މައި ޞަފްޙާ » » ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 9

ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 9

Tuesday, December 3, 2013 | 10:54 PM

`
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
           ފޮނަދޫ
         ދިވެހިރާއްޖެ. 


11 އޭޕްރީލް 2011 ގައިބޭއްވުނު އަތޮޅުކައުންސިލްގެ ނުވަވަނަ ޖަލްސާގެ ޔައުމިއްޔާ

2011 އޭޕްރީލް 11 ވަނަދުވަހު ހެނދުނު 09:00 ގައި އަތޮޅު ކައުންސިލްގެ ނުވަވަނަ ޖަލްސާ އަތޮޅުއޮފީހުގެ ޖަލްސާކުރާމާލަމުގައި ބޭއްވުނެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ ކައުންސިލްގެ ރައީސް އިބްރާހީމް އަނީސެވެ. އަތޮޅުކައުންސިލް ހުރިހައިމެމްބަރުންވެސް ޖަލްސާއަށް ޙާޟިރުވެވަޑައިގެން ތިއްބެވުމާއިއެކު ޖަލްސާ ފެށުމުގެ ގޮތުން ޖަލްސާގެ ޙާޟިރީއާއި އެޖެންޑާ އިއްވުމަށްފަހު އެޖެންޑާއަށް އިސްލާޙް ގެނައުމުގެ ފުރުޞަތު ރިޔާސަތުން ހުޅުވާލެއްވިއެވެ. އެއައްފަހު އެއްވެސް އިސްލާޙެއް ހުށަހަޅުއްވާފައި ނުވުމުން އެއްވެސް އިސްލާހަކާއިނުލާ ޖަލްސާގެ އެޖެންޑާ ފާސްކޮށް  އެޖެންޑާކުރެވިފައިވާ ކަންތައްތަކާއި މަޝްވަރާކުރެވުނެވެ. ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓީ އ. ޕްރޮޖެކްޓް އޮފިސަރ ޙުސައިން ރަފީއުއާއި، އ.އެޑްމިނިސްޓްރޭޓިވް އޮފިސަރ މޫނިސާ ޖައުހަރީއެވެ. 9:00 ގައި ފެށުނު މިޖަލްސާ ނިމުނީ 10:25 ގައެވެ.
ޖަލްސާއަށް ހުށަހެޅުނު މައްސަލަތަކާއި ނިންމުނުގޮތް
މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ 7 މައްސަލައެވެ.

1-    ލާންޗް ބޭނުން ކުރުމުގެ ޤަވާއިދު ފާސްކުރުން.

ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދުގެ ޑްރާފްޓަށް އެއްވެސް އިސްލާހެއް ގެންނަންފެނޭތޯ ރިޔާސަތުން ފުރުޞަތު ހުޅުވާލުމުން މެމްބަރުންގެމެދުގައި މަޝްވަރާކުރެވި ޤަވާއިދު އެކުލަވާލި ކޮމިޓީން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ.

 8 ވަނަ މާއްދާގައި "ސުކޫލްގެ ޕީޓީއޭއިން ރާވައިގެންކުރާ ދަތުރުގެ އަގުން %25 ޑިސްކައުންޓް ދެވިދާނެކަމަށް ބަޔާންކޮށްފައި އޮތުމުން އެއީ ބޮޑުއަދަދެއްކަމަށް ކައުންސިލްގެ ނައިބްރައީސް ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ފާއިދުވިދާޅުވުމުން ޑްރާފްޓް އެކުލަވާލިކޮމިޓީގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު ޝާހީން އިސްމާޢީލް ވިދާޅުވީ ޑިސްކައުންޓް %30 އަށްވެސް ހެދިދާނެކަމަށާއި ނަމަވެސް %30 ޑިސްކައުންޓް ދިނުމުން ދަތުރުން އެއްވެސް ފައިދާއެއް ނުވާނެތީވެ، %5 ފައިދާ ކައުންސިލަށްވާގޮތަށް %25 ޑިސްކައުންޓްގެ ގޮތުގައި ކަނޑައަޅާފައި އޮތީކަމަށެވެ.

13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނޯޓިކަލް މޭލަކަށް 120 ރުފިޔާ ވުމުން އަގުބޮޑުކަމަށް އިސްދޫދާއިރާގެ މެމްބަރު  އިބްރާހިމް ޙަމީދު ފާހަގަކުރެއްވުމުން ޤަވާއިދު އެކުލަވާލި ކޮމިޓީގެ ފަރާތުން ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވީ އަގު ކަނޑައަޅާފައި އެވަނީ މިހާރު މިސަރަހައްދުގައި ލާންޗް ދަތުރުކޮށްދޭ ފަރާތްތަކުގެ ތެރެއިން ދެ ފަރާތެއްގެ އަގުބެލުމަށްފަހުގައި ކަމަށާއި، އެފަރާތްތަކުގެ އަގު އުޅެނީ ނޯޓިކަލް މޭލަކަށް 125 ރުފިޔާ އަދި 130 ރުފިޔާކަމަށް ވިދާޅުވިއެވެ.

ލާންޗް ކުއްޔަށް ދޫކުރުމާ ބެހޭ ޤަވާޢިދުގެ ފުރަތަމަ ބައިގެ ގޮތުގައި ތަޢާރަފެއް ހިމަނާ ލާންޗް ކުއްޔަށް ދޫކުރުމާބެހޭ ޤަވާޢިދުގެ ފުރަތަމަ ބައިގެ ނުވަތަ ތަޢާރަފްގެ ފަހަތުން މަޤުޞަދު ހިމެނުމަށް ޤަވާއިދުއެކުލަވާލި ކޮމިޓީގެ ފަރާތުން އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޙަމީދު ހުށަހެޅުއްވިއެވެ.

"ތަޢާރަފް:

މިޤަވާޢިދަކީ ހައްދުންމަތީ އަތޮޅުކައުންސިލްގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދެވެ. މިޤަވާއިދު އެކުލަވާލާ ފާސްކޮށްފައި މިވަނީ 11 އޭޕްރީލް 2011 ގައި ބޭއްވި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ނުވަވަނަ  ބައްދަލުމުގައެވެ. މިޤަވާޢިދަށް ކިޔާނީ "ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލު ކުރުމަށް ހަމަޖެހިފައިވާ ޤަވާޢިދު" އެވެ.

މަޤުޞަދު:

މިޤަވާޢިދުގެ މަޤުޞަދަކީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ލާންޗް އާންމު ފަރާތްތަކަށް ހަމަހަމަ އުޞޫލަކުން ލިބޭނެގޮތް ކަނޑައެޅުމާއި، އަތޮޅު ކައުންސިލްގެ މާލިއްޔަތު މުއްސަނދި ކުރުމަށާއި، ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ލުއިގޮތްތަކެއްގައި ދަތުރު ކުރެވޭނެ މަގުފަހިކޮށްދިނުމާއި، ކުއްލިޙާލަތްތަކުގައި  ފައިދާއެއް ނެގުމަކާއިނުލާ ދަތުރު ކޮއްދެވޭނެ އިންތިޒާމް  ހަމަޖައްސާ ޢަމަލު ކުރާނެ އުސޫލުތަކާއި ގޮތްތަކެއް ކަނޑައެޅުމެވެ."

މިހުށަހެޅުއްވުމަށް އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ތާޢީދުކުރެއްވުމުން ޤަވާއިދަށް އިސްލާހުގެންނަންފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން ހުރިހައި މެމްބަރުންގެ އިއްތިފާޤުން އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޙަމީދު ހުށަހަޅުއްވައި އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ތާޢީދުކުރެއްވިގޮތަށް ފާސްކުރެވުނެވެ.

އަށްވަނަ ބައްދަލުވުމުގައި ޤަވާއިދަށް ގެނެވުނު އިސްލާހުތަކާއިއެކު، އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޙަމީދު ހުށަހަޅުއްވައި އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ތާޢީދުކޮށް ފާސްކުރެވުނުގޮތަށް ޤަވާއިދު ފާސްކުރުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން ހުރިހައި މެމްބަރުންގެ އިއްތިފާޤުން ޤަވާއިދު ފާސްކުރެވުނެވެ.


2-    ޓްރަސްޓްފަންޑް ހުޅުވުމާއިބެހޭގޮތުން މަޝްވަރާކުރުން.

ޖަލްސާގެ އެޖެންޑާގެ ދެވަނަ ނަންބަރުގައިވާ ޓްރަސްޓްފަންޑް ހުޅުވުމާއިބެހޭގޮތުން މަޝްވަރާކުރުން އަތޮޅުވެރިޔާގެ އެހީތެރިޔާ އަލްފާޟިލާ ޢިއްމުންނިސާގެ ޙާޟިރުގައި އެކަމާއިގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ފަސްކުރުމަށްފަހު އެޖެންޑާގެ ނަންބަރު 3 ގައިވާ މަސައްކަތާއިގެން ޖަލްސާ ކުރިއަށް ގެންދެވިއެވެ.


3-    ކައުންސިލްގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ފަރާތެއް ކަނޑައެޅުން.

ސިވިލްސަރވިސް ކޮމިޝަނުން ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާއަށް އެކުލަވާލާފައިވާ އޮނިގަނޑުގައި ބިއުރޯއެއްގެ މަޤާމު އޮތުމުން އެއީ މީޑިއާއަށް މަޢުލޫމާތު ދެއްވާނޭ ފަރާތް ނޫންތޯ އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ސުވާލުކުރެއްވުމުން ޒިންމާދާރުވެރިޔާ މުޙައްމަދު ޖަމީލް ވިދާޅުވީ ބިއުރޯގެ މަސައްކަތަކީ ޕާސަނަލް އެސިސްޓެންޓްގެ މަސައްކަތްކަމަށާއި، އެފަރާތުގެ މަސައްކަތުގެ ތެރޭގައި މީޑިއާއި އެއްވެސް ގުޅުމެއް ނޯންނާނެކަމަށް ވިދާޅުވިއެވެ. މީޑިއާއަށް މަޢުލޫމާތު ދޭނެ ފަރާތެއްކަމަށް ދެބޭފުޅެއްގެނަން ޖަލްސާއަށް ހުށަހެޅުނެވެ. މިގޮތުން ފުރަތަމަ މާވަށު ދާއިރާގެ މެމްބަރު މުމްތާޒް ފަހުމީ ހުށަހެޅުއްވީ އިސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޙަމީދުގެ ނަމެވެ.  މާވަށު ދާއިރާގެ މެމްބަރު މުމްތާޒް ފަހުމީ މިހުށަހެޅުއްވުމަށް އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ތާޢީދުކުރެއްވިއެވެ. ދެވަނައަށް މާވަށު ދާއިރާގެ މެމްބަރު އަޙްމަދު މުޢިއްޒު ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުގެ ނަމެވެ. ނަމަވެސް އެއްވެސް މެމްބަރަކު މާވަށު ދާއިރާގެ މެމްބަރު އަޙްމަދު މުޢިއްޒު ހުށަހެޅުއްވުމަށް ތާޢީދުކޮށްފައި ނުވާތީ، މާވަށު ދާއިރާގެ މެމްބަރު މުމްތާޒް ފަހުމީ ހުށަހަޅުއްވައި އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ތާޢީދުކުރެއްވިގޮތަށް ކައުންސިލްގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ފަރާތެއްކަމަށް އިސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޙަމީދުގެ ނަން ފާސްކުރުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން 05 މެމްބަރުންނަށް ފެންނަކަމަށް ވޯޓް ދެއްވުމުން ކައުންސިލްގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ފަރާތަކީ އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަމީދު ކަމަށް ފާސްކުރެވުނެވެ.

•    ޖަލްސާގެ އެޖެންޑާގެ 2 ވަނަ ނަންބަރުގައިވާ ޓްރަސްޓްފަންޑް ހުޅުވުމާއިބެހޭގޮތުން މަޝްވަރާކުރުން.

ޓްރަސްޓް ފަންޑް ހުޅުވުމަށް ބޭނުންވާ ސަސަބަކީ ކޮބައިތޯ ކައުންސިލްގެ ފަރާތުން އަތޮޅުވެރިޔާގެ އެހީތެރިޔާ އިލްމުންނިސާ ކުރެން އެއްސެވުމުން ޓްރަސްޓް ފަންޑެއް ހުޅުވުމުގެ ބޭނުމާއި ސަބަބަކީ ސަރުކާރުން އެކައުންޓްތައް ފްރީޒްކޮށް އަތޮޅު ރައްޔިތުންގެ މާލިއްޔަތުގައި ހުރިފައިސާ ހިފަހައްޓަވާފައިވާތީއެވެ. އެފައިސާ ހޯދުމާއިބެހޭގޮތުން ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކުރުމުން މިނިސްޓްރީން ވިދާޅުވެފައިވަނީ ޓްރަންސްޓްފަންޑެއް ހުޅުވާ އެކަމަށް އެދުމުން އެފައިސާ ދެއްވާނޭކަމަށެވެ. މީގެކުރިންވެސް އަތޮޅު ރައްޔިތުންގެ މާލިއްޔަތުގެ ގޮތުގައި 05 އެކައުންޓެއް ޓްރަސްޓް ފަންޑްގެ ގޮތުގައި ހުޅުވާފައިވާކަމަށް އަތޮޅުވެރިޔާގެ އެހީތެރިޔާ ވިދާޅުވިއެވެ. އަދި އަތޮޅުގެ މާލިއްޔަތަށް ފައިސާ ލިބެންޖެހޭ ތަންތަނުގެ ތެރެއިން ބައެއްތަންތަނުން ފައިސާ ލިބެމުންނުދާކަން އަތޮޅުވެރިޔާގެ އެހީތެރިޔާ ފާހަގަކުރެއްވިއެވެ. ޓްރަސްޓް ފަންޑްހުޅުވުމުގެ ބޭނުމާއި ބެހޭގޮތުން މެމްބަރުންނަށް ބޭނުންފުޅުވާ މަޢުލޫމާތުތަށް ލިބުމާއިގުޅިގެން ޓްރަސްޓްފަންޑް ހުޅުވުމާއިބެހޭގޮތުން ރިޔާސަތުން ވޯޓަށް އެއްސެވުމުން ހުރިހައި މެމްބަރުންގެ އިއްތިފާގުން ޓްރަސްޓް ފަންޑް ހުޅުވުމަށް ފާސްކުރެވުނެވެ.

4-    ޖަލްސާގެ އެޖެންޑާގެ 4 އަދި 6 ވަނަ ނަންބަރުގައިވާ ގުޅިފައިވާ ރަށްތަކާއި، ބިންބޮޑެތި ރަށްތަކުގައި ބަސްދަތުރު ޚިދުމަތް ދިނުމަށާއި ބެހޭގޮތުން މަޝްވަރާކުރުމާއި، ފެރީޚިދުމަތް އިތުރަށް ހަރުދަނާ ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މިދެނަންބަރުގައިވާ ކަންކަމާއިބެހޭގޮތުން މެމްބަރުންގެ މެދުގައި މިކަމާއިމެދު ކުރެވިދާނެ ގިނަގުނަ ކަންކަމާއިމެދު މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ ސަރުކާރުން ދޯނިސަރވިސްއާއި ދަތުރުފަތުރުގެ ކަންކަން ޙަވާލުކޮށްފައިވަނީ އެއްގަމާއި ކަނޑުގެ ދަތުރުފަތުރު ހިމެނޭގޮތަށްކަމުގައިވާތީ، ދޯނިސަރވިސްގެ އެގްރީމެންޓް ބަލާހެދުމަށްފަހު ސަރުކާރުގެ ކަމާބެހޭފަރާތްތަކަށް ހުށަހަޅުއްވައިގެން މިޚިދުމަތް ޙަރުދަނާކުރުމަށް މަސައްކަތް ކުރުމަށެވެ. އަދި މިއެގްރީމެންޓް ހޯދުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގައި ދެންނެވުމަށެވެ. 

5-    އަތޮޅުގެ އެކި ހިސާބުތަކުގައި ދަތުރުވެރިންގެ ލުއިފަސޭހައަށް ޖަހާފައިވާ ދުރަށް އަލިފޮނުވައިދޭ ބައްތިތައް ނުދިއްލޭ މައްސަލައާއި ބެހޭގޮތުން ގޮތެއް ނިންމުން.

މިކަމުގައި ކައުންސިލުން ވަކިގޮތެއް ނުނިންމޭނެކަމަށާއި، ނަމަވެސް މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކަމާބެހޭ ވުޒާރާގައި ޓްރާސްޕޯޓް މިނިސްޓްރީގައި ސިޓީއަކުން ދެންނެވުމަށް ރިޔާސަތުން ނިންމެވިއެވެ.

6-    އެޖެންޑާގެ 7 ވަނަ ނަންބަރުގައިވާ އަތޮޅު ކައުންސިލްގެ 8 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ގެންނަންފެނޭތޯ ރިޔާސަތުން އެއްސެވުމުން އެއްވެސް އިސްލާހެއް ހުށަނޭޅި ހާޟިރުވެތިބި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ ފާސްކުރެވުނެވެ.

މަޢުލޫމާތު ހިއްސާކުރެވުނު ކަންތައްތައް:

1-    ކީރިތިޤުރުއާނުގެ ދިވެހިތަރުޖަމާ ބޭނުންފުޅުވާ ފަރާތްތަކަށް ތަރުޖަމާ ބެހުމަށްޓަކައި އިސްލާހުކުރެވިފައިވާ ކަރުދާސްކޮޅުތައް ހޯދުމަށްފަހު ކޮންމެރަށަކަށްވެސް އެރަށެއްގެ ގޭބީސީއަކަށް ތަރުޖަމާއެއްގެ ނިސްބަތުން ފޮނުވާ ބާކީބައި ސްކޫލްތަކަށާއި، މިސްކިތްތަކަށް ލުމަށް މެމްބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ.

2-    އަތޮޅު ޤުރުޢާން މުބާރާތް ބޭއްވުމަށްޓަކައި އެއްވެސް ފަރާތަކުން ޝަޢުގުވެރިކަން ފާޅުކޮށްފައިނުވާތީ، އެމުބާރާތް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުމަށް ނިންމަވާ އެކަމަށް ސުކޫލުގައި އެދިފައިވާނޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިކަން އެންމެ އިސްކޮށް ވިލަރެސް ކުރައްވާނީ އިސްދޫ ދާއިރާގެ މެމްބަރު އަދި އިސްލާމިކް އެފެއާޒްގެ ކަންތައްތަކާއި ޙަވާލުވެވަޑައިގެންނެވި އިބްރާހިމް ހަމީދުކަމަށްވެސް ރިޔާސަތުން ވިދާޅުވެލެއްވިއެވެ.

3-    ރަށްރަށުގެ ރަށުކައުންސިލްތަކަށް "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު"އާއި އެއްގޮތަށް މަސައްކަތްތައް ކުރުމަށް އެންގުމަށް މެމްބަރުން މަޝްވާރކުރެއްވިއެވެ.



                                           އިބްރާހީމް އަނީސް
                                            ކައުންސިލްގެ ރައީސް

  ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުން


•    ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ފާއިދު (ނައިބްރައީސް)    •   

•    މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް މުމްތާޒު ފަހުމީ    •   

•    ފޮނަދޫ ދާއިރާގެ މެމްބަރ    އަލްފާޟިލް ޝާހީން އިސްމާޢީލް    •   

•    މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް އަޙުމަދު މުއިއްޒު    •   

•    ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ރަޝީދު    •   

އިސްދޫދާއިރާގެ މެމްބަރ    އަލްފާޟިލް އިބްރާހިމް ހަމީދު    •   

އިސްދޫދާއިރާގެ މެމްބަރ    އަލްފާޟިލް އަޙްމަދު އާޞިފް    •   

Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews