![]() |
ބޮޑުތަކުރުފާނު މަގު ކަޅުތުއްކަލާކޮށި ކައިރީގައި ވީސީޕީއެއް ޖަހައިގެން ވެހިކަލް ޗެކްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ފުލުސް މީހާގެ ގައިސާ ސައިކަލުން ޖައްސައި ފިލައިގެންދިޔަ މީހާ ހައްޔަރުކޮށް އެ މައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން މިއަދު މެންދުރު ހައްޔަރުކޮށްފައި އުމުރުން 18 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ރޭ 21:45 ހާއިރު ހާއިރު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލް މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސް ފުލުސްމީހާގެ ގައިގާ ޖެއްސުމުގެ ސަބަބުން އޭނާގެ ކަނާތު ފައިގެ ކުޑަހުޅު ނެއްޓި ކަށިގަނޑުން ބައެއް ބިންދައިގެން ގޮސް ބޮޑެތި އަނިޔާތައް ވެފައިވެއެވެ. އޭނާއަށްއައިޖީއެމް ހޮސްޕިޓަލުން ފަރުވާދެމުންދާއިރުއިތުރު ފަރުވާއަށް އިންޑިޔާއަށް ފޮނުވުމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ކުރަމުންނެވެ.
ފުލުހުންގެ ވެބްސައިޓްގައި އާންމު ކުރައްވާފައިވާ ޚަބަރެއްގައި ވިދާޅުވީ "ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކަތެރިކަން ދަމަހައްޓައި ޤާނޫނާއި ޤަވާއިދުތައް ތަންފީޒްކޮށް އަމާން މާހައުލެއް ދެމެހެއްޓުމަށް ތިބޭ ބަޔަކަށްވީ ހިނދު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ފުލުހުން އަންގާ އެންގުމާއި އެއްގޮތަށް ޢަމަލުކޮށް، ފުލުހުންނަށް އެއްބާރުލުން ދެއްވުމަކީ ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާ އާއި މަންފާ ލިބިގެންދާނެކަމެކެވެ."


Post a Comment