ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ލ.އިސްދޫ ބްރާންޗް އިންޖީނުގެއަށް 360 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެންދިއުމުގެ އެއްބަސްވުމެއްގައި ޔުނި އިންޖީނިއަރ ޕްރައިވެޓް ލިމިޓެޑާއިއެކު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ސޮއިކޮށްފިއެވެ.
އޮކްޓޯބަރު 6 ގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހެޑް އޮފީހުގައި މެންދުރު 02:00ގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފެވެ. ޔުނި އިންޖީނިއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޤައިސް އިސްމާއިލްއެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމް.ޑީ އަހްމަދު ޝަރީފް ވިދާޅުވެފައިވަނީ އިސްދޫއަށް ދިމާވި ކަރަންޓް ކެނޑުމުގެ މައްސަލައަށް މިހާރުވެސް ވަނީ ވަގުތީ ހައްލެއް ހޯދާދެވިފައިވާކަމަށާއި އިސްދޫއަށް މިގެންދާ ޖަނަރޭޓަރު މިއަންނަ އާދިއްތަ ދުވަހު ގެންދެވޭނެ ކަމަށާއި ޖަނަރޭޓަރު އިންސްޓޯލް ކުރެވި ޓެސްޓް ކުރެވި ހަފްތާ ނިމެންވާއިރަށް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށެވެ.
މިރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް ވަނީ 360 ވޯޓްގެ ޖަނަރޭޓަރެއް އިސްދޫއަށް ލިބި ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަރަންޓުގެ މައްސަަލައަށް މިހާއަވަސް ދާއިމީ ހައްލެއް ހޯއްދަވައިދެއްވި ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ އަބްދުލްﷲ ޔާމީން އަބްދުލް ޤައްޔޫމަށާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ޝުކުރު އަދާކުރައްވާފައެވެ.

Post a Comment