިރު، އެ ޖަޒީރާތަކާ އެކުގައި މަލިކު ވެސް އިނގިރޭސި ސަރުކާރުގެ ދަށުގައިވާ ރަށެއް ކަމަށް ހަމަޖެހުނެވެ. އެހާތަނާ ޖެހެންދެން މަލިކު އޮތީ ކަންނަންނޫރު އަލީރާޖާ އިންގެ ދަށުގަ އެވެ. މީލާދީން 1956 ވަނަ އަހަރު، އިންޑިޔާ ސަރުކާރުގެ ފަރާތުން މަލިކުގައި ރެފެރަންޑަމްއެއް ބޭއްވި އެވެ. މަލިކުގެ ރައްޔިތުންނަށް ބޭއްވި މި ރެފެރެންޑަމް އަކީ މަލިކުގެ ރައްޔިތުން އިންޑިޔާގެ ޔޫނިއަންއާ ގުޅެން ބޭނުންތޯ ނޫނީ ނޫންތޯ ބެލުމަށް ބޭއްވި ރެފެރަންޑަމްއެކެވެ. ރައްޔިތުން ބޭނުންވީ އިންޑިއަން ޔޫނިއަންއާ ގުޅޭށެވެ. އެއިރުއްސުރެން މަލިކަކީ އިންޑިޔާގެ ޔޫނިއަން ޓެރިޓަރީގެ ބަޔެކެވެ.
ނޯޓް: މި ލިޔުމުގައި ހިމަނާފައިވާ މަޢުލޫމާތު ނަގާފައިވަނީ ޑރ. އެލަން ކެޓްނަރ ލިޔުއްވާފައިވާ "ދަ ސޯޝަލް ސްޓްރަކްޗަރ އޮފް މަލިކު (މިނިކޯއި)" މި ލިޔުއްވުމުންނާއި، މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވި "ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު" ންނާއި، އަބްދުﷲ ޞާދިޤު ފަތްތޫރަ މަޖައްލާގެ 188 ވަނަ ޢަދަދުގައި ލިޔުއްވާފައިވާ "މަލިކުގައި ވާހަކަދައްކައި އުޅޭ ބަހުރުވަޔާ މެދު" މި މަޒުމޫނުންނާއި، ޑރ. ޢަބްދުލް މުނީރު މުރައިދޫގަނޑުވަރު ލިޔުއްވާފައިވާ "މަލިކު ދަ ފޭޑިން ގްލޯރީ އޮފް އަ ލޯންލީ ކްއީން" މި ލިޔުއްވުމުންނެވެ.

Post a Comment