މައި ޞަފްޙާ » » ޕީ.ޕީ.އެމް.ގެ ކެނޑިޑޭޓަކީ ޔާމީންކަމަށް ވެއްޖެނަމަ، އިންތިޚާބު ނާކާމިޔާބު ވެދާނެ: ޢުމަރު

ޕީ.ޕީ.އެމް.ގެ ކެނޑިޑޭޓަކީ ޔާމީންކަމަށް ވެއްޖެނަމަ، އިންތިޚާބު ނާކާމިޔާބު ވެދާނެ: ޢުމަރު

Monday, March 11, 2013 | 3:19 AM

ލިޔުނީ: އެޗް.ޑީ

   ހޮނިހިރު ދުވަހުގެރޭ ދިޓީވީގެ ޚަބަރުތެރެއިން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރު    
ވިދާޅުވީ " އަންނަ ރިޔާސީ އިންތިޚާބުގައި ކޯލިޝަނެއް ނަހަދާ އިންތިޚާބު ކާމިޔާބު ކުރުމަކީ ވަރަށް ދަތި ކަމަކަށް ވާނެ ކަމަށާއި، މިއިންތިޚާބަށް ޕީ.ޕީ.އެމް އިން ކުރިމަތިލައްވާ ކެނޑިޑޭޓަކީ ޔާމީން ކަމަށް ވެއްޖެނަމަ އިންތިޚާބު ނާކާމިޔާބު ވުމުގެ ބިރު އެބައޮތް" ކަމުގައެވެ.                               
ޢުމަރު ވިދާޅުވީ ޕީ.ޕީ.އެމްއިން އެޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތި ލައްވާފައިވާ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ ޢަބްދުﷲ ޔާމީންއާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމްއާ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ރުޅިވެރިކަމުގެ ސަބަބުން، ޤާސިމްއާ ގުޅިގެންނާއި، އަދި މިހާރުގެ ރައީސް ވަހީދަށް ވަރަށް ގިނަ ބަހުގެ ޙަމަލާތަކެއް ޔާމިން ދެއްވާފައިވުމާއެކު އެދެ ބޭފުޅުންނާއި އެކު ކޯލިޝަނެއް ހެއްދެވުމަކީ، ޔާމީންއަށް ފަސޭހަފުޅު ކަމަކަށް ނުވާނެ ކަމުގައެވެ. ޔާމީން އަކީ ގިނިކަންޏާ ވަޑައިގަންނަވާ ބޭފުޅަކަށް ވާތީއާއި، ރިޔާސީ އިންތިޚާބު ގައި ކޯލިޝަންއެއްގައި ނުކުމެވަޑައިގަންނަވަން ޔާމީންއަށް ދަތިފުޅުވާނެ ކަމުގައިވެސް އުމަރު ހާމަ ކުރެއްވިއެވެ.                                                       
ޤާސިމް އިބްރާހީމްއާއި، ރައީސް ވަހީދާއި، އަދި އަދާލަތު ޕާޓީއާއި، އިލްޔާސް އިބްރާހީމްއާއި، އުމަރާ ދެމެދު ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށާއި އެބޭފުޅުންނާއި އެކު ކޯލިޝަން އެއް ހެއްދެވުމަށް އެންމެ ފުރުޞަތުބޮޑީ ޢުމަރަށްކަމަށާއި، އަދި އެކަމަށް ތައްޔާރަށް ހުންނެވި ކަމަށާއި، އެކަމުގައި އަމިއްލަ ނަފްސަށްވުރެ ޤައުމުގެ ހައްޤުގައި ކޮންމެ ގޮތެއްވެސް ޤަބޫލުކުރައްވާނެ ކަމުގައި އުމަރުވަނީ ވިދާޅުވެފައެވެ.                                                      
އުމަރަކީ ޕީ.ޕީ.އެމް އުފެއްދުމުގަޔާއި، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލުމުގައި މުހިއްމު ދައުރެއް އަދާކުރެއްވި އަދި އެއްވެސް ކިލަނބުކަމެއް ނެތް ސާފު ބޭފުޅަކަށްވެފައި މިޤައުމު މިހާރު އޮތް ޙާލަތުންނާއި އަދި ނަޝީދުގެ ނުރައްކަލުން ޤައުމު ސަލާމަތް ކޮށްދިނުމުގެ ކެރުމާއި އިޚްލާޞްތެރިކަންހުރި ބޭފުޅަކަށްވާތީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް އޭނާ ހޮވިވަޑައިގަންނަވާނެކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އެބަ އޮތް ކަމަށާއި، އަދި އެހެން ޕާޓީ ތަކާއެކު ކޯލިޝަން އެއް ހައްދަވައިގެން އެމް.ޑީ.ޕީ ބަލިކޮށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީން ކަން އެބައޮތްކަމުގައިވެސް އޭނާ ވިދާޅުވިއެވެ.                              
އުމަރު މިމޭރުމުން ވާހަކަ ފުޅުދެއްކެވިއިރު ހޮނިހިރު ދުވަހުގެރޭ ޔާމީންގެ ކެނޑިޑެންސީ އިޢުލާނު ކުރެއްވުމަށް އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން "ރިޔާސީ ޓިކެޓް ދޮލަނގަކަށް ލައިގެން ގެންދަން ދޫނުކުރެއްވޭނެ ކަމަށާއި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ޕީޕީއެމްއާއި އެކު ކޯލިޝަން ހެދުމަށް ޕާޓީތަކަށް އިސްވެ ދަޢުވަތު ދެއްވާކަމަށް" ޔާމީން ވަނީ ވިދާޅުވެފައެވެ. ޕީ.ޕީ.އެމްގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމާރޗްމަހުގެ 30 ވަނަ ދުވަހުކަމަށް އެޕާޓީއިންވަނީ ކަނޑައަޅާފައެވެ.                                                     
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews