އަޑުގަދަމީހާގެ ރުއް ގިނަވާނެޔޭ އެބުނާ ބުނުމުގެ ޙަގީގަތެއްވެއެވެ. އެއީ، އަޑުގަދަމީހާގެ ރުއްގިނަވެގެންދާތަންފެނުމެވެ.ކޮންމެގޮތަކުންވިއަސްވެހެވެ. އެކިދިމާލުން އެކިގޮތަށްވިޔަސް އަޑުގަދަމީހާގެ ބާރުގަދަވެ، އެމީހާއަށްލިބޭ ރުއް ގިނަވެގެންދާކަން ގަބޫލުކުރަންޖެހެނީ، އެކަން ފެންނަމުންދާތީއެވެ. އަޑުގަދަމީހާގެ ރުއް ގިނަވާކަން އެނގުމާހަމައިން އޭގެފަހުން ހިނގާ އެކިއެކި ކަންކަމާގުޅިގެން، ހަރުބަހާ މީހަކު ބުނިބަހެއްގެ އަޞްލު މާނަނޫން އެހެންމާނައެއް ދޭހަވާ މިސާލު ބަހަށްވެސް، އެޖުމްލަ ބޭނުންކުރެވެމުން ދަނީއެވެ. ޒުވާބުގެ ގޮތުން ދޫނުކޮށް ހިފަހައްޓާމީހާއަށް ގިނަފަހަރަށް ކާމިޔާބު ވާނެކަމަށް، މަޖާޒީގޮތުން ބެލެވެނީވެސް އެހެންވެގެންނެވެ. އަޑުގަދަމީހާގެ ރުއް ގިނަވާނެޔޭ، ބުނާބުނުމުގެ ގިނަގޮތްތަކެއް ހުރެއެވެ. އޭގެ ތަފާތުދެގޮތެކެވެ.
އެއްގޮތެއްކަމަށް ގިނަބަޔެއްގެ ވިސްނުމަށް އަންނަނީ، މީހެއްގެ އަޑުގަދަވުމާއި ހަޅޭއްލެވުމާއި އެފަދަ އެހެންވެސް ކަންތައްތަކެއްގެ ސަބަބުން، ޙައްގުނޫންގޮތަކުން އެމީހަކަށް އަޞްލު ރުއްތަކެއް ލިބުމެވެ.
އަނެއްގޮތެއްކަމަށް ގިނަބަޔެއްގެ ވިސްނުމަށް އަންނަނީ، އެތަނެއްގެ ވެރިކަމުގެފަރާތުން އިންޞާފެއްނެތި މީހަކަށްކޮށްދެއްވަމުން ގެންދަވާ، މަންފާގެ ބައެއްކަންކަމަށް ޢިޝާރާތްކޮށް ބުނެވޭ ބުނުމެކެވެ. އެއީ އަޑުގަދަކަމެއް، ޖެހިލުންކުޑަކަމެއް، ނުލަފާކަމެއް، ވަރުގަދަނުފޫޒެއް، ދަށުވުމެއް، މިފަދަ ކޮންމެވެސްކަމެއް ނޫނީ ކަންކަމެއް މީހެއްގެހުރެގެން، އެސަބަބަށްޓަކައި އެސަބަބުގެ ނާޖާއިޒު ބަދަލެއްގެގޮތުން ވެރިކަމުގެފަރާތުން އެފަރާތަކަށް ދެއްވާ ޖާހާއި، މާލާއި، މަންފާތަކަށް ޢިޝާރާތްކޮށް ބުނެވޭ ބުނުމެކެވެ. ވެރިކަމުގެތެރޭގައި އިންޞާފާއި، ޢަދުލުވެރިކަމާއި، ހަމަހަމަކަން ރަނގަޅަށްނެތްކަން ހާމަކޮށްދޭ ބުނުމެކެވެ. މިއީ ރާއްޖޭގެ ރަށްރަށާއި އަދި މަރުކަޒީ ވެރިކަމުގެތެރެއިންވެސް އެކިދުވަސްވަރު އެކިވަރަށް އެކިގޮތަށް ފެންނަމުންދާ ކަމެއްކަމަށް، ބުނެވޭނޭ ފުރުޞަތު އެބައޮތެވެ.
އަޑުގަދަމީހާގެ ޙަޤީޤީރުއް ގިނަވުމުގެ އަޞްލު ގުޅިފައިވަނީ، ތަންކޮޅެއްކުރީގެ ޒަމާނާއެވެ. ރާއްޖޭގެ މީހުންދިރިއުޅޭ ރަށްރަށުގައި މީހުންދިރިއުޅުމަށް ދޭ ބިމާއި، އެހެންބޭނުންތަކަށް ދޭ ބިންތައް ދީފައިވާ ބޮޑުމިނަކީ، ނުވަތަ އިމަކީ ކޮބައިކަން، އެންމެރަނގަޅަށް އެނގޭގޮތަށް އެރަށެއްގެ ވެރިކަމުގެފަރާތުން އެކަން ބެލެހެއްޓެވިފައިނެތް ޒަމާނާއެވެ. އެޒަމާނުގައި މީހުން ދިރިއުޅޭ ބައެއްރަށްރަށުގެ ދެގޯއްޗެއްގެ އިންތައް ގުޅޭހިސާބާއި، ވަލުތެރޭގެ ތަންތާނގައި މީސްމީހުން ރުއްގަސްތައް އިންދުމުން، އެތަކެތިހެއްދީ ކާކުކަމާއި، އޭގެ ޙަގީގީ މިލްކުވެރިއަކީ ކޮބައިކަމާމެދު، ވަރަށްގިނަފަހަރު މައްސަލަ ޖެހެއެވެ.
ނައިބުގެޔަށާއި، ވެރީންގެގާތަށް އެކަމުގެ ޝަކުވާ މީސްމީހުން އުފުލައި އުޅެއެވެ. ނައިބުންނާއި، ވެރީން އެކަންކަން ބައްލަވައި ނިންމެވުމުގައި ދިމާވާ އެންމެބޮޑު ދައްޗަކީ، އެންމެރުކެއް ނުވަތަ ގަހެއްގެ މިލްކުވެރިއަކީ، އެމީހަކުކަމަށް، އެކަކަށްވުރެ، ގިނަމީހުން ބުނުމެވެ. އެކަމާއި އެމީހުންޝަކުވާ ކުރުމެވެ. ކޮންމެމީހަކުވެސް ބުނަނީ، އެރުކެއް ނުވަތަ އެގަހެއް އިންދީ، އޭނާކަމަށެވެ. ދެގޯތީގެ އިންގުޅޭހިސާބުގައި، ނުވަތަ ވަލުތެރެއަށް ނުވަތަ އެތާކަށްގޮސް، އެރުކެއް ގަހެއް އިންދީ އޭނާކަމަށެވެ. އިތުރުމީހަކު އެކަމުގައި ބައިވެރިނުކޮށް އޭނާ އަމިއްލައަށް އެއެއްޗެއް އިންދީވެސް އެކަނި އެކަންކުރެވިދާނެތީއާއި އަދި އިތުރުމީހަކަށް އޭގެ މިލްކުވެރިކަމުގެ ބަޔެއްއެޅުމަށް ބޭނުންނުވާތީކަމަށެވެ. އެހެންވީމާ، އޭގެ މިލްކުވެރިކަން އޭނާފިޔަވައި، އެހެންފަރާތަކަށް ދާން ނުޖެހޭނެކަމަށެވެ. އިންދީވެސް އޭނާއެވެ. ހެއްކަކީވެސް އޭނާއެވެ. އެ ލިބެންޖެހޭ މީހަކީވެސް އޭނާއެވެ.
އެކައްޗަކާމެދު، އެކައްޗެއް މިކިޔަނީ އެތައްފަރާތަކުންކަމަށް ވާތީވެ، އެކަން ނިންމާނެގޮތެއް ހޯދުމަށް ރަށުގެނައިބުންނާއި، ވެރީންނަށް ވަރަށްބޮޑަށް ދަތިވެއެވެ. އެންމެބޮޑު ދައްޗަކީ، އެކައްޗެއްގެ މިލްކުވެރިކަމަށް އެއްފަރާތަށްވުރެ ގިނަފަރާތުން ޝަކުވާކުރާއިރު، އެކަންއެނގޭނޭ ހެއްކެއް ނެތުމުގެއިތުރަށް، އެއެއްޗަކީވެސް އިންސާނުންނަށް އެނގޭބަހަކުން އިވޭގޮތަކަށް ވާހަކަދައްކާ އަދި ކުރާ ސުވާލަކަށް ޖަވާބެއްދޭނޭ އެއްޗަކަށް ނުވުމެވެ. އެހެންނަމަ، ކަލޭ އިންދީ ކާކުތޯވެސް، އެރުކެއް ނުވަތަ ގަހެއްގެކައިރިއަށް ނައިބުމީހާ، ނުވަތަ ކަތީބުމީހާގޮސް، އަމިއްލައަށްވެސް އެހިދާނެތާއެވެ. އެކަމަކު އެކަމެއްވާކަށް ނެތެވެ. ވީމާ އެރުކެއް ނުވަތަ ގަހެއްގެ މިލްކުވެރިއެއްކަމަށް ނައިބުގެއިން އެންމެފަހުން ނިމިގެންދާތީ ފެންނަނީ، ޝަކުވާކުރާ މީހުންގެތެރެއިން އެންމެއަޑުގަދަ މީހާއަށެވެ. އެންމެބާރަށް ހަޅޭއްލަވާމީހާއަށެވެ. އެންމެރުޅިގަދަ މީހާއަށެވެ. އެންމެނުލަފާ މީހާއަށެވެ. އެންމެޖެހިލުންކުޑަ މީހާއަށެވެ. ނައިބުމީހާގެ ކުރިމަތީގައި، ފުންމަފުންމައިގެންދާ، މީހާއަށެވެ. އެމީހާއަށް އެއެއްޗެއް ދިނުންނޫން އެހެންގޮތެއް ނައިބުމީހާއަށް ނޯވެއެވެ. ނުދިނަސް ނަގާނެއެވެ. އެހެންނޫނީ، ނައިބުމީހާއަށް ގޭގައި ނިދަންވެސް ނޯވެވޭނެއެވެ. ރޭގަޑު ދަންވަރު ނައިބުމީހާގެ ގޭގެބޭރުގައި ޑަބިޔާތަޅައި، ހޯއްގޮވައި، އެންމެފަހުން ގޭގެ ފުރާޅުގެ ޓިނު ނުބާލާނެކަންވެސް ނޭނގެއެވެ. އެހެންވީމާ، ވާނެގޮތްވީއެވެ. އަޑުގަދަމީހާގެ ރުއް ގިނަވީއެވެ.
ނައިބުމީހާގެ ގާތަށްގޮސް ރުއްގަހާމެދު ޝަކުވާކުރި މީހުންގެތެރެއިން އެންމެއަޑުގަދައީ، ދޮންސޮރަށްވީމާ އޭނާ އަމިއްލައަށް އިންދީ އެންމެރުކެއްކަމަށްވިއަސް އޭނާނޫން އެހެންމީހުންކަމަށްވާ އާދަނާއި، އިބްރާހިމާއި، ބޮޑޭއާއި، އީސަޔާއި، ދޮންސޮރާއި، ކުޑަފުޅާއި، މިއެންމެން އެތައްދުވަހުއްސުރެ އިންދައި ހައްދައި ފޯދިފައިވާ، ހުރިހާ ރުކެއް ގަހެއްވެސް، ދޮންސޮރުގެ ތަކެއްޗަށްވީއެވެ. ދޮންސޮރަށް އެތަކެތި ލިބުންނޫން އެހެންއެއްވެސްގޮތެއް ހަމަ ނޯންނާނެތީވެ، އެގޮތްވެ، ނިމުނީއެވެ. އެކަމާ އެހެންމީހުންނަށް ކުރެވޭނޭ އެއްވެސްކަމެއް މިދުނިޔޭގައިނެތެވެ. އަދި ކުރަންއުޅުނަސް ކުރެވޭކަށްވެސްނެތެވެ. އެންމެއަޑުގަދައީ ދޮންސޮރަށްވީތީއެވެ. އެންމެރުޅިގަދައީ ދޮންސޮރަށްވީތީއެވެ. އެންމެނުލަފައީ ދޮންސޮރަށްވީތީއެވެ. އެންމެނުފޫޒުބޮޑީވެސް ދޮންސޮރަށްވީތީއެވެ. މިއީ މިޒަމާނުގައިވެސް ކަންހިނގާ ގޮތްކަމަށް ގިނަ ބަޔަކު ބުނާ ގޮތެވެ.
Post a Comment