ލިޔުނީ:އެޗް.ޑީ
މިއީ އެއްދުވަސްވަރެއްގައި ރާއްޖޭގެ މީހުން
ދިރިއުޅޭ ރަށެއްގައި ހިނގި ޙަޤީޤީ ޙާސިޘާއެކެވެ. މިލިޔުމުގައި ބޭނުންކޮށްފައިވާ
ނަންތަކަކީ އަޞްލު ނަންތަކެއް ނޫނެވެ. އަދި މިވާހަކަ އެކި މީހުން އެކި ގޮތަށް
އަޑުއަހާފައި ވުމަކީވެސް ވެދާނެ ކަމެކެވެ.
މިވާހަކަ ތިޔަ ފަރާތްތަކަށް
ގެނެސްދިނުމުގެ ބޭނުމަކީ ބަޔަކު ފަޟީޙަތްކޮށް ބޭޒާރު ކުރުމެއްވެސް ނޫނެވެ.
މަޤްޞަދަކީ، މިކަމުން ޢިބްރަތްތަކެއް ޙާޞިލް ކުރުމެވެ. އޭރު މީހުންގެ
ހޭލުންތެރިކަން ހުރި މިންވަރު ޙިއްޞާ ކޮށްލުމެވެ.
އެކޮޅަސްމަޑުލު މިކޮޅުފުށީ ދަވިއްގަނދަކީ
ވަރަށް އާބާދީކުޑަ މީހުންވެސް އެހާ ހޭލުންތެރި ނޫން ރައްޔިތަކު ދިރިއުޅުނު
ރަށެކެވެ. އެރަށުގެ ބައެއް މީހުން މިހާރު ވަނީ އެއަތޮޅާ އަވައްޓެރި އެހެން
އަތޮޅެއްގައިއޮންނަ އެއާރޕޯޓެއް ހަދާފައިވާ ރަށަކަށް ބަދަލުވެފައެވެ. ކޮންމެއަކަސް
ދަވިއްގަނދު ކަތީބަކީ ސަރުކާރަށް ޚިދުމަތްކުރުމުގައި އޭރުވެސް 35 އަހަރު ހޭދަކޮށްފައިވާ ބޭފުޅެކެވެ. ގައިމު
ތަޖުރިބާތަކެއްވެސް ހުންނާނެތާއެވެ.
އެއްދުވަހަކު
ކަތީބު އޮފީހަށް ނުކުންނަވާ ވަރަށް މުޙިއްމު މެސެޖެއްލިޔުއްވާ ސެކްރެޓަރީއާއި
ޙަވާލުކުރަމަށްފަހު ބުނުއްވީ، މި މެސެޖް އަތޮޅު އޮފީހަށް ފޮނުވާލާށެވެ. އަދި
ފޮނުވަންވާނީ އިއްޔެ އަތޮޅު އޮފީހުން ފޮނުވައިގެން ގެނައި ފެކްސް މެޝިނުންނޭ
ބުނުއްވުމަށްފަހު ކަތީބު ދުރުވީ ގެއަށް ސައިބައްލަވާށެވެ. ސެކެރެޓަރީވެސް ކަތީބު
އެންގެވިގޮތަށް މެސެޖު ފޮނުވީ އެބުނުއްވާ މެޝިނުންނެވެ. މެސެޖު ފޮނުވުނީމާ
އެމެސެޖުގެ ވާތްފަރާތުގެ މަތީކަނުގައި " މެސެޖު ފޮނުވިފައި " މިހެން
ލިޔެލުމަށްފަހު ކަތީބުގެ މޭޒުމަތީގައި ބާއްވައިފިއެވެ.
ކަތީބު
ސައިބައްލަވައިގެން އޮފީހަށް ދުރުވިއިރު ކަމަކު ދާކަށްނެތެވެ. އެއްކަލަ މުޙިއްމު
މެސެޖު މެޝިނުން ފޮނުވާލަން ބުނުއްވިއެއްކަމަކު އެކަން ކޮށްފައެއް ނެތެވެ. މެސެޖު
އޮތީ ކުރިންވެސްބުނިހެން ކަތީބުގެ މޭޒުމަތީގައި ބާއްވާފައެވެ. ވަރަށް ނުރުހުންވެ
ހުންނަވާ ސެކެރެޓަރީއަށް ގޮވާ ގެންނަވައިފިއެވެ. އަދި މުވައްޒަފުންނަށް އަންގާ
އެންގުން ފޮތުގައި ލިޔުއްވާ ސެކެރެޓަރީ ސޮއިކުރަން އަންގަވައިފިއެވެ. އޭގައި އޮތީ "
މި އޮފީހުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކަތީބު ލިޔުއްވާ ދެއްވި މެސެޖު
މެޝިނުން ފޮނުވާފައިނުވާތީ މިފަދަ ކަންތައް ތަކުރާރު ނުކުރުމަށް ސެކެރެޓަރީއަށް
އަންގާ ނަޞޭޙަތްތެރި ވާކަމަށެވެ. " މިކަމާ ސެކެރެޓަރީ ވަރަށް ހިތްހަމަ
ނުޖެހުނެވެ. އަދި ކަތީބު ބުނުއްވިގޮތަށް
މެސެޖު ފޮނުވިކަމަށް ތަކުރާރުކޮށް ބުނުމުން ކަތީބު ބުނުއްވީ ކަލެޔަށްވުރެ ޢުމުރުން
ދޮށިވާނީވެސް އަހަރެންނެވެ. ސަރުކާރުގައިއުޅެ މިހާ ދުވަސްވީއިރު ތިކަހަލަ
އެތައްކަމެއް ތަޖުރިބާ ކުރެވިފައި ވާކަމަށެވެ. އަދި ތިގޮތަށް މަސައްކަތައް
ފަރުވާކުޑަނުކޮށް އުޅޭހިތްނެތިއްޔާ ވަޒީފާ ދޫކޮށް ގެއަށް ދިޔުމަށެވެ. ކަލޭ
ތިހީކުރަނީ މަށަކީ މޮޔައެއްކަމަށް ހެއްޔެވެ؟ މެޝިނުން ފޮނުވި މެސެޖު މަގޭ
މޭޒުމަތީގައި އޮތީ ކީއްވެހޭ؟ އަދި މަށަށް އޮޅުވާލަންވެގެން " މެސެޖު
ފޮނުވިފައި " މިހެންވެސް ޖެހީމެއްނޫންހެއްޔެވެ؟ މަށަށްވެސް ތިޔަ މެސެޖު މެޝިނުން ފޮނުވިދާނެއެވެ.
ބުނުއްވާފަ، އޮފީހުގެ އެހެން މުވައްޒަފަކަށް ގޮވާ ގެންނެވުމަށްފަހު މެޝިނުން
މެސެޖުފޮނުވަން ހަދަނީ ކިހިނެއްތޯ އޭނާކުރެން ސުވާލުކޮށްފިއެވެ. އެމީހާވެސް މެސެޖު
ފޮނުވަން ހަދާގޮތަކީ މެސެޖު ލިޔެފައިވާ ގަނޑު މެޝިނަށް ލެއްވުމަށްފަހު ނަންބަރ
ޖަހާ އަޑެއްކިޔުމުން މިހިރަ ފިތައް ފިއްތާލަނީޔޭބުނެ އެކަން ކުރަންވީގޮތް
އޮޅުންފިލުވާދިނެވެ. އެއަށްފަހު އޭނާވެސް މަސައްކަތާއިގެން މަސްއޫލުވެއްޖެއެވެ.
އޭގެ 30 ހަކަށްމިނިޓްފަހުން
އޮފީހުގެ ފޯނު ރިންގުވާންފެށުމުން ނެގިއިރު އަތޮޅު އޮފީހުންނެވެ. ޖަވާބުދެއްވަނީ
ކަތީބެވެ. ކަތީބުގެ ހިތައްއެރީ މި މެޝިނުން ފޮނުވަން އުޅޭކަން އަތޮޅު އޮފީހަށް
އެނގިގެން ގުޅީކަމަށެވެ. އަދި ކަންތައް ވެގެން އުޅޭގޮތް ފެށުނީއްސުރެ ނިޔަަލަށް
އޮޅުންފިލުވައިދީފިއެވެ.
އަތޮޅު އޮފީހުން: ތިޔަ ފޮނުވަނީ ކޮންއެއްޗެއްތޯއެވެ.؟
ކަތީބު: މިއީ މިއޮފީހުގެ ވަރަށް މުޙިއްމު މެސެޖެއް
އަތޮޅު އޮފީހުން: ދެން އެހެންވިއްޔާ ތިޔަ ގަނޑު ކުރިން ނުފޮނުވީ ކަމަށް
ތިޔަބުނުއްވީ މިހާރު ފޮނުވޭގޮތް ވެއްޖެތޯ؟
ކަތީބު: މިވެގެން އުޅޭގޮތަކީ ކަލޭމެން ހަލާކުވެފަހުރި މެޝިނެއް މިއޮފީހުގައި
ބެހެއްޓުމުން މި ނުފޮނުވިގެން މިއުޅެނީ
އަތޮޅު އޮފީހުން: ދެން ތިޔަކަންތައް ނުވިކަމަށް ބަލާފަ ހުއްޓާލާކަށް ނުވޭތޯ؟
ކަތީބު: ދެންވެސް މިކަހަލަ އޮޅުވާލުންތައް އޮޅުވާނުލާތި ކަލޭމެން މިރަށަށް
ވެއްޖިއްޔާ ހަމަ ފޮނުވާނީ މިކަހަލަ ހަލާކުވެފާއި ހުންނަ ތަކެތި މިހާރު
ކިހާއިރެއްވެއްޖެ މި ނުފޮނުވިގެން އުޅޭތާ ހަމަ މަތިން ލައްވާއިރަށް ތިރިން
ނުކުންނަނީ
އަތޮޅު އޮފީހުން: ވަރަށް ހިނިއައިސްފަ ބައްލަވާ ތިޔަ މެޝިނުން މެސެޖު
ފޮނުވުމަކީ ތިގަނޑު މެޝިނުތެރެއިން ތަނަކަށް ދާންޖެހޭ ކަމެއްނޫން
ކަތީބު: ނޭނގޭނެތާ ތިވާހަކަައެއް ކުރިޔަކުން ނުބުނޭވިއްޔާ
އަތޮޅު އޮފީހުން: އާނ މިހާރު ގާތްގަނޑަކަށް 100
ވަރަކަށްފަހަރު ތިޔަ މެސެޖު މިތަނަށް ލިބިއްޖެ ދެން ހެޔޮ ހުއްޓާލައްވާ

Post a Comment