މައި ޞަފްޙާ » » ގޭމެއް ވެސް ނުނިމޭ، ޔާމީނަށް ޓިކެޓެއް ވެސް އަދި ނުލިބޭ: އުމަރު

ގޭމެއް ވެސް ނުނިމޭ، ޔާމީނަށް ޓިކެޓެއް ވެސް އަދި ނުލިބޭ: އުމަރު

Tuesday, May 7, 2013 | 9:49 AM

ޕީޕީއެމްގެ ޕްރައިމަރީގެ ނަތީޖާ ބާތިލުކުރުމަށް އެ ޕްރައިމަރީން ބަލިވި އުމަރު ނަސީރު ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ އޭނާގެ ކޮޅަށް ނިމި، ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް ލިބިވަޑައިގަތުމުގެ ފުރުސަތު އެބަ އޮތް ކަމަށް އުމަރު ގަބޫލުކުރައްވަ އެވެ. އޭނާ ގަބޫލުކުރައްވަނީ އެ ޓިކެޓަކީ އޭނާ އަތުން "ފޭރިގަތް" އެއްޗެއްގެ ގޮތުގަ އެވެ. އެހެންވެ އެކަމުގައި އޭނާ ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. ތިރީގައި އެ ވަނީ އުމަރު ނަސީރު ހަވީރަށް ނޫހަށް އިއްޔެ ދެއްވި އިންޓަވިއުގެ މުހިންމު ބައިތަކެވެ.                                      
އުމަރުގެ ވިސްނުން އަދިވެސް ހުރީ ޕާޓީތެރެއިން ޖާގަ ހޯދަންތޯ؟ ނުވަތަ ވަކި ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުން ފެނިވަޑައިގެންފާނެތޯ؟                      
ނޫން [ވަކި ކެންޑިޑޭޓެއްގެ ގޮތުގައެއް] ނުފެންނާނެ. މި އިންތިހާބަކުން ނުފެންނާނެ. އަހަރެން ދެކޭ ގޮތުގައި ޕީޕީއެމްއަކީ އަހަރެން އުފެއްދި ޕާޓީއެއް. އެހެންވީމާ އަދި ޕީޕީއެމަށް ވަކި ބަޔަކު އައިސް އަހަރެން ބޭރުކޮށްލަން ހިފިޔަސް އަދި މަށެއް ދާކަށް ޚިޔާލެއް ނުކުރަން. އައި ވިލް ފައިޓް ބެކް. އެހެންވީމާ އަހަރެން އެއަށް ފައިޓް ބެކްކުރުމުގެ ކަންކަން ކޯޓްތަކުގައި އެ ހިނގަނީ.    
ކޯޓުން ނިމޭ ގޮތަކުން ކިހިނެއްތޯ ޢަމަލުކުރައްވާނީ؟ އަދި މައްސަލަ ކާމިޔާބުވާނެތޯ؟
މި ކޭސް އަޅުގަނޑުގެ ކޮޅަށް ވިން ވާނެކަން އެއީ ވަރަށް ޔަގީންވާ ކަމެއް. ވަރަށް ސްޓްރޯންގް ކޭސްއެއް ކޭސްއަކީ. މި ކޭސް ވިން ވެއްޖިއްޔާމު ޕީޕީއެމްގެ ކެންޑިޑޭޓަކީ އަހަރެންނަށް ވުމަކީ އެކަށީގެންވާ ކަމެއް. ސަބަބަކީ އަހަރެން ދައުވާ މިކުރަނީ 8،915 ވޯޓެއް ގަވާއިދާ ހިލާފަށްލީ ކަމަށް. ޔާމީނަށް ލިބިފައިވާ 13،000 ވޯޓުން 8،000 ކަނޑާލީމާ މޮޅުވެފައި އޮންނާނީ އުމަރު. އެހެންވީމާ އެއްގޮތަކީ ޕީޕީއެމްގެ ޓިކެޓް އަހަރެންގެ އަތަށް އައުން. ޕީޕީއެމްގެ ޓިކެޓް އަހަރެންގެ އަތަށް އަޔަސް، އެ ޓިކެޓް ހިފައިގެން ރިޔާސީ އިންތިހާބަށް ނުކުންނަން ގަސްދެއް ނުކުރަން. އަހަރެން އެ ޓިކެޓް ހިފައިގެން ފުޅާ ކޯލިޝަންގެ ތެރެއަށް ވަންނާނީ. އެ ކޯލިޝަންގެ ތެރެއިން ނިމޭ ގޮތަކަށް، އެ ނިމޭ ގޮތަކީ ރިޔާސީ ކެންޑިޑޭޓް ހިފައިގެން ނުކުންނަންޖެހޭ ކަމަށް ވަންޏާ ނުކުތުން. އެހެން ބަޔަކަށް ކުރި ދީފައި ފަހަތައް ޖެހެން ޖެހޭކަމަށް ވަންޏާ ފަހަތަށް ޖެހުން. އެ ޑިޕެންޑް ވާނީ ކޭސް ނިމޭ ގޮތެއްގެ މައްޗަށް.                              
ތިޔަ ވިދާޅުވަނީ ޓިކެޓް ލިބުނަސް މި ފަހަރުގެ ރިޔާސީ އިންތިހާބަށް ވާދަނުކުރައްވާނަމޭ. އެ ޝައުގުވެރިކަން މިހާރު ނެތީ ކީއްވެގެންތޯ؟                           
މިހާރު ނެތީދެން. ކުރީގައި ނެތީއަކީ ނޫން. މިހާރު ނެތީ. މިހާރު މާ ބޮޑަށް ލަސްވެއްޖެ. މިހާރު މިއޮތީ ބާކީ 45 ދުވަސް.                                          
ޕްރައިމަރީގެ ކެމްޕޭންތެރޭގައި އުމަރު ވިދާޅުވަމުން ގެންދެވީ ފުޅާ ކޯލިޝަނެއްގެ ވާހަކަ. އެގޮތް ބޭނުންފުޅުވަނީ ޕީޕީއެމްގެ ތާއިދާއެކު އެހެން ބޭފުޅަކަށް ޖާގަ ދެއްވުމަށްތޯ؟           
އެހެންނަކުންނެއް ނޫން. ޖާގަ މިދޭން ޖެހެނީ ގައުމަށް. ގައުމަށް އެންމެ މޮޅީ ކޮން ގޮތެއްތޯ؟ ގައުމަށް އެންމެ މޮޅީ އެ ޓިކެޓް ލިބޭ މީހަކު، ކޮންމެ މީހަކަށް ލިބުނަސް، އެ މީހަކު އެކަނިމާއެކަނި ޓިކެޓް ހިފައިގެން ބަނޑުލާ ލޫދިގެން ވެލިކެވުނަސް، ދާގޮތަށް ގޮސް މަރުވުންތޯ؟ އެހެންވީމާ އެހެން ބަލާއިރު، އޭރުވެސް މަ ދުށްގޮތުގައި ޕީޕީއެމްގެ ޓިކެޓް ހިފައިގެން ޖެހޭނީ ފުޅާ ކޯލިޝަނެއް ހަދަން މަސައްކަތްކުރަން. ޕީޕީއެމްގެ ޓިކެޓް އޮންނަ މީހަކަށް އެކަން ކުރަން ވަރަށް ފަސޭހަވާނެ. އެކަން ކުރުމަށް ފަހު ކޯލިޝަން ތެރޭގައި މަޝްވަރާކުރެވިގެން ނިމޭގޮތެއްގެ މަތިން ފަހަތަށް ޖެހެން ޖެހިއްޖިއްޔާ ފަހަތަށް، ކުރިއަށް ޖެހެންޖެހިއްޖިއްޔާ ކުރިއަށް، އަރި މައްޗަކަށް ޖެހެން ޖެހެންޖެހިޖިއްޔާ އަރިމައްޗަކަށް ޖެހެން، އެ ޕްލެޓްފޯމުގައި، އެ ގޮތުގައި ހުރެގެން މަސައްކަތް ފަށަން ޖެހޭނީ. އެހެން ނޫނީ ވަކި ގޮތަކަށް ފިކްސްކޮށްގެން، ތިމަންނާމީ ކެންޑިޑޭޓޭ ތިމަންނާ މި އެއްޗެއް ދޫނުކުރާނަމޭ ކިޔައިގެން ފަށައިފިއްޔާ މަޝްވަރާއެއް ކުރިއަކަށް ނުދާނެ. ދެންތިބޭ މީހުންނެއް ނާންނާނެ. ޔާމީނަށް ދިމާވެގެން އުޅޭ މައްސަލައަކީ އެއީ.           
މައްސަލަ ނިމޭ ގޮތަކުން ރިޔާސީ ޓިކެޓް އުމަރަށް ލިބިވަޑައިގަތުން އެކަށީގެންވާ ކަމަށް ގަބޫލު އެބަކުރައްވާ. ޕީޕީއެމްގެ ހުރިހާ އިސް ބޭފުޅުން ތިއްބެވީ ޔާމިނާއެކު. އެހެންވީމާ އުމަރު ތިޔަ ވިދާޅުވާ ހާލަތު އަތުވެއްޖިއްޔާ ޕީޕީއެމް އަށް ވާނީ ކިހިނެއްތޯ؟ އުމަރުގެ ފަހަތަށް ޕީޕީއެމް އޮންނާނެތޯ؟                                             
އަންނަ މަޖުބޫރުވާނެ ނޫންތޯ؟ ސަބަބަކީ މި 8،915 ވޯޓަކީ ގަވާއިދާ ހިލާފަށްލި ވޯޓުކަން ޝަރުއީ ކޯޓަށް ސާބިތުވެއްޖިއްޔާމު މޯރަލީ ޓިކެޓް އަޅުގަނޑަށް އެ ލިބުނީ. އަދި ލީގަލީ އަޅުގަނޑަށް ޓިކެޓް ނުލިބުނަސް. އެހެންވީމާ ޕީޕީއެމްގައި ތިބި ހުރިހާ ސަޕޯޓަރުންނަށް އެނގޭނެ އަޅުގަނޑުގެ އަތުން ޓިކެޓް ފޭރިގަނެގެން ގެންދިޔައީކަން، ގަވާއިދާ ހިލާފަށް، ކޭސް އަޅުގަނޑުގެ ކޮޅަށް ނިމިއްޖިއްޔާމު. އެހެންވީމާ މޯރަލީ ޕީޕީއެމް އޮންނާނީ އަޅުގަނޑުގެ ކޮޅުގައި. ޕީޕީއެމްގެ ކައުންސިލްގެ މެޖޯރިޓީ އޮތީ ޔާމިނުގައި އަތުގައި ކަަމަށްވާތީވެ، ކައުންސިލުން ނިންމަފާނެ ކޮންމެ ފަދަ ގޮތަކަށް ވެސް. އެކަމަކު ޕީޕީއެމްގެ މެޖޯރިޓީ އޮފް ސަޕޯޓާސް އަޅުގަނޑު ބުނާ ގޮތަކަށް މޫވްކުރާނެ. އަޅުގަނޑުގެ ކޮޅަށް އަރާނެ. މިހާރު ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މެޖޯރިޓީ ސަޕޯޓް އޮތީ އަޅުގަނޑާއެކުގައި.                                
އުމަރަށް ލިބިވަޑައިގަތީ .7،000 އެކަމަކު އުމަރު ތިޔަ ގަބޫލުކުރައްވަނީ ރިޔާސީ ޓިކެޓް ޔާމީން ފޭރިގަތީ ކަމަށްތޯ؟                                          
އެއްވެސް ސުވާލެއް ނެތް. ސަތޭކަ ޕަސެންޓް ހަމަ ފޭރިގަތީ. އެކަން ޕްރޫވްކުރާނަން މިފަހަރު ކޯޓުގައި އިރާދަކުރެއްވިއްޔާ.                                           
އެ ވަރަށް ހެކި އެބަހުރިތޯ؟                                    
އެވަރަށް ހެކި އެބަހުރި. ހެކި ހުށަހަޅާފައިވާނީ. އަށް ހާސް ނުވަ ސަތޭކަ ފަނަރަ ވޯޓަކީ ގަވާއިދާ ހިލާފަށް އޭނާ އަމިއްލައަށް ކްރިއޭޓްކޮށް އަމިއްލައަށް ލި ވޯޓް.                      
ޓިކެޓް ފޭރިގަތް ކަމަށް ވިދާޅުވާއިރު، ވޯޓްލުން ކުރިއަށް ދިޔަ ގޮތް ބަލުމަށް އުމަރުގެ އޮބްޒާވަރުން ނުބައިތިއްބަތޯ؟                                             
އޮބްޒާވަރުން 24 ގަޑިއިރު ފޮއްޓާ ދިމާލަށް ބަލަހައްޓައިގެން ނުތިބޭނެ ނޫންތޯ؟ ބައެއް ރަށްރަށުގައި ތިބި. އެ ރަށްރަށަކުން ވޯޓެއް ނޭޅުނު. އެކަމަކު އެޅުނު ރަށްރަށް ހުރި. އެއް ރަށެއްގައި އަހަރެން އޮބްޒާވަރު ވޯޓް ފޮށި ކައިރިން ގުޑަނުލައި އިންނާތީވެ، މާލޭއިން ވަރަށް އިސް ބޭފުޅަކު އޭނާއަށް ފޯނުން ގުޅަނީ. ގުޅާފައި ވާހަކަ ދައްކަން ފަށާފައި ބުނަނީ އެހެން މީހުންނާ ދުރަށް ޖެހިލަބަލާށޭ، ތިމަންނަ ވާހަކައެއް ދައްކާލަން. ބުނީމާ އޭނާ އެހެން މީހުންނާ ދުރަށް ޖެހިލީ. ދުރަށް ގޮއްސައި އޭނާ 10 ވަރަކަށް މިނެޓްތެރޭގައި ފޮށިކައިރިއަށް އައިސްފި. އައިއިރުގައި 25 މީހުން ޓަސްލާފައި، އެ 10 މިނެޓްތެރޭގައި ވޯޓްލިކަމަށް ފެންނަން އޮތީ. އެހެންވީމާ މިއީ މި ބުނާ ސިސްޓަމެޓިކް އެބިއުސްއަކީ.                        
ޕީޕީއެމްގެ ޕްރައިމަރީ ފެށިއިރު ވެސް ފެނުނު ވަރަށް ބޮޑަށް ޔާމީންގެ ކޮޅަށް ބުރަކަން. ޕްރައިމަރީ އަށް ނުކުމެވަޑައިގަތީ ކާމިޔާބުކުރެއްވޭނެކަމުގެ ކިޔާ ޔަގީންކަމެއްގައިތޯ؟             
ރޭސް ފެށިއިރު ވެސް ގްރައުންޑު އޮތީ އިންސާފަކަށް ނޫން. މަށަށް އެނގޭ ރަޖިސްޓްރާ ވޯޓްލިސްޓް ތައްޔާރުކުރަނީ ޔާމީން ބުނާ ގޮތަށްކަން. މަށަށް އެނގޭ އިންތިހާބު ކޮމިޓީއަކީ ޔާމީނަށް ތާއިދުކުރާ ކޮމިޓީއެއްކަން. އެއީ އިންތިހާބު ކޮމިޓީގެ މީހުން ޔާމީންގެ ދިދަ ހިފައިގެން ކެމްޕޭނުގައި ތިއްބާ އަޅުގަނޑުމެން ދުށިން. އެ ޝަކުވާ ހުށަހަޅާފައިވެސް އޮންނާނެ. އަޅުގަނޑަށް އެނގޭ އޮފީހުގައި ޓޮޕްގައި ތިބި ހުރިހާ މީހުން ތިބީ ޔާމީނާއެކުގައިކަން. ތިރީގައި ތިބި ހުރިހާ މީހުން ތިބީ މަށާއެކުގައި. ހުރިހާ ގުނަވަންތަކެއް، ސުލޫކީ ކޮމިޓީ އާއި އެހެން ކޮމިޓީތަކުގެ މެޖޯރިޓީ އޮތީ ޔާމީނަށް. އަދި ރައީސް މައުމޫނުގެ ފެމެލީ އެއްކޮށް އޮތީ އެހެންކަން [ޔާމީނާއެކު] އެނގޭ. އެހެން އޮތްކަން އެނގިގެން ވެސް ނުކުތީ ގްރާސްރޫޓް އޮތީ މަށާ އެއްކޮށްކަން ޔަގީންވާތީ ވޯޓް ވިން ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން. ނުކުތް އިރު ވެސް ދަނޑު އޮތީ މިހެން [އެއް ފަރާތަކަށް އަތް ދިރިއޮށްލަމުން]. ލައިސްމަނުން ވެސް، ރެފްރީން ވެސް ތިބީ އެއް ފަރާތަކަށް. އެ ހުރިހާ އެއްޗެއް ގަބޫލުކޮށްގެން ކުޅެމުން ދިޔައިރުގައި ބައިވަރު މައްސަލަތައް ދިމާވަމުން އައި. އެ މައްސަލަތަކުގެ ޝަކުވާ ބުނަމުން ދިޔައިން.                                 
ރަސްމީކޮށް ހުށަހެޅުއްވިންތޯ؟                                   
ނޫން ރަސްމީކޮށް ހުށަހައެއް ނާޅަން. ހުށަހެޅަން ވެސް އޮތީ ޔާމީނަށް ތާއިދުކުރާ މީހުންތިބި ކޮމިޓީތައް. އެކަމަކު އެސްޖީ އަށް ވެސް ދަންނަވާފައި އޮންނާނީ ރައީސް މައުމޫނަށް ވެސް ދަންނަވާފައި އޮންނާނީ މިވެނި އެވެނި މައްސަލަތަކެއް އެބަ ހިނގައޭ. ރަސްމީ ސިފައެއްގައި އެކަންކަން ހުށަނޭޅީ އެކަމުން ވާނެ ކަމެއް ނޯންނާނެތީ.                        
އިންތިހާބުގެ ނަތީޖާ އުމަރު ފުރަތަމަ ގަބޫލުކުރެއްވި ކަމަށް ޔާމިން ފަޅީގެ ބޭފުޅުން ވިދާޅުވޭ. އެއީ ތެދެއްތޯ؟                                                   
މި އިންތިހާބު ބިނާވެފައި އޮތީ އިތުބާރުގެ މައްޗަށް. އިދާރީ ކޮމިޓީތަކުގެ މައްޗަކަށް ނޫން. އެ ކޮމިޓީތައް އޮތީ ބަޔަސްވެފައި. އިންތިހާބު ކުރިއަށް ދިޔައިރު، ބައިވަރު މީހުންނަށް ވޯޓު ނުލެވުނު ވާހަކަ އާއި އަހަރެންގެ މީހުން ވޯޓުލަން ގޮސް ނުލެވުނު ވާހަކަ އާއި ބައެއް މީހުންގެ ނަމުގައި ވޯޓުލާފައި ހުރި މައްސަލަތައް އައި. އަދި އަހަރެންގެ އޮބްޒާވަރުންނަށް ބައެއް ފޮށިތައް ކައިރިއަށް ނުވަދެވުމުގެ ޝަކުވާވެސް އައި. އެ މައްސަލަތައް ހަމަޖައްސަމުން ދިޔައީ ފޯނުން ވާހަކަ ދައްކައިގެން. އަދި ނަތީޖާ އެނގުމުން، ބަލިވެއްޖެކަން އެނގުމުން ޔާމިނަށް އެސްއެމްއެސްކުރިން މަނިކުފާނަށް މަރުހަބާއޭ ކިޔާފައި. އެ އެސްއެމްއެސް ކުރިކުރިން މި ބޭފުޅުން ދެކެނީ އަޅުގަނޑު ބަލި ގަބޫލުކުރި ކަމަށް. ނަތީޖާ ގަބޫލުކުރިކަމަށް. އަޅުގަނޑު ނަތީޖާއެއް ގަބޫލުކުރީކީ ނޫން. އެއީ ނަތީޖާ ނުކުތް ގޮތުން އޭނަކައިރީ މަރުހަބާއޭ އަހަރެން ބުނީ. އަޅުގަނޑު ދިޔައީ ކަންކަން ދިޔައީ ކިހިނެއްތޯ ބަލަމުން. އެކިއެކި ރަށްރަށުން އޭގެ ފަހުން ލިބުނު މައުލޫމާތުތަކުން ޔަގީންވީ ދުރާލާ ރާވައިގެން ރަށްރަށަށް އިތުރަށް ވޯޓުކަރުދާސްކޮޅު ގެންގޮސް ބަހައްޓައިގެން ހުރިހާ ރަށެއްގައި ވެސް ވޯޓުއެޅިކަން. އެ ހިސާބުން އެކަން ހިނގައި ދިޔަ އޮތް އާންމު މެމްބަރުންނަށް ޖަލްސާއެއް ބާއްވައި އެންގީ. އެންގި ސަބަބަކީ 2013 ވަނަ އަހަރުގައި [ރިޔާސީ އިންތިހާބުގެ] ވޯޓު ފޮއްޓަކާ ނުކުޅެވޭނެ. ވޯޓް ފޮއްޓާކުޅެފިއްޔާ އެ ވާހަކަ ދައްކާނެ.                        
ޕީޕީއެމްގެ މުސްތަގުބަލު ފެނިވަޑައިގަންނަވަނީ ކިހިނެއްތޯ؟
މިހާރު މިދާގޮތަށް ވަރަށް ބަނަ. މާބޮޑަށް ކޮރަޕްޓް ގުރޫޕެއް އައިސް، ޕީއޭއަކީ ވަރަށް ކޮރަޕްޓް ގްރޫޕެއް ގޮތަށް މަޝްހޫރުވެފައި އޮންނަ ޕާޓީއެއް. ޕީއޭ އައިގޮތަށް އައިސް ޕީޕީއެމް ޓޭކް އޯވާކުރީ. ޓޭކް އޯވާކުރުމަށް ފުރުސަތު ދިނީ ރައީސް މައުމޫނުގެ ފެމެލީ އެއްކޮށް ނުކުމެ އެފުރުސަތު ދިނީމަ އެ ފުރުސަތު ލިބުނީ. އެ ފުރުސަތު ގަދަކަމުން ހޯދުމަށް ވޯޓު ފޮއްޓާކުޅެ ވޯޓު އޮޅުވާލީ. ޕީއޭއަކީ ކޮރަޕްޓް ގްރޫޕެއްކަމަށް އެންމެގެންތެރޭގައި މަޝްހޫރުވެފައި އޮންނައިރުގައި ޕީއޭ އައިސް ޕީޕީއެމް ޓޭކް އޯވާ ކުރީމާ ޕީޕީއެމްގެ މުސްތަގުބަލު މިހާރު ފެންނަނީ ފުދޭވަރަކަށް އަނދިރުކޮށް. ... [ޕީޕީއެމް] ގެ ރިޔާސީ ޓިކެޓް ހިއްޕަވައިގެން ހުންނެވީ ހަމަ ރާއްޖޭގައި ކޮރަޕްޝަންގެ އެންމެ މަތީ އެއް ބޭފުޅެއްކަމަށް އެތައް ބަޔަކު ތުހުމަތުކުރާ މީހެއް، ގޭންގުތައް ކޮންޓްރޯލްކުރާ ކަމަށް ތުހްމަތުކުރާ މީހެއް. މަސްތުވާއެއްޗިއްސާ ގުޅުން އޮތް ކަމަށް ތުހްމަތުކުރާ މީހެއް. ޕާލިމަންޓް ގްރޫޕްގެ ލީޑަރުކަމަށް މިހާރު ވަޑައިގަންނަވަން ހަމަޖެހިފައިވާ ބޭފުޅަކީ ވެސް އެ މީހެއްގެ މައްސަލަތައް ޝަރުއީ ކޯޓުތަކުގައި މިހާރު ވެސް ހިނގަހިނގާ ހުންނެވި ބޭފުޅެއް. ކޮރަޕްޝަންގެ މައްސަލަތައް. އެހެންވީމާ މި ވަގުތު ޕީޕީއެމް ލީޑަޝިޕް، ރައީސް މައުމޫނު ނަންގަވާފައި ސިފަކުރެއްވެނީ ހަމަ ކޮރަޕްޓް ބައިގަނޑެއްގެ ގޮތަށް.                  
ކޯލިޝަނެއް ނުހަދައި ޔާމީނަށް އިންތިހާބު ކާމިޔާބު ވެދާނެތޯ؟               
ވެލިކާންޖެހޭނީ. ހަމަ ވެލިކާންޖެހޭނީ. ވެލިކެއުން ނޫން އެއްކަމެއް ވެސް ނުވާނެ. އެއީ އިމްޕޮލިސިބަލް ކަމެއް. ޔާމިން ވެސް ކޯލިޝަނެއް ހަދައިފިއްޔާ ކާމިޔާބުވުމުގެ ފުރުސަތު އޮންނާނެ. ކޯލިޝަނެއް ނުހަދައި، އެމްޑީޕީ ވެސް، ޕީޕީއެމް ވެސް އަދި އެހެން ކެންޑިޑޭޓުން ވެސް ޖެހޭނީ ވެލިކާން.                                            
އުމަރު ޕީޕީއެމާ މައްސަލަ ޖެހުމާއެކު ފެންނަމުންދަނީ ފުޅާ ކޯލިޝަނެއް ހެދުމުގެ މަސައްކަތްކުރައްވާތަން. ތި ކުރައްވާ މަސައްކަތަކީ ކޯލިޝަނެއް ހެދުންތޯ ނުވަތަ ޕީޕީއެމް ރޫޅާލުންތޯ؟                                             
މައިގަނޑު ބޭނުމަކީ އެއްބުރުން ރިޔާސީ އިންތިހާބު ކޯލިޝަނުން ކާމިޔާބުކުރުން. އެއްބުރުން ކާމިޔާބުކުރުމަށްޓަކައި މިފުޅާ ކޯލިޝަންތެރޭގައި ޕީޕީއެމް ބައިންދަން އެބަޖެހޭ. އަޅުގަނޑުގެ އަތަށް ޓިކެޓް ދިންނަމަ ބޭންދީމުސް. ބައިންދާފަ ފުރަތަމަ ބުރުން ކާމިޔާބުކުރާނަން. ގަވާއިދާ ހިލާފަށް ރިޔާސީ ޓިކެޓް ގެންދިޔަސް އަޅުގަނޑު އަދިވެސް ބޭނުން ޕީޕީއެމް މި ކޯލިޝަންތެރޭގައި ބައިންދަން. އެއީ އެއްބުރުން ނަޝީދު ބަލިކުރުމަށް ހަދާ ކޯލިޝަނެއް. މިއީ ޕީޕީއެމްއާ ދެކޮޅަށް ހަދާ ކޯލިޝަނެއް ނޫން. ޕީޕީއެމް މީގެ ތެރަށް ގެންނަން ވާހަކަ ދައްކަވާށޭ ރައީސް ވަހީދު އަރިހުގައި އިހަކަށްރޭ ވެސް ދެންނެވިން.                                 
ބައެއް ފަރާތްތަކުން ބުނޭ އުމަރަކީ ޕާޓީތައް ހަލާކުރާ ބޭފުޅެއް ކަމަށް. އައިޑީޕީ އާއި ޑީއާރުޕީ އާއި ޕީޕީއެމް ވެސް ހަލާކުކޮށްލީ ކަމަށް. އެކަމަށް ވިދާޅުވާނީ ކީކޭތޯ؟            
ފުރަތަމަ ދެކޮޅު ބަލާލަންވާނެ. ޕީޕީއެމް އުފެއްދީ އަޅުގަނޑު. ތިވިދާޅުވާ އައިޑީޕީ އުފެއްދީ އަޅުގަނޑު. ޒެޑް ޑީއާރުޕީ އުފެއްދީ އަޅުގަނޑު. ޑީއާރުޕީ 2008 ގައި ބަލިވެ، ވެއްޓިފައި އޮއްވާ ނެގީވެސް އަޅުގަނޑު. އަންނިގެ ވެރިކަން ވައްޓާލީ ވެސް އަޅުގަނޑު. މިއީ ހައްތަހާވެސް ހުރި ކަންކަން. ދެން އޮތީ ޕާޓީ ފަޅާލާ މައްސަލަ. ޕާޓީ ފަޅާލަންޖެހިއްޖިއްޔާ ފަޅާލަން ޖެހޭނެ. ޕާޓީތެރޭގައި ވަކި ބައެއްގެ ނުފޫޒު ވަރުގަދަވެ، ގާނޫނުގެ މައްޗަށް އެ މީހުން އަރައިގަނެ، ޕާޓީގެ އާންމު މެމްބަރުންގެ ހައްގުތައް ނުގުޅައިގަނެ، ޕާޓީ ބޭނުންކޮށްގެން ރިޝްވަތު ހިފައި، ޕާޓީ ބޭނުންކޮށްގެން އެއާޕޯޓް ތަންތަނާ ޑީލްހަދައި، ޕާޓީ ބޭނުންކޮށްގެން ކޮރަޮޕްޝަނަށް މަގުފަހިކުރާ ހިސާބަށް އައިމާ ޕާޓީތެރޭގައި ތިބި ލީޑަރުންނޭ ކިޔާ މީހުން ތެދުވެ އެއާ ދެކޮޅު ހަދާނެ. އަޅުގަނޑަކީ އަޅުގަނޑުގެ ކުރިމަތީގައި ބަޔަކު ރަޝްވަތު ހިފާތަން ފެނިފައި އެއަށް ހަނުހުންނާނެ މީހެއް ނޫން އެއްގޮތަކަށް ވެސް. ޕާޓީ ފަޅައިގެން ގޮސްދާނެކަމުގެ ބިރުގައި އެ ވާހަކަ ނުދައްކައި ނުހަންނާނަން. އަޅުގަނޑަށް ޕާޓީއަށް ވުރެ ގައުމު މާބޮޑުވާނެ. އެހެންވީމާ ޕާޓީ ފަޅައިގެން ދިޔަކަމަށް ވިޔަސް، ގައުމީ މަސްލަހަތު އިސްކުރުމަށްޓަކައި ގައުމާ ގުޅޭ ވާހަކަތައް އަޅުގަނޑު ދައްކަނީ.                                                   
ތި ވިދާޅުވި ވާހަކަތައް މައުމޫނަށް ދެންނެވިންތޯ؟                       
އެއް ފަހަރަށް ވުރެ ގިނަ ފަހަރު މިފަދަ ވާހަކަތައް ޒައީމަށް ދެންނެވިން. ޕާޓީ ބޭނުންކޮށްގެން ޕާޓީގެ އިސް މަގާމުގައި ތިއްބަވާ ބޭފުޅުން ރިޝްވަތު ނެގުމަށް މަސައްކަތް ކުރާ ވާހަކަ. ކުރީގައި ޑީއާރުޕީގައި ތިބިއިރު ވެސް އެއީ މައްސަލައަކީ. ޕާޓީގެ އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ޑީލް ހެދުމާއި ތަންތަނުން ކަޓްނެގުން.                                   
ކުރިމަގުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ؟ ރައީސްކަމުގެ ހުވަފެން ދެކެވަޑައިގަންނަވަންތޯ؟                                            
މާބޮޑަށް ވެސް، ޔާ ރައްބި ޔާ ރަސޫލުﷲ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތެދުވެރިކަމާއި އަމާނާތްކަމުގެ މަތިގައި ދަތުރުކުރާ މީހުންގެ ދަތުރު ދިގުވާނެ. އެކަމަކު އެ ދަތުރު އެ މީހުން ކާމިޔާބުކުރާނެ. އެކަމަކު މި ގައުމު ރަނގަޅަށް ދަތުރުކުރާ ކަމުގައި ވަނީވިއްޔާ މި ގައުމަކަށް އަހަރެން ބޭނުމެއް ނުވާނެ. މި ގައުމު މަގުން ނައްޓާލައިގެން، ކައްސާލައިގެން ދާކަމަށް ވަންޏާ މި ގައުމަށް އުމަރު ނަސީރު ބޭނުންވާނެ. މި ގައުމަށް އުމަރު ނަސީރު ބޭނުންވެއްޖިއްޔާ މިގައުމަށް ހިދުމަތް ކުރަން އުމަރު ނަސީރު އަންނާނެ.                               
ޔާމީންގެ ރަނިން މޭޓްގެ ނަން ރަސްމީކޮށް ހާމަނުކުރި ނަމަވެސް ކޮން ބޭފުޅެއްކަން އެބަ އެނގޭ. ރަނިންމޭޓާމެދު ވިދާޅުވާނީ ކީކޭތޯ؟ އަދި މެމްބަރުންނަށް ދަންނަވާލަން އޮތް މެސެޖަކީ ކޮބައިތޯ؟
ޔާމިނަށް ބުނާނީ ކާމިޔާބަށް އެދެމޭ. އެކަމަކު ކޯޓް ކޭހަށް ވާގޮތެއް ބައްލަވާށޭ. އަދި މި ގޭމެއް ނުއެއް ނިމެއޭ. އަދި [ޔާމިނަށް] ޓިކެޓެއް ނުލިބެއޭ.                          
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews