މައި ޞަފްޙާ » , » މަޖީދިއްޔާގެ 85 އަހަރުގެ ތާރީޚް ވަނީ އޮޅުވާލެވިފައި!

މަޖީދިއްޔާގެ 85 އަހަރުގެ ތާރީޚް ވަނީ އޮޅުވާލެވިފައި!

Sunday, March 31, 2013 | 9:58 AM

މަޖީދިއްޔާގެ ލޯގޯ
މަޖީދިއްޔާގެ ކުރީގެ ފޮޓޯއެއް
މަޖީދިއްޔާގެ ބާނީއަކީ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުކަމަށް ހީކުރެވުނަސް، ތާރީޚީ ހެކިތަކުން އެނގެނީ މަޖީދިއްޔާ ނިޞްބަތްވުން ޙައްޤުވަނީ އެހެން ފަރާތަކަށް ކަމެވެ.

އަޙްމަދު ނިޔާޒު- ސައްފާޙު ފާރޫޤު
ނޯޓް: މިލިޔުމަކީ "އިއްޔެ" މަޖައްލާއިން ނަގާފައިވާ ލިޔުމެކެވެ.
މަޖީދިއްޔާ ސްކޫލުގައި އަޅުގަނޑުމެން ކިޔަވަން އުޅުނު ދުވަސްވަރު ދާރުލްޢުލޫމްގެތެރޭން ފެންނަންހުރި ފޮޓޯތަކުގެ ތެރޭގައިވަނީ މަޖީދިއްޔާއަށް އެކި ގޮތްގޮތަށް ޚިދުމަތްކޮށްދެއްވި ބޭފުޅުންކަމުގައި މުދައްރިސުން ވިދާޅުވިއެވެ. މަޖީދިއްޔާގެ ބާނީގެ ފޮޓޯގެ ގޮތުގައި ވަނީ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ފޮޓޯއެކެވެ. އެސްމްބްލީ ގަޑީގައި ހެނދުނު ކޮޅަށްތިބެގެން ކިޔަނީ " މަޖީދީ މަޖީދީ ފަޚުރުވެރިހިޔާ މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ" މިހެންނެވެ. އެއީ ސްކޫލުގެ ލަވައެވެ. މަޖީދިއްޔާ ސްކޫލް ނިންމާފައިދާ އެހެންވެސް ކުދިންނެކޭ އެއްފަދައިން މަޖީދިއްޔާގެ ބާނީއާއިނެދު ވިސްނާލެވިފައެއް ނެތެވެ.                           

ދުވަސްވަރަކީ، ސަރުކާރުގެ ފަރާތުން އިންތިޒާމުކޮށްގެން ޢާއްމުކޮށް ތަޢުލީމް ދެވެމުންދިޔަ ދުވަސްވަރެއް ނޫނެވެ. ނަމަވެސް ފެންނަމުން ދިޔައީ ދިވެހި ތަޢުލީމީ ދައރިއެއްގެ ހިއްމަތާއި މިންނަތުން ދިވެހި ދަރީންތަކެއް ރޯފިލުވަމުން ދިޔަ މަންޒަރެވެ. އުނގަންނައިދިނުމުގެ މުހިއްމުކަން ފާހަގަކުރައްވައި އޭރުގެ ފަނޑިޔާރުމަނިކުފާނު ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ފަނޑިޔާރުގޭ ފެންޑާގައި ކުދިންކޮޅަކަށް އުނގަންނައިދެއްވަމުން ގެންދެވި މަންޒަރެވެ. މިއީ މަދްރަސަތުލް ޞަލާޙިއްޔާގެ ފެށުމެވެ. އަދި މިއީ މިހާރުގެ މަޖީދިއްޔާ ސްކޫލްގެ ފެށުންވެސްމެއެވެ. ނަމަވެސް މިހާރު މަޖީދިއްޔާ ސްކޫލްގައި ޞަލާޙުއްދީނަށް ދެވިފައިވަނީ ކިހާވަރެއްގެ މަޤާމެއްބާވައެވެ؟                                                        
ފަނޑިޔާރުގޭ ފެންޑާގައި ޞަލާޙުއްދީން ހިންގަވަމުން ގެންދެވި މިކްލާސް ސަރުކާރުން ހިންގަވާގޮތަށް ހަމަޖެއްސުމަށް އޭރުގެ ބޮޑުވަޒީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި ޞަލާޙުއްދީނާއި މަޝްވަރާ ކުރެއްވުމަށްފަހު މިޚިޔާލު ރަދުންނަށް އެރުވިއެވެ. ރަދުން މުޙައްމަދު ޝަމްސުއްދީން ދައުލަތުގެ ބޮޑުން މަތިގެއަށް ގެންނަވައި މަޗްވަރާ ކުރެއްވުމަށަފަހު އެގޮތަށް ނިންމެވިއެވެ.                       
17 ޝައްވާލް 1354 ހ. (19 އޭޕްރީލް 1927) ގައި މަދްރަސަތުލް ޞަލާޙިއްޔާ ސަރުކާރުގެ މަދްރަސާއަކަށް ބަދަލުވިއެވެ. އޭރު މިޞްރުން ތަޢުލީމް ޙާޞިލުކުރައްވައިގެން ވަޑައިގެން ހުންނެވި ޝައިޚް އިބްރާހިމް ރުޝްދިލްއަޒްހަރީއަށް މުދައްރިސްކަމުގެ މަޤާމު ދެވުނެވެ. މިމަދަރުސާގެ ނާޒިރަކަށް ކަނޑައެޅުނީ ޞަލާޙިއްޔާގެ ބާނީ ޞަލާޙުއްދީނެވެ. މިމަދަރުސާ ފެށުނީވެސް މިދެބޭފުޅުން ފަނޑިޔާރުގޭ ފެންޑާގައި ދެއްކެވި ވާހަކަފުޅުންނެވެ.                                                        
"މަދްރަސަތުލް ސަނިއްޔާގެ ނަން އެމަދަރުސާއަށް ދިނީ އެތާނގެ ދަރިވަރުންކަމަށްވެއެވެ. އެނަން ނިޞްބަތްވެގެންވާ ފަރާތެއް ރަސްމީގޮތުން އަދި އެނޫންގޮތެއްގައިވެސް މުޅިން ފާޅުކުރެވިގެން ވާކަން އެނގިފައެއްނެތެވެ. އަޅުގަނޑު އަމިއްލައަށް ވިސްނާއިރު އެނަން ނިޞްބަތްވާ ވަކި ފަރާތެއް ވެއެވެ. އެއީ އެމަދަރުސާ ނިޞްބަތްވުން އޭރު އެންމެ އެކަށީގެންވާ ފަރާތްކަމަށް އަޅުގަނޑު ދެކެމެވެ. އާދެ! ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނަށެވެ." ތާރީޚް ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ އަލްފާޟިލް އަހްމަދު
ޝަފީޤް ހ.ޝަފީޤުގެ އޭނާ ލިޔުއްވި "މަޖީދިއްޔާގެ ފުރަތަމަ ފަންސަވީސް" މިފޮތުގައި މަދްރަސަތުލް ޞަލާޙިއްޔާގެ ނަމާއިބެހޭގޮތުން ލިޔުއްވާފައިވެއެވެ.                                     
ފަނޑިޔާރުގޭގައި ކިޔަވަން ދަތިވުމާއިއެކު ސަރުކާރުގެ ޚަރަދުގައި ފަނޑިޔާރުގޭ ގޯތިތެރޭގައި ހެދި މަދްރަސާއަށް ނަންކީ "މަދްރަސަތުލް ސަނިއްޔަތުލް ޙުކޫމަތުލް މަޙަލްދީބިއްޔާ" ނުވަތަ ޢާއްމުކޮށް އެންމެން ދަންނަ "މަދްރަސަތުލް ސަނިއްޔާ" އެވެ. މިގޮތަށް ނަންބަދަލުވި ތާރީޚަކީ، 6 ޖޫން 1928މ(17ޒުލްޙިއްޖާ1346ހ) އެވެ. އޭރުވެސް މަދްރަސާއަށް ޚިދުމަތް ކުރެއްވުމުގައި އިސްނަންގަވައިގެން ހުންނެވި އެއްބޭފުޅަކީ ޞަލާޙުއްދީނެވެ. މިޚިދުމަތުގެ ނަތީޖާއެއްގެ ގޮތުން މަދަރުސާގެ ފުރާޅުގެދަށުން އަގުހުރި ދިވެހި ދަރިންތަކެއް ދިޔައީ އުފެދެމުންނެވެ. މަދަރުސާގެ ފުރަތަމަ ދަރިވަރުންގެ ތެރޭގައި އަލްފާޟިލް ޢަބްދުލް ޤައްޔޫމް        (ފަހުން ޝައިޚް ޢަބްދުލް ޤައްޔޫމް) އަލްފާޟިލް މުޙައްމަދު ޖަމީލް(ފަހުން ޝައިޚް މުޙައްމަދު ޖަމީލް ނުވަތަ މިހާރުގެ ދިވެހިންގެ ޖީލުލް އުސްތާޛް) ހިމެނެއެވެ.                                   
14ޖުމާދަލްއައްވަލް1366ހ(6އޭޕްރީލް1947މ)ގައި އޭރު ދައުލަތް ހިންގެވުމާއި ޙަވާލުވެ ހުންނެވި އަލްއަމީރު މުޙައްމަދު އަމީން މަދަރުސާގެ ނަން ބަދަލުކުރެއްވިއެވެ. ދަރިވަރުން ޙާޒިރު ބައްދަލުވުމެއްގައި މުޙައްމަދު އަމީންގެ އެދިވަޑައިގަތުމަށް ފާރުގައިވާ ފޮތިގަނޑެއް ކަހާލެއްވުމަށްފަހު އާނަން "މަދަރުސަތުލް މަޖީދިއްޔާ" ހާމަކޮށްދެއްވީ ޙުސައިން ޞަލާޙުއްދީނެވެ. މަދަރުސާފެށުމާއި އަދި ކުރިޔަށް ދިއުމުގައި އެންމެބޮޑު ޚިދުމަތްތައް ކުރައްވާފައިވާފަރާތެވެ.                                                      
މަދަރުސަތުލް މަޖީދިއްޔާގެނަން މިހާރުވަނީ "މަޖީދިއްޔާ ސްކޫލް" އަށް ބަދަލުވެފައެވެ. މިނަން ނިޞްބަތްވަނީ ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނަށެވެ. ޞަލާޙިއްޔާ ސަރުކާރުގެ މަދަރުސާއަކަށް ބަދަލުކުރަން ބޮޑުވަޒީރުގެ ހައިސިއްޔަތުން ރަދުންނަށް މަޝްވަރާއެރުވުމަކީ އެމަދަރުސާގެ ނަން އޭނައަށް ނިޞްބަތްވާވަރުގެ ޚިދުމަތަކަށް ވޭބާވައެވެ؟ ނުވަތަ މަދަރުސާ ސަރުކާރުން ހިންގާގޮތަށް ބަދަލުވުމުގެ ކުރިންވެސް އެކަނިމާއެކަނި މަދަރުސާ ހިންގަވަމުން ގެންދެވި ޞަލާޙުއްދީނަށް މަދަރުސާގެ ތާރީޚުން ދެވެންޖެހެނީ ހަމައެކަނި ފުރަތަަމަ ނާޒިރުގެ މަޤާމުބާވައެވެ؟                                                   
ޞަލާޙުއްދީންގެ ޢިލްމީ ޚިދުމަތްތައް ފެށިފައިވަނީ ހަމައެކަނި ޞަލާޙިއްޔާ އަކުންނޫނެވެ. އޭގެކުރިން ބަގީޗާގޭ ފެންޑާގައިވެސް އެޚިދުމަތްވަނީ ފެށިފައެވެ. އަހަރެމެން މިއަދު މިދެކޭ ތަޢުލީމީ ސިލްސިލާގެ ބޮޅުތައް ގުޅިފައިވަނީ ކާބަފައިނާއިއެވެ. އޭގެތެރެއިން ޞަލާޙުއްދީނުގެ ޚިދުމަތަކީ ރަން އަކުރުން ފާހަގަކުރަންޖެހޭ ޚިދުމަތެކެވެ. ސަބަބަކީ ދިވެހިން ދުނިޔެތެރެއަށް ލޯހުޅުވި ހޭވެރިކަން ވާންފެށިއިރު މިޤަރުނު ފެށުނުއިރު ދިވެހިން ޖާހިލުކަމުން ސަލާމަތްކުރަން މަސައްކަތް ކުރެއްވީ ޞަލާޙުއްދީންކަމަށް ވާތީއެވެ.                  
"ދިވެހި ޤައުމުގެ މަދަނިއްޔަތު މިދެންނެވި ފަތިހަށް އަލިކުރަމުން ދިޔައިރު ޢިލްމީގޮތުން އެންމެ ހަރުދަނާ ޚިދުމަތްތަކެއް ފައްޓަވާފައިވަނީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. ވަރަށް ހަރުދަނާ ދަރިވަރުންތަކެއް އޭނާ އުފެއްދެވިއެވެ. އެދަރިވަރުންތަކެއް އޭނާ އުފެއްދެވީ ސަރުކާރުގެ ނުވަތަ އަމިއްލަވެސް މަދަރުސާއެއްގެ ޢިމާރާތެއްގެ ފުރާޅުގެ ދަށަކުންނޫނެވެ. އެދުވަސްވަރު އޭނާ ހުންނެވި ގެއެއްގައި ކިޔަވައިދެއްވި ކިޔަވާދެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މަޝްހޫރު ލިޔުންތެރިޔާ އިބްރާހީމް ޝިހާބު އޭނާގެ ބައްޕަޔާބެހޭގޮތުންވިޔަސް ލިޔުއްވާފައިވަނީ ދެކޮޅުހެދެންނެތް ޙަޤީޤަތެކެވެ. ޝިހާބު އެޢިޝާރާތްކުރައްވާ ދަރިވަރުންގެ ތެރޭގައި ދިވެހި ތާރީޚުގައި އިތުރު ތަޢާރަފަކަށް ބޭނުންނުވާ ބޮޑުފެންވަޅުގޭ ސީދީ ޢަބްދުﷲ ޖަމާލުއްދީން އަދި އަޙްމަދު ކާމިލްދީދީ ހިމެނެއެވެ.                                     
މިޚިދުމަތްތެރިޔާގެ ނަމަށް ނިޞްބަތްވާގޮތަށް ދިވެހިރާއްޖޭގައި މިހާރުހުރި ހަމައެކަނި ތަޢުލީމީ ބިނާއަކީ، "ޞަލާޙުއްދީން ބިލްޑިންގ"އެވެ. މުޙައްމަދު އަމީނުގެ ދުވަސްވަރު މާފަންނުގައި ހިންގުނު      "މަދަރުސަތުލް ޞަލާޙިއްޔާ" މިހާރުވަނީ އުވި ގޮސްފައެވެ. ތެދެކެވެ. ޞަލާޙުއްދީން ބިލްޑިންގ އަކީ އެޢިމާރާތެއްގެ ތެރޭގައި ދިވެހި ތަޢުލީމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެވޭތަނެކެވެ. ނަމަވެސް ޞަލާޙުއްދިނުގެ ޚިދުމަތުގެތެރެއިން މިއަދުވެސް ފެންނަ އެންމެ އަގުހުރި ޚިދުމަތަކީ، މަޖީދިއްޔާ ސްކޫލެވެ.ވީމާ، ޞަލާޙުއްދީނަށް ނިސްބަތްވުން އެންމެ އެކަށީގެންވާ ތަޢުލީމީ ބިނާއަކީވެސް އެއީއެވެ.                          
"މަދްރަސަތުލް  ސަނިއްޔާ" އަދި " މަޖީދިއްޔާ ސްކޫލް" އަކީ، ދިވެހި ރާއްޖޭގައި ހިންގަންފެށި ސަރުކާރުގެ ފުރަތަމަ ސްކޫލް ކަމުގައިވިޔަސް އެތާނގެ ތާރީޚީ ފެށުމަކަށްވަނީ، "މަދްރަސަތުލް ޞަލާޙިއްޔާ" ގެ ނަމުން ހިންގަންފެށި މަދްރަސާއެވެ. އަދި އޭގެ ކުރީގެ ފެށުމެއްވެސް އޮވެގެންނެވެ. މަޖީދިއްޔާ ސްކޫލްގެ ރަންޔޫބީލްގައި ބޭއްވުނު އެސްކޫލްގެ ދުވަހު ޠާލިބުން ތަމްޞީލްގެ އައިޓަމެއްގައި އެންގިފަދައިން، ސަރުކާރުން މަދްރަސާއެއް ބިނާކޮށް ހިންގުމަށް މެދުވެރިވި ސަބަބުތަކުގެ ތެރެއިން ފާހަގަކުރެވޭ އެންމެ މުޙިއްމުކަމަކީ، ކުރީގައި ދެންނެވި މަދްރަސަތުލް ޞަލާޙިއްޔާގެ ނަން ނިޞްބަތްވެގެންވާ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީންގެ ތަޢުލީމީ ޖިހާދެވެ."                                                            
" ދިވެހި ދަރިންނަށް ތަންދޮރު އުނގަންނަވައިދެއްވޭތޯ ދުވަހަކުވެސް މީހަކު ނުކުރާފަދަ ހިއްމަތް ޒަމާންތަކެއް ވަންދެން އެއްވެސް އުޖޫރައެއްނެތި އެމަނިކުފާނު ކުރެއްވިއެވެ. މިއަގުހުރި ތެދުވެރި ޚިދުމަތުގެ ނަތީޖާއެއްގެ ގޮތުން ހިޖުރައިން 1345 ވަނަ އަހަރާ ހަމައަށް އައިއިރު ކުރިޔަށްއޮތް ޖީލުގެ ދަރިންނަށް ޢަރަބިބަހާއި، ދީނީ ތަޢުލީމުދޭ އިސްދަރިވަރުންތަކެއް އަލުގަނޑުމެންގެ ތެރެއިން ފެންނަން ތިއްބެވިއެވެ. އަޙްމަދު ޝަފީޤް ލިޔުއްވި " މަޖީދިއްޔާގެ ފުރަތަމަ ފަންސަވީސް " މިފޮތުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި ވެއެވެ.           
ތާރީޚް ހެކިދޭ ގޮތުގައި މަޖީދިއްޔާގެ ބާނީއަކީ، ޙުސައިން ޞަލާޙުއްދީނެވެ. ވީމާ، ރައްޔިތުންގެ ފަރާތުން ދިވެހި ރަސްކަން ހުށަހެޅީމާ، ޤބޫލުނުކުރައްވާ، މިޞުރުގައި ޙަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވި ޢަބްދުލްމަޖީދަށް މަޖީދިއްޔާ ސްކޫލް ނިބްބަތްކުރެވުނީ ކީއްވެ ހެއްޔެވެ؟ ޢަބްދުލްމަޖީދު މަޖީދިއްޔާގެ ބާނީއަކަށްވާނެ ޖާގައެއްނެތެވެ. މަޖީދިއްޔާއަކީ، ދިވެހި އެތައް ޖީލުތަކެއް ބިނާކޮށްފައިވާ އަދި ކުރަމުންދާ ފަޚްރުވެރި ސްކޫލެކެވެ. މިއަދު ޤައުމު ފަޚްރުވެރިވާ ގިނަ ދަރީންނަކީ މަޖީދިއްޔާގެ ތަޢުލީމީ ފުރާޅުގެދަށުން ހިޔާވަހިކަން ލިބިފައިވާބައެކެވެ. މަޖީދިއްޔާއަކީ، ދިވެހި ތަޢުލީމީ ތާރީޚުގެ އެންމެ އަލިގަދަ ދަންމަރެވެ. ނަމަވެސް ހިތާމައަކީ، ތާރީޚީ ޙަޤީގަތެއް އޮޅުވާލެވިފައިވާކަމެވެ. ސިޔާސީ މަޤްޞަދުތަކެއް ޙާޞިލުކުމުގެ ބޭނުމުގައި ކަމަށްވިޔަސް، ތާރީޚް ލިޔެވެންވާނީ، އޭގެ ޙަޤީގަތާއި، އެއްގޮތަށެވެ. މިކަން ޙަޤީގަތަށް ލޯބިކުރާ ކޮންމެ ދިވެހި ދަރިޔަކު ޤަބޫލުކުރާނެއެވެ. މިއޮޅުވާލުމާއެކު ތާރީޚް ލިޔެވޭނަމަ އެއީ އަންނަންއޮތް ޖީލިތަކަށްވެވޭ ވަރަށްބޮޑު ޚިޔާނާތެކެވެ. އަދި މިހުރިހާ ތަޢުރީފެއްގެ ވެރިފަރާތަށް ކުރެވޭ ބޭއިންސާފެއްވެސްމެއެވެ. މަޖީދިއްޔާ ސްކޫލުގެ ނަން ކިޔެންވާނީ،        "ޞަލާޙިއްޔާ ސްކޫލް" މިގޮތަށެވެ.(އޮކްޓޯބަރ 1996 ގެ "ދަންފުޅި" މަޖައްލާއިން ނަގާފައި)           

Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews