މައި ޞަފްޙާ » » ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 3

ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 3

Sunday, September 8, 2013 | 3:32 AM





`
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
           ފޮނަދޫ
         ދިވެހިރާއްޖެ. 



08 މާރޗް 2011 ގައިބޭއްވުނު އަތޮޅުކައުންސިލްގެ ތިންވަނަ ޖަލްސާގެ ޔައުމިއްޔާ

2011 މާރޗް 08 ވަނަދުވަހު ހެނދުނު 09:00 ގައި އަތޮޅު ކައުންސިލްގެ ތިންވަނަ ޖަލްސާ އަތޮޅުއޮފީހުގެ ޖަލްސާކުރާމާލަމުގައި ބޭއްވުނެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ އަޅުގަނޑެވެ. އަތޮޅުކައުންސިލް މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި 6 މެމްބަރުންވެސް ޖަލްސާއަށް ޙާޟިރުވެވަޑައިގެންނެވިއެވެ. ޖަލްސާ ފެށުމުގެ ގޮތުން ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް އިއްވުމަށްފަހު  މައްސަލަތަކައިގެން ކުރިއަށްދިއުމުގެ ކުރިން ޖަލްސާގެ އެޖެންޑާއަށް އިސްލާހެއް ގެންނަންފެނޭތޯ އެހުމުން ގަމުދާއިރާގެ މެމްބަރ މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވަނީ  ގަމުގައި މާރާމާރީ ހިންގުން އާއްމުވެފައިވާތީ އެކަމަށް ޙައްލެއްލިބޭތޯ މަސައްކަތް ކުރުމަށްފެންނާތީ މިމައްސަލަ އިތުރުކޮށްދިނުމަށެވެ. އެހެންކަމުން އެޖެންޑާއަށް ކުއްލިމައްސަލައެއްގެ ގޮތުގައި މިމައްސަލަ އިތުރުކޮށް  އެޖެންޑާކުރެވިފައިވާ ކަންތައްތަކާއި މަޝްވަރާކުރެވުނެވެ. ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓީ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙުސައިން ޙަބީބެވެ.

ޖަލްސާއަށް ހުށަހެޅުނު މައްސަލަތަކާއި ނިންމުނުގޮތް
މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ 5 މައްސަލައެވެ.

1.      ކައުންސިލްއިދާރާގެ ލޯންޗްގެ ދަތުރުތައް ހަމަޖައްސާނެ ގޮތެއް ކަނޑައެޅުން ( ކައުންސިލްގެ ދަތުރުތައްފިޔަވާ)

މިމައްސަލައިގާ މާވަށު ދާއިރާގެ މެމްބަރ އަޙުމަދު މުޢިއްޒު ހުށަހެޅުއްވީ ސަރުކާރުގެ އޮފީސްތަކަށް ލޯންޗު ކުއްޔަށްދިނުމަށާއި، ޢާއްމުންނަށް ލޯންޗް ކުއްޔަށް ދިނުމަށް ނުފެންނަކަމަށެވެ.  ފޮނަދޫ ދާއިރާގެ މެމްބަރ ޝާހީނު އިސްމާޢިލް ހުށަހެޅުއްވީ ކައުންސިލްގެ ބޭނުންތަކަށް ދަތިނުވާގޮތަށް ކައުންސިލްގެ މާލިއްޔަތު އިތުރުކުރުމަށްޓަކައި ލޯންޗް ކުއްޔަށް ދިނުމަށެވެ. އަދި އާއްމުރައްޔިތުންނާ ގުޅުންހުރި ދަތުރުތައް ތެޔޮ ޚަރަދު ދީގެން ދަތުރުކޮށްދިނުމަށެވެ. މާވަށު ދާއިރާގެ މެމްބަރު މުމްތާޒު ފަހުމީ ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު ޝާހީން އިސްމާޢީލް ހުށަހެޅުއްވިގޮތަށް ކައުންސިލް ދަތުރުތައް ފިޔަވާ އެހެންދަތުރުތަކަށް ކުއްޔަށް ދިނުމަށެވެ. ނަމަވެސް ތަޢުލީމީ ކަންކަމަށް ލުއިގޮތަކަށް ލޯންޗު ދިނުމަށެވެ. ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވީ ޢާއްމުންނަށް ނުވަތަ ކުންފުނިތަކަށް ދޭނަމަ އުޞޫލެއް ހަމަޖައްސަން ފެންނަކަމަށެވެ. އަދި އެޑްވާންސް ޕޭމަންޓް ނަގާގޮތަށްވެސް ފެންނަކަމަށެވެ. ތަޢުލީމީ  ދާއިރާއަށް ޚާއްޞަ ސަމާލުކަމެއްދެއްވަން ފެންނަކަމަށް މުޙައްމަދު ރަޝީދުވެސް ހުށަހެޅުއްވިއެވެ. ގަމުދާއިރާގެ މެމްބަރު މުޙައްމަދު ފާއިދު ހުށަހެޅުއްވީ ސަރުކާރުގެ ދަތުރުތަކަށް ހިނގާ ހުރިހާ ޚަރަދެއް ލިބޭގޮތަށް ދިނުމަށެވެ. އަދި ޢާއްމުންނަން ދޫކުރާނަމަ އެޑްވާންސް ޕޭމަންޓް ނެގުމަށެވެ. ތަޢުލީމީ ދާއިރާއަށް އިސްކަންދިނުމަށް މުޙައްމަދު ފާއިދުވެސް ހުށަހެޅުއްވިއެވެ. ހުރިހާ މެމްބަރުންގެ ޚިޔާލު ހުށަހެޅުއްވުމުން މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ނިންމެވީ ކައުންސިލްގެ ދަތުރުތަކަށް ދަތިނުވާގޮތަށް ޢާއްމުކޮށް ހުރިހާ ފަރާތްތަކަކަށްވެސް ލޯންޗް ކުއްޔަށް ދިނުމަށާއި، ސްކޫލްތަކުގެ ޕީ.ޓީ.އޭ އިން ރާވާ ދަތުރު ތަކުގައި ތެލުގެ ޚަރަދު ދެއްވުމުން ދަތުރު ކޮށްދޭގޮތަށެވެ. އަދި ކުއްޔަށް ދިނުމުގައި ޤަވާޢިދެއް އެކުލަވާލައިގެން އެޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް 4 މެމްބަރުންގެ ތާޢީދާއެކު ފާސްކުރެވުނެވެ.




2.      ތަރައްޤީގެ ޕްލޭން އެކުލަވާލުމަށްޓަކައި ރަށްރަށަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ކަނޑައެޅުން.


މިމައްސަލައިގާ މާވަށު ދާއިރާގެ މެމްބަރު މުމްތާޒު ފަހުމީ ހުށަހެޅުއްވީ މަހަކު އެއްފަހަރު ކޮންމެ މެމްބަރަކަށްވެސް  އެ މެމްބަރެއްގެ ދާއިރާގެ މީހުންނާ ބައްދަލުކުރެވޭނެ ގޮތެއް އޮތުން މުހިންމު ކަމުގައެވެ.  ގަމުދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވީ ތަރައްޤީގެ ޕްލޭން ހެދުމުގައި އަތޮޅު ކައުންސިލް ގެ މެމްބަރުން ޢަމަލީ ގޮތުން ބައިވެރިވާން ޖެހޭނެކަމަށެވެ. އަދި ކައުންސިލްތަކުގެ ޕްލޭން ހަދާ ފޮނުވުމުގެ ކުރިން ކައުންސިލްތަކާ ބައްދަލުކުރަން ފެންނަކަމަށެވެ. ފޮނަދޫ ދާއިރާގެ މެމްބަރ ޝާހީން އިސްމާޢީލް ހުށަހެޅުއްވީ ޕްލޭންތައް ހެދުމުގެ ކުރިން ކައުންސިލްތަކަށް އަތޮޅު ކައުންސިލްގެ ޚިޔާލު ބޭނުންވާނެކަމަށެވެ. އަދި މިކަމަށް ބައެއްފަރާތްތަކުންއެދިފައިވާކަމަށެވެ. ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ފާއިދު ހުށަހެޅުއްވީ އަތޮޅުގައި ހިނގާ ހުރިހާ ކަމެއްގައި އަތޮޅު ކައުންސިލްގެ މެމްބަރުން ސާމިލްވާންޖެހޭނެކަމަށާއި، އަތޮޅުގެ ޢާއްމު ޙާލަތު ހުރިހާ މެމްބަރުންނަށްވެސް އެނގެން ޖެހޭނެކަމަށެވެ. އަދި ދަތުރު ކުރަންޖެހޭނީ ކައުންސިލްގެ ބަޖެޓުންކަމަށާއި އެފަދަ ދަތުރުތައް މެމްބަރުންގެ ޖީބުން ކުރަން ދަތިވާނެ ކަމަށެވެ. އަދި ދަތުރުތައް ކުރަންވާނީ ވީހާވެސް ގިނަ ބޭނުންތައް ފުއްދޭގޮތަށް ކަމަށެވެ. މިމައްސަލައާގުޅިގެން މެމްބަރުން ހުށަހެޅުއްވި ޚިޔާލުތަކާމެދު މަޝްވަރާކުރުމަށްފަހު 4 މެމްބަރުންގެ ވޯޓާއެކު ކައުންސިލްގެ ޚަރަދުގައި ރަސްމީދުވަސްތަކުގައި ދަތުރުތައް ކުރާގޮތަށް ފާސްކުރެވުނެވެ. އަދި ވީހާވެސްގިނަރަށްރަށަށް ދަތުރު ކުރެވޭގޮތަށް ދަތުރު ރޭވުމަށާއި މާރޗް 10 ވަނަދުވަހު މާވަށު ދާއިރާއަށް ދަތުރުކުރުމަށް ވެސް ފާސްކުރައްވާފައިވެއެވެ.





3.      ޖަލްސާތަކުގެ ދިގުމިން ކަނޑައެޅުން.
މި މައްސަލައިގާ މާވަށު ދާއިރާގެ މެމްބަރު މުމްތާޒު ފަހުމީ ހުށަހެޅުއްވީ ޖަލްސާގެ ދިގުމިން 2:30 މިނެޓް ރަނގަޅުކަމަށެވެ. އެއީ މެންދުރު ކުރި 1:30 މިނެޓް އަދި މެންދުރު ފަސް 1 ގަޑިއިރުކަމަށެވެ. މުމްތާޒު ފަހުމީގެ މި ހުށަހެޅުއްވުމަށް އަޙުމަދު މުޢިއްޒު ތާޢީދު ކުރެއްވިއެވެ. މިހުށަހެޅުއްވުމަށް ހުރިހާބޭފުޅުން ތާޢީދުކޮށް ޖަލްސާގެ ދިގުމިނަކީ 2:30 ކަމަށާއި، އަދި މެންދުރު ފަހުން ޖަލްސާ ފެށޭގަޑިއަކީ 01:30 ކަމުގައި ހުރިހާމެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.
4.      ގުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުން.
ގުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައެޅުމާބެހޭގޮތުން ހުށަހެޅުނު މިމައްސަލައިގާ މެމްބަރުން ހުށަހެޅުއްވީ ކުރިންވެސް އޮންނަ އުސޫލާއެއްގޮތަށް ރަށްރަށަށް ފުރުޞަތު ހުޅުވާލައިގެން ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް ބަލާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅުއްވި ފަރާތަކަށް ފުރުޞަތު ދިނުމަށެވެ. މިހުށަހެޅުއްވުމަށް މެމްބަރުން އިއްތިފާޤުވެ ފާސްކުރެއްވިއެވެ.  


1-     އަތޮޅު ކައުންސިލްގެ ދެވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.


ޔައުމިއްޔާ މެންބަރުންނަށް ހުށަހަޅާ އިސްލާހެއް އޮތްތޯއެހުނެވެ. ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ހުށަނޭޅި ހާޟިރުވެތިއްބެވި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ ފާސްކުރެވުނެވެ.



·       ކުއްލި މައްސަލަ.

                                                                                     

1-       ގަމުގައި މާރާމާރީ ހިންގުން އާއްމުވެފައިވާތީ އެކަމަށް ޙައްލެއްލިބޭތޯ ބެލުން.

ކުއްލިމައްސަލައެއްގެ ގޮތުގައި ހުށަހެޅުނު މިމައްސަލައާމެދު މެމްބަރުން ހުށަހަޅުއްވާފައިވަނީ ފުލުހުންގެ އިސްބޭފުޅުންނާއެކު ބައްދަލުވުމެއްބާއްވާ އެބައްދަލުވުމުގައި މަޝްވަރާކޮށް އެއްބަސްވެވޭ ގޮތަކަށް ޕްރޮގްރާމްތަކެއް ރާވާހިންގުމަށެވެ. އެންމެ ފުރަތަމަ ބައްދަލުކުރާގޮތަށް ނިންމެވީ ގަމުގެ ކައުންސިލްގެ މެމްބަރުންނާ ފުލުންހުންނާ، އެމް އެން ޑީ އެފް ގެ ބޭފުޅުންނާއެވެ. އަދި އޭގެ ފަހުގައި މިޞަރަޙައްދުގައިގައި ހުރި ސަރުކާރުގެ މުވައްސަސާތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރުމަށާއި އަދި ފަހުގެ މަރުޙަލާއެއްގައި މެޖިސްޓްރޭޓުންނާވެސް ބައްދަލުކުރުމަށް ނިންމުނެވެ. ކައުންސިލްގެ ހުރިހާ މެމްބަރުންވެސް ބައިވެރިވާގޮތަށް މާދަމާގެ ގަޑިއެއްގައި މިބައްދަލުވުން ބޭއްވުމަށް މެމްބަރުންގެ އިއްތިފާގުން ފާސްކުރެއްވިއެވެ. އަދި ބައްދަލުވުންއިންތިޒާމް ކުރައްވާނީ އަތޮޅުވެރިޔާގެ އެހީތެރިޔާ މުޙައްމަދު ޖަމީލުކަމުގައި ހަމަޖެއްސީމެވެ.

މިޖަލްސާ ނިމުނީ 10:20ގައެވެ.


                                          އިބްރާހީމް އަނީސް
                                       ކައުންސިލްގެ ވަގުތީ ރައީސް



  ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުން


·         މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް އަޙުމަދު މުއިއްޒު
         

·        މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް މުމްތާޒު ފަހުމީ
         

·        ފޮނަދޫ ދާއިރާގެ މެމްބަރ    އަލްފާޟިލް ޝާހީން އިސްމާޢީލް
        

·        ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ފާއިދު
       

·        ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ރަޝީދު
        

Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews