މައި ޞަފްޙާ » » އިސްދު އާއި ކަލައިދޫގެ ކައުންސިލް އިންތިހާބު އަލުން އިއުލާން ކުރާނެ: އިލެކްޝަންސް

އިސްދު އާއި ކަލައިދޫގެ ކައުންސިލް އިންތިހާބު އަލުން އިއުލާން ކުރާނެ: އިލެކްޝަންސް

Tuesday, December 3, 2013 | 10:38 PM

ލ. އިސްދޫގެ ދެ އަވަށް ކަމުގައިވާ އިސްދު އާއި ކަލައިދޫ ވަކި ދެ ރަށެއްގެ ގޮތުގައި ހަމަޖެއްސުމުން، އެ ދެ ރަށުގެ ކައުންސިލަށް ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު "ހަވީރަ"ށް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރަކަށް ވާތީ، ރަށެއް އުފައްދައިފި ނަމަ އެ ރަށެއްގެ ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ.

އިސްދު އާއި ކަލައިދޫ، ދެ ރަށެއްގެ ގޮތުގައި ހަމަޖެއްސީ ޖެނުއަރީ 18ގައި ބާއްވާ ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނިކޮށެވެ. އެހެންވެ އެ ދެ ރަށުގެ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭ ގޮތުން ކޮމިޝަންގައި މިއަދު މަޝްވަރާކުރާނެ ކަމަށް މަނިކު ވިދާޅުވި އެވެ.

ކުރިން އެއީ ދެ އަވަށެވެ. އެހެންކަމުން ކައުންސިލް އިންތިޚާބުކޮށްފައި ވަނީ އެއް ރަށެއްގެ ގޮތުގައި ބަލައިގެންނެވެ.

"މިހާރު ކައުންސިލު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު އަށަކަށް ހަމަވާނެ. ނަމަވެސް އިސްދޫ އަދި ކަލައިދޫ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު އެއަށް ވުރެ އިތުރުކުރަން ޖެހޭނެ،" މަނިކު ވިދާޅުވި އެވެ.

ކައުންސިލްތައް 2011 ގައި އުފެއްދުމުގެ ކުރިން އިސްދު އާއި ކަލައިދޫ އަވަށުގައި ދެ އޮފީސް ހުރެ އެވެ. ނަމަވެސް އޭގެ ފަހުން އެ ރަށުގެ ދެ އަވަށް އެއްކޮށްލައި އެއް ކައުންސިލެއްގެ ދަށުން ދެ އަވަށް ހިންގަން ފެށި އެވެ.
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews