ރޯދަ މަސް އަންނަން ދެތިން ދުވަހަށްވެފައި ވަނިކޮށް، ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު 60ރ. އަށް އަދި ކެރެޓް ކިލޯއެއްގެ އަގު 65ރ. އަށް އުފުލިއްޖެ އެވެ.
ބާޒާރުގައި ބައެއް ބާވަތްތައް މިއަދު ލިބެން ހުރި އަގުތަކަށް ބަލާއިރު އެންމެ ބޮޑުކޮށް އުޅެނީ ފިޔާ އަދި ކެރެޓެކެވެ. އަދި މީގެ ހައެއްކަ ދުވަސް ކުރިން އަގު އުފުލުނު ލުނބޯ ކިލޯއެއްގެ އަގު އަދި ވެސް ހުރީ 40ރ. އާއި 60ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
ވިޔަފާރިވެރިން ބުނާ ގޮތުގައި މި ބާވަތްތަކުގެ އަގުތައް އުފުލެން ދިމާވި އެއް ސަބަބަކީ ރޯދައާ ދިމާކޮށް މި ބާވަތްތައް ގަންނަ މީހުންގެ އަދަދު އިތުރުވެގެން ދިއުމާއެކު، ބާޒާރުގައި މި ބާވަތްތައް މަދުވެފައިވުމުންނެވެ. ބިހުގެ އަގު ވެސް ކޭހަކުން 100ރ. ވަރު މިއަދު ވަނީ ބޮޑުވެފަ އެވެ. ބައެއް ފިހާރަތަކުން 500ރ. އާ ގާތްކުރާ އަގުތަކުގައި ބިސް ކޭސް ވިއްކަމުން ދިޔަ އެވެ.
"ރޯދަ މަހު ރަށްރަށަށް ގިނަ އަދަދަކަށް މުދާ ގެންދޭ. އެހެންވެ ރަށްރަށުން މުދާ ގެންދާ އަދަދާ ކައިރިކުރާ ވަރަށް ވެސް މުދާ ނުގެނެވެނީ. އެހެންވެ އަގުތައް އުފުލެނީ،" ވިޔަފާރިވެރިއެއް ބުންޏެވެ.
ރާއްޖެ އަށް ގިނަ އަދަދަކަށް މުދާ އެތެރެކުރާ ރެޑް ވޭވުން ބުނީ ފިޔާގެ އަގުތައް ބާޒާރުގައި މަތިވެގެން ދިޔަ ނަމަވެސް އެ ފިހާރަ އިން ވިއްކާ ފިޔާގެ އަގު ބޮޑުކޮށްފައިނުވާނެ ކަމަށެވެ.
"ބާޒާރުގައި ފިޔާގެ އަގުތައް ހުރި ވަރެއް އަޅުގަނޑުމެންނަކަށް ނޭނގެ. ހަމަ ގައިމު ވެސް ރެޑްވޭވުން ފިޔާ ކިލޯއެއް ވިއްކަނީ 13ރ. އަށް،" ރެޑްވޭވުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި އެވެ.
ފިޔާގެ އަގުތައް އުފުލިފައިވާ އިރު، ފިޔާ، އަލުވި އަދި ބިހުގެ "ބޮޑު ޝިޕްމަންޓެއް" އެސްޓީއޯ އިން މާދަމާ ރާއްޖެ ގެންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައިވެ އެވެ.



Post a Comment