މައި ޞަފްޙާ » » ރާއްޖޭގައިދިރިއުޅޭ ބިދޭސީންގެ މައްސަލަ ބޮއްސުންލާފައި

ރާއްޖޭގައިދިރިއުޅޭ ބިދޭސީންގެ މައްސަލަ ބޮއްސުންލާފައި

Friday, August 30, 2013 | 7:03 PM


މި މަންޒަރު ފެނުމުން ބައެއް ބޭފުޅުން ވާނީ އުފަލެވެ. އަނެއްބަޔަކު މިފަދަ މަންޒަރު ފެނުނަސް އެއްވެސްކަހަލަ އަޅާލުމެއް ނުބަހައްޓާނެއެވެ. ނަމަވެސް މިއީ އަޅާނުލާ ދޫކޮށްލާ ވަރަށްވުރެ މާ މުޙިއްމު ކަމެކެވެ. ސަބަބަކީ މިހާރު ރާއްޖޭގެ އާބާދީގެ 3/1 މީހުންނަކީ ބިދޭސީންނަށް ވާކަމެވެ. އަދި ކުރިޔަށް އޮތްތަނުގައި މިޢަދަދު ދެގުނަޔަށްވުރެވެސް އިތުރުވުން ގާތެވެ.

ތިޔަ ފެންނަނީ ބިދޭސީ މީހަކު ނިދާފައިވާ މަންޒަރެވެ. ނިދާނެ ތަނެއް ނެތިގެންނެވެ.
ނަމަވެސް ކޮންމެ އިންސާނަކީވެސް ދިރިހުރިހާ ދުވަހަކު ޒަރޫރީ ކަމެއްގެ ގޮތުގައި "ނިދި" ބޭނުންވާނެ މީހެކެވެ. ގިނަ މީހުން ބިދޭސީން ގެންގުޅެނީ "އަޅުންގެ" ގޮތުގައެވެ. މިހެން މިދެންނެވީ އެމީހުންލައްވާ ބުރަ މަސައްކަތް ކުރުވުމަށްފަހު އޭގެ އުޖޫރަ ނުދީ އެމީހާޔަށް ބިރުދެއްކުމަށްފަހު ފޮނުވާލާ މީހުން އެބަ އުޅެއެވެ. ތިން ހަތަރުމަސްވަންދެން ބުރަ މަސައްކަތް ކުރުވާފައި އެމީހާޔަށް މުސާރައެއް ނުދެއެވެ. އެމީހާ ކުރާނީ ކީއްތޯއެވެ؟ ދާނީ ވަކި ކާކުގެ ގާތަށް ތޯއެވެ؟ އެމީހުން ރާއްޖެ އަންނަނީވެސް ކޮންމެވެސް މީހެއްގެ ބެލެނިވެރިކަމުގައެވެ. ބޮޑު ޚަރަދުކޮށްގެންނެވެ. ނަމަވެސް ޓުއަރިސްޓް ވިސާގައި ރާއްޖެއައިސް ސަރުކާރަށް ދައްކަންޖެހޭ ފައިސާ ނުދައްކާއުޅޭ މީހުންވެސް މީގެތެރޭގައި ހިމެނެއެވެ.

ކޮންމެއަކަސް މިކަމަކީ މިހާރު ބޮޑު ޤައުމީ މައްސަލައަކަށް ވެއްޖެއެވެ. ނަމަވެސް ވޭތުވެދިޔަ ސަރުކާރުތަކުންނާއި، މިހާރުގެ ސަރުކާރުންވެސް މިކަމަށް ސަމާލުކަމެއްދޭތަނެއް ނުފެނެއެވެ. މިއީ އަޅާނުލާ ތިބެވޭވަރަށްވުރެ އިސްކަންދޭންޖެހޭ ކަމެއްކަން ވިސްނާލުމުން އެނގެއެވެ. މިސާލަކަށް..... ރާއްޖެއަށް އެތެރެކުރާ ކާޑު އެތެރެކުރަނީ ސަރުކާރުން ސަބްސިޑީޒްގެ ގޮތުގައި އެތައްބައިވަރު ފައިސާއެއް ހޭދަ ކޮށްގެންނެވެ. ނަމަވެސް މިދެންނެވި ކާޑު ބޭނުންކުރަނީ ހަމަ އެކަނި ރާއްޖޭގެ ރައްޔިތުންތޯއެވެ.؟ މިއީ ސީދާގޮތުން ބޭރުމީހުންނަށް ރާއްޖޭގެ ބަޖެޓުން ކުރެވޭ ހޭދައެއް ނޫންތޯއެވެ.؟ ދެވަނަ ކަމަކީ... ރާއްޖެއިން ބޭރަށް ކޮންމެ މަހަކު ބޭރުވެގެންދާ ފައިސާއަކީ ރާއްޖޭގެ އިޤްތިޞާދަށް ކިހާބޮޑު ގެއްލުމެއް ލިބޭނެ ކަމެއްތޯއެވެ.؟ އެފައިސާ ރާއްޖޭގައި ހިފެހެއްޓޭނެ ގޮތަކާމެދު ވިސްނަނީ ކާކުތޯއެވެ.؟ ދުނިޔޭގެ ގިނަ ޤައުމުތަކުގައި އޮންނަ ހަމަޔަކީ، އެޤައުމެއްގައި ދިރިއުޅޭ ޤައުމުން ބޭރު މީހުން، ކޮންމެ މަހަކު ވަކި ޢަދަދަކަށް އެޤައުމުގެ ފިހާރަތަކުން ވިޔަފާރި ކުރަން ޖެހެއެވެ. އެކަމުގެ ސީދާ މަޢުލޫމާތު އެސަރުކާރުތަކުން ބަލަމުން ގެންދެއެވެ. އާދެ، އެޤައުމަށް ފައިދާވާގޮތަށް ޚަރަދު ކުރަން ޖެހެއެވެ. ނަމަވެސް ދިވެހިރާއްޖެ މިކަމުން އިސްތިސްނާ ވާކަހަލައެވެ. އަދި ރާއްޖޭގެ ބިންބޮޑެތި ރައްރަށުގައި އަމިއްލައަށް ދަނޑުވެރިކަންކޮށް ނަފާ ނަގަމުންދާއިރު މިރާއްޖެ ފިޔަވައި ހިލޭ މިގޮތަށް ބިންލިބެން އޮތީ ކޮން ޤައުމެއްގައިތޯއެވެ.؟ މިހާރަކަށްއައިސް ބޭރު މީހުންނާއި ރާއްޖޭގެ މީހުން ކުރާ ކައިވެނި ތަކާމެދު ވިސްނާލެއްވީމުތޯއެވެ؟ އޭގެ ސަބަބުން އުފެދޭ ބޭރުގެ ޢާބާދީ ރާއްޖޭގެ ޢާބާދީގެ މައްޗަށް ނުފޫޒު ނުފޯރާނެކަމަށް އަތްއުރާލައިގެން ތިބެން ހެޔޮވެދާނެ ތޯއެވެ.؟ އޭރުން ޒަމާންތަކަކަށްފަހު ރާއްޖޭގެ އާދަކާދައާއި، ރީތި ސަޤާފަތް ގެއްލުމުގެ އިތުރަށް މާތްވެގެންވާ އިސްލާމް ދީނާމެދު ދެކޭނީވެސް ކޮންގޮތަކަށްބާވައޭ އަޅުގަނޑުގެ ހިތައްއަރައެވެ. މީގެ އިތުރަށް ޤާނޫނުހަދާ މަޖިލީހާއި، ޢަދުލު އިންޞާފުގެ ދާއިރާގެ އިތުރުން ޤައުމުގެ ރައީސުލް ޖުމްހޫރިއްޔާކަމަށްވެސް ބޭރުމީހުން ކުރިމަތި ލުމަށް ފުރުޞަތު ލިބިގެން ދާނެއެވެ. ދެންވާނެ ގޮތަކީ، ރާއްޖޭގެ ރައްޔިތުންގެ "ރިމޯޓް" އޮންނާނީ ބޭރު މީހުން ފިތާނެ ގޮތަކަށް ފިތަން ލިބިފައެވެ. މިފަދަ ބައިވަރު މިސާލުތައް އެބަހުއްޓެވެ. އެހެންކަމުން މިފަދަ ކަންކަމާމެދު ވިސްނާ އެންމެން ގުޅިގެން ޤައުމީ މަސައްކަތެއް މިކަމުގައި ފަށަން ވެއްޖެއެވެ. ބިދޭސީން މަދުކޮށް ރާއްޖޭގެ މީހުންނަށް ވަޒީފާތައް ލިބޭނެގޮތައް ޤާނޫނުތަކާއި، ޤަވާޢިދުތައްވެސް ބައްޓަންކުރަން ޖެހިއްޖެއެވެ. މިފަދަ ކަންކަން ކުރުމުގައި ވިސްނުންތެރިކަމާއި، ޙިކްމަތްތެރިކަން ކުރިޔަށް ނުނެރެފިނަމަ ފަހަރުގައި"އަތަށް ގޮވާގޮތް" ވުމަކީވެސް ދުރުގައިވާ ކަމެއް ނޫނެވެ. އާދެ، ނުބައި ނަތީޖާއެއް ނުކުތުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހޭނެއެވެ. މިހާރުވެސް ބިދޭސީންގެ ކަންތަކުގައި ހަދާފައިވާ ޤާނޫނުތަކެއް އެބަހުއްޓެވެ. ނަމަވެސް އެހުރީ ހަމައެކަނި "ކަރުދާހުގައި ލިޔެފައެވެ" އެއަކަށް ޢަމަލުކުރާތަނެއް ނުފެނެއެވެ. އެއަށް ޤަވާޢިދުން ޢަމަލުކުރާނަމަ މިރާއްޖޭގެ ކޮންމެ ގޭބިސީއެއް ބަލާފާސްކޮށް، ޤަވާޢިދާޚިލާފަށް އުޅޭ ބިދޭސީން 1 ހަފްތާގެ ތެރޭގައި ކަމާބެހޭ ފަރާތުގެ ބެލެނިވެރިކަމުގެ ދަށަށް ނުގެނެވޭނީތޯއެވެ.؟ ދެން އޮތީ އެމީހުން ބެލެހެއްޓުމެވެ. ވަށައިގެން ކަނޑުއޮތް ބޮޑު ރަށަކަށް އެމީހުން ލުމަށްފަހު ވަގުތީ ޓެންޓް ތަކެއްޖަހާ ޤައުމުގެ ސަލާމަތީ ބާރުތަކުން އެތާނގެ ސަލާމަތީ ކަންކަން ބެލެހެއްޓިދާނެއެވެ. އަދި ބޭރު މީހުން ބޭނުންވާ ފަރާތްތަކަށް ހަމަޖެހިފައި އޮންނަ އުޞޫލުން އެތަނުން މީހުން ދޫކުރަމުން ގެންދެވިދާނެއެވެ. އަދި ޤަވާޢިދާޚިލާފަށް ތިބި ހުރިހާ މީހުން ބޭރަށްދާ ބޯޓުފަހަރުގައި އެޤައުމުތަކަށް ފޮނުވާ އެޤައުމުތަކުގެ ސަރުކާރާއި، ޙަވާލުކުރެވިދާނެއެވެ. ބޭނުމީ ހިއްވަރު ކޮށްފައި މިކަން ކޮށް ނިއްމާލުމެވެ. މިހާރު މިކަމުގައި ސަރުކާރުގެ މުއައްސަސާތައްވަނީ ފޭލްވެފައެވެ. ރައްޔިތުން މިކަމަށް ނިކުތުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ.
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews