މައި ޞަފްޙާ » » ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 5

ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 5

Thursday, November 14, 2013 | 7:12 AM



`
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
           ފޮނަދޫ
         ދިވެހިރާއްޖެ. 


21 މާރޗް 2011 ގައިބޭއްވުނު އަތޮޅުކައުންސިލްގެ ފަސްވަނަ ޖަލްސާގެ ޔައުމިއްޔާ

2011 މާރޗް 21 ވީ ހޯމަ ދުވަހު ހެނދުނު 09:00 ގައި އަތޮޅު ކައުންސިލްގެ ފަސްވަނަ ޖަލްސާ އަތޮޅުއޮފީހުގެ ޖަލްސާކުރާމާލަމުގައި ބޭއްވުނެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ އަޅުގަނޑެވެ. އަތޮޅުކައުންސިލް މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި 6 މެމްބަރުންވެސް ޖަލްސާއަށް ޙާޟިރުވެވަޑައިގެންނެވިއެވެ. ޖަލްސާ ފެށުމުގެ ގޮތުން ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް އިއްވުމަށްފަހު އެޖެންޑާގެ 3 ވަނަ ނަންބަރުގައިވާ މައްސަލަ އިއްޔެ ( 20 މާރޗް 2011) ބޭއްވުނު ކުއްލި ޖަލްސާގައި މަޝްވަރާކުރެވި ނިންމިފައިވާތީ 3 ވަނަ ނަންބަރަށް "ޖަޕާން ރައްޔިތުންނަށް ކުރިމަތިވި ބިންހެލުމާއި ސުނާމީގައި ލިބުނުގެއްލުމަށް އެހީވުމަށްޓަކައި ކައުންސިލްގެ ބަޖެޓުން އެހީއެއްދިނުމާ ބެހޭގޮތުން މަޝްވަރާކުރުން " މިމައްސަލަ އިތުރުކޮށް އެޖެންޑާ އިސްލާޙް ކުރުމަށްފަހު  އެޖެންޑާ ފާސްކޮށްދެއްވުމަށް މެމްބަރުންނަށް ދެންނެވީމެވެ. މެމްބަރުން އެޖެންޑާ ފާސްކޮށްދެއްވުމުން  އެޖެންޑާކުރެވިފައިވާ ކަންތައްތަކާއި މަޝްވަރާކުރެވުނެވެ. ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓީ އ.އެޑްމިނިސްޓްރޭޓިވް އޮފިސަރ މޫނިސާ ޖައުހަރީ އެވެ.
ޖަލްސާއަށް ހުށަހެޅުނު މައްސަލަތަކާއި ނިންމުނުގޮތް
މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ 3 މައްސަލައެވެ.

1.    އަތޮޅު އެކައުންޓުން ނަގާފައިވާ ލޯނާ ކަޅުހަމުގެ ކަންތައް.
މިމައްސަލައިގާ ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ފާއިދު ހުށަހެޅުއްވީ ލޯނާއި ކަޅުހަމުގެ ފައިސާ ނުދައްކާހުރި ފަރާތްތަކަށް ފައިސާ ދައްކާ ނިންމުމަށް ސިޓީއަކުން ދެންނެވުމަށެވެ.  ފާއިދުގެ ހުށަހެޅުއްވުމަށް ހުރިހާ މެމްބަރުންތާއީދު ކުރެއްވިއެވެ. އަދި އިތުރު ހުށަހެޅުމެއް ހުށަހަޅުއްވާފައެއް ނުވެއެވެ. ލޯން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން އެއްހާސް ރުފިޔާއިންފެށިގެން މަތީގެ ޢަދަދެއް ނުދައްކާ ހުރިފަރާތްތަކަށް މަހަކު އެއްހާސް ރުފިޔާ ދައްކާ ނިންމާގޮތަށް އަދި އެއްހާހަށްވުރެ ކުޑައަދަދެއް ނުދައްކާ ވާނަމަ އެފަދަ ފަރާތްތަކުން އެއްފަހަރާ ދެއްކުމަށް ސިޓީފޮނުއްވުމަށް މެމްބަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ. އަދި ބޯފެންއަޅާ ކަޅުހަން ނަންގަވާފައިވާ ފަރާތްތަކުންވެސް ފަސްސަތޭކަ ރުފިޔާ އަށްވުރެ މަތީ ޢަދަދެއް ނުދައްކާ އޮތްނަމަ މަހަކު ފަސްސަތޭކަ ރުފިޔާ ދައްކާ ނިންމުމަށާއި، ފަސްސަތޭކަ ރުފިޔާއަށްވުރެ ދަށުގެ އަދަދެއް  ނުދައްކާ އޮތްނަމަ އެފަރާތްތަކަށް އެއްފަހަރާ ދައްކާ ނިންމުމަށް ސިޓީއަކުން ދެންނެވުމަށް  ހުރިހާމެމްބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ.

2.    ޤާނޫނީ ގޮތުން މަޢުލޫމާތު ފޯރުކޮށްނިދުމަށްޓަކައި ލޯޔަރުންގެ ޓީމެއް ގެނައުން.

މިމައްސަލައިގާ މެމްބަރުން މަޝްވަރާކުރެއްވުމަށްފަހު އެންމެ ކުޑައަގެއްގައި މިކަން ކޮށްދެއްވޭނެ ފަރާތެއް ހޯދުމަށްފަހު އެފަދަ ފަރާތަކާ ޙަވާލުކޮށްގެން ކައުންސިލްގެ ބަޖެޓުން ޚަރަދުކުރާގޮތަށް އަތޮޅުގެ ހުރިހާރަށެއްގެ ކައުންސިލް ތަކަކަށް ބައިވެރިވުމުގެ ފުރުސަތުދީގެން އަދި މަދުވެގެން ކޮންމެ ކައުންސިލަކުން ރައީސް ނުވަތަ ނައިބުރައީސް ނުވަތަ އެނޫންވެސް މެމްބަރަކު އަދި ބޭނުންވާނަމަ އެއްމެމްބަރަކަށްވުރެ ގިނަމެމްބަރުން ބައިވެރިވާގޮތަށް ވޯކްޝްޕެއް ހިންގުމަށް ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

3.    ޖަޕާން ރައްޔިތުންނަށް ކުރިމަތިވި ބިންހެލުމާއި ސުނާމީގައި ލިބުނުގެއްލުމަށް އެހީވުމަށްޓަކައި އަތޮޅު ކައުންސިލްގެ ބަޖެޓުން އެހީއެއްދިނުމާ ބެހޭގޮތުން މަޝްވަރާކުރުން.

މިމައްސަލަ މެމްބަރުންނަށް ހުށަހެޅުމަށްފަހު ފައިސާ ހޯދުމަށްޓަކައި މިހާތަނަށް ހިންގިފައިވާ ޙަރަކާތްތައް މެމްބަރުންނާ ހިއްސާކުރީމެވެ. މިގޮތުން ޖަޕާން ސުނާމީއާގުޅޭ ވީޑިއޯ ސީޑީއެއް ތައްޔާރު ކުރުމަށްފަހު -/30 ރުފިޔާއަށް ސީޑީއެއް ވިއްކަމުންގެންދާކަމަށާއި ރައިޓްކުރި 99 ސީޑީގެ ތެރެއިން މިހާތަނަށް 75  ސީޑީ ވިކިފައިވާކަމުގައި ދެންނެވީމެވެ. އަދި ސީޑީ ފިހާރައަކުން ގެނެވިފައިވަނީ ސީޑީ ވިއްކުމަށްފަހު އަގުދައްކާގޮތަށް ސީޑީއެއް  3.5 ރުފިޔާގެ ރޭޓުން ކަމުގައި ވެސް މެމްބަރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ސީޑީ ވިއްކުމުގެ އިތުރުން ޙަރަކާތްތައް ހިންގުމަށްޓަކައި މިއިދާރާގެ މުވައްޒަފުންނާއެކު ބޭއްވުނު ބައްދަލުވުމެއްގައި މިކަމުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންގެ 1 ދުވަހުގެ މުސާރަ ( މަދުވެގެން ) ހަދިޔާކުރުމަށް ޚިޔާލު ހުށަހެޅި ބައްދަލުވުމުގައި ބައިވެރިވި ހުރިހާމުވައްޒަފުންގެ އިއްތިފާގުން ފާސްކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.
މިކަންތަކުގެ އިތުރުން އަތޮޅު ރައްޔިތުންގެ ނަމުގައި އަތޮޅު ކައުންސިލްގެ އެކައުންޓުން އެއްވެސްމިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށްފެނޭތޯ މެމްބަރުންނަށް ދެންނެވީމެވެ. އެހީތެރިވެދިނުމަށް ހުރިހާމެމްބަރުންވެސް އިއްތިފާޤުވެވަޑައިގެންނެވިއެވެ. ހަމައެއާއެކު އެހީއަށް ދޭނެ ޢަދަދެއް ކަނޑައެޅުމާބެހޭގޮތުން ކުރެވުނުމަޝްވަރާގައި ގަމުދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވީ އެގާރަހާސް ރުފިޔާއެވެ. މާވަށު ދާއިރާގެ މެމްބަރު އަޙުމަދު މުޢިއްޒު ހުށަހެޅުއްވީ ވިހިހާސް ރުފިޔާއެވެ. އިތުރު ހުށަހެޅުމެއް ހުށަހެޅިފައިނުވާތީ ފުރަތަމަ ގަމުދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުގެ ހުށަހެޅުއްވުމަށް ވޯޓަށް އެހީމެވެ. އެހުށަހެޅުމަށް ލިބުނީ 1 ވޯޓެވެ. މާވަށުދާއިރާގެ މެމްބަރު އަޙުމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ވޯޓަށްއެހުމުން 3 މެމްބަރުންގެ އަޣުލަބިއްޔަތުން 20000 ރުފިޔާ އަތޮޅު ރައްޔިތުންގެ ނަމުގައި ކައުންސިލްގެ ބަޖެޓުން  ޖަޕާންރައްޔިތުންނަށް އެހީގެ ގޮތުގައި ދިނުމަށް ފާސްކުރެވުނެވެ. 

އެހެނިހެން މައްސަލަތައް

1-    ގަމު ތުނޑީ ބަނދަރު ސަރަޙައްދުގައި ބިން ކުއްޔަށް ހިފައިގެން ހަދާފައިވާ ހޮޓަލުގެ ޢިމާރާތް އެބިން ކުއްޔަށް ހިފާފައިވާ ފަރާތުން ލޯނެއް ނެގުމަށް މޯގޭޖް ކުރުމަށްޓަކައި ލިޔުމެއް ހޯދުމަށްއެދިފައިވާތީ މެމްބަރުންގެ ޚިޔާލަކަށް އެދި ހުށަހެޅީމެވެ.

މިމައްސަލައިގާ އެތަނަކީ 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައިވާ ތަނެއްކަމަށް ބަޔާންކޮށް ލިޔުމެއް ދިނުމަކީ މައްސަލައެއްނޫންކަމުގައި މެމްބަރުން ދެކެވަޑައިގެން  އެގޮތަށް ލިޔުން ދިނުމަށް މެމްބަރުން މަޝްވަރާދެއްވިއެވެ.

2-    ގަމު ތުނޑީ ބަނދަރު ސަރަޙައްދުން ފިހާރައެއް ހެދުމަށް ކުއްޔަށް ދީފައިވާ ބިމުގައި ގެސްޓްހައުސް އެއް ހެދުމުގެ ހުއްދަ ހޯދުމަށް އެތަން ކުއްޔަށް ހިފާފައިވާ ފަރާތުން ހުށަހަޅާފައިވާތީ މިކަމުގައި ފެނިވަޑައިގަންނަވާނެގޮތުގެ ލަފާފުޅަކަށް ދެންނެވީމެވެ. މިމައްސަލައިގާ މެމްބަރުން މަޝްވަރާދެއްވީ ރަށްރަށުގައި ހިނގާ މިފަދަ ބިމާބެހެ ކަންތައްތަށް ރަށުކައުންސިލްގެ އިދާރާއާ މަޝްވަރާކުރުމަށްފަހު ނިންމުމަށެވެ.

3-    ފޮނަދޫ ސިރާޖުއްދީން ޕްރީސްކޫލްގައި ސްޓޭޖެއް ހެދުމުގެ މަސައްކަތް ކުރެވެމުންދާތީ މިމަސައްކަތަށް ފައިސާގެ އެހީއެއް ހޯދުމަށް އެދި ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީން ހުށަހަޅާފައިވާތީ މިކަމުގެ މަޝްވަރާއަކަށް އެދި މެމްބަރުންނަށް ދެންނެވީމެވެ. ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކުރެވޭ މިފަދަ މަސައްކަތް ތަކުގައި އެހީތެރިވެދޭން ފެންނަކަމުގައި މެމްބަރުން މަޝްވަރާދެއްވިއެވެ. މާވަށު ދާއިރާގެ މެމްބަރު މުމްތާޒު ފަހުމީ ހުށަހެޅުއްވީ ދިހަހާސް ރުފިޔާ ދޭން ފެންނަކަމުގައެވެ. އެހެންނަމަވެސް ގަމުދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވީ އެބޭފުޅުންނާ ބައްދަލުކުރުމަށްފަހު މިހާރު އެމަސައްކަތް ނިންމުމަށްޓަކައި ބޭނުންވާ ޢަދަދަކީ ކައުންސިލްގެ ބަޖެޓުން ދެވޭވަރުގެ ޢަދަދެއްކަމުގައިވާނަމަ އެ އަދަދެއް ދިނުމާމެދު ފެންނަގޮތެއް ފަހުން ނިންމުމަށެވެ.

މިޖަލްސާ ނިމުނީ 11:10ގައެވެ.

                                          އިބްރާހީމް އަނީސް
                                       ކައުންސިލްގެ ވަގުތީ ރައީސް

  ކައުންސިލްގެ މެމްބަރުން


•    މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް އަޙުމަދު މުއިއްޒު    •   

•    މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް މުމްތާޒު ފަހުމީ    •   

•    ފޮނަދޫ ދާއިރާގެ މެމްބަރ    އަލްފާޟިލް ޝާހީން އިސްމާޢީލް    •   

•    ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ފާއިދު    •   

•    ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ރަޝީދު    •   

  
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews