މައި ޞަފްޙާ » , » އިންޑިޔާއާ ކުޅެން ޖެހިލުމެއް ނެތް - ދަގަނޑޭ، އިމްރާން، އުރުބާނީ

އިންޑިޔާއާ ކުޅެން ޖެހިލުމެއް ނެތް - ދަގަނޑޭ، އިމްރާން، އުރުބާނީ

Sunday, September 8, 2013 | 9:17 AM

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޗެމްޕިއަން އިންޑިޔާއާ ދެކޮޅަށް ކުޅެން އެއްވެސް ވަރަކަށް ޖެހިލުންނުވާ ކަމަށް ގައުމީ ޓީމުގެ އެންމެ އިސް ދެ ކުޅުންތެރިންނާއި ކޯޗް ބުނެފި އެވެ.

ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ވައިސް ކެޕްޓަން އިމްރާނު މުހައްމަދު ބުނީ ޕްރެޝަރުގައި އިންޑިޔާއާ ދެކޮޅަށް ކުޅެން ޖެހުމަކީ މާ ރަނގަޅު ގޮތެއް ކަމަށެވެ.

"އަހަރުމެން ޖެހިލުމެއްނުވޭ އިންޑިޔާއާ ކުޅެން. އެމީހުން ކުޅެން ޖެހިއްޖިއްޔާ މާރަނގަޅު. އިންޑިޔާއަކީ މިހާރު ބަލިކުރެވޭނެ ޓީމެއް. އަހަރުމެންނަށްވުރެ އެމީހުން ގަދައެއްނޫން،" ދަގަނޑޭ ބުންޏެވެ.

"ކޮންމެ މެޗަކީ ތަފާތު މެޗެއް. އެހެންކަމުން އަހަރެމެން މާޒީގެ މެޗުތަކާ ގުޅިގެން ބިރެއް ނުގަންނާނެ. އެކަމަކު ކުރީ ދެ ފަހަރު ބަލިވެފައި އޮތުމުން މި ފަހަރު ނުކުންނާނީ އާ ހިތްވަރަކާ އެކު،" ކޯޗު ބުންޏެވެ.

މިއީ އިންޑިއާ އިން ފަހަކަށް އައިސް ނެރުނު އެންމެ ބަލި ޓީމު ކަމަށް ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ގެ އިތުރުން އެހެން ބައެއް މީހުން ބުނި ނަމަވެސް ކޯޗު ބުނީ އެކަމާ އެއްބަސްނުވާ ކަމަށެވެ.

ގޯލްކީޕަރު އިމްރާނު ބުނީ އިންޑިޔާއާ ކުޅެން ޖެހުމުން ސަޕޯޓަރުން ކަންބޮޑުވަނީ މާކުރީގެ ނަތީޖާތަކެއްގެ ސަބަބުން ކަމަށެވެ.

"އަސްލު އަހަރެން ދެކޭގޮތުގައި އަހަރުމެންނަށް މާފަސޭހަވާނެ އިންޑިޔާއާ އެކު ކުޅެން. އެއީ ޕްރެޝަރުގައި ކުޅެން އެންމެ ފަސޭހަވާނީ އެމީހުން ކަމަށްވާތީވެ،" އިމްރާނު ބުންޏެވެ.

ދެ ކުޅުންތެރިންވެސް ބުނީ މިފަހަރުގެ ޓީމު ކުރީ މުބާރާތްތަކުގައި ވާދަކުރި ޓީމަށްވުރެ ރަނގަޅު ކަމަށާއި ތަށި ގެނެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގައި ރާއްޖެ އާއި އިންޑިޔާ ބައްދަލުކުރާނީ މާދަމާ ހަވީރު 5:45ގަ އެވެ. މި ދެ ގައުމަކީ އެންމެ ފަހުން 2011 ވަނަ އަހަރު އިންޑިޔާގައި ބޭއްވި މުބާރާތުގައި ވެސް ސެމީ ފައިނަލް ކުޅުނު ދެ ގައުމެވެ. އެފަހަރު އިންޑިޔާ މޮޅުވީ 3-1އިންނެވެ. 
Share this article :

Post a Comment

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews