މައި ޞަފްޙާ » , » ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 4

ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 4

Thursday, September 12, 2013 | 10:29 PM



`
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
           ފޮނަދޫ
         ދިވެހިރާއްޖެ. 



14 މާރޗް 2011 ގައިބޭއްވުނު އަތޮޅުކައުންސިލްގެ ހަތަރުވަނަ ޖަލްސާގެ ޔައުމިއްޔާ

2011 މާރޗް 14 ވީ ހޯމަ ދުވަހު ހެނދުނު 09:00 ގައި އަތޮޅު ކައުންސިލްގެ ހަތަރުވަނަ ޖަލްސާ އަތޮޅުއޮފީހުގެ ޖަލްސާކުރާމާލަމުގައި ބޭއްވުނެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ އަޅުގަނޑެވެ. އަތޮޅުކައުންސިލް މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި 6 މެމްބަރުންވެސް ޖަލްސާއަށް ޙާޟިރުވެވަޑައިގެންނެވިއެވެ. ޖަލްސާ ފެށުމުގެ ގޮތުން ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް އިއްވުމަށްފަހު  މައްސަލަތަކައިގެން ކުރިއަށްދިއުމުގެ ކުރިން ޖަލްސާގެ އެޖެންޑާއަށް އިސްލާހެއް ގެންނަންފެނޭތޯ އަހާ އެޖެންޑާ އަށް އެއްވެސް އުނިއިތުރެއް ހުށަނޭޅުއްވުމުން އެޖެންޑާ ފާސްކޮށް  އެޖެންޑާކުރެވިފައިވާ ކަންތައްތަކާއި މަޝްވަރާކުރެވުނެވެ. ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓީ އ.އެޑްމިނިސްޓްރޭޓިވް އޮފިސަރ މޫނިސާ ޖައުހަރީ އާ، އިބްރާހީމް ޝާހިދެވެ.

ޖަލްސާއަށް ހުށަހެޅުނު މައްސަލަތަކާއި ނިންމުނުގޮތް
މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ 5 މައްސަލައެވެ.

1.      ދަނޑުބިންފިހާރައާއި ކޮޓަރި އަދި ގުދަން ފައިދާހުރިގޮތެއްގައި ބޭނުންކުރެވޭނެ ނިޒާމެއް ޤާއިމްކުރުން.

މިމައްސަލައިގާ ހުރިހާމެމްބަރުންނަށްވެސް ދަނޑުބިން ފިހާރައާއި ކޮޓަރި އަދި ގުދަން ކުއްޔަށް ދިނުމަށް ފެންނާތީ ބީލަން އުސޫލުން  އިޢުލާނުކޮށް އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅިފަރާތަކަށް ( ދަނޑުބިން ފިހާރައާއި ކޮޓަރި، އަދި ގުދަން އެއްކޮށް) ކުއްޔަށް ދިނުމަށް މެމްބަރުން އެއްބަސްވެ ވަޑައިގެންނެވިއެވެ.  އަދި އެ އިޢުލާނުގައި ކުއްޔަށް ދޭނެ މުއްދަތެއް  ކަނޑައެޅިފައި އޮތުމަކީ މުހިންމުކަމެއް ކަމުގައި ފެންނާތީ ކުއްޔައްދޫކުރާނެ މުއްދަތަކާ ބެހޭގޮތުން ވާހަކަދެކެވުނެވެ. ގަމުދާއިރާގެ މެމްބަރު މުޙައްމަދު ފާއިދު 5 އަހަރު ދުވަހުގެ މުއްދަތެއް ހުށަހެޅުއްވިއެވެ. އަދި މާވަށު ދާއިރާގެ މެމްބަރު އަޙުމަދު މުޢިއްޒު ހުށަހެޅުއްވީ 10 އަހަރު ދުވަހެވެ. އިތުރު ހުށަހެޅުމެއް ހުށަނޭޅުމުން ފުރަތަމަ ވޯޓަށް އެހީ ގަމުދާއިރަގެ މެމްބަރ މުޙައްމަދު ފާއިދުގެ ހުށަހެޅުއްވުމަށެވެ. މިހުށަހެޅުއްވުމަށް ވޯޓްދެއްވީ 2 ބޭފުޅުންނެވެ. މާވަށު ދާއިރާގެ މެމްބަރ އަޙުމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ވޯޓަށް އެހުމުން މިގޮތަށްފެންނަކަމަށްވެސް ވޯޓް ދެއްވީ 2 ބޭފުޅުންނެވެ. ހުށަހެޅިފައިވާ ދެ ހުށަހެޅުއްވުމަށްވެސް އެއްވަރަކަށް ވޯޓްލިބިފައިވާތީ އެވޯޓްގައި އަޅުގަނޑު ބައިވެރިވެ މާވަށު ދާއިރާގެ މެމްބަރު އަޙުމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ ހުށަހެޅުމަށް އަޅުގަނޑު ވޯޓްދިނުމުން 3 މެމްބަރުންގެ ތާޢީދާއެކު ބީލަން އުސޫލުން އިޢުލާނުކޮށްގެން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅުއްވި ފަރާތަކަށް ދަނޑުބިން ފިހާރައާއި ކޮޓަރި އަދި ގުދަން އެއްކޮށް  10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ފާސްކުރެވުނެވެ. އަދި އެ ތަނުގައި ނުކުރެވޭނެ ކަންތައްތަކެއް ކަނޑައެޅުމަކީ މުހިންމުކަމެއްކަމުގައި މެމްބަރުން ދެކެވަޑައިގެން އެކަންތައްތައް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި، ގަރާޖް،ވޯކްޝޮޕް ހިންގުން، ސިމެންތި، ލަކުޑި، ގޭސް ، ދަގަނޑު، ތެލުގެ ވިޔަފާރި، ވަޑާމުގެ މަސައްކަތް އަދި މީގެ އިތުރުންވެސް ދީނީ އަދި ޤާނޫނީގޮތުން ރާއްޖޭގައި ކުރުން ހުއްދަނުކުރާވިޔާވާރިތައް ނުކުރެވޭގޮތަށް ފާސްކުރެވުނެވެ.


2.      އަތޮޅު އޮފީހުގެ ރަޖިސްޓްރީގައި ހިމެނިފައިވާ ވެހިކަލްތައް އަތޮޅު ކައުންސިލްގެ އިދާރާއަށް ގެނައުމާބެހޭގޮތުން ގޮތެއްނިންމުން.

މިމައްސަލަހުށަހެޅުމުން ވެހިކަލްތަކާބެހޭ މައުލޫމާތު ޒިންމާދާރުވެރިޔާ މުޙައްމަދު ޖަމީލު ދެއްވިއެވެ. އަތޮޅު އޮފީހުގެ ނަމުގައި ރަޖިސްޓްރީ ގައި ލާންޗަކާއި އެއްގަމުގައި ދުއްވާ ދެ ވެހިކަލް އޮންނަކަމަށާއި، އެ ދެވިކަލްގެތެރެއިން އެއްވެހިކަލް ވަނީ ގަމުގައި ހުންނަ ޤަތަރު އަމީރު ސްކޫލަށް ( ރަޖިސްޓްރީއާއެކުގައި ) ދީފައިކަމަށާއި، އަދި މިއިދާރާގައި ބޭނުންކުރަމުންއައި ވެހިކަލް މިހާރުވަނީ މަރާމާތު ކުރުމަށްޓަކައި ގަރާޖަކާ ޙަވާލުކުރެވިފައި ކަމުގައެވެ. އަދި ލޯންޗް މިހާރުވެސް ބޭނުންކުރެވެމުންދާކަމަށް މުޙައްމަދު  ޖަމީލް ވިދާޅުވިއެވެ. މިމައްސަލައިގާ މާވަށު ދާއިރާގެ މެމްބަރު އަޙުމަދު މުޢިއްޒު ހުށަހެޅުއްވީ ކައުންސިލް އިދާރާގެ ވެހިކަލެއް މި އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި ބޭނުން ނުކުރެވޭގޮތަށް އޮތުމަކީ ފެންނަ ކަމެއް ނޫންކަމަށެވެ. އަދި އެ ވެހިކަލް މި އިދާރާއާ  15 ދުވަސް ނުވަތަ 10 ދުވަހުގެ މުއްދަތުގެ ތެރޭގައި ޙަވާލުކުރުމަށް ޤަތަރު ސުކޫލަށް އެންގުމަށް ފެންނަކަމަށެވެ. ގަމުދާއިރާގެ މެމްބަރު މުޙައްމަދު ފާއިދު ހުށަހެޅުއްވީ ސްކޫލަކަށް ދެވިފައިވާ އެއްޗަކަށްވުމާއެކު އަދި އެ ވެހިކަލް މިހާރުވެސް އެ ސްކޫލްގައި ބޭނުންކުރެވެމުންދާތީ އެކަމަކީ ރައްޔިތުންނާ ގުޅުންހުރިމައްސަލައަކަށްވުމުން ސްކޫލްގެ މެނޭޖްމަންޓާ ވާހަކަދެއްކުމަށްފަހު ނޫނީ ގެންނަން ނުފެންނަކަމަށެވެ. މިމައްސަލައިގާ ވެހިކަލް ގެނައުމަކީ ހުރިހާ މެމްބަރުންނަށްވެސް ފެންނަގޮތްކަމަށްވާތީ ފާއިދު ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމަށް ވޯޓަށް އަހާ 4 ވޯޓްގެ އަގުލަބިއްޔަތުން  ވެހިކަލްގެނައުމާބެހޭގޮތުން ޤަތަރު އަމީރު ސުކޫލްގެ މެނޭޖްމަންޓާއި ވާހަކަދައްކައިގެން  ގޮތެއް ނިންމުމަށް ފާސްކުރެވުނެވެ.

3.      ލޯންޗުގެ ދަތުރުތައް ކުރުމަށްޓަކައި ޤަވާޢިދު އެކުލަވާލާނެ ކޮމިޓީއެއް ނެގުން.
މިމައްސަލައަށް 2 ހުށަހެޅުމެއް ހުށަހެޅުނެވެ. ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ފާއިދާ، މާވަށު ދާއިރާގެ މެމްބަރު އަޙުމަދު މުޢިއްޒުއާ، މުމްތާޒު ފަހުމީއާ 3 ބޭފުޅުންގެ ނަމެވެ. ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ފާއިދު ހުށަހެޅުއްވީ ގަމުދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދާ، ފޮނަދޫ ދާއިރާގެ މެމްބަރު ޝާހީން އިސްމާއީލާ، މާވަށު ދާއިރާގެ މެމްބަރު އަޙުމަދު މުޢިއްޒު އެވެ. 4 ބޭފުޅުންގެ ވޯޓާއެކު ގަމުދާއިރާގެ މެމްބަރު މުޙައްމަދު ފާއިދު ހުށަހަޅުއްވާފައިވާ ގަމުދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދާ، ފޮނަދޫ ދާއިރާގެ މެމްބަރު ޝާހީން އިސްމާއީލާ، މާވަށު ދާއިރާގެ މެމްބަރު އަޙުމަދު މުޢިއްޒު ލޯންޗް ދަތުރު ތައް ކުރުމަށްޓަކައި ޤަވާޢިދެއް އެކުލަވާލާ ކޮމިޓީގައި ތިއްބެވުމަށް ފެންނަކަމުގައި ފާސްކުރެވުނެވެ.

4.      2011 މާރޗް 01 ވަނަދުވަހު ބޭއްވުނު ކައުންސިލްގެ ކުއްބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން.

ޔައުމިއްޔާ މެންބަރުންނަށް ހުށަހަޅާ އިސްލާހެއް އޮތްތޯއެހުނެވެ. ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ހުށަނޭޅި ހާޟިރުވެތިއްބެވި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ ފާސްކުރެވުނެވެ

5.      ކައުންސިލްގެ ތިންވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ޔައުމިއްޔާ މެންބަރުންނަށް ހުށަހަޅާ އިސްލާހެއް އޮތްތޯއެހުނެވެ. ޔައުމިއްޔާގެ އެއްވަނަ ނަންބަރު މެމްބަރުންގެ ޚިޔާލާއެއްގޮތަށް އިސްލާޙް ކުރެވި ހާޟިރުވެތިއްބެވި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ ފާސްކުރެވުނެވެ.


މިޖަލްސާ ނިމުނީ 10:55ގައެވެ.


                                          އިބްރާހީމް އަނީސް
                                       ކައުންސިލްގެ ވަގުތީ ރައީސް


  ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުން


·        މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް އަޙުމަދު މުއިއްޒު
·         

·        މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް މުމްތާޒު ފަހުމީ
·         

·        ފޮނަދޫ ދާއިރާގެ މެމްބަރ    އަލްފާޟިލް ޝާހީން އިސްމާޢީލް
·         

·        ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ފާއިދު
·         

·        ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ރަޝީދު
·         

Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews