މައި ޞަފްޙާ » » ނަމާދަށްހުއްޓާ ފޯނު ރިންގުވާން ފެށުމުން.....

ނަމާދަށްހުއްޓާ ފޯނު ރިންގުވާން ފެށުމުން.....

Thursday, September 12, 2013 | 10:10 PM

لحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:
ނަމާދުގައި ހުންނަ އިރު ޚުޝޫޢަތްތެރި ކަމާއި އެކު ހުރުމަށާއި، އެކަމުން ދުރުހެލި ކުރުވަފާނެ ކޮންމެ ކަމަކުން ސަލާމަތްވުމަށް އިސްލާމްދީން ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. މިގޮތުން އިސްލާމްދީނުގައި އަޅުއްވާފައިވާ ބައެއް ފިޔަވަޅުތައް ތިރީގައި މިވަނީއެވެ.
1. عن أنس بن مالك رضي الله عنه قال : ” كنا نصلي مع النبي صلى الله عليه وسلم في شدة الحر فإذا لم يستطع أحدنا أن يمكن وجهه من الأرض بسط ثوبه فسجد عليه “. رواه البخاري ( 1150 ) ومسلم ( 620 ) . މާނައަކީ: “މާތްﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެން ވެއެވެ. “ގަދަ ހޫނުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަންމެން ނަމާދު ކުރަމެވެ. އަހަރުމެންގެ ތެރެއިން މީހަކު ބިންމަތީ ނިތް ޖައްސާލަން ނުކެރިއްޖެ ޙާލަތެއްގައި އެމީހެއްގެ ހެދުން ބިންމަތީ އަޅާ އޭގެ މަތީ ސަޖިދަކޮށް ހަދައެވެ.” މިއީ ބުޚާރީ އާއި މުސްލިމްގެ ރިވާޔަތެކެވެ.
މި ޙަދީޘްގެ ޝަރަޙާގައި ޙާފިޡް އިބްނު ޙަޖަރު- ރަޙިމަހުﷲ- ވދާޅުވެފައިވެއެވެ. “މިގޮތަށް ކަންތައް ކުރައްވާފައިވަނީ ހޫނުގަދަވުމުގެ ސަބަބުން ނަމާދުން ބޭރުގެ ޚިޔާލުތަކުން ދުރުހެލި ކުރުވުން ސަލާމަތްވުމަށެވެ.”
2. عن عائشة : ” أن النبي صلى الله عليه وسلم صلى في خميصة لها أعلام فنظر إلى أعلامها نظرة فلما انصرف قال اذهبوا بخميصتي هذه إلى أبي جهم وأتوني بأنبجانية أبي جهم فإنها ألهتني آنفا عن صلاتي .  وقال هشام بن عروة عن أبيه عن عائشة قال النبي صلى الله عليه وسلم : ” كنت أنظر إلى علَمها وأنا في الصلاة فأخاف أن تفتنني ” . رواه البخاري ( 366 ) ومسلم ( 556 ) މާނައަކީ: މާތްﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. “ދިދަތަކެއް ޖަހާފައި ހުރި ފޮތިގަނޑެއްގެ މަތީގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރެއްވިއެވެ. ނަމާދުން އަވަދިވެ ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. މިގޮތިގަނޑު ގެންގޮސް އަބޫޖަހުމް އަށް ދޭށެވެ. އަދި އަބޫޖަހުމްގެ އަތުން އެހެން ފޮތިގަނޑެއް ގެންނާށެވެ. މިދިދަ ޖަހާފައި ހުރުމުގެ ސަބަބުން ނަމާދުގެ ޚުޝޫޢަތްތެރިކަން ގެއްލިއްޖެއެވެ. ހިޝާމް ބިން ޢުރްވާ އެކަލޭގެފާނުގެ ބައްޕާފުޅުގެ ފަރާތުން، އަދި އެކަލޭގެފާނުގެ ބައްޕާފުޅު ޢާއިޝާ- ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާ ކުރައްވާފައިވެއެވެ. “ތިމަން ކަމަނާ ނަމާދަށް ހުރި އިރު އެދިދަތަކަށް ބަލާ ނަމާދުން ޣާފިލުވެދާނެތީ ވަރަށް ބިރުގަތެވެ.” މިއީ ބުޚާރީ އާއި މުސްލިމްގެ ރިވާޔަތެކެވެ.
3. عن أبي سعيد قال : ” اعتكف رسول الله صلى الله عليه وسلم في المسجد فسمعهم يجهرون بالقراءة فكشف الستر وقال : ألا إن كلكم مناج ربه فلا يؤذين بعضكم بعضا ولا يرفع بعضكم على بعض في القراءة – أو قال في الصلاة. رواه أبو داود ( 1332 ) ” .މާނައަކީ: މާތްﷲ ރުއްސުންލެއްވި އަބޫސަޢީދުގެ ކިބައިން ރިވާވެގެންވެއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތުގައި އިޢްތިކާފަށް އިންނަވަނިކޮށް ބަޔަކު މީހުން އަޑުހަރުކޮށް ގުރްއާން ކިޔަވާ އަޑު އިވިވަޑައިގަތެވެ. އެހިނދު އެބައިމީހުންނާ މުޚާޠަބު ކުރައްވާ ޙަދީޘް ކުރެއްވިއެވެ. “ދަންނާށެވެ. ތިޔަބައިމީހުން ކުރެ ކޮންމެ މީހަކުވެސް މުނާޖާ ދަންނަވަނީ ﷲ އަށެވެ. ފަހެ، ތިޔަބައިމީހުން އެކަކު އަނެކަކަށް އުނދަގޫ ނުކުރާ ހުށިކަމެވެ. އަދި އެކަކު އަނެކަކަށްވުރެ ބާރަށް ކިޔަވަން ނޫޅޭށެވެ. ނުވަތަ ނަމާދުގައި އެކަކު އަނެކަކަށްވުރެ ބާރަށް ކިޔަވާ ނުހަދާށެވެ.” މިއީ އަބޫދާވޫދުގެ ރިވާޔަތެކެވެ.
އެހެންކަމުން، ނަމާދުގެ ޚުޝޫޢަތްތެރި ކަމަށް އަޘަރު ފޯރުވަފާނެ ކޮންމެ ކަމަކުން ދުރުހެލިވެ ސަލާމަތްވާން ޖެހެއެވެ. އެގޮތުން ނަމާދަށް އެރުމުގެ ކުރިން މޯބައިލްފޯނު ރިންގް އޮފް ކޮށްލުން މުހިންމެވެ. ހަނދާންނެތިގެން ރިންގް އޮފް ނުކޮށް އޮއްވާ ރިންގްވާން ފަށައިފިނަމަ، ނަމާދަށް ހުރެފައިވެސް އޮފް ކޮށްލުން ހުއްދަ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ އެންމެންގެ މަޞްލަޙަތަށްޓަކައެވެ. އަދި ރިންގްވުމުގެ ސަބަބުން ނަމާދުގެ ޚުޝޫޢަތްތެރިކަން ގެއްލިދާނެކަމަށްޓަކައެވެ.
والله أعلم 
ލިޔުނީ: ޑރ.މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews